ޝައްކެއްނެތެވެ! ރަނގަޅު ޖީލެއް ތަރުބިޔަތު ކުރެވޭނީ ދަރިން ހެޔޮގޮތުގައި ތަރުބިޔަތުކުރެވިގެންނެވެ. މިއީ ދެމީހަކު ދެބަސްވާނެކަމެއް ނޫނެވެ. ނަމަވެސް ސުވާލަކީ އަޅުގަނޑުމެންގެ ދަރިން ހެޔޮގޮތުގައި ތަރުބިޔަތު ނުކުރެވެނީ ކީއްވެގެންހެއްޔެވެ؟ އެކަން ކުރަން ބޭނުން ނުވާތީހެއްޔެވެ؟ ނުވަތަ އެކަމަށް ބޭނުންވާ ފައިސާނެތީމާހެއްޔެވެ؟ ނުވަތަ އެކަމަށް ބޭނުންވާ މީހުން ނެތީމާހެއްޔެވެ؟ ނުވަތަ އެކަމަށް ބޭނުންވާ ވަގުތުނެތީމާހެއްޔެވެ؟ މިބާވަތުގެ އެތައް ސުވާލެއް އުފެއްދިދާނެއެވެ. ހަމަ އެޔާއެކު އެހެން ސުވާލުތަކެއްވެސް ކޮށްލަން ޖެހެއެވެ. އެއީ ދަރިން ތަރުބިޔަތަކުރުމަކީ އެކަމަށް ބަޔަކު، ހުސްވެ ތިބެންޖެހޭވަރު ކަމެއްހެއްޔެވެ؟ ނުވަތަ އެއީ އެކަމަށް ބަޔަކު ހުސްވެގެންވެސް ކުރަންޖެހޭވަރު މުހިންމުކަމެއް ހެއްޔެވެ؟ މިސުވާލުތަކުގެ ޖަވާބު ކިޔުންތެރިންނަށް ދޫކޮށްލާނަމެވެ.
ޝައްކެއްނެތެވެ. އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ ޙަޤީޤަކީ ކޮންމެ ކަމެއްވެސް ކާމިޔާބުކުރުމަށްޓަކައި ފުރިހަމަވާންޖެހޭ އަސާސްތަކެއް ހުންނަކަމެވެ. ވީމާ ދަރިން ތަރުބިޔަތު ކުރުމުގައިވެސް ފުރިހަމަވާންޖެހޭ އަސާސްތަކެއް ހުންނާނެކަމެވެ. އެގޮތުން:
1- ތިމާގެ ދަރިން ތަރުބިޔަތުކުރަން ޤަޞްދުކުރާ ރަނގަޅު ތަޞައްވުރެއް އޮތުން:
އަޅުގަނޑުމެންނީ މުސްލިމުންކަމުގައިވުމުން އެ ތަޞައްވުރުވަނީ ދީނުގައި ކަނޑައަޅުއްވާފައެވެ. އެގޮތުން ﷲ އީ ރައްބުކަމަށް އީމާންވާ، ދީނަކީ އިސްލާމްދީން ކަމުގައި ޤަބޫލުކުރާ، މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާ صلى الله عليه وسلم ކަން ޤަބޫލުކޮށް، އެދީނުގެ މަތިވެރި އުޞޫލުތަކަށް ލޯބިކުރާ، މުޖުތަމަޢަށް ހެޔޮއެދޭ، ބިނާކުރަނިވި، އިޚްލާޞްތެރި ދަރިޔަކު އުފެއްދުމީ އަޅުގަނޑުމެންގެ ޠަޞައްވުރެވެ.
2- އެމަސައްކަތް ޢަމަލީގޮތުން ކުރާނެ ފަރާތެއް ހުރުން:
ޝައްކެއް ނެތެވެ. ދަރިންބެލުމުގެ ޢަމަލީ މަސައްކަތްކުރަން ޖެހޭ އަސާސީ ފަރާތަކީ އެދަރިއެއްގެ މައިންބަފައިންނެވެ. ނުވަތަ ޝަރުޢީގޮތުން އެދަރިންގެ ބަލަދުވެރިކަން ޙަވާލުކުރެވިފައިވާ ފަރާތެކެވެ. އެކުދިންނަށް ތަޢުލީމުދިނުމާއި، އީމާނީގޮތުންނާއި، އަޅުކަމުގެ ގޮތުންނާއި، ނަފްސާނީގޮތުނާއި، ޖިސްމާނީގޮތުން އެކުދިން ދަރުބިޔަތު ކުރުމަކީ ބެލެނިވެރިންގެ ބޮލުގައި އެޅިފައިވާ ދީނީ ވާޖިބެކެވެ. އެ މަސްއޫލިއްޔަތާ ބެހޭގޮތުން ޤިޔާމަތްދުވަހު ސުވާލުކުރެވޭނެތެވެ.
3- އެމަސައްކަތް ޢަމަލީގޮތުން ކުރާފަރާތަކީ އެކަމުގެ ހުނަރާއި ޤާބިލުކަންހުރި ފަރާތަކަށްވުން:
ދަރިން ތަރުބިޔަތުކުރުމެ މަސައްކަތަކީ ވަރަށް ފަންނީ މަސައްކަތެކެވެ. އެކަމަކީ އުނގެނި ދަސްކުރަންޖެހޭ ކަމެކެވެ. ކޮންމެހެން ޔުނިވަރސިޓީއަކުން ކަމާބެހޭދާއިރާއިން ކޯހެއް ނުހެދިޔަސް އެހުނަރާއި ޤާބިލުކަން ހޯދިދާނެއެވެ. އެހުނަރާއި ޤާބިލުކަން ހޯދުމުގައި ފުރަތަމަ ކަމަކީ ތިމާގެ ދަރިފުޅު އެގޮތެއްގައި ހުންނަން ތިމާ ބޭނުންވާ ހުރިހާ ރިވެތި ޞިފަތައްހުރި ނަމޫނާމީހެއްކަމުގައި ތިމާވުމެވެ. އަދިއެފަދަ ހެޔޮމީހަކު ތިމާގެ ޙަޔާތުގެ ބައިވެރިޔެއްގެ ގޮތުގައި އިޚްތިޔާރުކުރުމެވެ. އެހެނީ ތަރުބިޔަތުގައި އެންމެފައިދާ ބޮޑު ވަސީލަތަކީ ތިމާގެ ކިބައިން ދަރިންނަށް ފެންނަ ރިވެތި ނަމޫނާއެވެ. ރިވެތި ނަމޫނާ ދައްކާނަމަ ދަރިންނަށް އަނގަބަހުން ދޭންޖެހޭ އިރުޝާދުތައް ވަރަށް މަދުވާނެއެވެ. ކަންކަން ކުރަން އަމުރުކުރުމާއި، މަނާކުރުމުގެ އުސްލޫބަކީ ދަރިން އެހާ ގަޔާވާ އުސްލޫބެއް ނޫނެވެ. މިވެނި ކަމެއް ކުރާށޭ! ސީދާބުނުމުގެ ބަދަލުގައި މިވެނި ކަމެއް ކޮށްލަންވީނޫންހޭ؟ ނުވަތަ މިވެނިކަމެއް ކޮށްލާނީ ކޮން އިރަކުހޭ؟ ބުނެލުން މާފައިދާ ބޮޑެވެ. ހަމައެހެންމެ މިވެނި ކަމެއް ކޮށްގެން ނުވާނޭ ބުނުމަށްވުރެ މިވެނި ކަމެއް ކުރާކަށްރަނގަޅެއް ނޫނޭ! ނުވަތަ މިވެނި ކަމެއް ކުރުމަކީ ބައްޕަ ވަރަށް ދެރަވާކަމެކޭ ބުނެލުން މާ ފައިދާ ބޮޑެވެ. މިއިން ކޮންމެ އިރުޝާދެއްގައިވެސް ތިމާގެ ފަރާތުން ރިވެތި ނަމޫނާއެއް ނުފެންނަނަމަ އެދަރިންނަށް ކުރާނެ މާބޮޑު ފައިދާއެއް ނޯންނާނެއެވެ.
(ނުނިމޭ)