6- އެކަމަށް ދޭންޖެހޭވަގުތު ފުރިހަމަޔަށް ލިބުން:
ކޮންމެ ކަމެއްވެސް ކުރެވޭނީ އެކަމަކަށް ވަގުތު ހުސްކޮށްގެންނެވެ. އަދި މީހާގެ ވިސްނުމާއި ފިކުރާއި ޚިޔާލުވެސް އެކަމަށް ހުސްކޮށްގެންނެވެ. ދަރިފުޅު ހޭހަންކޮށް ބަލަހައްޓައި ތަރުބިޔަތު ކުރުމީ މަންމަގެ އަސާސީ ޒިންމާއެއްކަމުގައި ވީހިނދު އެކަމަށް ބޭނުންވާނީ ކިހާވަގުތެއް ހެއްޔެވެ؟ ނުވަތަ އެއީ ވަކި ވަގުތަކަށް ޚާއްޞަވެފައި އޮންނަ ކަމެއްހެއްޔެވެ؟ އެހެން ޢިބާރާތަކުން ދަންނަވާނަމަ އެއީ ޕާރޓް ޓައިމް ޖޮބެއްހެއްޔެވެ؟
ޝައްކެއްނެތެވެ. އެއީ ވަކި ދަންފަޅިއަކަށް ޚާއްޞަ ފަޒީފާއެއް ނޫނެވެ. އަދި ޗުއްޓީ ނެގޭ ވަޒީފާއެއްވެސް ނުމެ ނޫންމެއެވެ. އެ މަސައްކަތަށް ޗުއްޓީއެއް ނެތެވެ. އެއީ 24 ގަޑިއިރަށް ދެމިގެންދާ ބުރަ އަދި ޒިންމާދާރު މުހިންމު މަސައްކަތެކެވެ. ޤައުމެއް ތަރައްޤީވެ ކުރިއަރާނީ ހަރުދަނާ ޖީލެއް ބިނާކޮށްގެން ކަމުގައިވީހިނދު އެޖީލު ހެޔޮގޮތުގައި ތަރުބިޔަތު ކުރުމުގެ މަސައްކަތަށްވުރެ ޤައުމަށް މުހިންމު މަސައްކަތެއް ނޯންނާނެކަން ކަށަވަރެވެ. ދަރިން ހެޔޮގޮތުގައި ބަލަހައްޓައި ތަރުބިޔަތު ކުރުމީ މުޅި ޤައުމުގެ ހުރިހާ ދާއިރާއަކަށް ބޭނުންވާ އިންސާނީ ވަސީލަތް އުފައްދާ ތަރުބިޔަތުކުރުން ކަމުގައި ވީހިނދު، އެމަސައްކަތްކުރާ މީހާ އެކަމަށް ހުސްކުރުން ލާޒިމު ނުވާނެހެއްޔެވެ؟ ޤައުމުގެ މުސްތަޤިއްލު މުއައްސަސާތަކުގެ ވެރިންނަށް ބޮޑު މުސާރަދީ، ދިރުއުޅުމުގެ ޚަރަދާއި ބޭސްފަރުވާގެ ޚިދުމަތް، ދައުލަތުން ފޯރުކޮށްދެނީ އެމީހުންގެ ހުރިހާވަގުތެއް އެކަމަށް ހުސްކުރުމަށް ޓަކައެވެ. އެމީހުންގެ ދިރިއުޅުމުގެ ކަންކަން ފުއްދުމަށް، އެހެން ތަންތަނަށް ވަގުތު ހޭދަކުރިޔަ ނުދިނުމަށްޓަކައެވެ. އެމީހުންގެ ވިސްނުމާއި ފިކުރު، ހަވާލުކުރެވިފައިވާ ޒިންމާއަށް ހުސްކުރުމަށްޓަކައެވެ. މުސްތަޤިއްލު މުއައްސަސާތަކުގެ ވެރިންވެސް މަސައްކަތް ކުރަނީ ވަކި ވަގުތުތަކެއްގައެވެ. އަދި ޗުއްޓީވެސް ނެންގެވެއެވެ. ކަން މިހެންހުރި އިރު، އެއަށްވުރެ މާމުހިންމު، މާޒިންމާދާރު މަސައްކަތެއް ހަވާލުކުރެވިފައިވާ ފަރާތެއް، އެނޫންއެހެން ކަމެއްގައި މަޝްޣޫލުކޮށްގެން އޭނާގެ މަސްއޫލިއްޔަތު ފުރިހަމަޔަށް އަދާކުރާނީ ކިހިނެއްހެއްޔެވެ؟
ޝައްކެއް ނެތެވެ. މުޖުތަމަޢުގައި ހުރި ހުރިހާ މައްސަލަތަކެއް ގުޅެނީ ޢާއިލާތަކާއެވެ. ދަރިންގެ ތަރުބިޔަތާއެވެ. މަސްތުވާތަކެތި ބޭނުންކުރުމާއި، ވައްކަންކުރުމާއި، ފޭރުމާއި، ޢިއްފަތަށް އަރައިގަތުންފަދަ ހުރިހާކަމެއްގެ މައިގަނޑު ސަބަބަކީ މައިންބަފައިންގެ އިހުމާލެވެ. އޭގެ ސަބަބުން ހަލާކުވެގެންދަނީ ހަމައެކަނި އެމީހުންގެ ދަރިންނެއް ނޫނެވެ. އެދަރިންގެ އަވައިގައި ޖެހިގެން އެހެންމީހުންގެ ދަރިންވެސް ހަލާކުވެދަނީއެވެ.
މުޖުތަމަޢުގައި ހުރި މައްސަލަތަކުގެ ޙައްލަކީ ހަރުދަނާ ރަނގަޅުޖީލެއް ތަރުބިޔަތުކުރުންކަމާއި، އެއީ ޤައުމުގެ ތަރައްޤީއަށް ކުރެވޭނެ އެންމެ މުހިންމު ޒިންމާދާރު މަސައްކަތްކަން ބަލައިގަނަންޖެހެއެވެ. އަދި އެކަމަށްޓަކައި ދަރިންގެ މައިންނާއި ބެލެހެއްޓުންތެރިކަން ހަވާލުކުރެވިފައި އުނގުތައް އެކަމަށް ހުސްކުރެވެން ޖެހެއެވެ. ކަންމިހެން ހުރިއިރު މުޖުތަމަޢުގެ ހުރިހާކަމެއް ތަރުތީބުކުރެވެން ޖެހޭނީ އެމުހިންމު މަސައްކަތަށް ހިތްވަރުދީ އެހީތެރިވުމުގެ މައްޗަށެވެ.
ކޮންމެ ދުވަހަކު ދުރާލާ ތައްޔާރުވެގެން އެހެން މީހެއްގެ އަތަށް ދަރިފުޅު ދޫކޮށްލާފައި ވަޒީފާއަދާކުރަން މައިމީހާ ދާންޖެހޭނަމަ އެދަރިންގެ ތަރުބިޔަތަށް އެކަނބަލުން ހުސްވާނީ ކިހިނެއް ހެއްޔެވެ؟ ވަޒީފާގެ ޒިންމާއާއި ވަރުބަލިކަމުގެ އިތުރުން ވަޒީފާގެ މާޙައުލުން ދިމާވާ އެކިއެކި ކަންކަމާ ވިސްނަންޖެހުމުގެ ސަބަބުން ދަރިންގެ ކަންކަމަށް އިސްކަންދޭންޖެހޭ މިންވަރަށް އިސްކަންދޭނީ ކިހިނެއްހެއްޔެވެ؟ އޭނާއަކީވެސް އިންސާނެކެވެ. އިންސާނަކަށް ތަޙައްމަލު ކުރެވޭނީވެސް ވަކި މިންވަރެއް ނޫންހެއްޔެވެ؟ އޭނާގެ ބޮލުގައި ޢާއިލާއަށް ޚަރަދުކުރުމަށް ގެއިންބޭރުގައި މަސައްކަތްކުރުމުގެ ޒިންމާއާއި، ގޭގައި ދަރިންބެލުމާއި، ގޭތެރޭގެ ޢާއިލީ އެހެންކަންކަން ތަރުތީބު ކުރުމުގެ ޒިންމާ އަޅުވައިގެން ދަރިން ހެޔޮގޮތިގައި ތަރުބިޔަތުކުރުމުގެ ޒިންމާ ފުރިހަމަކުރާނީ ކިހިނަކުން ހެއްޔެވެ؟
ފިރިމީހާއަށް ލިބޭ އާމްދަނީއިން ޢާއިލާގެ ޚަރަދުބަރަދު ނުބެލެހެއްޓޭ ޙާލަތާއި، އަންހެނާ އޭނާގެ ޚަރަދު އަމިއްލައަށް ކުރަންޖެހޭ ޙާލަތްތަކަކީ އަޅުގަނޑުމެންގެ މުޖުތަމަޢަށް ދިމާވެފައިވާ ގޮންޖެހުމެއްކަމުގައި އަޅުގަނޑުމެން އެންމެންވެސް ޤަބޫލުކުރާނެއެވެ. އެ ޙާލަތުގައި އަންހެނާ މަސައްކަތަށް ނުކުތުން ނޫން އެއްވެސް ގޮތެއް އޭނާގެ ކުރިމަތީ ނޯވެދާނެއެވެ. ހަމައެހެންމެ މުޖުތަމަޢުގެ ކަނބަލުންގެ ޙައްޤުގައި ކުރަންޖެހޭ ބައެއް މަސައްކަތްތައް ކަމުގައިވާ ޑަކްޓަރުކަމާއި، ޅަދަރިންނަށް އުނގަންނައިދިނުންފަދަ މަސައްކަތްތަކުގައި ފުދޭމިންވަރަށް ކަނބަލުން މަސައްކަތްކުރުމީ ކިފާޔަތުގެ ފަރުޟުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެފަދަ ޙާލަތުގައި އެ ޙާޖަތު ފޫބެދޭ މިންވަރަށް އަންހެނުން އުޅެން ޖެހޭނެއެވެ. ނަމަވެސް އެފަދަ ޒަރޫރީ ޙާޖަތެއްނެތި މައިން އެކަނބަލުންގެ ދަރިން ދޫކޮށް، ގެއިން ބޭރުގައި މަސައްކަތް ކުރުމަށް ބާރު އެޅުމަކީ އެކަނބަލުންނަށް ދެވޭ އަނިޔާއެއްގެ އިތުރުން އެއީ، ފިރިހެނުން އެމީހުންގެ ކޮނޑުގައި އެޅިފައިވާ ޝަރުޢީ ޒިންމާ އަދާނުކުރުން ކަމުގައި ނޫނީ ނުވާނެއެވެ. އަދި ޤައުމުގެ ސިޔާސަތު އެގޮތަށް ބައްޓަންކުރުމީ ޤައުމުގެ މުސްތަޤުބަލުކަމުގައިވާ ޒުވާންޖީލު ހަލާކެއްގެ ތެރެއަށް ވައްޓާލުންކަން ކަށަވަރެވެ.
ޖަރީކުރެވިފައިވާ ޝިޢާރުތަކަށް ހެއްލިގެން ތިބެވޭކަށް ނެތެވެ! ކަން ހިނގަމުންދާގޮތާމެދު ޢިބުރަތުގެ ނަޒަރަކުން ވިސްނައި އަވަސް ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. މައިންގެ ޙަޤީޤީ ޒިންމާ އަދާކުރުމަށް ހުރަސްއަޅައި، އެކަނބަލުން ޒިންމާވާން ނުޖެހޭ ޒިންމާތައް އެކަނބަލުންގެ ކޮނޑުގައި އަޅުވައިގެން ކުރިޔަށްދާން މަސައްކަތް ކުރަމުންދާ މުޖުތަމަޢުތަކާ ކުރިމަތިވެފައިވާ ގިލަންވެރިކަމާމެދު ވިސްނާ ފިކުރުކުރަންޖެހެއެވެ. އެމީހުންގެ ތަޖުރިބާއިން ޢިބުރަތް ޙާޞިލުކުރުމުގެ ވަގުތުއައިސް ޖެހިއްޖެއެވެ. އެ މުޖުތަޢުތަކުގައި މައިންބަފައިންގެ ބެލެހެއްޓުމުން ދަރިން ވަނީ ވީއްލިފައެވެ. ބަދުއަޚުލާޤީކަންކަން ވަނީ އިންތިހާއަށް ގޮސްފައެވެ. އަންހެން ދަރިންގެ ޢިއްފަތާއި ކަރާމަތް ވެއްޔާ މޮޑެވި، ޖިންސީ ޝިކާރަކަށް އެކަނބަލުންވަނީ ވެފައެވެ. އޭގެ ސަބަބުން އެކަނބަލުންނަށް، ލިބެމުންދާ ޖިންސީ އަނިޔާއާއި، ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކުން ސަލާމަތްކުރުމަށް ކުރަމުންދާ ދިރާސާތަކާއި، އޭގެ މައްޗަށް ހަދަމުންދާ ޤާނޫނުތަކުން، އެކަނބަލުންނަށް ލިބުނު ޙަޤީޤީ ރައްކާތެރިކަމެއް ނެތެވެ. މުޖުތަމަޢުގައި ދަރިން ތަރުބިޔަތުކޮށް ބަލަހައްޓަން ތިބި ކަނބަލުންނަކީ ޙަޔާތުގެ ކޮންމެވެސް ދުވަސްވަރެއްގައި ޖިންސީގޮތުން ނުވަތަ ޖިސްމާނީގޮތުން ނުވަތަ ނަފްސާނީގޮތުން ލިބިފައިވާ އަނިޔާއެއްގެ އުނދަގޫ ތަޙައްމަލު ކުރަމުންދާ ބަޔަކަށް ވެއްޖެނަމަ އެކަނބަލުންގެ ޒިންމާ ހެޔޮގޮތުގައި އަދާކުރާނީ ކިހިނެއް ހެއްޔެވެ؟ މައިންގެ ފަރާތުން ދަރިއަކަށް އަނިޔާއެއްދެވޭ ގިނަފަހަރުތަކަކީ އޭނާގެ ނަފްސާނިއްޔަތަށް ލިބިފައިވާ އަނިޔާއެއްގެ އަސަރުކަމުގައި ވަނީ މިހެންވެގެންނެވެ.
މި ހިތި ޙަޤީޤަތާއެކުވެސް މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުގެ މިސްރާބަށް ނަޒަރުހިންގާލުމުން ފެންނަމުންދަނީ ތަފާތު މަންޒަރެކެވެ. ގޭގައި ދަރިންތަރުބިޔަތުކޮށް ބެލެހެއްޓުމުގެ ޒިންމާއަށް މައިންގެ ހުރިހާވަގުތެއް ހުސްކުރުމުގެ ބަދަލުގައި ފެންނަނީ އެކަނބަލުން ގެއިންބޭރުގައި މަސައްކަތްކުރުމަށް ބާރުއެޅޭ މަންޒަރެވެ. އެކަނބަލުން ބާރުވެރިކުރުމާއި، ޤައުމުގެ ތަރައްޤީގައި އެކަނބަލުންގެ ޙިއްސާ ފިރިހެނުންނާ އެއްވަރަށް އޮންނަން ޖެހޭނެކަމުގެ ޝިޢާރުގައެވެ. މިޝިޢާރުތަކަށް ބަލައިލުމުން ދަރިންގެ ތަރުބިޔަތާއި އެކުދިން ބެލެހެއްޓުމުގެ މުހިންމު މަސައްކަތަކީ ޤައުމުގެ ތަރައްޤީއާ ގުޅުންހުރި މަސައްކަތެއްކަމުގައި ނުގުނޭކަހަލައެވެ. ގޭގައި ކަނބަލުން އަދާކުރަމުންދާ ޒިންމާއަކީ އެއްވެސް އަގެއްއޮތް އެއްޗެއްކަމުގައި ނުބެލެވޭ ކަހަލައެވެ. ވަޒީފާއަށް ނުދާކޮންމެ އަންހެނަކު ސިފަކުރެވެނީ މަސައްކަތެއް ނެތިފައި ތިބޭ ބައެއްގެ ގޮތުގައެވެ. އެކަނބަލުން ގޭގައި އަދާކުރަމުންދާ ބުރަ އަދި ޒިންމާދާރު މަސައްކަތާއެކުވެސް އެކަނބަލުންނާމެދު ދެކެވެނީ މުޖުތަމަޢުން ހަވާސާވެފައިތިބި ބައެއްގެ ގޮތުގައެވެ.
މުޖުތަމަޢުގެ ހުރިހާކަމެއް އޮމާންކަމާއެކު ތަރުތީބުން ހިނގަމުންދާނީ ފިޠުރަތުގައި ލައްވާފައިވާ ޞިފަތަކަށް ރިޢާޔަތްކުރެވިގެންނެވެ. ކޮންމެ މީހަކު އަދާކުރަން ފިޠުރީގޮތުން ލައްވާފައިވާ މަސްއޫލިއްޔަތުތައް އެމީހަކާ ޙަވާލުކުރެވިގެންނެވެ. އަދި އެކަންކަން އެތަރުތީބުން ގެންދިޔުމަށް އެހީތެރިކަން ލިބޭނެހެން މުޖުތަމަޢުގެ މުޅިނިޒާމު ބައްޓަންކޮށްގެންނެވެ. އެހެންނޫނީ މުޅި ނިޒާމު ހަމައިންނެއްޓި، ޒިންމާތަކާއި، ވާޖިބުތައް ފުށުއަރައި، ހުރިހާކަމެއް އޮޅުންބޮޅުންވެގެންދާނެކަން ކަށަވަރެވެ.
(ނުނިމޭ)