ކައުންޓާ ޓެރަރިޒަމް އަދި އެކްސްޓްރީމިޒަމްއާ ބެހޭ ޕްރޮގްރާމެއްގައި ޖަމްޢިއްޔަތުއްސަލަފުން ބައިވެރިވެއްޖެ

މޯލްޑިވްސް ނޭޝަނަލް ކައުންޓާ ޓެރެރިޒަމް ސެންޓަރ (އެންސީޓީސީ) އިން ބާއްވާ ކައުންޓާ ޓެރަރިޒަމް އަދި އެކްސްޓްރީމިޒަމްއާ ބެހޭ ޓްރެއިނިން ޕްރޮގްރާމެއް ޖަމްޢިއްޔަތުއްސަލަފުން ބައިވެރިވެއްޖެއެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޓްރެއިނިން ޕްރޮގްރާމަކީ އެންސީޓީސީ އާއި، ޔޫއެންޑީޕީ މޯލްޑިވްސް އާއި، ޖަޕާނުގެ ސަރުކާރާއި ނާއިފް އަރަބް ޔުނިވާސިޓީ ފޯ ސެކިއުރިޓީއާ ގުޅިގެން ކުރިއަށްގެންދާ ވޯކްޝޮޕެކެވެ.

އިސްލާމިކް މަރުކަޒުގެ ކޮންފަރެންސް ހޯލްގައި ކުރިއަށްދާ މި ޓްރެއިނިން ޕްރޮގްރާމް ފައްޓަވައި ދެއްވާ ވާހަކަދައްކަވަމުން އެންސީޓީސީގެ ޑައިރެކްޓާ ޖެނެރަލް ވަނީ އެފަދަ ވޯކްޝޮޕްތައް ގިނަގިނައިން ބޭއްވުމުގެ މުހިއްމުކަން ފާހަގަކުރައްވައިފަ އެވެ. މިއަދުގެ ފުރަތަމަ ސެޝަނުގައި މި ވޯކްޝޮޕުގައި ބައިވެރިވި ފަރާތްތަކަށް ނާއިފް އަރަބް ޔުނިވާސިޓީ ފޯ ސެކިއުރިޓީގެބްރިގޭޑިއާ ޖެނަރަލް، ޑރ. ފަހުދު އަބްދުލްޢަޒީޒް ވަނީ ކައުންޓާ ޓެރެރިޒަމް އާއި އެކްސްޓްރީމިޒަމާ ބެހޭގޮތުން ބައެއް ވާހަކަތައް ހިއްސާކުރައްވާފައެވެ. މި ބައްދަލުވުމުގައި ފިކުރީ ހައްދުފަހަނަ އަޅާ ދިއުން ހުއްޓުވުމަށާއި ބައިވެރިން އެކަމަށް ހޭލުންތެރިކަން އިތުރުކޮށް ހައްދުފަހަނައަޅާފައިވާ މީހުންގެ ސިފަތައް ދެނެގަތުމުގެ ހުނަރު ދަސްކޮށްދިނުމަށްވަނީ ހަމަޖެހިފަ އެވެ. އަދި ހައްދުފަހަނައަޅާ ދިއުން ހުއްޓުވާނެ ގޮތްތަކާއިމެދު މަޝްވަރާކުރުމަށްވަނީ ހަމަޖެހިފައެވެ.

ޖުމްލަ 62 ބައިވެރިންނާއެކު ފެށި މި ވޯކްޝޮޕްގައި، ސަރުކާރުގެ ފަރާތުން 18 އެޖެންސީ އާއި 9 އެންޖީއޯއެއް ބައިވެރިވެފައިވެއެވެ.