ކާފަރުންއަތުން ލޯނުނެގީމަ ހަދަންއުޅުނީ މިހެންނެވެ.

މިއީ މަދީނާގައި ހިނގާފައިވާ ޙާދިޘާއެކެވެ. ނަމަވެސް މިވާހަކަ އަޅުގަނޑުމެންނާއި ހަމައަށް އައީ ޝާމް ކަރައިގެ “ޙަލަބު” އޭ ކިޔާ ރަށުންނެވެ. ޢަބްދުﷲ އަލްހަވްޒަނީ ކިޔުނު ތާބިޢީންގެ ބޭކަލަކު އެއްދުވަހަކު އެރަށުގެ މިސްކިތުން ޞަޙާބީންގެ ތެރެއިން މަޝްހޫރު ބޭކަލަކާއި ބައްދަލުވެވަޑައިގަތެވެ. ނަމަވެސް އަޅުގަނޑުމެންނަށް އެ ޞަޙާބީން އާއްމުކޮށް އެނގިފައި މިއޮންނަ ދާއިރާ ނޫން އެހެންދާއިރާއަކުން އެޞަޙާބީއާއި ސުވާލުކުރެއްވިއެވެ. އެއީ ރަސޫލާ ޞައްލަﷲޢަލައިހި ވަސައްލަމަ މުދާ ހޭދަކުރައްވާގޮތާއި ބެހޭގޮތުންނެވެ. މިސުވާލު މިކުރިމަތިކުރެވުނީ އަހަރެމެން އެންމެނަށް އެބޭކަލަކީ ނަބީކަލޭގެފާނުގެ މުދިމުގެ ގޮތުގައި މަޝްހޫރުވެފައިވާ ބިލާލް ބިން ރަބާޙު ރަޟިއްޔަﷲޢަންހު އާއެވެ. އެކުވެރިންނޭ! ބިލާލުގެފާނަކީ ހަމައެކަނީ ބަންގިދެއްވި ބޭކަލެއްނޫނެވެ. މިއަދު އަހަރެމެންނަށް ބެލެވެނީ މުދިންކަމާއި އިމާމުކަން ކުރާމީހުންނަށް އިތުރުކަމެއް ނުކުރެވޭނެކަމަށެވެ. ނަމަވެސް ޙަޤީޤަތަކީ އެޒަމާނުގައިވެސް އެމަޤާމަކީ މަތިވެރިކަމެއްކަމެވެ. އެހެނީ ބަންގި ދެއްވުމުގެ ޒިންމާގެ އިތުރުން ނަބިއްޔާ ޞައްލަﷲޢަލައިހި ވަސައްލަމަގެ “ފިނޭންސްމިނިސްޓަރަ”ކީ ބިލާލުގެފާނެވެ. މިކަންދޭހަވަނީ ޢަބްދުﷲ އަލްހަވްޒަނީ އެސުވާލު ބިލާލުގެފާނާއި ކުރެއްވީމައެއްނޫނެވެ. ޚުދު ބިލާލުގެފާނުވެސް އެކަމަށް އިޤްރާރުވީމައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރަސޫލުކަމާއިގެން ފޮނުއްވުނު ވަގުތުން ފެށިގެން އެކަލޭގެފާނު އަވަހާރަވުމާއި ހަމައަށް އެކަލޭގެފާނުގެ މުދަލުގެ ކަންތައްތައް ބެލެހެއްޓެވީ ތިމަންކަލޭގެފާނެވެ”.

ދެން އެއަށްފަހު މިލިޔާ ވާހަކަ ޢަބްދުﷲ އަލްހަވްޒަނީއަށް ކިޔާދެއްވިއެވެ.

ބިލާލުގެފާނު ވިދާޅުވިއެވެ. ނަބިއްޔާ ޞައްލަﷲޢަލައިވަސައްލަމައަކީ މުދާ އެއްވެސް އިރެއްގައި ޖަމާކޮށް ފޮރުވައިގެން ގެންގުޅުއްވި ބޭކަލެއްނޫނެވެ. އެކަލޭގެފާނުގެ އާދަފުޅަކީ މުސްލިމަކު އުނުއޮރިޔާން ނިވާކޮށްލާނޭފަދަ ޙާލަތެއްނެތިގެން އެކަލޭގެފާނުގެ އަރިހަށް އަޔަސް ތިމަންކަލޭގެފާނު ގެންނަވައި ދަރަންޏަށް ލޯނެއް ނަގައިގެން އެމީހާއަށް ހެދުމެއް ގަތުމަށް ތިމަންކަލޭގެފާނާއި ޙަވާލުކުރެއްވުމެވެ. ދެން ތިމަންކަލޭގެފާނު އެމީހާ ގޮވައިގެން ބޭކަލެއް އަތުން ލޯނެއް ހޯދައިގެން ބާޒާރަށްގޮސް އެމީހާއަށް ހެދުމެއްގަނެފައި ދެނީއެވެ. ހަމަ އެގޮތަށް ފަޤީރަކު ބަޑުހައި ހޫނުކަންފިލުވުމަށް އެދި ނަބިއްޔާ ޞައްލަﷲޢަލައިހިވަސައްލަމަގެ އަރިހަށް އައިކަމަށްވިޔަސް އެމީހަކު ގޮވައިގެން ގޮސް ކާންދިނުމަށް ތިމަންކަލޭގެފާނާއި ޙަވާލުކުރައްވާނެއެވެ. ދެން ހަމަ ކުރިން ކަންތައްކުރިގޮތަށް ބޭކަލެއް އަތުން ލޯނެއް ނަންގަވައިގެން ގޮސް އެމީހާގެ ބޭނުން ފުއްދައިދެނީއެވެ. މިހެން ދުވަސްތައް ދަނިކޮށް ތިމަންކަލޭގެފާނު ރަސޫލާޞައްލަﷲ ޢަލައިވަސައްލަމަގެ  ބޭނުންފުޅުތަކަށް މީހުންގެ އަތުން ލޯނުނަގާކަން ކާފަރު މުޝްރިކު ވިޔަފާރިވެރިއަކަށް އެނގިގެން ތިމަންކަލޭގެފާނުގެ ގާތަށް އަތުވެއްޖެއެވެ. އަދި މިކާފަރުކަލޭގެ އަތުގައި ވަރަށް ގިނަ މުދާ ހުރިކަމާއި ދަތިނުވެ ކިތަންމެ ލޯނެއްވެސް ދެވިދާނެކަމަށް ބުނެފިއެވެ. އަދި އެންމެ ފަހުން އޭނާ ނޫން އެހެން މީހެއްގެ އަތުން ލޯނު ނުނެގުމަށްވެސް އެދެފިއެވެ. ދެން ތިމަންކަލޭގެފާނުވެސް އެކަންމާބޮޑުކަމަކަށް ނުހަދާ ފަސޭހައިން ލޯނުލިބޭތީ އޭނާ އަތުން ލޯނު ނަގަމުންދިޔައީމެވެ. އެހެން ނަގަމުން ނަގަމުން ގޮސް ވަރަށް ބޮޑު ޢަދަދެއްގެ ލޯނު ނެގުނު ފަހުން އެއްދުވަހަކު މިކާފަރުކަލޭގެ އެހެން ވިޔަފާރިވެރިންތަކަކާއި އެކު މަގުމަތިންލާފައި ދަމުން ތިމަންކަލޭގެފާނު ވުޟޫކޮށްގެ ބަންގިދޭ މިސްކިތްކޮޅަށް ދާން އުޅެނިކޮށް ފެނިގެން އަތުވެއްޖެއެވެ. އަދި އޭމިހަރަ ޙަބަޝީއޭ! ކިޔައި ގޮވާލައިފިއެވެ. އެހެނީ ބިލާލުގެފާނަކީ އަޞްލު ޢަރައްބެއްނޫނެވެ. އެއީ މިޒަމާނުގެ އެފްރިކާގެ އިތިޔޯޕިޔާ ސަރަޙައްދަށް ނިސްބަތްވާ ބޭކަލެކެވެ.

ބިލާލުގެފާނު ދެންނެވިއެވެ. ތިމަންކަލޭގެފާނު އޭނާއަށް “ލައްބައޭ” ވިދާޅުވެ ޖަވާބުދާރީވެވަޑައިގަތީމެވެ. އެވަގުތު އެކަލޭގެ މޫނުކުނިކޮށްފައި ތިމަންކަލޭގެފާނާ ދިމާއަށް ވަރަށް ހުތުރުކޮށް އެއްޗެހިކިޔެވެ. އަދި ލޯނު އަދާކުރަށް ބާކީ އޮތީ ކިތަށް ދުވަސްތޯ ސުވާލުކުރިއެވެ. ވަރަށް މަދު ދުވަސްކޮޅެއްކަމަށް ތިމަންކަލޭގެފާނު އޭނާ ގާތު ބުނެފީމެވެ. ނަމަވެސް ކުރިއަށްވުރެ އަޑަށް ބާރުލާފައި މޫނު ކޮނިކޮށްލާފައި ބާކީ އޮތީ އެންމެ ހަތަރު ދުވަސްކަމާއި ލޯނު ވަގުތަށް އަދާނުކޮށްފިއްޔާ ކުރިން ހުރިގޮތަށް އަޅަކަށް ހަދާފައި ބަކަރި ހުއިހައްޕަން ފޮނުވާލާނެކަމަށް ބުނެ އިންޒާރުދީފައި އޭނާގެ އެކުވެރިންނާއި އެކު އެނބުރި އެދިޔަ ތަނަކަށް ގޮސް އަވަދިވެއްޖެއެވެ. މިކަމާއި ތިމަންކަލޭގެފާނު ވަރަށް ހިތުގައި ޖެހިއްޖެއެވެ. ނަމަވެސް އެކަކު ގާތުވެސް މިވާހަކައެއް ނުދައްކަމެވެ. މިހެންހުއްޓައި އެދުވަހުގެ އިރުއޮއްސިއްޖެއެވެ. އެރޭގެ ޢިޝާނަމާދު ކުރައްވައިގެން ނަބިއްޔާ ޞައްލަﷲޢަލައިހި ވަސައްލަމަ އެރޭ އަވަހާރަފުޅު ލެއްޕެވުމަށް ހަމަޖެހިފައިވާ އަނބިކަމަނާގެ ގަނޑުވަރުކޮޅަށް ވަދެވަޑައިގެންފަހުން ތިމަންކަލޭގެފާނު ގޮސް އެކަލޭގެފާނާއި ބައްދުލުކުރެއްވުމަށް އިޒުނައަށް އެދުނީމެވެ. އިޒުނަ ލިބުމުން ވަދެފީމެވެ. އަދި އެދިމާވި ކަންތައްތައް އަކުރުން އަކުރަށް ކިޔާދީފީމެވެ. އެއަށް ފަހު ދެންނެވީމެވެ. “ކަލޭގެފާނުގެ އަތްޕުޅުގައިވެސް އަދި ތިމަންކަލޭގެފާނުގެ އަތްޕުޅުގައިވެސް މިވަގުތު އެވަރަކަށް މުދަލެއްނެތެވެ. ވީމާ ތިމަންކަލޭގެފާނު މި ޤަޞްދުކުރައްވަނީ މިރޭ ފަތިސްވުމުގެ ކުރިން މަދީނާގެ ރަށް ބޭރުގައިވާ މުސްލިމު ޤަބީލާތަކުގެ ތެރެއިން ޤަބީލާއެއްކައިރިއަށް ގޮސް އެތަނުގައި ހުރުމަށެވެ. ދެން ﷲ ތަޢާލާ ކަލޭގެފާނަށް އެވަރަށް މުދާ ދެއްވި އިރަކުން އެނބުރި އައިސް އެލޯނު އަދާކުރާނީއެވެ. ބިލާލުގެފާނު ކަންބޮޑުވެފައިވާ މިންވަރު ފެނިވަޑައިގެން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރިއަށް ލޯނު އަދާކުރަށް ދުވަސްކޮޅެއް އޮތުމާއި އެކު ބިލާލުގެފާނަށް އެ ހުއްދަދެއްވިއެވެ. 

ދެން ބިލާލުގެފާނު ކަންތައް ކުރެއްވި ގޮތް ވިދާޅުވިއެވެ. ދެންނެވިއެވެ. ދެން ތިމަންކަލޭގެފާނު އަވަސް އަވަހަށް ގެއަށް އައިސް ތިމަންކަލޭގެފާނުގެ ކަނޑިއާއި ދަތުރުމަތީގައި ކޮއްތުއަޅަން ގެންގުޅޭ ކަންވާރާއި ފައިވާންޖޯޑުކޮޅާއި އަދި ބޮލުގައި އަޅާ ދަހަނާކޮޅު ކައިރިއަށް ލައްވައިގެން އެރޭގެ ފަޖްރުއްޞާދިޤު އަލިކަށް ފާޅުވުމުގެ ކުރިން މަދީނާއިން ނުކުތުމަށް ޢަޒުމުކޮށްގެން އަވަހާރަފުޅު ލައްޕަވައިފީމެވެ. ދެން ކުއްލިއަކަށް ހޭލެވުނީ މީހަކު ތިމަންކަލޭގެފާނުގެ ނަމުން ގޮވާތީއެވެ. ހޭލާ ހަމަޖެހިގެން ނުކުތްއިރު އެމީހާ އަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ތިމަންކަލޭގެފާނު ބަލާ ފޮނުއްވި މީހެކެވެ. އަވަސް އަވަހަށް އެމީހާއާއި އެކު ނަބީކަލޭގެފާނުގެ ގަނޑުވަރާ ދިމާއަށް މިސްރާބު ޖެހީމެވެ. ގަނޑުވަރަށް ވަންއިރު އެތަނުގެ ކައިރީގައި ހަތަރު ޖަމަލެއް ބަނޑުޖަހައިގެން އޮތްފާޑުޖެހިއެވެ. ތިމަންކަލޭގެފާނު ނަބީކަލޭގެފާނުގެ އަރިހަށް ވަނުމުން ޙަދީޘު ކުރައްވައިފިއެވެ. ” ﷲ ކަލޭގެފާނުގެ ދަރަނި އަދާކުރެވޭނެ ގޮތް މެދުވެރިކުރައްވައިފިއެވެ.” ދެން ތިމަންކަލޭގެފާނު ހައިރާންވެގެން އެއީ ކިހިނެއްތޯ ސުވާލުކުރެއްވީމެވެ. ޙަދީޘުކުރެއްވިއެވެ. ބަނޑުޖަހައިގެން އޮތް ހަތަރު ޖަމަލެއް ނުދެކެމުތޯއެވެ؟ ދުށީމޭ ދެންނެވުމުން އެއީ ފަދަކު އޭ ކިޔުނު މަދީނާގެ ކައިރީގައިވާ ރަށުގެ އަމީރު ތިމަންކަލޭގެފާނަށް ހަދިޔާއަކަށް ފޮނުވި މުދަލެވެ. އެޖަމަލުތައް މަތީގައި އެވާ ތަކެތިން އަވަހަށް ކަލޭގެފާނު ދަރަނިތައް އަދާކުރަށްވާށޭ ޙަދީޘުކުރެއްވިއެވެ.

ދެން ބިލާލުގެފާނު އެމުދާތަކުން އެވަގުތު ނަބިއްޔާ ޞައްލަﷲ އަލައިވަސައްލަމަގެ ނަންފުޅުގައި ނަގާފައިވާ ހުރިހާ ލޯނުތަކެއް އަދާކުރެއްވިކަމަށް ވިދާޅުވިއެވެ. އެވަރުންވެސް ބާކީ އެތައް މުދަލެއް ހުރިވާހަކައާއި އެމުދާތަކަށް ކަންތައް ކުރެއްވި ގޮތުގެ ވާހަކަވެސް ކިޔައިދެއްވިއެވެ. 

ނަމަވެސް އަޅުގަނޑު އެވާހަކައަކަށް ނުދާނަމެވެ. އެވާހަކަތައް އެހެން ދުވަހަކު ގެނެސްދެވޭތޯ އިރާދަކުރެއްވިއްޔާ ބަލާނަމެވެ.

ނިންމާލުމުގެ ކުރިން މިވާހަކައިން އަދު އަޅުގަނޑުމެން ޢިބްރަތް ޙާޞިލުކުރަން އެބަޖެހެއެވެ. އިއްޔެވެސް އަދި މިއަދުވެސް ގިނަ ކާފަރުން އަހަރެމެން މުސްލިމުންނަށް ދަރަންޏަށް ލޯނުދެނީ ކީއްވެގެންތޯ ވިސްނާލަން އެބަޖެހެއެވެ. އެއީ ހަމައެކަނީ އެ ކާފަރުކަލޭގެ އެކަނި ކުރާކަމެއްނޫނެވެ. އެހެން އުޅެނީ ހަމަ އެކަނި އޭނާއެއް ނޫނެވެ. ހަމަ އެކަނި އަޅެއްގެ ގޮތުގައި ހަދަން ކާފަރުން ބޭނުންވަނީ ބިލާލުގެފާނު އެކަނިކަމަށް ނުދެކޭށެވެ. މިއަދު މުސްލިމު ފަރުދުންގެ އިތުރުން މުސްލިމުންގެ އާބާދީ ބޮޑު ޤައުމުތައް އަޅުވެތިކޮށް އެ ޤައުމުތައް އަބަދުވެސް ކާފަރުންގެ ބާރުގެ ދަށުގައި “އަޅުވެތިކޮށްފައި” ބޭތިއްބުމަކީ މިއަދުވެސް އެ ދެވޭ ލޯނުތަކުގެ ފަހަތުގައި ފޮރުވިފައިވާ މަޤްޞަދު ނޫންބާއޭ ހަމަ ހިތަށް އެބަ އަރައެވެ. އަޅެ ހަމަ ބިލާލުގެފާނަށް ހަދަން އެއުޅުނު ގޮތް އަހަރެމެން މިޒަމާނުގެ މުސްލިމުންނާއި އިސްލާމީ ޤައުމުތަކަށް ނުހަދާނެބާއެވެ. ތިބޭފުޅުންގެ ޚިޔާލަކީ ކޮބައިތޯއެވެ؟