ކެތްތެރިކަމުގެ ނަމޫނާ

ދުނިޔެމަތީގައި އިންސާނަކަށް ކުރިމަތިވާނެ އެންމެ ހިތްދަތި އެއްވަގުތަކީއޭނާ އެ ބަޔަކު ދެކެ އެންމެ ލޯބިވާ ބަޔަކު ދުނިޔެއާ އަލްވަދާޢު ކިޔާ ވަގުތެވެ. އެފަދަ ދަނޑިވަޅުތަކަކީ އެ އިންސާނާގެ ހިތް ޒަޚަމްވެ، ލޮލުގައި ބަންދުވެފައިވާ ރަޙްމާއި ހަމްދަރުދީގެ ކަރުނަތައް އޮހޮރިގެންދާ ވަގުތެކެވެ.މާތް ﷲގެ ޤަޟާޤަދަރަށް އީމާންވެ، އެކަލާނގެ މިންވަރުފުޅަށް ރުހިގެން ތިބޭ މީހުންނަކީ މިފަދަ ހިތްދަތިދަނޑިވަޅުތަކުގައިވެސް ކެތްތެރިކަން އިސްކޮށް ސާބިތުވެތިބޭބައެކެވެ.

ނިކަން ވިސްނަވާލައްވަމާތޯއެވެ. މާތް ﷲ އިންސާނުންކުރެ މާތް ބޭކަލަކަށް ފިރިހެން ދަރިއެއް ދެއްވިއެވެ. އެ ދަރިފުޅާއެކު އުފަލުގައި ދެއަހަރެއްހާ ދުވަސް ހޭދަކުރެއްވުނުތަނާހެން އެ ދަރިފުޅު މި ދުނިޔެ ދޫކުރިއެވެ. މިކަމާ އެ ބޭކަލަކު ވަރަށް ބޮޑަށް ދެރަފުޅުވެވަޑައިގެންނެވިއެވެ. އޭގެފަހުގައި ކައިރިކައިރީގައި ހަތަރު އަންހެން ދަރިން ދެއްވިއެވެ. އޭގެ ފަހުން އަނެއްކާވެސް ފިރިހެން ކުއްޖެއް ދެއްވިއެވެ. މި ކުއްޖާގެ ޢުމުރުން އަހަރުދުވަސްވީތަނާ ދުނިޔެ ދޫކުރިއެވެ. މިކަމަށްވެސް އެންމެ ރިވެތިގޮތުގައި މި ބޭކަލަކު ކެތްތެރިވެ ވަޑައިގެންނެވިއެވެ. ދުވަސްތަކެއްގެ ފަހެވެ. ކައިވެންޏަށް ފަންސަވީހަކަށް އަހަރު ވީތަނާހެން އެ ލޯތްބާއި އެ އަޅައިލުމާއި އެ ހަމްދަރުދީއަކުން އެންމެ ބޮޑު ލޯތްބަކާއި އަޅައިލުމަކާއި ހަމްދަރުދީ އެއް ލިބޭ ލޯބިވާއަނބިކަނބަލުންވެސް އަވަހާރަވެއްޖެއެވެ.

ހަތަރު އަންހެން ދަރިން ބޮޑެތިވެ އެއިގެ ތެރެއިން އެއް ދަރިފުޅު ކައިވެންޏެއް ކުރިއެވެ. އެކަމާ އެބޭކަލަކު އުފާފުޅުކުރެއްވިއެވެ. ޒަވާޖީޙަޔާތުގެ ދުވަސްތައް ގުނަމުންދަނިކޮށް އެ ދަރިފުޅުގެ ޢުމުރުން ވިއްސަކަށް އަހަރުގައި އެ ކަނބުލޭގެ ވެސް މި ދުނިޔެ ދޫކުރިއެވެ. މިކަމާ މި ބޭކަލަކު ވަރަށް ބޮޑަށް ދެރަފުޅުވެވަޑައިގެންނެވިއެވެ. ދަރިފުޅުގެ ކަށުކަމާކެމީގެ ކަންކަން ކުރެއްވުމަށް ފަހު އަމިއްލަ އަތްޕުޅުން އެ ދަރިފުޅު ފަސްދާނުލެއްވިއެވެ. 

އޭގެ ދުވަސްތަކެއްގެ ފަހުން ދެވަނަ އަންހެން ދަރިފުޅު  ކައިވެންޏެއް ކުރިއެވެ. މި ދަރިފުޅުވެސް ދުވަސްކޮޅެއްފަހުން މި ދުނިޔެ ދޫކުރިއެވެ. ތިންވަނަ އަންހެން ދަރިފުޅުގެ ޢުމުރުން ވިހި އަހަރުގައި  އެ ދަރިފުޅުވެސް މި ދުނިޔެ ދޫކުރިއެވެ. އެންމެ އަންހެން ދަރިއެއް ފިޔަވައި، ލިބުނު އެންމެހާ ދަރިންނެއް އެ ބޭކަލެއްގެ ޙަޔާތްޕުޅުގައި، އަދި ކުރިފުޅުމަތީގައި މި ދުނިޔެ ދޫކުރިތާ ދުވަސްކޮޅެއްފަހުން ފިރިހެން ދަރިއެއް ލިބިވަޑައިގަތެވެ. މި ފިރިހެން ދަރިފުޅުގެ ޢުމުރުން ދޮޅުއަހަރުގެ ތެރޭގައި މި ދަރިފުޅުވެސް ދުނިޔެ ދޫކުރިއެވެ. އެބޭކަލަކު ދުނިޔޭގައި ހުންނަވަނިކޮށް، ހަ ދަރިން ދުނިޔެ ދޫކޮށްދިޔައިރުވެސް ކެތްތެރިވެވަޑައިގަތް ކެތްތެރިވުމަކީ ތިބާއަށްވާ ރިވެތި ނަމޫނާއެކެވެ. 

އެ ކެތްތެރިވެ ވަޑައިގަތުމަކުން ކެތްތެރިވެވަޑައިގަތް ފުރިހަމަ ނަމޫނާ ބޭކަލަކީ ކޮންބޭކަލެއްކަން ތިބާއަށް އެނގޭތޯއެވެ؟ އެ ބޭކަލަކީ މި އުއްމަތުގެ މާތް ސާހިބާ، ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަ އެވެ.