ކޮންކަމެއް ބަދަލުނުކުރަނީ. މިހާރު ތުނބުޅިލީމީހުން ހަރޯދަވެސް ބަދަލުކޮށްފި!

މިއީ އަޅުގަނޑު ތަޖުރިބާކުރި ޙަޤީޤީ ޙާދިޘާއެކެވެ. އެއީ މީގެ ފަސްވަރަކަށް އަހަރުކުރިއެވެ. ހަމަގައިމުވެސް ފަސްއަހަރަށްވުރެ މަދެއްނުވާނެއެވެ. ކަންދިމާކުރިގޮތުން އެ އަހަރުގެ ރަމަޟާންމަހުގެ ފަހުން އަންނަ ކުޑަޢީދުގެ ޗުއްޓީއާއެކު ދިމާވީ އެ ފަހަރުގެ ދިރާސީ އަހަރުގެ މެދު ބަންދާއެވެ. އެހެންކަމުން ދެ ޗުއްޓީ އާއި ހަފްތާބަންދު ދުވަސްތައް ލައިގެން ގާތްގަނޑަކަށް ބާރަވަރަކަށް ދުވަސް ލިބުނެވެ. 

އެލިބުނު ޗުއްޓީގައި ރާއްޖޭގެ ބައެއް ޝެއިޚުންނާއެކު ދިހަމީހުން ޖުމްލަ ހިމެނޭ ޓީމެއްގައި އަޅުގަނޑަށް ރާއްޖޭގެ އުތުރުގެ އަތޮޅަކަށް ދިއުމުގެ ފުރުޞަތު ލިބުނެވެ. އެ ދަތުރު ރޭވިފައި އޮތީ އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށަކީ ދަތުރުގެ މައިމަރުކަޒުކަމުގައި ބަލާފައި މާލެއިން އެރަށަށް ދާގޮތަށެވެ. ދެން އެއަށްފަހު އެރަށުން އަތޮޅުގެ އެހެން ރަށްރަށަށް ޓީމުގެ އެކި ބޭފުޅުން ވަކި ވަކިން ދާގޮތަށެވެ. މި ދަތުރަކީ އެއަތޮޅުގެ ރަށްތަކުގައި ދީނީ ހޭލުންތެރިކަށް އިތުރުކުރަން ހިންގުނު ޕޮރޮގްރާމެކެވެ.

ވަޅު ޢީދު ދުވަހު (ޝައްވާލު މަހުގެ 2ވަނަ ދުވަސް) ޓީމު މާލެއިން ފުރައިފިއެވެ. އެއީ އެއާރޕޯޓެއް އޮންނަ އަތޮޅެއްކަމުން ދިޔައީ ވައިގެ މަގުންނެވެ. ދެން ލޯންޗެއްގައި ވިއްސަކަށް މިނެޓުގެ ތެރޭގައި ދަތުރުގެ މަރުކަޒީ ރަށަށް ދެވުނެވެ. އެރަށަށް ފޯރީ އެދުވަހުގެ މެންދުރުފަހުގައެވެ. މެހަމާނުންނަށްޓަކައި މެންދުރުގެ ކެއުން ތައްޔާރުކޮށްފައި ހުއްޓެވެ. ނަމަވެސް ޓީމުގައި ބައެއް ބައިވެރިން ތިބީ ރޯދައަށެވެ. އެއީ ހަ ރޯދައިގެ އެންމެ ފުރަތަމަ ދުވަހެވެ. ރަށުތެރެއިންވެސް ކެއިންބުއިމުގެ މާބޮޑުކަމެއް ފާހަގައެއް ނުވެއެވެ.ރޯދަނޫން ބޭފުޅުން އޭގެތެރޭގައި އަޅުގަނޑުވެސް ހިމެނޭގޮތަށް މެންދުރުގެ ކެއުމަށް އިންސާފުކުރުމަށްޓަކައި ކެއުން ތައްޔާރުކޮށްފައިވާ ރެސްޓޯރެންޓަށް ދިޔައީމެވެ. އެރެސްޓޯރެންޓުގައިވެސް މީހުން މަދެވެ. 

މެންދުރު ކައިގެން އަޅުގަނޑުމެން ތިބޭ ގެއަށް އައުމަށްޓަކައި އެންމެން ހިގައިގަތީމެވެ. އެކިމީހުން ހިނގަމުން ދިޔައީ އެކިވަރަށެވެ. އަޅުގަނޑަށް ހުރެވުނީ ތަންކޮޅެއް ފަހަތުގައެވެ. ހިނގަމުން ގޮސް މިބުނާ ގެ ހުންނަ މަގަށް ލަނބާލިއިރު އެމަގުގެ ކަންމައްޗަށް ވާގޮތަށް ހުރި ގެއެއްގެ ދޮރުމަތީގައި އުމުރުން ދުވަސްވީ ދެފިރިހެނުން ތިއްބެވެ. އެކަކު ހުރީ މުންޑަކާއި ހުދުގަމީހެއް ލައިގެންނެވެ. ބޮލުގައި ތާކިހަލެއްވެސް އޮތެވެ. އަޅުގަނޑުމެންގެ ގުރޫޕުގެ އެންމެ ކުރީގައި ހުންނެވީ ޝެއިޚެކެވެ. އެދެމީހުންނާ އަރާހަމަވުމުން ޝެއިޚު އިސްވެ ސަލާމްގޮވާލިއެވެ. އޭރު އަޅުގަނޑު ހުރީ އެންމެ ފަހަތުގައެވެ. ސަލާމްގޮވާލިއެ މިދެންނެވީ ޝެއިޚު އަތުން އިޝާރާތްކުރެއްވި ތަން ފެނުނީމައެވެ. އަޅުގަނޑަކަށް އަޑެއްނީވެއެވެ. އެދެމީހުންވެސް ކޮންމެވެސް އެއްޗެއް ބުންޏެވެ. ކުއްލިއަކަށް އަޅުގަނޑުގެ ކުރީގައި ތިބި ބޭފުޅުންގެ ހިނގުން ބާރުވިއެވެ. އެހިނދު ކައިރީގައި ހުރި އެރަށަށް ނިސްބަތްވާ ޒުވާނާ ބުންޏެވެ.

“ވެދާނެ އެހުރި ދެބޭބެ އެއްޗެކޭ ބުނީކަމަށް. އެބޭބެމެން ވަރަށް ކުދި ކިޔާނެ.” ދެން އަޅުގަނޑުވެސް އެބޭފުޅުންނާ އަރާހަމަކުރުމަށްޓަކައި ހިނގުން ހަލުވިކޮށްލީމެވެ. އަޅުގަނޑުއައިސް އެ ދެފިރިހެނުންނާ އަރާހަމަވިއިރު އެތަނުން ތާކިހާ އަޅައިގެން ހުރި މީހާ އޭނާގެ އެކުވެރިޔާގެ ގާތުގައި ބުނާއަޑު އިވުނެވެ. “ކޮންކަމެއް ބަދަލު ނުކުރަނީ. މިހާރު ތުނބުޅިލީމީހުން ހަރޯދަވެސް ބަދަލުކޮށްފި.” ޖަވާބުގައި އަނެއްމީހާ ބުންޏެވެ. “ހޫނ. މިހާރު އަދި ހަރޯދަ ނުހިފާތާ ހަރޯދަ ނިންމާފައި ޢީދެއްވެސް ނެތްކަމަށް އެބަކިޔާ މިމީހުން.”

އަޅުގަނޑު އަވަސްއަވަހަށް ހިނގާފަގޮސް އެ އަޅުގަނޑާއެއްކޮށްދިޔަ ބޭފުޅުން އަރާހަމަވިއިރު އޭގެތެރެއިން ބައެއް ބޭފުޅުން އަޅުގަނޑުމެން ތިބި ގެއަށް ވަދެއްޖެއެވެ. އަޅުގަނޑަށް ވަދެވުނީ އެންމެފަހުންނެވެ. 

“އެދެބޭބެ ހުރީ ވަރަށް ހިތްހަމަ ނުޖެހިފަ. އެހެންވީމާ އަޅުގަނޑުމެން އެންމެވެސް ހަރޯދައަށް މާދަމާއިންފެށިގެން ތިބެންވީ.” އަޅުގަނޑުމެންގެ ޓީމުގައި ހިމެނޭ ޝެއިޚަކު ޚިޔާލު ފާޅުކުރިއެވެ. އަޅުގަނޑު ވަންއިރު ބަހުސްއޮތީ ފެށިފައެވެ. ދެންމެ އެދިމާވި ޙާދިޘާގެ މައްޗަށް އެކި ބޭފުޅުން ވާހަކަ ދެއްކިއެވެ.

މި ޙާދިޘާއިން އަޅުގަނޑަށް ދޭހަވިކަމަކީ އަޅުގަނޑުމެންގެ ތެރޭގައި ދީނުގެ ބައެއް ކަންކަމާމެދު ވިސްނިފައި ހުންނަ ނުރަނގަޅު ވިސްނުންތައް ފިލައިގެންނުގޮސް އެތައްޒަމާނަކަށް ހުންނަކަމެވެ. އެހެނީ ޝައްވާލުމަހުގެ ހަރޯދައަކީ ފުރަތަމަ ސުންނަތް އަޅުކަމެކެވެ. އެހެންވީއިރު އެރޯދަ ބަޔަކު ނުހިފައިގެން އެކަމުގައި ފާފައެއްނުވާނެއެވެ. ނަމަވެސް އެރޯދަ ހިފަން ހިތްވަރުދިނުމާއި ޒަމާނުންސުރެ މުޖުތަމަޢުގައި އޮންނަ އެރީތި އާދަ ދެމެހެއްޓުމަށް މަސައްކަތްކުރަށްވާނެއެވެ. އެހެން އެކަން ކުރާއިރުވެސް ޝަރުޢުގައި ދީފައި އޮންނަ ދޫތަކަށް ރިޢާޔަތް ކުރަންވާނެއެވެ. އެހެނީ، ޝައްވާލުމަހުގެ ހަރޯދަ އެމަހުގެ ކޮންމެ ދުވަހަކު ހިފިޔަސް ފުދޭނެކަމަށް ހަތަރުމަޛްހަބުގެ ޢިލްމުވެރިންވަނީ އެއްބަސްވެފައެވެ. އެއީ އެކަމަށް އޮތް ޙަދީޘްގައި އޮތީ ޝައްވާލުމަހުން ހަދުވަހު ރޯދަ ހިފުމަށެވެ. އެ ޙަދީޘްފުޅުގައި ވަކި ދުވަހެއް ކޮން ހަދުވަހެއްކަމެއް ބަޔާންކޮށްފައެއް ނެތެވެ. ނަމަވެސް ޝާފިޢީ މަޛްހަބުގެ ޢިލްމުވެރިން އެ ހަރޯދަ ޖައްސަޖައްސައިގެން ހިފުން މޮޅު އިތުރުވެގެންވަކަމަށް ވިދާޅުވާކަމަށް އެމަޛްހަބުގެ އެންމެބޮޑު އެއް ދަންނަބޭކަލެއްކަމަށްވާ އަލްއިމާމް النووي -ރަޙިމަހުﷲ- “އަލްމަޖްމޫޢު” އޭކިޔުނު ފޮތުގައި ވިދާޅުވެފައިވެއެވެ.އެހެން ވިދާޅުވުމަށް ފަހު ދެން ވިދާޅުވަނީ ވަކި ވަކިން ހިފިކަމުގައިވިޔަސް ހުއްދަކަމަށެވެ.

ވަކިވަކިން ހަރޯދަ ހިފުން ހުއްދަކަމަށް ޖައްސަޖައްސައިގެން ހަރޯދަ ހިފުން މޮޅު އިތުރުކަމަށް ވިދާޅުވާބޭކަލުން ދެކެވަޑައިގަންނަވާއިރު ދެން ހަރޯދަ ހިފާ ރޯދަވެރިންނަށް ޚާއްޞަ ޢީދެއް ފާހަގަ ކުރާނީ ކިހިނެއްތޯއެވެ؟ އެހެންވީމާ ހަރޯދަވެރިންނަށް ޚާއްޞަ ޢީދެއްގެ ގޮތުގައި ޝައްވާލުމަހުގެ އަށްވަނަ ދުވަސް ފާހަގަކުރުމަކީ ދީނުގައި ފެންނަން އޮތްކަމެއް ނޫންކަމަށް ޢިލްމުވެރިން ވިދާޅުވަނީއެވެ. 

ވީމާ، ދީނުގެ ކަންތައްތަކަށް ދީނުގައި ދީފައި އޮންނަ މަޤާމު އަޅުގަނޑުމެންދޭނަމަ ބަޔަކު ދީން ބަދަލުކުރިވާހަކަ ބުނާކަށް ނުޖެހޭނެއެވެ. ދީނުގައި ލުއިދީފައި އޮންނަ ކަންކަމަށް ލުއި ދޭށެވެ. ދީނުގައި ހަރުކޮށް ބާރަށް ހިފަން ބުނެފައި އޮންނަ ކަންކަމުގައި ހަރުކޮށްބާރަށް ހިފާށެވެ. އޭރުން ހުންނާނީ ހެޔޮމަގުގައެވެ. ދީން ބާވާލެއްވީ ﷲއެވެ. އެދީން ފޯރުކޮށްދެއްވީ ރަސޫލާ-ޞައްލަﷲޢަލައިހި ވަސައްލަމަ- އެވެ. އަޅުގަނޑުމެންނަށް އޮތީ ތަބާވުމެވެ.