ކޮއެފުޅާއެވެ! މި ކިޔާދެނީ ބޭބެ ކައިވެނި ކުރި ގޮތެވެ

މިއީ ސަޢޫދީ ޢަރަބިއްޔާގެ ޤަޞީމު ފްރޮވިންސުގެ ވެރިކަންކުރާ ސިޓީކަމަށްވާ “ބުރައިދާ” އަށް ނިސްބަތްވާ ދާޢީއެއްކަމަށްވާ އައްޝައިޚް ޢަބްދުލްޢަޒީޒު ބުން ޞާލިޙު އަލްޢަޤުލު ކިޔަދީފައިވާ ޙަޤީޤީ ޙާދިޘާއެކެވެ. 

ޝެއިޚް މި ވާހަކަ ކިޔާދީފައިވަނީ “އަލްޤަޞަޞް ވަލް ޢިބްރަތް” ކިޔާ ދަރުސެއްގައެވެ. ޝެއިޚް އެ ދަރުސްގައި ކިޔާދީފައިވެއެވެ.

“އަޅުގަނޑުގެ މަންމަފަރާތުގެ ތިމާގެ މީހެއް އުޅުނެވެ. އެއީ ލޯފަން މީހެކެވެ. ނަމަވެސް ގާތްތިމާގެ ގުޅުން ދަމަހައްޓާ، ވަރަށް އަޅުވެރި ޞާލިޙުމީހެކެވެ. ޤުރުއާން ހިތުދަސް, ހިތްހެޔޮ މީހެކެވެ. އަޅުގަނޑުމެން ކުޑައިރު ވަރަށް ގިނައިން ގެއަށް ޒިޔާރަތްކޮށް އުޅެއެވެ. އަޅުގަނޑުމެން އެ ބޭބެދެކެ ވަރަށް ލޯބިވަމެވެ. 

ދުވަސްތައް ފާއިތުވަމުން ގޮސް އެއްދުވަހަކު އެބޭބެ އަޅުގަނޑުމެން ގެއަށް ޒިޔާރަތްކުރިއެވެ. އޭރު އަޅުގަނޑަށް ވާނީ ސާދަ ނުވަތަ ފަނަރަވަރަކަށް އަހަރެވެ. ގޭގައި ވާހަކަދައްކަން އިނދެފައި އަޅުގަނޑާސުވާލުކުރިއެވެ. “ކޮއެފުޅާއެވެ! އަދިވެސް ކައިވެނި ނުކުރަނީ ހެއްޔެވެ؟” ޖަވާބުގައި އަޅުގަނޑު ބުނީމެވެ. “އާއެކެވެ. އަދި އެހާ އަތްމަތި ތަނަވަސް ނުވާތީ ކައިވެނި ނުކުރެވެނީއެވެ.” އެ ވަގުތު އެބޭބެ ބުންޏެވެ. “ކޮއެފުޅާއެވެ! ﷲއަށް ތެދުވެރިވާށެވެ. އެއިލާހުގެ ދޮރުކޮޅުގައި ޓަކިދޭށެވެ. އެއަށްފަހު ތިޔަ ދަތިކަމުން އަރައިގަނެވޭނެކަމަށް ޔަޤީންކޮށް އެކަމަށް އުފާކުރާށެވެ.”

ދެން އެއަށްފަހު އަޅުގަނޑަށް އެބޭބެ ވާހަކައެއް ކިޔައިދޭން ބޭނުންކަމަށް ބުންޏެވެ. އަޅުގަނޑު ވަރަށް ކަނުލާ އެ ވާހަކަ އަޑުއެހުމަށް އިށީނީމެވެ. އަދި ހުރިހާ ވިސްނުމެއް އެ ވާހަކައަށް ދޫކޮށްލީމެވެ. އެ ބޭބެ ކިޔާދެން ފެށިއެވެ. “ކޮއެފުޅާއެވެ! ބޭބޭގެ ގާތުގައި މިތާ އިށީންނާށެވެ. މިއީ ބޭބެއަށް ދިމާވި ޙާދިސާއެކެވެ.” ދެން އެ ވާހަކަ ފެށިއެވެ. އެންމެ ފުރަތަމަ އެދުވަސްވަރުގެ ޙާލަތާއި އެބޭބެގެ ޢާއިލާގެ ވާހަކައިންނެވެ. “އޭރު އަހަރެންނަކީ ވަރަށް ބޮޑު ނިކަމެތި ފަޤީރެކެވެ. ބައްޕައަކީ އަތްމަތި ދަތި ފަޤީރެކެވެ. މަންމަގެ ޙާލަކީވެސް އެއީއެވެ. އަހަރެމެންގެ މުޅި ޢާއިލާ ދިރިއުޅެމުންދިޔައީ އިންތިހާއަށް ފަޤީރު، ދަތި ޙާލަތެއްގައެވެ. އަނެއްކޮޅުން އަހަރެންނަކީ އުފަންވީއިރުވެސް ލޯފަންމީހެކެވެ. ލޮލަކަށް ނުފެނެއެވެ. އަދި އިސްކޮޅުން ކުރު، ބަލާލަން ހުތުރު ޞިފައެއްލިބިގެންވާ މީހެކެވެ. ނިކަމެތި ފަޤީރެކެވެ. ކުރުކޮށް ބުނާނަމަ އަންހެނަކު ގަޔާވާކަހަލަ އެއްވެސް ޞިފައެއް އަހަރެންނަކަށް ލިބިގެންނުވެއެވެ. އެއަށްފަހު ދެން ކިޔައިދޭންފެށީ މާ ޝައުޤުވެރިކަމެއްގެ ވާހަކައެކެވެ. 

“މިގޮތުގައި ދުވަސްތައް ފާއިތުވަމުންގޮސް، ޢުމުރުގެ ވަކިހިސާބަކުން އަހަރެންވެސް ވަރަށް ކައިވެނިކުރާ ހިތްވާން ފަށައިފިއެވެ. ދުވަހަކަށްފަހު ދުވަހެއް އެކަމަށް ހިތްކިޔަން ފަށައިފިއެވެ. ކައިވެނީގެ ޝަޢުޤުވެރިކަންބޮޑުވެގެންގޮސް އޭގެ އެންމެ ފުނަށް ވާޞިލުވެވިއްޖެއެވެ. ނަމަވެސް ކުރިން މި ބަޔާންކުރީ އަހަރެންގެ ޙާލަތެވެ. ފަޤީރުކަމާއި ލިބިފައިވާ ޞިފަތަކުގެ ސަބަބުން ހިތުގެ އެ ގޮވާލުމަށް ވަނީ ހުރަސްއެޅިފައެވެ. ކައިވެނި ނުކުރެވި ދުވަސްތައް ފާއިތުވަމުންދެއެވެ. އެކަމަކު އެންމެފަހުން ހިތްވަރުކޮށްލާފައި ބައްޕަގެ ގާތުގައި އަހަރެން ކައިވެނިކުރަން ބޭނުންވާ ވާހަކަ ބުނެފީމެވެ. ކޮއެފުޅާއެވެ! ކަންތަން ވީގޮތް އެނގޭހެއްޔެވެ؟ އަހަރެންގެ ވާހަކަ އަޑުއިވިފައި ބައްޕަގެ ގާތަށް އައީ އަމަށަކު ހިނޏެއްނޫނެވެ. ބައްޕަ ހެމުންހެމުންގޮސް އަހަރެން އެވިސްނުން ދޫކޮށްލާވަރަށް ހުނުނެވެ. އެއަށްފަހު ބުންޏެވެ. “ކަލޭ މޮޔަވީތަ. ކާކުތަ ތިކަލަހަ މީހަކާ އޭނާގެ ދަރި ދެވާނީ؟ ފުރަތަމަ ތިއީ ލޯފަންމީހެއް. ދެވަނައަށް އަހަރެމެންނަކީ ނިކަމެތި ފަޤީރުން. ތިޔަ ވިސްނުން ދޫކޮށްލާ ނަފްސަށް ހަމަޖެހުންދީ. ތިޔައީ ކިހިނެއްވާނެކަމެއް؟ ތިކަންވިޔަސްވާނީ ހަމައެކަނި ﷲތަޢާލާ އެއިލާހު އިރާދަކުރަވާ ގޮތަކަށް ޙާލަތު ބަދަލުކުރެއްވި އިރަކުން.”

ދެން އަޅުގަނޑުގެ ތިމާގެ އެ ބޭބެ – ﷲ އެ ބޭބެއަށް ރަޙްމަތްލައްވާށި- ބުންޏެވެ.   “ދެން އަހަރެން ވީ ދެރައިން ދިޔައީ މަންމަގެ ގާތަށެވެ. އަހަރެންގެ ޙާލާމެދު ޝަކުވާކުރާށެވެ. ބައްޕަގެ އެބަސްތަކުން ލިބުނު ފުން ހިތާމަތައް މަންމަ ފިލުވާލަދޭނެކަމަށް ހިތައިގެންނެވެ. އޭރު އަހަރެންގެ ޢުމުރުން ފަންސަވީސް އަހަރަށް އަޅައިފިއެވެ. ކޮންމެއަކަސް، މަންމަގެ ގާތަށްގޮސް އަހަރެންގެ ބޭނުން ބުނެފީމެވެ. ފެނުނީ ބޭނުންވި މަންޒަރެއްނޫނެވެ. މަންމަވެސް ކަންތައްކުރީ ބައްޕަ ފަދައިންނެވެ. މަންމަ ބުންޏެވެ. “އަޅެ ދަރިފުޅުގެ ބުއްދި ފިލާދިޔައީ ހެއްޔެވެ؟ ދަރިފުޅު ކައިވެނި ކުރާނީ ކިހިނެއް ހެއްޔެވެ؟ ފައިސާ ކޮބައި ހެއްޔެވެ؟ އަހަރެމެން މިއުޅޭ ޙާލު ހަމަ ނޭނގެނީ ހެއްޔެވެ؟ ހެނދުނާއި ހަވީރު ދަރަނި ނުދައްކައިގެން،ލޯނުދީފަތިބި މީހުންތައް ގެއަށް އަންނަކަން ނޭނގޭ ހެއްޔެވެ؟” ދެން އެ ބޭބެ އިތުރަށް ވާހަކަ ކުރިޔަށް ގެންދިޔައެވެ. “ކޮންމެއަކަސް މައިންބަފައިންގެ ފަރާތުން މިފެނުނު ކަންތައްތަކުގެ ސަބަބުން ދުވަސްކޮޅަކަށް ކައިވެނީގެ ވިސްނުމާ ދުރުގައި ހުރީމެވެ. ނަމަވެސް އެހެން މާގިނަ ދުވަހަކު ނުހުރެވުނެވެ. އަނެއްކާވެސް އެއްފަހަރު ބައްޕަކައިރީގައި، އަނެއްފަހަރު މަންމަކައިރީގައި އާދޭސް ކުރަމުން ދިޔައީމެވެ. އެކަމަކު ކޮންމެފަހަރަކުވެސް ލިބެނީ ހަމަ މާޔޫސްވާކަހަލަ ޖަވާބެވެ.” ދެން އެ ބޭބެ އިތުރުކޮށްލަމުން ބުންޏެވެ. “މިހެންއުޅެމުން އެއްރޭ ކުއްލިއަކަށް ހިތަށް އެރީ އަޖައިބު ކުރުވަނިވި ކަމެކެވެ. އަހަރެންގެ ނަފްސު ބުނަމުންދިޔައެވެ. އަޖައިބެކެވެ. މަންމައާއި ބައްޕަގެ ގާތުގައި އާދޭސްކޮށް، އެމީހުންގެ ކުރިމަތީގައި ނިކަމެތިވާއިރު، އެމީހުން އެވަނީ އެކަމަށް ނުކުޅެދިފައެވެ. އެކަމަކު އެންމެ ރަޙްމާންވަންތަ އިލާހުގެ ކިބައިން އަޅެ އެއްފަހަރުވެސް ތިކަމަށް ނޭދެނީ ތިބާ ކީއްވެ ހެއްޔެވެ؟ އެއީ ތިބާ އެންމެ ލޯބިވާ ފަރާތެއް ނޫންހެއްޔެވެ؟ އެއީ ތިބާގެ ވެރިއިލާހެއް ނޫންހެއްޔެވެ؟ އެއިލާހުގެ ދޮރުގައި ޓަކި ނުޖަހަނީ ކީއްވެގެން ހެއްޔެވެ؟ އެއީ ހުރިހާކަމަކަށް ކުޅަދުންވަންތަ ފަރާތެވެ.” ދެން އެ ބޭބެ ބުންޏެވެ. “މިފަދައިން އަހަރެންގެ ހިތަށް އަރަންފެށުމުން، އެރޭ އާދައިގެ މަތިން ދަމުނަމާދުކޮށްފައި، ދެއަތް އުފުލާ ދުޢާކުރީމެވެ. އެގޮތުން ކުރި ދުޢާގައި އަހަރެން ކީ މިހެއްނެވެ. “އޭ މިއަޅާގެ އިލާހެވެ! މި އަޅާއަކީ ފަޤީރެއްކަމަށް މީހުން ކިޔައެވެ. ފަޤީރު ޙާލުގައި މިއަޅާ ލެއްވީ އިބަ އިލާހެވެ. މި އަޅާއަކީ ލޯފަންމީހެއްކަމުގައި މީހުން ބުނެއެވެ. މިއަޅާގެ ލޮލުގެ ފެނުން ގެންދެވީ އިބައިލާހެވެ. މިއަޅާ އަކީ ޞިފަހުތުރުމީހެއްކަމަށް މީހުން ބުނެއެވެ. މިއަޅާ މި ޞިފާގައި ޚަލްޤު ކުރެއްވީ އިބައިލާހެވެ. އޭ މިއަޅާގެ އިލާހެވެ! މިއަޅާގެ ވެރިރަސްކަލާނގެއެވެ. މިއަޅާއަށް ކަންކަމުގައި އެހީތެރިވެވޮޑިގަންނަވާ އިލާހެވެ! އިބައިލާހުފިޔަވައި ޙައްޤު ގޮތުގައި އަޅުކަން ކުރެވޭ އެހެންއެއްވެސް އިލާހެއްނެތެވެ. މިއަޅާ ކައިވެނިކުރަން ބޭނުންވެފައިވާ މިންވަރާއި އެކަމަށް ނަފްސު އެދެމުންދާވަރު އިބައިލާހު މޮޅަށް ދެނެވޮޑިގެންވެއެވެ. އެކަން ކުރާނެ ގޮތެއް މިއަޅާއަކަށް ނެތެވެ. އެކަން ޙާޞިލުކުރެވޭނެމަގެއް މިއަޅާގެ ކުރިމަތީގައި ފެންނާކަށް ނެތެވެ. މިއަޅާގެ ބައްޕަ ވަނީ އެކަމަށް ނުކުޅެދިގެންނެވެ. މިއަޅާގެ މަންމަވެސް ވަނީ އެކަން ކޮށްދޭން ނުކުޅެދިގެންނެވެ. ޔާ ﷲ! އެމީހުން ވަނީ ކަށަވަރުންވެސް އެކަމަށް ނުކުޅެދިގެންނެވެ. އެމީހުންގެ އެ ނުކުޅެދުންތެރިކަމަށް މިއަޅާ އެދެމީހުންނަށް އުޒުރު ޤަބޫލުކުރަމެވެ. އިބައިލާހީ އެންމެ ކަރީމުވަންތަ ދީލަތި ފަރާތެވެ. އަދި ތިއީ އެކަމަށް ނުކުޅަދާނަވެގެންވާ ފަރާތެއްނޫނެވެ.އެފަރާތަކަށް ދަންނަވައިފިއްޔާ އެކަމެއް ފުއްދަވާދެއްވާ ދީލަތިވަންތަ އިލާހެވެ. މިއަޅާގެވެރި އިލާހެވެ. އިބައިލާހުގެ ދީލަތިވަންތަކަމުގެ ބެއްލެވުމަކުން މިއަޅާއާމެދު ބައްލަވާވޮޑިގެންފާނދޭވެ. އެންމެ ރަޙްމުކުރައްވާ ރަޙްމާންވަންތަ އިލާހެވެ. މިއަޅާގެ ހިތަށް ހިތްހަމަޖެހުމެއްލިބޭފަދަ އަދި މިއަޅާގެ ނަފްސަށް އަރާމާއި އުފާލިބޭފަދަ ބަރާކާތްތެރި ޞާލިހު ހެޔޮރަނގަޅު ކައިވެންޏެއް ވީހާވެސް އަވަހަކަށް މިއަޅާއަށް ކޮށްދެއްވާނދޭވެ!” ރޮމުން ﷲގެ ޙަޟްރަތަށް ކުއްތަންވެ،ނިކަމެތިވެގެންވާ ޙާލު މި ދުޢާކުރުމަށްފަހު ދެން ކަންތައްވީ ގޮތް އެބޭބެ ކިޔަދިނެވެ. އެއީ އަޖައިބުކުރުވަނިވި ކަމެކެވެ. 

އެ ބޭބެގެ ވާހަކަ ކުރިއަށް ގެންދަމުން އަޅުގަނޑުގެ ގާތުގައި ބުންޏެވެ. “އެރޭ ތަންކޮޅެއް އަވަހަށް ދަންވަރު ހޭލީމަކަމެއްނޭނގެއެވެ. ދުޢާކޮށްނިމުނުތަނާހެން އަހަރެންގެ ގާތަށް ނިދިއައެވެ. އަދި އެއިންތާއިނދެ އަހަރެންނަށް ނިދުނެވެ. ދެން އެއަށްފަހު އަހަރެންނަށް ފެނުނީ ހުވަފެނެކެވެ. ފެނުނީ އަހަރެން ވަރަށް ހޫނުގަދަ ތަނެއްގައި ވަނިކޮށެވެ. ހީވަނީ އަނގުރު އަލިފާންގަނޑެއްގެ މަތީގައި އިންހެނެވެ. ދެން ހިނދުކޮޅެއްފަހުން އަހަރެންނަށް ފެންނަނީ އަހަރެންގެ ބޯމަތިން، އުޑުން ފޭލިގެއެއް ތިރިވަމުން އަންނަތަނެވެ. އެ ފޭލިގޭގެ ރީތިކަމަކީ ޞިފަކޮށްނުދެވޭހާ ރީތި ކަމެކެވެ. އެ ފޭލިގެ ތިރިވަމުންއައިސް އަހަރެންވަށާލައި އެ ފޭލިގެތެރެއަށް އަހަރެން ވަންނާނެހެން ބިމަށް އެކީ ތިރިވިއެވެ. ދެން އެ ފޭލިގޭގެ ތެރެއިން އަހަރެންނަށް އެލިބުނު ހިތްހަމަ ޖެހުމަކީ ދުވަހަކުވެސް ނުލިބޭފަދަ ހާއުފާވެރި އިޙްސާސެކެވެ. އެއަށްފަހު މަޑުމަޑުން އެފޭލިގެ ފިނިވާންފެށިއެވެ. އެންމެ ފަހުން ކެތްނުކުރެވޭހާ ބޮޑަށް މުޅި ފޭލިގެ ފިނިވެގެން ދިޔައެވެ. ކުއްލިއަކަށް ގަދަ ހޫނުކަމަކަށްފަހު ގަދަ ފިނިކަމެއް އިޙްސާސްވާން ފެށުމުން އަހަރެންނަށް ނިދިން ހޭލެވުނެވެ. ހޭލެވުނު އިރު އަހަރެން އޮތީ ވަރަށްބޮޑަށް ހިތްހަމަޖެހިފައެވެ.”

ދެން އެ ބޭބެ ބުންޏެވެ. “ކޮއެފުޅާއެވެ. ކޮންމެއަކަސް އެދުވަހުގެ އެރިއިރާއެކު އަހުރެން އަވަސް އަވަހަށް ހުވަފެން ތަޢުބީރު ކުރާ ޢިލްމުވެރިއެއްގެ ގާތަށް ދިޔައީމެވެ. އަދި ގޮސް އެރޭ އެފެނުނު ހުވަފެން ކިޔައިދިނީމެވެ. އެހިނދު ޝެއިޚު ވިދާޅުވިއެވެ. “ދަރިފުޅާއެވެ! ތިބާ އުޅެނީ ކައިވެނި ކޮށްގެންތޯއެވެ؟ ނުވަތަ އަދި ކައިވެނި ނުކުރަނީ ހެއްޔެވެ؟ ދެން އަހަރެން ޖަވާބުގައި ކައިވެނި ނުކުރާ ވާހަކަ ބުނުމުން ޝެއިޚު އެއީ ކީއްވެތޯ އަހައިފިއެވެ. ޖަވާބުގައި އަހަރެންނަކީ ފަޤީރު،ޞިފަ ހުތުރު ލޯފަންމީހެއްކަމާއި، ހާލަތުގެ ދަތިކަމުގެ ވާހަކަބަޔާންކޮށްދިނީމެވެ. އެ ވަގުތު ޝެއިޚު ސުވާލެއް ކުރިއެވެ. “ދަރިފުޅާއެވެ! އެހެންވިއްޔާ ރޭގައި ﷲގެ ދަރުބާރުގައި އެއިލާހަށް ދެންނެވީމު ހެއްޔެވެ؟ އެއިލާހުގެ ދޮރުކޮޅުގައި ޓަކިދިނީމު ނޫންހެއްޔެވެ؟” އަހަރެން ޓަކިދިންކަމާއި، އެއިލާހަށް ވަރަށް ޔަޤީންކަމާއި،ވަރުގަދަ ޢަޒުމެއްގައި ދުޢާކުރިކަމަށް ބުނީމެވެ. އެހިނދު ޝެއިޚުވިދާޅުވިއެވެ. “ދަރިފުޅާއެވެ! ދާށެވެ. ގޮސް ތި ސަރަހައްދުން އެންމެ ރަނގަޅު ކުއްޖާ ހޯދައި، އޭނާގެ ކައިވެންޏަށް އެދި ހުށައަޅާށެވެ. ތިބާއަށް ކައިވެނީގެ ދޮރު ވަނީ ހުޅުވިގެންނެވެ. ތިބާ އެންމެ ހިތް އެދޭ ހިތްހަމަ ޖެހޭ ކުއްޖެއް ހޯދާށެވެ. އަމިއްލައަށް ނިކަމެތިވެ، ތިމަންނައަކީ ލޯއަނދިރި މީހެއްވީމާ ހޯދާނީ ތިމަންފަދަ ލޯއަނދިރި މީހެކޭ ހިތަށް ނާރުވާށެވެ. އެހެނެއްކަމަކު، އެންމެ ރަނގަޅު، އެންމެ ރީތި ކުއްޖާ ހޯދާށެވެ. ތިބާގެ ކުރިމަތީގައި ކައިވެނީގެ ދޮރު އެހުރީ ހުޅުވިފައެވެ.”

ދެން އެ ބޭބެ އެނބުރި، އުފަލުން ގެއަށް އަތުވެއްޖެއެވެ. އަދި ވިސްނާ ފިކުރުކުރުމަށްފަހު، އެ އަވަށުގައި ރީތިކަމާއި ޚުލްޤު ހެޔޮކަމަށް ނަންހިނގާ އަންހެން ކުއްޖެއްގެ ކައިވެންޏަށް އެދެން ޤަޞްދުކުރިއެވެ. އެ ކުއްޖާގެ ޢާއިލާއަކީވެސް ހެޔޮލަފާ ޢާއިލާއެކެވެ. އެހެންކަމުން ބޭބެ އެކުއްޖާގެ ކައިވެނީގެ ވާހަކަ އެންމެ ފުރަތަމަ އަނެއްކާވެސް ހިއްސާކުރީ ބޭބެގެ ބައްޕައާ ކަމަށް ބުންޏެވެ. ނަމަވެސް އެފަހަރުވެސް ބައްޕަ އެކަމަށް އިންކާރުކޮށް، އެ ބޭބެއަކީ ފަޤީރެއްކަމާއި، އަދި ޞިފަހުތުރު ނުކުޅެދޭމީހެއްކަމަށް ވިސްނާދެން މަސައްކަތް ކުރިއެވެ. އެކަމަކު އެބޭބެ ޢަޒުމު ދޫކުރާކަށް ނުހެދިއެވެ. ދެން ކަންތައްވީ ގޮތް ކިޔާދެމެން ބުންޏެވެ. “ދެން އަހަރެން އެކަނިމާއެކަނި ހިތްވަރުކޮށްލާފައި އެގެއަށް ދިޔައީމެވެ. އަދި ސަލާމްގޮވާ، އިޒުނަލިބިގެން ގެއަށް ވަދެ، އެ ކުއްޖާގެ ބައްޕަގެ ގާތުގައި މިއައީ ތިބޭފުޅާގެ މިވެނި ކުއްޖެއްގެ ކައިވެންޏަށް އެދިގެންކަމަށް ބުނެފީމެވެ. އެވަގުތު އެކުއްޖާގެ ބައްޕަ ޖަވާބުގައި ބުންޏެވެ. “މަރުހަބާއެވެ. ޤުރުއާން ހިތުދަސް ހާފިޒަށް މަރުހަބާއެވެ. ﷲގަންދީ ބުނަމެވެ. ކޮއެފުޅާއެވެ. ތިޔަށްވުރެ ރަނގަޅުމީހެއް އަހަރެންގެ ދަރިފުޅަކަށް ނުލިބޭނެއެވެ. އެކަމަކު އޭނާ ތިކަމާ އެއްބަސްވޭތޯ ޖެހޭނީ ބަލާށެވެ.” މިހެންބުނެފައި އެކުއްޖާގެ ބައްޕަ ގޭތެރެއަށް ވަނެވެ. އަދި  އެ ކުއްޖާއާ މުޚާޠަބުކޮށް މިވެނިމީހެއްގެދަރި ކަނބުލޯގެ ކައިވެންޏަށް އެދިގެން އަތުވެއްޖެކަމާއި، އޭނާއަކީ ލޯފަންމީހެއްކަމަކު އޭނާގެ ހިތުގައި ޤުރުއާންވާ މީހެއްކަމަށް ބުންޏެވެ. ކަނބުލޯ ހިތާވާނަމަ ﷲއަށްވަކީލުކޮށް އޭނާއާ ކައިވެނި ކޮށްދީފާނަމެވެ. އެ ކުއްޖާ ބުންޏެވެ.”ބައްޕާއެވެ! ބައްޕަ ނިންމަވާގޮތުގެ އިތުރަށް އެހެން ގޮތެއް ހަދާކަށްނެތީމެވެ. ﷲއަށް ވަކީލުކޮށް އެ ކައިވެންޏަށް ރުހިއްޖެއީމެވެ.”

ދެން ވާހަކަ ނިންމާލަމުން އެލޯފަން ބޭބެ އަޅުގަނޑުގާތުގައި ބުންޏެވެ. “އޭގެ ފަހުން ހަފްތާއެއް ފާއިތުނުވަނީސް ﷲގެ ހެޔޮތައުފީޤާއެކުކައިވެނި ކުރެވިއްޖެއެވެ. އަލްޙަމްދުލިއްލާހިއެވެ.”