އަންހެން ދަރިފުޅަށް ފިރިއެއް ހޯދައިދޭން އެންމެ ފަހުން ނުކުތީ ބައްޕަ

އަލަތު ކައިވެންޏަކީ ކޮންމެ މީހެއްގެ ހަޔާތުގައިވެސް އެންމެ މުހިންމު އެއް ދުވަހެވެ. މިކަމަކީ އިއްޔެވެސް އަދި މިއަދުވެސް އެންމެން އެއްބަސްވާ ކަމެކެވެ. ކޮންމެ ދީނެއްގެ ކޮންމެ ޤައުމެއްގެ ބައެއްގެ ތެރޭގައިވެސް ކައިވެނިކުރުމަކީ މުޤައްދަޞް ގުޅުމެކެވެ. އަދި ކައިވެނިން ބޭރުން ގުޅުން ހިންގުމަކީ ހުރިހާ ސަމާވީ ދީންތަކެއްގައި މަނާކުރައްވާފައިވާކަމެކެވެ.
ފަހަކަށްއައިސް ދުނިޔޭގައި މައްދީ ފަލްސަފާތައް ފެތުރި އިންސާނުންގެ މެދުގައި އަޚްލާޤީ ރިވެތި ޞިފަތަކާއި މެދު ޝައްކު އުފެއްދުމާއި އެކަންތައްތަކާއި ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ހަނގުރާމަފެށުމުގެ ކުރިން ގިނަ މުޖުތަމަޢުތަކުގައި ކައިވެނީގެ ގުޅުމަށްވަނީ މަތިވެރި ޤަދަރެއްދެވިފައެވެ. ނަމަވެސް މިއަދު ދުނިޔޭގައި ކައިވެނި ކުރުމާއި ކައިވެނީގެ ގުޅުމުގެ މައްޗަށް އުފައްދާ ޢާއިލީ ދިރިއުޅުމަށް ދަނީ ތަފާތު ނަންނަމުގައި ގޮންޖަހަމުންނެވެ. އަންހެނުންގެ ޙައްޤާއި މިނިވަންކަމުގެ ނަމުގައެވެ. ހިތާމައަކީ މިކަމުގެ ނޭދެވޭ އަސަރު އިސްލާމީ ޤައުމުތަކާއި ހަމައަށް ފޯރާފައި ވުމެވެ.
މިސާލަކަށް މިއަދު އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމަޢަށް ބަލާލިއަސް މިކަން ހާމަވެގެން ދެއެވެ. މިހާރު ކައިވެނި ކުރުމަކީ ރަމްޒީ ކަމެއްކަމަށް ދެކޭ ކިތައް ޒުވާނުން އެބަ އުޅޭތޯއެވެ. ކައިވެނީގެ ކުރިން ބޭނުންހައި ގޮތަކަށް އުޅެނީއެވެ. އަދި ރައްޓެހިނުވެ ކައިވެނި ކުރުމަކީ މުސްތަޙީލުކަމެއްކަމަށް ވިސްނައިދީފިއެވެ. މިކަން ވިސްނައިދީފައި އޮތުމުގެ ބޮޑުކަމަކީ މައިންބަފައިންގެ ކުރިމަތީގައި ގޭގެ ކޮޓަރީގައި ތަޅުލައިގެން ދަރިން އެމީހުންނާއި ޙަލާލުނޫން ހިލޭ ފިރިހެނެއް ނުވަތަ އަންހެނެއް ގޮވައިގެން ތިބޭ އިރު މަންމެން ކަހާތަން ހިރުވާވެސް ނުލައެވެ. މިއަދު ކައިވެނީގައި އިސްލާމުދީނުގައި އޮންނަނީ ކޯޓަށް ގޮސް ޤާޒީ އެބުނާ ބަސްތައް އެކަނި ކަމަށް ހަދައިފިއެވެ. އެހެނީ އޭގެ ކުރިން އުޅެނީ ހުޅަގުމީހުން ބުނާގޮތަށެވެ. ދެން ކޯޓަށް ދަނީ އިސްލާމުން ބުނާ ގޮތް ހަދާށެވެ. އެކަން ކޮށްފަ ދެން ނުކުމެ ބާއްވަނީ އިންޑިޔާ މީހުން ބާއްވާކަހަލަ ކައިވެނި ފާޓީއެކެވެ. ދެން ދަނީ އިޓަލީ މީހުން ދާ ހަނީމޫނަށެވެ. ދެން އޮންނަނީ އެމެރިކާމީހުން އުޅޭ ގޮތަށް ދެމަފިރިން އެކަކު އަނެއްކަކު ނުފެނި ދުވާލުދާ ހަތަރުދަމު އޮފީހުގައި އުޅުމެވެ. އެހިސާބުން ރަޝިޔާމީހުން ގޮތަށް އެހެން ލޯތްބެއް ފެނި އަނެއްކާވެސް ޖެހެނީ މުސްލިމުން ވަރިކުރާގޮތަށް ވަރިކުރަން ކޯޓަށް ދާށެވެ. އެހިސާބުން އެހުރިހާ އަހަރަކުން ދަސްކުރި ކުއްޖާ ދަސްނުވާކަން އެނގި ވަރީގެ ސެޓްފިކެޓު ވަތްގަނޑަށްލާފައި ދެން ނުކުންނަނީ އަނެއްކާވެސް އައު ކުއްޖެއް ހޯދާށެވެ.
މިކަމަކުގައިވެސް ލާދީނީ ފަލްސަފާ ވަދެފައިވާ މިންވަރަކީ މައެއް ނުވަތަ ބަފައެއް ދައްކާ މީހަކާއި ކައިވެނި ކުރުމަކީ އެއީ އެންމެ ބޮޑު އަނިޔާއެވެ. އަދި ޚާއްޞަކޮށް މައިންބަފައިން އޭނާގެ ދަރިން އިންނާނެ މީހެއް ހޯދުމަކީ ނުވަތަ އެކުދިންނަށް އިންނާނެ މީހެއް ދެއްކުމަކީ ހުތުރުކަންބޮޑުކަމެއްކަމަށް ވަނީ މިއަދު ދިވެހިންނަށް ވިސްނިފައެވެ. ނުވަތަ ވިސްނައިދީފައެވެ. ބައްޕައަށް އޮންނަނީ ހަމަ އެކަނި ވަލީ ދިނުމާއި އެމީހުންނަށް ލިބޭ ފަސްހާސް ރުފިޔާއިން ޚަރަދުކޮށްގެން ޕާޓީ ބާއްވައިދިނުމެވެ. މަންމައަށް އޮތީ ވަރިކޮށްގެން ގެއަށް އައީމާ ދަރިކޮޔެ ވަޒީފާއަށް ފޮނުވާފަ މާމަ ދަރިން ބެލުމެވެ. އެއްގޮތަކަށްވެސް އެދެމަފިރިންނަށް ދަރިން ކައިވެނި ކުރަނީ ކާކާތޯ ބަލާލުމެއް ނުވަތަ އަހާލުމެއް މިހާރު ނެތޭ ދެންނެވޭ ހިސާބަށް ކަންތައްވަނީ ގޮސްނިމިފައެވެ. ނަމަވެސް އެގޭތޯއެވެ.
އިސްލާމުދީނުގައި ކައިވެނިކުރާއިރު ދަރިފުޅާއި ބައްޕައާއި މަންމަގެ ވެސް ދައުރެއް އޮވެއެވެ. ކުޑައިރު ބަލާ ބޮޑުކޮށްފައި ރަނގަޅު މީހަކާއި އެދަރިފުޅު ހަވާލުކުރުމަކީ ބައްޕަގެ ޒިންމާއެކެވެ. ހަމަ އެގޮތަށް ފިރިހެން ދަރިފުޅު ކައިވެނިކުރާނެ ވަރުގެ މައްދީ ޤާބިލުކަމެއް ނެތިއްޔާ އެކަން އޭނާގެ ބައްޕައަށް ކުޅަދާނެވެގެންވާ ޙާލު ކޮށްދިނުމަށް ބާރުއަޅައެވެ. ކުރުކޮށް ބުނާނަމަ މައިންބަފައިންގެ ދައުރަކީ ދަރިންނަށް ކައިވެނި ކުރާނެ މީހުން ހޯދައިދީ އޭގެ ރަނގަޅު ނުރަގަޅު ކިޔައިދިނުމެވެ. ދަރިންގެ ދައުރަކީ މައިންބަފައިން އެ ދެއްކި މީހާ އާއި މެދު ހިތްހަމަ ޖެހޭނަމަ ޤަބޫލު ކުރުމެވެ. ނުވަތަ ނުރުހޭނަމަ ފާޅުކުރުމެވެ. އެހިސާބުން ބައްޕައަށް އޭނާގެ ދަރިއަށް މަޖްބޫރެއް ނުކުރެވޭނެއެވެ. އަނެއްކާވެސް ޖެހޭނީ އެހެން މީހެއް ހޯދާށެވެ.
އާއެކެވެ. އިސްލާމީ އުއްމަތުގައި އެންމެ ހެޔޮލަފާ ޖީލުތަކުގައި ކައިވެނީގެ ކުރިން ރައްޓެހިވެ ދަސްކުރާކަށް ނޫޅެއެވެ. އެހެނީ ދިރިއުޅުމަކީ ކޮބާކަން ނޭނގޭ ބަޔަކު އަމިއްލައަށް އެކަން މުދަރިއްސެއް ނެތި ދަސްކުރާނީ ކިހިނެއް ހެއްޔެވެ؟ އެހެން ކަމުން އުއްމަތުގައި ފެނިގެން ގޮސްފައިވަނީ ދަރިންގެ ކައިވެނި ކޮށްދިނުމަކީ ދަރިންނަށް ކާންދޭގޮތަށް މައިންބަފައިން ޒިންމާވާ ކަމެއްކަމަށް ދެކިގެން ކޮށްފައިވާ ތަނެވެ. މިސާލަކަށް މިވާހަކަ ކިޔާލާށެވެ.
އެއީ ބަދުރު ހަނގުރާމައިގެ ފަހެވެ. މުސްލިމުންގެ ލަޝްކަރު މަދީނާއަށް އައި ނަޞްރުގެ މަތިވެރި އުފާވެރިކަމާއި އެކުއެކެވެ. އާއެކެވެ. އެއީ ޤާފިލާއެއްގެ ސަބަބުން ހިނގި ކަމެއްނަމަވެސް އެއީ ޙައްޤު ބާޠިލުގެ މައްޗަށް ގަދަވި ގަދަވުމެކެވެ. އެކަމުން މުސްލިމުންނަށް ޢަރަބި ކަރާގައި މަޤާމެއްލިބުނެވެ. މަދީނާއަކީ ވަކި ދައުލަތެއްކަން އެހެން ޢަރަބިން ޤަބޫލުކުރިއެވެ. މިފަދަ ކޮންމެ ހަނގުރާމައެއް ނިމޭއިރުވެސް ބައެއް ފަރުދުންނަށް ދުނިޔެވީ ބައެއް ހިތާމަތަކާއި ކުރިމަތިވާނެވެ. ޤުރުބާންނުވެ ދީނެއް ދައުލަތެއް ކުރިއަކަށް ނާރާނެއެވެ. އެކަމަށްޓަކައި ބައެއް ޢައިލާތައް އެކީގައި މަރުވެފައިވެއެވެ. އެގޮތުން ބަދުރު ހަނގުރާމާގައިވެސް ކައިވެނި ކޮށްގެން އުޅުނު ދެމަފިރިން ވަކިވިއެވެ. ފިރިކަލުން ޝަޙީދުވިއެވެ. އަނބިކަނބަލުން ހުވަފަތްވީއެވެ. އެ ކައިވެޏަށް ދަރިއެއްވެސް ނުލިބި އުޅެނިކޮށެވެ. އޭރު އަނބިކަނބަލުންގެ އުމުރުފުޅުން އެންމެ ވިހި އަހަރެވެ. ކިހާ ދެރަވާނެތޯއެވެ. ޅައުމުރުގައި ހުވަފަތްވީއެވެ. ދެން އެކަމަނާ އައުދިރިއުޅުމެއް ހޯދާނީވެސް ކިހިނެއްހެއްޔެވެ. ފޭސްބުކެއް ވައިބަރެއް އޭރަކު ނުހުރެއެވެ. އަންހެނުންގެ ދުވަހެއްވެސް އޭރު ނޯވެއެވެ. ދެން އެހިސާބުން ހަތަރު އުދަރެސް ފެނުޖެހުނީތޯއެވެ. އާއެކެވެ. އެއީ އަންހެނުން ފިރިމަރުވީމަ މުދަލެއްގެ ގޮތުގައި އޭނާގެ ފިރިމީހާގެ ޢާއިލާމީހުން އެ އަންހެންމީހާއާއި މެދު މުޢާމާލާތްކުރަމުން ދިޔަޒަމާނެވެ. އެއީ ބައްޕަ މަރުވީމާ ދޮންމަންމަ އާއި އެ އަންހެންމީހާގެ ނުރުހުމުގައި ފިރިމީހާގެ ދަރިފުޅު ކައިވެނި ކުރި ޒަމާނެވެ. އެއީ އަންހެން ދަރިން ދިރިތިއްބާ ވަޅުލަމުން ދިޔަ ޒަމާނެވެ. އަޅެ ދެން އެ ވިހި އަހަރުގެ ޒުވާން ކަމަނާއަށް އިތުރު ކައިވެންޏެއް ކުރެވޭނެތޯއެވެ.
ލޮބުވެތި އެކުވެރިންނޭ! އެކަމަނާއަކީ މުސްލިމު ދަޢުލަތެއްގެ ރައްޔިތެކެވެ. އެއީ އަންހެނުންގެ ނުރުހުމުގައި ކައިވެނި ކުރުން މާނާ މުޖުތަމައެކެވެ. އެއީ ބައްޕަގެ ވަލީ އާއި ނުލައި ކައިވެނި ކުރުން ބާޠިލު ދީނުގެ އަހުލުވެރިއެކެވެ. އެއީ އަންހެންނަކު އޭނާގެ މުޅި އުމުރުގައިވެސް އަމިއްލައަށް އޭނާގެ ނަފްސުގެ މައްޗަށް ހޭދަކޮށް އޭނާގެ ކަންތައްތައް އަމިއްލަ ޚަރަދުގައި ހަމަޖައްސަން ނުޖެހޭ ޤާނޫނެއް ހިންގާ ދަޢުލަތެކެވެ. ފިރިމީހާ ވަރިކޮށްފިއްޔާ ނުވަތަ މަރުވެއްޖެއްޔާ ދެން އެއަންހެނާގެ ހުރިހާ ޒިންމާއެއް އުފުލަން ޖެހޭނީ އޭނާގެ ބައްޕައެވެ. ނުވަތަ އެހެންވަލީވެރިންނެވެ. އެއީ ކާންބޯން ދިނުމާއި އަންނައުނުދިނުމާއި ކައިވެނި ކޮށްދިނުންފަދަ ހުރިހާ ޙައްޤެކެވެ.
މިކަން މިހެން އޮތުމުން އެކަމަނާގެ ބައްޕަ ދަރިފުޅަށް ފިރިއެއް ހޯދައިދޭން ނުކުންނެވިއެވެ. އެންމެ ފުރަތަމަ ދުރުވީ ބަދުރުހަނގުރާމައަށް މުސްލިމުން ބަދުރުގެ މައިދާނުގައި ތިއްބާ އެބޭކަލެއްގެ އަނބިކަނބަލުން އަވަހާރަވެފައިވާ ބޭކަލެއްގެ ގާތަށެވެ. އެއީ އެ ބައްޕަގެ ޒަމާންވީ ގާތް އެކުވެރިއެއްވެސް މެއެވެ. އެބޭކަލަކުވެސް މިވަގުތު ކައިވެއްޏެއް ނުކޮށް ހުރުމާއި އަދި ދަރިކަނބަލުންގެވެސް ފިރިކަލުން ޝަހީދުވެފައި ވުމުން ދެފަރާތްވެސްވަނީ ކައިވެންޏަކަށް ޙާޖަތް ޖެހިގެންކަން ޤަބޫލުކޮށް އެ ބައްޕަ އެބޭކަލެއްގެ ގާތަށް ދިޔައީއެވެ. ނަމަވެސް ލިބުނީ އެހެން ފަދަ ޖަވާބެކެވެ. ބައްޕަގެ ހިތް މަރުވިއެވެ. ގެއަށް ވަންނަ ކޮންމެ ފަހަރަކު ދަރިކަނބަލުން އެ ކުރައްވާ ހިތްވަރު ފެނެއެވެ. ދަރިކަނބަލުންގެ އެކަނިވެރި ދިރިއުޅުން ފެނެއެވެ. އެހެންކަމުން ތަކުރާރުކޮށް އެބޭކަލެއްގެ ގާތަށް ގޮސް ދަރިކަނބަލުންނާއި ކައިވެނި ކުރުމަށް އެދުނެވެ. ނަމަވެސް ހަމަ އެބޭކަލެއްގެ ޖަވާބަކީ ” މިވަގުތު އަދި ކައިވެނި ކުރާކަށް ބޭނުން ނުވާކަމެވެ”. ލިބުނު ހިތްދަތި ޖަވާބުގެ ސަބަބުން އެވާހަކަ ދަރިކަނބަލުންނާއި ޙިއްޞާކުރަން ނުކެރިގެން ދެން އެބައްޕަ ދުރުވީ އެކަލޭގެފާނުގެ އެންމެ ގާތް މިތުރު އަބޫބަކުރުގެފާނުގެ ގާތަށެވެ. އެކަލޭގެފާނުގެ ގާތުގައި ޢުޘްމާނުގެފާނު ތިމަންކަލޭގެފާނުގެ ހުވަފަތްވެފައި އިން ދަރިކަނބަލުންނަށް ކައިވެނިކުރުމަށް އެދުމުން އެކަމަށް އެއްބަސްނުވިކަމުގެ ޝަކުވާކުރިއެވެ. ބަފައެއްގެ ހިތަށް ވެފައިވާ ތެދުވެރި އިހްސާސްތައް ބޭރުކޮށްލިއެވެ. އަބޫބަކުރުގެފާނު އެކަލޭގެފާނުގެ އެކުވެރިޔާއަށް ހިތްވަރުދިނެވެ. ނަމަވެސް އެއެކުވެރިޔާ ދެން ހުށައެޅި މާ ހައިރާންކުރުވަނިވި ކަމެކެވެ. އެއީ އަބޫބަކުރުގެފާނު އެދަރިކަނބަލުންނާއި ކައިވެނި ކުރެއްވުމެވެ. އެއަށް އަބޫބަކުރުގެފާނު އެއްވެސް ޖަވާބެއް ނުދެއްވިއެވެ. އެތަށް ދުވަހެއް ފާއިތުވެގެން ދިޔައެވެ.
ދެން އެންމެ ފަހު އެ ބައްޕަ އެކަމާއި ދެރަފުޅުވެގެން ދުރުވީ ނަބީކަލޭގެފާނުގެ އަރިހަށެވެ. އަދި ގޮސް އުޘްމާނުގެފާނައި އަބޫ ބަކުރުގެފާނާއި ދެ އެކުވެރިންނަށް ދަރިކަނބަލުންނާއި ކައިވެނި ކުރެއްވުމަށް ހުށައެޅުމުން އެއް ބޭކަލަކު އިންކާރުކޮށް އަނެއް ބޭކަލަކު އެއްވެސް ޖަވާބެއް ނުދެއްވިކަމުގެ ޝަކުވާ ކުރެއްވިއެވެ. އެ ވަގުތު ރަޙްމަތުގެ ނަބިއްޔާ-ޞައްލަﷲ ޢަލައިހިވަސައްލަމަ- އަށް ދަރިކަނބަލަކަށްޓަކައި ބައްޕައަކު ވަމުންދާ ޤުރުބާނީ ފެނިވަޑައިގަތެވެ. އަދި ހަދީޘުކުރެއްވިއެވެ. ” ޙަފްޞަތުގެފާނަށް އުޘްމާނުގެފާނަށްވުރެ މާތް ރަނގަޅު ބޭކަލަކާއި އަދި އުޘްމާނުގެފާނަށް ހަފްޞާއަށް ވުރެ މާރަނގަޅު ބޭކަނބަލަކާއި ކައިވެނި ކުރެވޭނެއެވެ.” މި ޙަދީޘު އިވިވަޑައިގަތުމުން ޢުމަރުގެފާނު އުފާފުޅުވިއެވެ. އަދި ހިތްހަމަ ޖެހުމާއި އެކު އެކަލޭގެފާނު ދަރިކަނބަލުން ހަފްޞާގެފާނުގެ އަރިހަށް ވަޑައިގަތެވެ. އާއެކެވެ. ހުވަފަތްވެފައި އިން އަންހެން ދަރިކަނބަލުންގެ ޙައްޤުގައި ބަފާކަލުން ޢުމަރުގެފާނު އެ ވެވަޑައިގެން ޤުރުބާނީގެ އަގު ނުހަނު ފޮނިކޮށް ލިބިލެއްވިއެވެ. އެހެނީ އޭގެ ދުވަސް ކޮޅެއްފަހުން ކައުސާހިބާ ނަބިއްޔާ-ޞައްލަﷲޢަލައިހިވަސައްލަމަ- އެކަލޭގެފާނުގެ ދަރިކަނބަލުން އުއްމު ކުލުޘޫމަތުގެފާނު އުޘްމާނުގެފާނާއި ކައިވެނިކޮށްދެއްވިއެވެ. އަދި އަދި ޢުމަރުގެފާނުގެ ދަރިކަނބަލުން ޙަފްޞާގެފާނާއި ނަބީކަލޭގެފާނު ކައިވެނި ބައްލަވައިގަތެވެ.

އަންހެންދަރިން ކައިވެނިކުރާނެ މީހުން ހޯދަން ބަފައިން ނުކުތުމަކީ އެއީ ހުތުރު ކަމެއްނޫނެވެ. އެއީ ބުއްދިވެރިން ކުރާނެކަމެކެވެ.