އަޅެ ބުނެބަލާށެވެ. މިވަރުގެ ކެއްސެއް އެހެންމީހަކަށް ލިބޭނެހެއްޔެވެ؟

ތާބިޢީންގެ މަޝްހޫރު އިމާމެއްކަމަށްވާ ސަޢީދު އެކަލޭގެފާނުގެ ބައްޕާފުޅު އަލްމުސައްޔިބް ރަޟިއްޔަﷲ ޢަންހުގެ ކިބައިން ރިވާކުރައްވާފައިވާ މި ވާހަކައަކީ ވަރަށް އާދަޔާ ޚިލާފުވާހަކައެކެވެ. މިއީ މައްކާގައި ހިނގާފައިވާ ވާހަކައެކެވެ. މިޙާދިޘާ ހިނގާފައިވަނީ މައްކާގެ ކަމުވޮށިގެންވާ މީހެއްގެ ގޭތެރޭގައެވެ. މުޅިވާހަކަގައި އުޅެނީ އެބައެއްގެ ނަން ޤިޔާމަތަށްވެސް އަހަރެމެންނަށް އަޑުއިވިއިވި ތިބޭނެފަދަ ޝަޚްޞިއްޔަތުތަކެކެވެ.

 އެއީ މައްކާގެ މާތްބިމެވެ. ދުވަހުގެ އިރުއަރައިގެން މީސްތަކުން އެކި ކަންކަމުގައި އަވަދިނެތި އުޅެމުންދެއެވެ. ކުއްލިއަކަށް މައްކާގެ ބޮޑެތި މީހުން އެރަށުގައިވާ ވަކި ގެއަކަށް ވަދެނުކުމެ އެބަހަދައެވެ. މިވެގެން އުޅޭގޮތެއް ބަލަމާތޯއެވެ؟  މިހާރު އޮޅުންފިލައިފިއެވެ. ކަންތައްވީގޮތް ސާފުވެއްޖެއެވެ. ވެގެންއުޅޭގޮތަކީތޯއެވެ؟

 މައްކާގެ ދަރިކޮޅެއްކަމަށްވާ ޢަބްދުމަނާފު ދަރިކޮޅަށް ނިޞްބަތްވާ ޙާޝިމުވަންހައިގެ ވެރިޔާ ވަނީ މަރަށް ޙާޟިރުވެފައެވެ. އެހެންކަމުން އޭނާ މަރުވުމުގެ ކުރިން އޭނާގެ ގާތަށް އެހެން ޤަބީލާތަކުގެ މީހުން ޒިޔާރަތްކުރަނީއެވެ. ހެޔޮނަޞޭޙަތް ލިބުމަށެވެ. ތަޖްރިބާއިން ފިލާވަޅު ލިބިގަތުމަށެވެ. ކުއްލިއަކަށް މުޅި މަންޒަރު ބަދަލުވެއްޖެއެވެ. މާހައުލުގައި ނުތަނަވަސްކަމެއް ފެތުރިއްޖެއެވެ. މައްކާގައި ފެތުރިފައިވާ އެންމެ ބޮޑު ނުތަނަވަސްކަން މިޚުޠޫރަތްތެރި ވަގުތުގައިވެސް ފާޅުވެއްޖެއެވެ. މަރަށް ހާޟިރުވެފައި އޮތް ޙާޝިމްވަންހައިގެ ވެރިޔާގެ ގޭތެރެއިންނެވެ. އެހެންނުވާންވީ ސަބަބެއްވެސް ނެތްތާއެވެ. މިވީގޮތް އެނގިއްޖެތޯއެވެ.

 ވީގޮތަކީ މަރަށް ޙާޟިރުވެފައި އޮން އަބޫޠާލިބުގެ އަރިހަށް އޭނާގެ އަޚާގެ ދަރިކަލުން މުޙައްމަދު ބިން ޢަބްދުﷲ ޞައްލަﷲޢަލައިހިވަސައްލަމަ ޒިޔާރަތްކުރެއްވީއެވެ. އަދި އެވަގުތު ކަންދިމާކުރިގޮތުން އެގޭތެރޭގައި އަބޫޠާލިބު މަރުވާތީ އެތަން ދެކެން މާކުރިން އައިސް އިން އަބޫޖަހުލު އިނެވެ. މިއީ އިސްލާމުދީނާއި މުސްލިމުންގެ އެންމެ ބޮޑު ޢަދާވާތްތެރިޔާއެވެ. އެކަލޭގެ އެއްގޮތަކަށްވެސް ހާޝިމުވަންހައިގެ ވެރިޔާ އިސްލާމުވުމަކަށް ނޭދެއެވެ. އެއީ އެހެންވެއްޖެނަމަ ޢަބްދު މަނާފު ޤަބީލާ އެއްކޮށް އިސްލާމުވެ މުޙައްމަދު ޞައްލަﷲޢަލައިހި ވަސައްލަމަގެ ބާރު ގަދަވެދާނެތީއެވެ. މިކަލޭގެ މި ނުތަނަވަސްކަމުގައި އޭނާގެ ބޮޑުބޭބޭގެ ދަރި ޢަބްދުﷲ ބިން އަބޫ އުމައްޔަތުއާއި އެކު އަބޫޠާލިބު ކައިރީގައި އިންދާ ނަބީކަލޭގެފާނު ވަދެވަޑައިގެން އެންމެ ފުރަތަމަވެސް އެކަލޭގެފާނުގެ ބޮޑުބޭބޭ އަބޫޠާލިބުގެ ކައިރީގައި ހުއްޓިވަޑައިގެން އެ ޙަދީޘުފުޅު ކުރެއްވި ބަސްފުޅަކުން އަބޫޖަހުލު އިށީނދެއިންތަނުން ފުންމައިގެން ތެދުވިއެވެ.

ނަބިއްޔާ ޞައްލަﷲޢަލައިހިވަސައްލަމަ ބޮޑުބޭބެއަށް ވަރަށް އޯގާތެރިކަމާއިއެކު ޙަދީޘުކުރެއްވިއެވެ. ” އޭ ބޮޑުބޭބޭއޭ! ﷲފިޔަވައި އަޅުކަން ކުރުން ޙައްޤުވެގެންވާ އެއްވެސް އިލާހެއްނުވާކަމަށް ހެކިވާށެވެ. އޭރުން ބޭބެއަށްޓަކައި ﷲގެ ޚަޟްރަތުގައި ތިމަންކަލޭގެފާނު ހެކިވެވަޑައިގަންނަވާނަމެވެ.”

އެއްކަލަ އަބޫޖަހުލު އޭނާގެ ގަދަ އަޑުން ” އޭ އަބޫޠާލިބާއޭ! ކަލޭ ޢަބްދުލް މުއްޠަލިބުގެ ދީން ދޫކޮށްލަނީ ހެއްޔެވެ؟”

އަވަގުތު އަބޫ ޠާލިބު ޚިޔާރުކުރާނީ ކާކުގެ ބަހެއްތޯ ބަލަން އެންމެން ޝައުޤުވެރިކަމާއިއެކު ތިއްބެވެ. ނަމަވެސް އޭނާގެ ފަރާތުން އެއްވެސް ޖަވާބެއްނުލިބުނެވެ. އަނެއްކާވެސް އިތުރު އެކަލޭގެފާނު ބޮޑުބޭބެގެ ގާތުގައި ޝަހާދަތްކިޔުމަށް އެދިވަޑައިގަތެވެ. ހަމަ ވަގުތުން އެއްކަލަ އަބޫޖަހުލު އޭނާގެ ގޮވެލިފަތި ގޮވައިގަތެވެ. އެކުވެރިންނޭ! މިހިސާބުން މުސައްޔިބުގެފާނު އެކަލޭގެފާނުގެ ދަރިކަލުން ސަޢީދުގެ ގާތުގައި ވިދާޅުވިކަމަށް އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. އެދުވަހު އަބޫޠާލިބު އެންމެ ފަހުން މަރުވެގެން ދިޔައީ އޭނާގެ ކާބަފައިންގެ ދީންކަމަށްވާ ޢަބްދުލްމުއްޠަލިބުގެ ދީނުގެ މަތީގައެވެ. ކުފުރާ ޝިރުކުގެ މަތީގައެވެ.

މިގޮތް އަބޫޠާލިބު ޚިޔާރުކުރީ ކީއްވެގެންކަން އެގޭތޯއެވެ؟ އެއްގޮތަކަށްވެސް މުޙައްމަދު ޞައްލަﷲޢަލައިހިވަސައްލަމަ ގޮވާލައްވަމުން ދިޔަ ދީނުގެ ދޮގުކަމަކުންނެއްނޫނެވެ. އަދި މުޙައްމަދުގެފާނަކީ ދޮގޮވެރިއެއްކަމަށް އަބޫޠާލިބު ދެކޭތީއެއްވެސްނޫނެވެ. އަބޫޠާލިބު ބަލާ ބޮޑުކުރެއްވި މުޙައްމަދު ޞައްލަﷲޢަލައިހިވަސައްލަމަގެ މިޖާޒު އޭނާއަށް ވުރެ ވަކީން ބޮޑަށް ދަންނާނެ އެހެން އާދަމުގެ ދަރިއެއް ހުންނާނެތޯއެވެ. ނަމަވެސް ޙަޤީޤަތް ހިތުން ޤަބޫލުކުރާ ޙާލުވެސް ދުލުން އެކަމަށް އިޤްރާރުނުވެ ކުފުރުގެ މަތީގައި މަރުވެ ދިޔައީ އަބޫޖަހުލުމެންފަދަ އެކުވެރީންގެ ބަސް އަހައިގެނެވެ. އަދި އޭނާގެ އަޚާގެ ދަރިކަލުންނަށް ތަބާވެއްޖެނަމަ އޭނާގެ އެކުވެރީންނާއި މައްކާގެ އަންހެންތަކުން މަލާމަތްކޮށްފާނެތީކަމަށް އަބޫޠާލިބު  މަރުވުމުގެ ކުރިން އެތަށް ފަހަރަކު ބުނެފައިވެއެވެ.

 މިއީ އަޅުގަނޑުމެން ވިސްނާލަށް ޖެހޭ ވާހަކައެކެވެ. ރައްޓެހިން “ޝެއިޚަކަށްވީއޭ” ގޮވާފާނެތީ ދީނީ ދަރުސް އަޑުއަހަށް އެބަ ލަދުގަނެއެވެ. ރައްޓެހިން “ކަޓު” މިހެކޭ ބުނެފާނެތީ ބައެއް ޒުވާނުން “ގަޓު”ކަން ދަންކަން ދުންފަތުގެ އިސްތިޢުމާލުވެސް އެބަކުރެއެވެ.  “ވައްހާބީއަކަށް” ވެދާނެތީ މިސްކިތަށް އަރާ ނަމާދުކުރަން ބައެއް ކުދިން އެބަ ފަސްޖެހެއެވެ. އެކުވެރިންނޭ! މީހުންގެ ދުލުގައި ހިފެހެއްޓޭނެތޯއެވެ؟ ފާޑުނުކިޔާނެކަމަށް ކަމެއްކުރެވޭނެތޯއެވެ؟ ކިޔާހާ ފާޑަކަށް މިހާ އެނބުރެންވެއްޖިއްޔާ އަބޫޠާލިބަށް ޖެހުނު ޙާލުޖެހިދާނެއެވެ. ބުއްދިވެރިންނަކީ ﷲއަށް ކިޔަމަންވާ މީހާއެވެ. ބިރުގަންނަންވީ ނަރަކަދެކެއެވެ.

ޤިޔާމަތްދުވަހު އަބޫޠާލިބު އަބަދުގެ އަބަދަށް ނަރަކައިގައި އޮންނަ އިރު އޭނާގެ ޢާއިލާވާނީ ސުވަރުގޭގައިކަން ތިބާއަށް އެނގޭހެއްޔެވެ؟ ސުވަރުގޭގެ އެންމެ މަތިވެރި ދަރަޖާގައިވަނީ އޭނާގެ އަޚާގެ ދަރިކަލުން މުޙައްމަދުޞައްލަﷲ ޢަލައިވަސައްލަމައެވެ. ސުވަރުގޭގެ އަންހެނުންގެ ސާހިބާއަކީ އަބޫޠާލިބުގެ ދަރިކަލުން ޢަލީގެފާނުގެ އަނބިކަނބަލުން ފާޠިމަތުގެފާނެއެވެ. ސުވަރުގޭގައި ދެފިޔަލިބިގެންވަނީ އޭނާގެ ދަރިކަލުން ޖަޢުފަރުގެފާނަށެވެ. ސުވަރުގޭގައި ޒުވާނުންގެ ވެރިންނަކީ ނުވަތަ ސާހިބުންނަކީ އަބޫޠާލިބުގެ ދެކާފަދަރިންކަލުންނެވެ. އަލް ޙަސަން ބިން ޢަލި ބިން އަބީޠާލިބާއި އަލް ހުސައިން ބިން ޢަލީ ބިން ޢަބީޠާލިބެވެ.

އަޅެ ވިސްނާލާފައި ބުނެބަލާށެވެ. އަބޫޠާލިބަށް ލިބުނުވަރުގެ ކެއްސެއް އެހެންމީހަކަށް ލިބޭނެތޯއެވެ. މިއީ ހަމަ ނުބައި ރައްޓެހީންގެ ސަބަބުން މީސްމީހުނަށް ލިބޭ ގެއްލުމެވެ. ވިސްނާ ފިކުރުކުރާށެވެ.