އަޟްޙާ ޢީދަކީ ކޮންމެ އަހަރެއްގެވެސް ޙައްޖުމަހުގެ 10ވަނަ ދުވަހެވެ. އެއީ ޙައްޖުވެރިން ޙައްޖުމަހުގެ 9ވަނަ ދުވަހު ޢަރަފާތު ބިމުގައި ތިބެ ދެން މުޒްދަލިފާގައި ރޭކުރުމަށް ފަހު މިނާއަށް ގޮސް ޖަމްރަތުލް ޢަޤަބާއަށް ހިލައުކާ ހަދްޔު ކަތިލާ ބޯބާލައި އަދި މައްކާއަށް ގޮސް ޠަވާފުލް އިފާޟާ ކުރާ ދުވަހެވެ. މިއީ އެދުވަހު މައްކާއާއި މުޤައްދަސް މަޝާޢިރު ބިންތަކުގައި އެތައް މުސްލިމުންނެއް އެދުވަހުގެ ރެޔާއި އެދުވަސް ކޮންމެއަހަރަކުވެސް ހޭދަކުރާގޮތެވެ. ނަމަވެސް ޙައްޖަށް ނުދެވޭ އެހެން މުސްލިމުން އެމީހުންގެ ޤައުމުތަކުގައި މި ދުވަސް ފަށަނީ ޢީދު ނަމާދު ކުރުމުން ކަމަށް ވިޔަސް އޭގެފަހުން އެކި ޒާތްޒާތުގެ އެކި އާދަކާދައިގެ ތެރެއިން އެކި ކަހަލަ ކަންތައް ކުރެއެވެ.
އެއްބަޔަކު އަޟްޙާ ޢީދުގައި “އުޟްޙިޔާ” ކަތިލުމަށް އިސްކަންދޭއިރު އަނެއް ބައި މުޖުތަމަޢުތަކުގައި އެދުވަސް ފާހަގަކުރަނީ “އަހަރަކު އެއްފަހަރު މުޅިޢާއިލާ ގެ މެދުގައި ބާއްވާ އަހަރީ ބައްދަލުވުމެއް” ގެ ގޮތުގައެވެ. މިއާޙިލާފަށް ބައެއް ޤައުމުތަކުގައި އަޟްޙާ ޢީދަކީ “ކުޅިވަރުގެ މޫސުމެއްކަމަށް” ދެކެއެވެ. އެގޮތުން ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ “އަޟްޙާ ޢީދު” “ފިޠުރު ޢީދަށް” ވުރެ “ބޮޑުކޮށް”ގެން ފާހަގަކުރަމުން އަންނަ ބައެކެވެ.
“ބޮޑުޢީދު” ގައި ޢީދުނަމާދާއި އުޟްޙިއްޔާ އަށް ވުރެ ފެންޖެހުމާއި ކޯނޑިކެނޑުމަށް އިސްކަންދެވޭތަން ބައެއް މީހުންގެ ކިބައިން ފެނެއެވެ. އަދި ބޮޑެތި ޚަރަދުކޮށްގެން މިޔުޒިކު ކުޅުމާއި ދެޖިންސު މަސްހުނިވެގެން މަޖާކުރުމަކީ “ބޮޑުޢީދު” ގައި ދިވެހިންގެ ތެރޭގައި “ބޮޑު” ކަމެކެކެވެ.
މަތީގައި ބަޔާންކުރެވިދިޔަފަދައިން ދިވެހިން “އަޟްޙާ ޢީދާ” މެދު ދެކެމުން އައި ކަމަށްވިޔަސް ޝަރުޢީ ނަޒަރުގައި އެ ޢީދު ދުވަހާ މެދު ދެކޭ “ބޮޑު” ކަން ދެކޭގޮތް މުޅިން ތަފާތެވެ. އާނއެކެވެ! އިސްލާމްދީނުގައި “އަޟްޙާ ޢީދަކީ” އެންމެ “ބޮޑު ދުވަހެވެ.” އެންމެ މަތިވެރި ދުވަހެވެ. އެންމެ މާތް ދުވަހެވެ. އެކަމަކު އެއީ ޙަރާމްކަންތައް ކުރާކަށްނޫނެވެ. އަޟްޙާ ޢީދު ދުވަސް ﷲގެ ޙަޟްރަތުގައި މާތްވެގެން ވަނީ އެދުވަސް ޙައްޖުގެ މަތިވެރި ރުކުން ކަމަށްވާ ޢަރަފާތުގައި ހުރުމާއި ވިދިގެން އަންނަ ދުވަހަކަށްވެފައި އަދި އެދުވަހު ﷲއަށް ކުށްތަންވުމަށް ތަފާތު އެތައް އަޅުކަމެއް އެއްފަހަރާ ޖަމާކުރަން ޖެހޭތީއެވެ. ނަމާދާއި ޞަދަޤާތައި ޠަވާފާއި ކެތްތެރިކަމާއި ޤުރުބާންކޮށް ނަޢަމްސޫފި ކަތިލުމާއި މިފަދަ އެތައް ކަމެއް އެދުވަހު ވަނީ ޝަރުޢުކުރައްވާފައެވެ. އެހެންވެ އެދުވަހާއި ބެހޭ ގޮތުން ކީރިތި ރަސޫލާ ( صلى الله عليه وسلم) ޙަދީޘް ކުރައްވާފައިވެއެވެ: ” أَعْظَمُ الْأَيَّامِ عِنْدَ اللَّهِ يَوْمُ النَّحْرِ ثُمَّ يَوْمُ الْقُرِّ ” (رواه أبوداود و الحاكم وصححه الألباني)
މާނައީ: ﷲގެ ޙަޟްރަތުގައި އެންމެ މަތިވެރިވެގެންވާ ދުވަހަކީ އަޟްޙާޢީދު ދުވަހެވެ. ދެން އައްޔާމުއްތަޝްރީޤުގެ ފުރަތަމަ ދުވަހެވެ.”
މި ޙަދީޘްފުޅުން ބޮޑުޢީދުގެ މަތިވެރިކަމާއި މާތްކަން ކިތަންމެހާވެސް ސާފުކޮށް އެބަ އެނގެއެވެ. ބޮޑުޢީދަކީ ﷲ ދުނިޔެމަތީގައި ލެއްވި އެންމެ މަތިވެރި ދުވަހެވެ. މިއީ ޢަރަފާތްދުވަހަށްވުރެވެސް މާތް ދުވަހެކެވެ.
ވީމާ ލޮބުވެތި އަޚާއެވެ! އުޚްތާއެވެ! ޢީދުކުޅިވަރުގައި އެތައް ޙަރާމްކަމެއް ތިޔަކޮށް ހީސަމާސާކޮށް ނަމާދުތަކަށް އިހުމާލު ތިޔަވަނީ ﷲ ތަޢާލާ ދުނިޔެމަތީގައި ލެއްވި އެންމެ މާތް ދުވަހުގައެވެ. އަޅެ މިކަމާއި މެދު ވިސްނާލަން ނުވޭތޯއެވެ!