ތަރުޖަމާ: އައްޝައިޚް ޒަމްޒަމް ފާރިޝް
ޑިމޮކްރަސީގެ ޙުކުމަކީ ކޮބައި ހެއްޔެވެ؟ އަދި މަޖިލީހުގައި ބޮޑު މަޤާމެއްގައި މަސައްކަތް ކުރުން ނުވަތަ ޑިމޮކްރަސީ ސަރުކާރެއްގައި މަސައްކަތް ކުރުމުގެ ޙުކުމަކީ ކޮބައި ހެއްޔެވެ؟ އަދި ގުރުއަތުލައިގެން ޑިމޮކްރެޓިކް މަގުން މީހަކު އިންތިޚާބު ކުރުމުގެ ޙުކުމަކީ ކޮބައި ހެއްޔެވެ؟
ﷲ އަށް ޙަމްދު ހުއްޓެވެ.
އެންމެ ފުރަތަމަ:
ޑިމޮކްރަސީއަކީ ބިމަވީ ނިޒާމެކެވެ. މާނައަކީ ރައްޔިތުންނަށް ޓަކައި އޮތް ރައްޔިތުންގެ ވެރިކަމެވެ. އެހެންކަމުން އެ (ނިޒާމުވަނީ) އިސްލާމް (ދީނާ) ޚިލާފުވެގެންނެވެ. ފަހެ ޙުކުމްވަނީ މަތިވެރިވޮޑިގެންވާ އެންމެ ބޮޑު ﷲ އަށެވެ.
އެހެންކަމުން ތަޝްރީޢު ކުރުމުގެ ޙައްޤު އެއްވެސް އިންސާނަކަށް ދެވިގެން ނުވާނެއެވެ. އެއީ ކޮންމެފަދަ މީހެއް ކަމުގައި ވީނަމަވެސް އެވެ.
ހަމަކަށަވަރުން “موسوعة الأديان والمذاهب المعاصرة” (2/1066، 1067) ގައި އައިސްފައިވެއެވެ.
“އެއްވެސް ޝައްކެއްނެތް ގޮތުގައި، ޑިމޮކްރަސީގެ ނިޒާމަކީ، ކިޔަމަންތެރިވުމާއި ، ކިޔަމަންގަތުމާއި، ތަޝްރީޢުކުރުމުގައި އަލަށް އުފައްދާފައިވާ ޝިރުކުގެ ބާވަތްތަކުގެ ތެރެއިން ހިމެނޭ ވައްތަރެކެވެ. އެއީ އެކަމުގައި ޚާލިޤުވަން ހުސްޠާހިރުވަންތަ މަތިވެރި (ﷲ ގެ) ވެރިކަމާއި އެކަލާނގެއަށް ވާ މުޠްލަޤު ތަޝްރީޢު ކުރުމުގެ ޙައްޤު ބާޠިލުކޮށް، އެއީ މަޚްލޫޤުންގެ ޙައްޤުތަކުގެ ތެރެއިން ވާކަމެއް ކަމުގައި ކަނޑައަޅާތީއެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ:
( مَا تَعْبُدُونَ مِنْ دُونِهِ إِلَّا أَسْمَاءً سَمَّيْتُمُوهَا أَنْتُمْ وَآَبَاؤُكُمْ مَا أَنْزَلَ اللَّهُ بِهَا مِنْ سُلْطَانٍ إِنِ الْحُكْمُ إِلَّا لِلَّهِ أَمَرَ أَلَّا تَعْبُدُوا إِلَّا إِيَّاهُ ذَلِكَ الدِّينُ الْقَيِّمُ وَلَكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ ) يوسف: 40
މާނައީ: “ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ ކާބަފައިން އެ އެއްޗިއްސަށް ނަންދީފައިވާ އެއްޗެހިތަކަކަށްމެނުވީ، اللَّه ފިޔަވައި ތިޔަބައިމީހުން އަޅުކަމެއް ނުކުރަމުއެވެ. އެ އެއްޗަކަށް (އަޅުކަންކުރުމަށް) އެއްވެސް حجّة އެއް اللَّه ބާވައެއްނުލައްވަތެވެ. اللَّه އަށް މެނުވީ حكم ގެ ޙައްޤެއް ނެތެވެ. އެކަލާނގެއަށް ފިޔަވައި ތިޔަބައިމީހުން އަޅުކަން ނުކުރުމަށް އެކަލާނގެ ވަނީ أمر ކުރައްވާފައެވެ. އެއީ حق ތެދު دين އެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ”.
އަދި ވެސް އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ:
( إِنِ الْحُكْمُ إِلَّا لِلَّهِ ) الأنعام: 57
މާނައީ: ” حكم ކުރެއްވުން اللَّه އަށް މެނުވީ ނުވެއެވެ”.
ދެވަނައީ:
ޑިމޮކްރަސީގެ ނިޒާމުގެ ޙާލަތާއި އޭގެ ޙުކުމް އެނގުމަށް ފަހު އެނިޒާމަށް ރުހި އިޤުރާރުވެ އޭނާގެ އަމިއްލަ ނަފްސު ނުވަތަ އެހްނެ މީހެއް އެންޑޯޒް ކޮށްގެން އެއަށް ޢަމަލު ކުރާ ނަމަ ފަހެ އޭނާ އެހުރީ ވަރަށް ބޮޑު ނުރައްކަލެއްގެ މަތީގައެވެ. އެހެނީ ކުރިން ބަޔާންވެ ދިޔަ ފަދައިން ޑިމޮކްރެސީގެ ނިޒާމަކީ އިސްލާމް ދީނާ ޚިލާފު ނިޒާމެކެވެ.
އެހެނަސް އެމީހެއްގެ އަމިއްލަ ނަފްސު ނުވަތަ އެހެން މީހަކު ވިޔަސް މިނިޒާމުގެ ދަށުން އެންޑޯޒް ކުރީ ، އެ (ޤާނޫނު ހަދާ) މަޖިލީހަށް ވަދެ އެތަނުގެ އަހުލުވެރިންގެ މައްޗަށް (ނުބައިކަންކަމަށް) އިންކާރުކޮށް، އެބައިމީހުންގެ މައްޗަށް ޙުއްޖަތް ޤާއިމުކޮށް، ކުޅަދާނަވީ މިންވަރަކުން ނުބަޔާއި ފަސާދަ މަދުކޮށް، ފަސާދައާއި އިލްޙާދުގެ އަހުވެރިން ބިމުގައި ފަސާދަ ފަތުރައި މީސްތަކުންގެ ދުނިޔެއާއި ދީން ފަސާދަކުރަން އެބައިމީހުންނަށް (މުޅި މައިދާން ހުސްކޮށް) ދޫކޮށް ނުލާން ކަމުގައި ވާނަމަ ، އެކަމުން ޙާޞިލު ކުރެވިދާނެކަމަށް އުންމީދު ކުރެވޭ މަޞްލަޙަތެއްކަމަށް ރިޢާޔަތްކުރާއިރު މިއީ އިޖްތިހާދީ ޙާލަތެކެވެ.
އަދިކިއެއް، ބައެއް ޢިލްމުވެރިން ދެކިލައްވާ ގޮތުގައި އެފަދަ ޙާލަތުގައި މި އިންތިޚާބުތަކަށް ވަނުން ވާޖިބުވެގެންވެއެވެ.
އައްޝައިޚް މުޙައްމަދު ބިން ޢުޘައިމީން رحمه الله އަރިހުން އިންތިޚާބުތަކާ މެދުގައި ސުވާލު ކުރެވުމުން ޖަވާބުގައި ވިދާޅުވިއެވެ:
“ތިމަން ދެކޭ ގޮތުގައި އިންތިޚާބު (ގައި ބައިވެރިވުން) ވާޖިބުވެގެންވެއެވެ. (ކުރިމަތިލާ މީހުންގެތެރެއިން) އެމީހެއްގެ ކިބައިގައި ހެވެއް ފެންނަން ހުރި މީހަކަށް އެހީތެރިވުން ވާޖިބުވެގެންވެއެވެ، އެހެނީ ހެޔޮކަމުގެ އަހުލުވެރިން (އެކަމުން) ދުރުހެލި ވެއްޖެނަމަ އެމީހުންގެ (ބަދަލުގައި) މަޤާމަށް އަންނާނީ ކޮންބައެއް ހެއްޔެވެ؟ އެމީހުންގެ މަޤާމަށް (ބަދަލުގައި) އަންނާނީ ނުބައިކަމުގެ އަހުލުވެރިންނެވެ. ނުވަތަ އެބައެއްގެ ކިބައިގައި އެއްވެސް ހެވެއް އަދި ނުބައެއް ވެސް ނެތް (ތަންދޮރު ނޭނގޭ ނާޤާބިލު ގޮފަޅު) މީހުންނެވެ. އަޑުގަދަ ކޮންމެ މީހަކަށް ތަބާވާ މީހުންނެވެ. ފަހެ އެހެންކަމުން، އަހަރަމެންނަށް ޞާލިޙުކަމަށް ފެންނަ ބަޔަކު އަހަރެމެން އިޚްތިޔާރު ކުރަން ކޮންމެހެން ވެސް އެބަ ޖެހެއެވެ.
ފަހަރެއްގައި މީހަކު ދެން ބުނެފާނެއެވެ: “އަހަރެމެން (ޞާލިޙު) މީހަކު އިޚްތިޔާރު ކުރިޔަސް މަޖިލީހުގެ ގިނަ މީހުން ތިބީ އެއާ ޚިލާފަށެވެ”.
ޖަވާބުގައި އަހަރެން ބުނަމެވެ: “އެއީ (ހެޔޮ މީހަކު އިޚްތިޔާރު ކުރުމަށް އޮތް) ހުރަހެއް ނޫނެވެ. އެ އެންމެ މީހާގެ ކިބައިގައިވެސް ﷲ ބަރަކާތް ލައްވައި، އެ މަޖިލީހަށް ޙައްޤުގެ ކަލިމަ ފޯރުކޮށްދެއްވައިފި ނަމަ އެތަނަށް އަސަރު ކުރާނެކަން ޔަޤީނެވެ. ނަމަވެސް އަހަރެމެންގެ ކިބައިގައި މަދީ މާތް ﷲ އަށް ތެދުވެރިކަމެވެ. އަހަރެމެންނަށް ބުރަވެވެނީ (ދުނިޔެވީ) މާއްދީ ހިއްސީ ކަންކަމަށެވެ. މާތް ﷲ ގެ ކަލިމަފުޅަކަށް ބަލައެއް ނުލައެވެ…. ފަހެ އެމީހަކީ ހެޔޮ މީހެއް ކަމަށް ތިޔަ ދެކޭ މީހާ އެންޑޯޒް ކުރާށެވެ. އަދި މާތްﷲ އަށް ވަކީލު ކުރާށެވެ”.
“لقاءات الباب المفتوح”
އިންތިޚާބުތަކުގައި ވޯޓުލައި އެންޑޯޒް ކުރުން ހުއްދަވެގެންވޭ ހެއްޔެވެ؟ އަހަރެމެންގެ ޤައުމަކީ މާތް ﷲ ބާވައިލެއްވި ޝަރީޢަތަށް ޙުކުމް ކުރާ ޤައުމެއް ނޫނެވެ.
ޖަވާބުގައި ވިދާޅުވިއެވެ:
“މާތް ﷲ ބާވައިލެއްވި އެއްޗަށް ނޫން އެހެން ތަކެއްޗަށް ޙުކުމްކުރާ ، އަދި އިސްލާމީޝަރީޢަތް ނޫން ޝަރީޢަތަކަށް ޢަމަލުކުރާ ސަރުކާރެއްގެ ނިޒާމުގެ މަގު ހިފުމަށްޓަކައި އެއްވެސް މީހަކުގެ އެމީހެއްގެ އަމިއްލަ ނަފްސު އެންޑޯޒް ކުރުމަކީ އެއްވެސް މުސްލިމަކަށް ހުއްދަވެގެންވާ ކަމެއް ނޫނެވެ.
ފަހެ މުސްލިމުންގެ ތެރެއިން އޭނާގެ އަމިއްލަ ނަފްސު އެންޑޯޒް ކުރާ މީހާ ނުވަތަ އިންތިޚާބު ކުރެވޭ އަނެއް މީހާ އެކަމުގެ ތެރެއަށް ވަންނަނީ ، އޭގެ ތެރެއަށް ވަދެގެން އެތަނުގައިވާ ވެރިކަން އިސްލާމީ ޝަރީޢަތަށް ޢަމަލު ކުރުވާނެ ގޮތް ހެދުމަށް ވާޞިލުވުމަށްޓަކައި ކަމުގައި ވެފައި ، އަދި އެގޮތް އެއީ އެތަނުގެ ވެރިކަމުގެ ނިޒާމުގެ މައްޗަށް އަޣްލަބިއްޔަތު ހޯދައި ގަދަވެގަނެވޭ ގޮތްކަމުގައި ހެދުމަށް މެނުވީ އެއްވެސް މުސްލިމަކު އޭނާގެ އަމިއްލަ ނަފްސު ނުވަތަ އެފަދަ ސަރުކާރެއްގައި މަސައްކަތްކުރާ އެހެންމީހަކުވެސް އެންޑޯޒްކުރުން ހުއްދަވެގެން ނުވެއެވެ. އަދި އެއީ އެތަނަށް ރަނގަޅަށް ވަދެވިއްޖެއްޔާ އިސްލާމީ ޝަރިޢަތާ ޚިލާފުނުވާ ކަންކަމުގައި މެނުވީ އޭނާ މަސައްކަތް ނުކުރާނެ ގޮތުގެ މަތިންނެވެ.
الشيخ عبد العزيز بن باز ، الشيخ عبد الرزاق عفيفي، الشيخ عبد الله بن غديان ، الشيخ عبد الله بن قعود”. انتهى من “فتاوى اللجنة الدائمة” (23/406، 407).