الحمد لله رب العالمين والصلاة والسلام على رسول الله وعلى آله وصحبه أجمعين.
އުޟުޙިޔާގެ ތަޢާރުފު
ޢަރަބި ބަހުގައި:
أضحية މިލަފުޒު ނެގިފައިވާ މައިގަނޑު ކަލިމައަކީ ضَحْوَة އެވެ. މިކަލިމައިގެ މާނައަކީ އިރު އެރުމަށްފަހު އޮންނަ ދުވާލުގެ ވަގުތެވެ.
ޢަރަބި ބަހުގައި އުޟްޙިޔާއަށް أُضْحِيَّة ، إضْحِيَّة ، ضَحِيَّة އަދި أضْحاة ކިޔައެވެ. ލުޣަވީ ގޮތުން الأُضْحِيَّةُ ކިޔަނީ އަޟްޙާ ޢީދު ދުވަހު ކަތިލާ ކަންބަޅިއަށެވެ. އެއީ ޟުޙާ ވަގުތަށް ނިސްބަތްކޮށްފައެވެ .[1]
ޢިލްމުވެރީންގެ އިޞްތިލާޙުގައި:
އުޟުޙިޔާއަކީ ﷲ تعالى އަށް ކުއްތަންވުމުގެ ގޮތުން ނައަމްސޫފީގެ ބާވަތްތައް أيام النحر ގެ ދުވަސްތަކުގައި ޚާއްޞަ ޝަރުޠުތަކަކާއެކު ކަތިލުމެވެ.[2]
أيام النحر ގެ ދުވަސްތަކަކީ ޙައްޖުމަހުގެ ދިހަވަނަ ދުވަހުން ފެށިގެން ތޭރަވަނަ ދުވަހުގެ އިރުއޮއްސުމުގެ ނިޔަލަށެވެ.
އުޟުހިޔާ ކަތިލުން ޝަރުޢުކުރައްވާފައިވާކަމުގެ ދަލީލު
ކީރިތި ޤުރުއާނުން:
﴿فَصَلِّ لِرَبِّكَ وَانْحَرْ﴾ [الكوثر: 2]
މާނައީ: “ފަހެ ކަލޭގެފާނުގެ ވެރިރައްބަށް ނަމާދުކޮށް ޤުރުބާން ކުރައްވާށެވެ.”
މިއާޔަތުގައި ﴿انْحَرْ﴾ މިކަލިމައިގެ މުރާދަކީ ޤުރުބާން ކަތިލުންކަމަށް ابن عباس – رضي الله عنهما – ގެ އަރިހުންނާއި އަދި قتادة – رحمه الله – ގެ އަރިހުން حسن ދަރަޖައަށްދާފަދަ ސަނަދަކުން ابن جرير الطبري – رحمه الله – ރިވާކުރައްވާފައި ވެއެވެ.[3]
رسول الله صلى الله عليه وسلم ގެ ސުންނަތުން:
އިމާމުލް ބުޚާރީ ރިވާކުރައްވާފައިވެއެވެ. އަނަސްގެފާނުގެ ވިދާޅުވިއެވެ.
((…وَضَحَّى بِالْمَدِينَةِ كَبْشَيْنِ أَمْلَحَيْنِ أَقْرَنَيْنِ))[4]
މާނައީ: “އަދި ދަޅުފަޅާފައި ހުރި ދެ أملح ކަންބަޅި ބަކަރި، އެކަލޭގެފާނު މަދީނާގައި ކަތިލެއްވިއެވެ.”
أملح ގެ މާނަ އަކީ އެއްޗެއްގައި ކަޅުކުލައަށް ވުރެ ހުދުކުލަ ގިނަވުމުވެ.
އިޖުމާޢުން:
އުޟުޙިޔާ ކަތިލުމަކީ ދީނުގައި ޝަރުޢު ކުރައްވާފައިވާ ކަމެއް ކަމުގައި ޢިލްވެރިން އިޖުމާޢުވެވަޑައިގެންފައިވެއެވެ.[5]
އުޟުޙިޔާއެއްގެ ގޮތުގައި ކަތިލުން ހުއްދަކަމަށް ޢިލްމުވެރިން އިއްތިފާޤުވެވަޑައިގަންނަވާ ބާވަތްތައް
އުޟްޙިޔާގެ ގޮތުގައި ބަކަރިއާއި ކަންބަޅި ބަކަރިއާއި ގެރި އަދި ޖަމަލު ކަތިލެވިދާނެކަމަށް ޖުމްލަގޮތެއްގައި ހުރިހާ މަޛްހަބެއްގެ ޢިލްމުވެރީންވެސް އިއްތިފާޤުވެވަޑައިގަންނަވައެވެ.[6] [7]
މިކަމާ ބެހޭގޮތުން ‘ޒާދުލް މަޢާދު’ އޭ ކިޔުނު ފޮތުގައި، ހަދުޔާއި އުޟްޙިޔާ އަދި ޢަޤީޤާ ކަތިލުމާއި ބެހޭ فصل ގައި ابن القيم – رحمه الله – ވިދާޅުވެފައިވެއެވެ.
“އަންޢާމު ސޫރަތުގައި ޒިކުރު ކުރެވިފައިވާ 8 ވައްތަރުގެ (ނަޢަމްސޫއްޕަށް) މިކަން ޚާއްސަވެގެން ވެއެވެ. ނަބިއްޔާ صلى الله عليه وسلم އަދި އެކަލޭގެފާނުގެ އަޞްޙާބުބޭކަލުންގެ އަރިހުން ހަދުޔާއި އުޟްޙިޔާ އަދި ޢަޤީޤާ ކަތިލުމުގައި މިނޫން ބާވަތަކުން ކަތިލެއްވިކަން އެނގޭކަށެއް ނެތެވެ.”[8]
އަންޢާމު ސޫރަތުގައި ޒިކުރު ކުރެވިފައިވާ 8 ވައްތަރަކީ ބަކަރިއާއި، ކަންބަޅިއާއި، ގެރި އަދި ޖަމަލު، މިއިން ކޮންމެ ބާވަތެއްގެ އަންހެން އަދި ފިރިހެން ވައްތަރެވެ.
މިކަމުގެ ދަލީލަކީ:
(وَلِكُلِّ أُمَّةٍ جَعَلْنَا مَنْسَكاً لِيَذْكُرُوا اسْمَ اللَّهِ عَلَى مَا رَزَقَهُمْ مِنْ بَهِيمَةِ الأَنْعَامِ) [ الحج 34 ]
މާނައީ: “އަދި ކޮންމެ އުންމަތަކަށްވެސް ޤުރުބާންކުރާނެ ތަނަކާއި ވަގުތެއް ތިމަން އިލާހު ލެއްވީމެވެ. އެއީ އެބައިމީހުންނަށްޓަކައި ނިޢުމަތެއްގެ ގޮތުގައި ނަޢަމުސޫފި ރިޒްޤުކުރެއްވި ކަމަށްޓަކައި އެބައިމީހުން ﷲގެ އިސްމުފުޅު ޛިކުރުކުރުމަށެވެ.”
އުޟުޙިޔާގެ ގޮތުގައި ކުކުޅާއި ހާ ކަތިލުމުގެ ޙުކުމް
އުޟުޙިޔާގެ ގޮތުގައި އިސްވެ ބަޔާންކުރެވުނު ނަޢަމްސޫފީގެ ބާވަތްތައް ފިޔަވައި އެހެން އެއްޗެއް ކަތިލެވިދާނެކަމާ މެދު ޖުމްހޫރު ޢިލްވެރީންގެ މެދުގައި ޚިލާފެއް ނެތެވެ. (އެބަހީ: ހަތަރު މަޛުހަބުގެ ޢިލްމުވެރީންގެ ޤައުލަކީވެސް ނަޢަމްސޫފީގެ ބާވަތްތައް ފިޔަވައި އެހެން އެއްޗެއް ކަތިނުލެވޭނެއެވެ.)[9]
ކުރީގެ މަޝްޙޫރު ޢިލްމުވެރީންގެ ތެރެއިން ابن حزم الظاهري – رحمه الله – ވަނީ މިކަމުގައި ޚިލާފު ވެވަޑައިގެންފައެވެ. އެކަލޭގެފާނުގެ އަރިހުގައި ހަތަރެސްފައި ޖަހައިގެން ހިނގާ ޖަނަވާރުތަކުގެ ތެރެއިން އެއެއްޗެއްގެ މަސް ޙަލާލު ހުރިހާ ހައިވާނެއް ޢުޟްޙިޔާގެ ގޮތުގައި ކަތިލެވިދާނެއެވެ. އަދި ދޫނީގެ ބާވަތްތަކުގެ ތެރެއިންވެސް އެއެއްޗެއްގެ މަސް ޙަލާލު ކޮންމެ އެއްޗެއް ކަތިލެވިދާނެއެވެ.[10]
ދެފަރާތުގެ ދަލީލުތައް
ޖުމްހޫރު ޢިލްމުވެރީންގެ ދަލީލު:
رسول الله صلى الله عليه وسلم އާއި އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންގެ އަރިހުން އުޟްޙިޔާ ކަތިލުމުގައި ނަޢަމުސޫފީގެ ބާވަތްތައް މެނުވީ އެހެން ބާވަތެއް ކަތިލެއްވިކަން ސާބިތުނުވުމެވެ.[11] [12]
އަދި އުޟުޙިޔާ ކަތިލުމަކީ އަޅުކަމަކަށް ވުމުން އެކަން ކުރަން ޖެހޭނީ ޝަރުޢީ ދަލީލެއް އޮވެގެންނެވެ. ނަޢަމްސޫފީގެ ބާވަތްތަކުން ޒަކާތްދިނުމުގައިވެސް ވަކި ބާވަތްތަކެއްގެ ޖަނަވާރު ކަނޑައެޅިފައިވާ ފަދައިން އުޟުޙިޔާގައިވެސް ވަކިބާވަތްތަކެއްގެ ޖަނަވާރު ޚާއްޞަ ކުރެވިފައިވެއެވެ.
އިބުނު ޙަޒަމު رحمه الله ގެންނަވާ ދަލީލުތައް:
- (صحيح) عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ:
((مَنْ اغْتَسَلَ يَوْمَ الْجُمُعَةِ غُسْلَ الْجَنَابَةِ ثُمَّ رَاحَ فَكَأَنَّمَا قَرَّبَ بَدَنَةً وَمَنْ رَاحَ فِي السَّاعَةِ الثَّانِيَةِ فَكَأَنَّمَا قَرَّبَ بَقَرَةً وَمَنْ رَاحَ فِي السَّاعَةِ الثَّالِثَةِ فَكَأَنَّمَا قَرَّبَ كَبْشًا أَقْرَنَ وَمَنْ رَاحَ فِي السَّاعَةِ الرَّابِعَةِ فَكَأَنَّمَا قَرَّبَ دَجَاجَةً وَمَنْ رَاحَ فِي السَّاعَةِ الْخَامِسَةِ فَكَأَنَّمَا قَرَّبَ بَيْضَةً… ))[13]
އަބޫ ހުރައިރާ رَضِيَ اللَّهُ عَنْهُ ވިދާޅުވިއެވެ. ހަމަކަށަވަރުން رَسُول اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.
“ޖުނުބުން ތާހިރުވާ މީހަކު ހިނައިގަންނަ ފަދައިން، ހުކުރުދުވަހު ހިނައިގަނެގެން ހުކުރު ނަމާދަށްދާމީހާ ދަންނައެވެ. ފަހެ އެދުވަހު (ގެ ފުރަތަމަ ސާޢަތުގައި ހުކުރު ނަމާދަށް) ހިނގައްޖެމީހާ ޖަމަލަކުން ކުއްތަންވިފަދައެވެ. އަދި އެދުވަހުގެ ދެވަނަ ސާޢަތުގައި (ހުކުރުނަމާދަށް) ހިނގައްޖެމީހާ ގެރިއަކުން ކުއްތަންވިފަދައެވެ. އަދި އެދުވަހުގެ ތިންވަނަ ސާޢަތުގައި (ހުކުރުނަމާދަށް) ހިނގައްޖެމީހާ ދަޅުފަޅާފައި ހުރި ކަންބަޅި ބަކަރިއަކުން ކުއްތަންވިފަދައެވެ. އަދި އެދުވަހުގެ ހަތަރުވަނަ ސާޢަތުގައި (ހުކުރުނަމާދަށް) ހިނގައްޖެމީހާ ކުކުޅަކުން ކުއްތަންވިފަދައެވެ. އަދި އެދުވަހުގެ ފަސްވަނަ ސާޢަތުގައި (ހުކުރުނަމާދަށް) ހިނގައްޖެމީހާ ބިހަކުން ކުއްތަންވިފަދައެވެ.”
އުޟުޙިޔާ ކަތިލުމަކީވެސް ކުއްތަންވުމަށް ކުރާ ޢަމަލަކަށް ވެފައި، މިޙަދީޘްގައި ކުކުޅަކާއި ބިހުން ކުއްތަންވުން ޛިކުރުކުރައްވާފައިވާތީ، އުޟުޙިޔާގެ ގޮތުގައި ކުކުޅެއްވެސް ކަތިލުން އެއީ ހުއްދަކަމެއްކަމުގައި އިބުނު ޙަޒަމް ދެކިލައްވައެވެ.
ނަމަވެސް މިއަށް ޖުމްހޫރު ޢިލްމުވެރީން ދެއްވާފައިވާ ޖަވާބަކީ: މިޙަދީޘް އުޟުޙިޔާގެ މައްސަލާގައި ދަލީލަކަށް ނުފުދޭ ކަމެވެ. އެހެނީ މިޙަދީޘުން އިސްތިދުލާލުކޮށްގެން އުޟުޙިޔާއެއްގެ ގޮތުގައި ކުކުޅު ކަތިލެވިދާނެކަމަށް ބުނާނަމަ ބިހެއްވެސް އުޟުޙިޔާގެ ގޮތުގައި ކަތިލެވިދާނެކަމަށް ބުނުން ލާޒިމު ވާތީއެވެ. އެގޮތަށް އެކަން ކުރެވިދާނެކަމަށް އިބުނު ޙަޒަމުވެސް ދެކިވަޑައިނުގަންނަވައެވެ. އެހެންކަމުން މިޙަދީޘްގައި “ކުއްތަންވުމޭ” ބުނެވޭ ބަހުގެ މާނައަކީ ކަތިލުމުގެ މާނައެއް ނޫނެވެ. ނަމަވެސް މިތަކެތިން ޞަދަޤާތްކުރި މީހަކަށް ލިބޭ ދަރުމަ އެމީހަކަށް ޙާޞިލުވާނެކަމެވެ.[14]
- قول بلال رضي الله عنه : “مَا أُبَالِي لَوْ ضَحَّيْتُ بِدِيكٍ، وَلَأَنْ أَتَصَدَّقَ بِثَمَنِهَا عَلَى يَتِيمٍ أَوْ مُغَبَّرٍ أَحَبُّ إِلَيَّ مِنْ أَنْ أُضَحِّيَ بِهَا”. [15]
ބިލާލު رضي الله عنه ގެ ބަސްފުޅު: ”އުޟްޙިޔާއެއްގެ ގޮތުގައި ޙާލެއްވިޔަސް ކަތިލެވެންޏާ، އެއީ މައްސަލައެއް ކަމުގައި ދެކިވަޑައި ނުގަންނަވަމެވެ. އަދި އުޟުޙިޔާއެއް ކަތިލުމަށް އެކުރާ ހޭދައިގެ ބަދަލުގައި، ޔަތީމު ކުއްޖަކަށް ނުވަތަ ޙާލުގައި ޖެހިފައިވާ މީހަކަށް ޞަދަޤާތްކުރުން ތިމަންކަލޭގެފާނަށް މާ ލޮބުވެތިކަން ބޮޑެވެ.”
- عن ابن عباس أنه جلس مع أصحابه ، ثم أرسل بدرهمين فقال : “اشتروا بهما لحما”، ثم قال: “هذه أضحية ابن عباس”
އިބުނު އައްބާސް رضي الله عنهما ގެ ކިބައިން ރިވާވެފައި ވެއެވެ. އެއްދުވަހަކު އެކަލޭގެފާނުގެ އަރިސްބޭކަލުންނާއެކު މަޖްލިސްގައި އިންނެވިއެވެ. ދެން ދެ ދިރުހަމު ދެއްވާފައި [އެކަލޭގެފާނުގެ އަޅަކު] ފޮނުއްވަމުން، ވިދާޅުވިއެވެ. “މިއަށް އެއްގަމު މަސްގަންނާށެވެ.” ދެން އެއަށް ފަހު ވިދާޅުވިއެވެ. “މިއީ އިބުނު ޢައްބާސްގެ އުޟުޙިޔާއެވެ.”[16]
މިދެއަޘަރަށް ޖުމްހޫރު ޢިލްވެރީން ދެއްވާފައިވާ ޖަވާބަކީ: މިއަޘަރުތަކުން ނަޢަމުސޫފީގެ ބާވަތްތައް ނޫން އެހެނިހެން ބާވަތްތައް ކަތިލުން ހުއްދަކަމަށް ދަލާލަތު ނުކުރާކަމަށެވެ. އެޒަމާނުގައި ބައެއް މީހުންނަށް އުޟުޙިޔާ ކަތިލުމަކީ ވާޖިބެއްކަމަށް ހީވާންފެށުމުން އެކަން އެއީ ވާޖިބެއް ނޫންކަމަށް ބަޔާންކޮށްދިނުމަށް ބައެއް ޞަޙާބީބޭކަލުން ޢުޟުހިޔާ ކަތިލުން ދޫކޮށްލައްވާފައި ވެއެވެ.[17] އަދި އުޟުހިޔާއެއް ކަތިނުލައްވާކަން މީސްތަކުންނަށް ސާބިތުވާފަދަ ކަންތައްތައް ކުރެއްވިއެވެ. އެގޮތުން އުޟުޙިޔާ ކަތިލުމުގެ ބަދަލުގައި އެހެނިހެން ހެޔޮ ކަންތައްތަކަށް އިސްކަންދެއްވާފައިވެއެވެ. މި ދެ އަޘަރުގައިވެސް މިވަނީ މިފަދަ ދެހާދިސާއެވެ.
ރާޖިޙު
މިމައްސަލާގައި ބުރަވެވޭ ޤައުލަކީ ކުކުޅު އަދި ހާ އުޟުޙިޔާގެ ގޮތުގައި ކަތިނުލެވޭނެކަމަށް ވިދާޅުވާ ޢިލްމުވެރީންގެ ޤައުލުވެ. އެހެނީ އެންމެ ހެޔޮ ހިދާޔަތަކީ رسول الله صلى الله عليه وسلم ގެ ހިދާޔަތެވެ. އަދި އެއަށްފަހު އެކަލޭގެފާނުގެ އަޞްހާބުބޭކަލުން ހިންގެވި މަގެވެ. އެކަލޭގެފާނާއި އެކަލޭގަފާނުގެ އެއްވެސް ޞަޙާބީބޭކަލެއްގެ އަރިހުން ޞަރީޙަކޮށް އެކަން ސާބިތުވެފައި ނުވާތީ އެންމެ ރައްކާތެރި މޮޅު ގޮތަކީ އެފަދައިން ކަންތައް ނުކުރުމެވެ.
މިގޮތުން މިމައްސަލައިގައި މިފަދައިން ބުރަވެވަޑައިގެންފައިވާ ބައެއް ޢިލްމުވެރިންނަކީ إمام النووي[18]، ابن القيم[19] އަދި محمد بن صالح العثيمين[20] އެވެ.
މީގެ މުރާދަކީ ޢީދު ދުވަހު ކުކުޅުފަދަ އެއްޗެއް ކަތިނުލެވޭނެ ވާހަކައެއް ނޫނެވެ. ނަމަވެސް އުޟުޙިޔާގެ ގޮތުގައި، އެނިޔަތުގައި ނަޢަމުސޫފީގެ ބާވަތްތައް ފިޔަވައި އެހެނިހެން ބާވަތްތައް ކަތިނުލެވޭނެ ކަމެވެ.
والله تعالى أعلم.
[1] الصحاح للجوهري / مجلد 2/ ص 1750 / طبعة: دار الفكر.
[2] أحكام الأطعمة د.وليد / ص 138-139 / طبعة: دار النفائس.
[3] التفسير الصحيح لحكمة بشير / مجلد 4 / ص 675 / طبعة: دار المآثر.
[4] صحيح البخاري / كتاب الحج / باب: من نهر هديه بيده / حديث رقم: 1712.
[5] المغني لإبن قدامة / مجلد 11 / ص 94 / طبعة: دار الكتب العربي.
[6] ބައްލަވާ: فقه الإسلامي وهبة الزحيلى / مجلد 4 / ص 2720/ طبعة: آفاق معرفة متجددة.
[7] ބައްލަވާ: موسوعة الفقهية الكويتية.
[8] زاد المعاد / مجلد 2 / ص285 / طبعة: مؤسسة الرسالة.
[9] ބައްލަވާ: فقه الإسلامي وهبة الزحيلى / مجلد 4 / ص 2719/ طبعة: آفاق معرفة متجددة.
[10] المحلى لإبن حزم / ص 891 / طبعة: بيت الأفكار الدولية.
[11] فقه الإسلامي وهبة الزحيلى / مجلد 4 / ص 2719-2720 / طبعة: آفاق معرفة متجددة.
[12] زاد المعاد (2 / 285) / طبعة: مؤسسة الرسالة.
[13] رواه البخاري / كتاب الجمعة / باب: فضل الجمعة الجمعة / حديث رقم: 881.
[14] المفصل في أحكام الأضحية لحسام الدين / ص: 49.
[15] اخرجه عبدالرزاق في المصنف (4 / 385)
[16] معرفة السنن والآثار للبيهقي (14/15) / طبعة: دار الوفاء مع غيره.
[17] ބައްލަވާ: المفصل في أحكام الأضحية لحسام الدين / ص: 49.
[18] ބައްލަވާ: المجموع للنووي / مجلد 8 / ص 222 / طبعة: دار إحياء التراث العربي.
[19] ބައްލަވާ: زاد المعاد / مجلد 2 / ص285 / طبعة: مؤسسة الرسالة.
[20] ބައްލަވާ: أحكام الأضحية والذكاة لعثيمين.