މަންމަ ގާތު ނުބުނި “ސިއްރު”

އެކަމަނާ ހުންނެވީ ހާސްވެފައެވެ. ބާރަވަރަކަށް އަހަރުގެ ދަރިކަލުން ބޭރަށް ދިޔަގޮތަށް އަދިވެސް ގެއަކަށް ނާދެއެވެ. ދެތިންފަހަރު ބޭރުވެސް ބަލައިލައިފިއެވެ. ދަރިކަލުން ހޯދަން ނުކުންނަންވީތޯ ސުވާލު އުފެދިއްޖެއެވެ. ވަގުތުތައް ހިނގަމުންދެއެވެ. އަދިވެސް އެކަމަނާގެ އިންތިޒާރަށް ނިމުމެއްނާދެއެވެ.

 އެއީ އެންމެ ދޮށީ ދަރިކަލުންނެވެ. އެ ދަރިކަލުންގެ ބައްޕަ ވަނީ ނިޔާވެފައެވެ. އެހެންކަމުން އަލަށް ކައިވެނި ކުރުމުގެ ކުރިން އެދަރިކަލުން ގެންގުޅުއްވީ އެކަނިމާއެކަންޏެވެ. އަދި ދަރިކަލުންނަށް ރަނގަޅު ތަރުބިއްޔަތެއް ހޯދައިދިނުމަށް ދަރިކަލުންގެ އުމުރުން ދިހަ އަހަރުގައި ވަނީ ރަށުގެ ވެރިޔާގެ ޚާދިމެއްކަމުގައި އެވެރިޔާއަށް ޚިދުމަތްކުރަށް ފޮނުވާފައެވެ. އެހެންކަމުން ކޮންމެ ދުވަހަކު ވެސް ދަރިކަލުން އެވެރިޔާގެ އެކިއެކި ކަންކަން ކުރުމަށް ގެއިން ބޭރަށް ދެއެވެ. އަދި ބައެއްފަހަރު އެކުވެރިންނާއިއެކު ކުޅެ މަޖާކޮށްލުމަށް ވެސް ނުކުމެއުޅެއެވެ.

 މިހާރު އެކަމަނާ ވެސް އިތުރު ކައިވެނިފުޅެއް ވަނީ ބައްލަވައިގަނެފައެވެ. އަދި ފިރިކަލުންނާއި ޢާއިލާގެ ކަންތައްތަކުގައި ގޭތެރޭގެ މަސައްކަތްތަކުގައި ކިތަންމެ ބުރަކޮށް އުޅުނަސް ދޮށީ ދަރިކަލުންގެ ކަންތައްތައް ވެސް ކޮށްދެއްވައެވެ. އަދި އެ ދަރިކަލުން ލަހުން ގެއަށް އަންނަ ކޮންމެ ފަހަރަކު އެކަމާއިމެދު ސުވާލު ކުރެއެވެ.

މިހާރު ދުވަހުގެ އިރު ވެސް އޮއްސެން ކައިރިވަނީއެވެ. މިހާރު އެތަށް އިރެއް ފާއިތުވެއްޖެއެވެ. އަދިވެސް ދަރިކަލުން ގެއަކަށް ނާދެއެވެ.

ލޯބިވާ ދަރިކަލުން މިއަދު އެ ދިޔައީ ކޮންތާކަށްބާވައެވެ؟ އަނެއްކާ ކުޅެން އުޅެނިކޮށް އަނިޔާއެއްވީބާވައެވެ؟ ނޫނީ ވެރިޔާ ވިދާޅުވެގެން އެ ކަލޭގެފާނުގެ ކަމެއްގައި މަޝްޣޫލުވީބާވައެވެ؟ ހައްތަހާވެސް ސުވާލެވެ. އާއެކެވެ. މައިންގެ ހިތަށް މިފަދަ ކޮންމެ ވަގުތެއްގައި ވެސް މިފަދަ އެތަށް ސުވާލެއް އަރައި ފައިބާނެއެވެ. އެއީ ޝައްކެތް ހުރިކަމެއް ނޫނެވެ. އެއީ ބަނޑުއަޅައިވިހެއި މަންމައެވެ. އެއީ ބައްޔެއް ވެއްޖެއްޔާ ހޭހަންކޮށްދޭ ނަރުހެވެ. އެއީ އަތުގައި ހިފައިގެން ލިޔަން ދަސްކޮށްދިން އެދުރުދައިތައެވެ. އެއީ ނުހިގޭ އިރު އުރައިގެން އެއްތަނުން އަނެއްތަނަށް ގެންގޮސްދިން އެހީތެރިޔާއެވެ. އެއީ ނުނިދާ އެ މޫނަށް ބަލަން ރޭގަނޑު ހަތަރުދަމު ދަމަށް އިންނަ “ފާރަވެރިޔާއެވެ.” މީހާއެވެ.” އެއީ އެއްވެސް ބަދަލެއްނެތި ބުނި ކޮންމެ ކަމެއް ބުނި ކޮންމެ އިރަކު ފަސްޖެހުމެއްނެތި ކޮންދޭ އިޙްސާންތެރިޔާއެވެ. އެއީ ތިމާ ހައިހޫނުކަންމަތީގައި ހުރެފައި ވެސް އެ ދަރިފުޅަށް ކާންދޭމީހާއެވެ. އެއީ ހަމަ ލޯބިވާ މަންމައެވެ. އެ ލޯތްބާއި އެހެން ލޯތްބެއް އަޅާ ކިޔާނީ ކޮން މިންގަނޑަކުންތޯއެވެ. އެ ލޯބީގެ މައްޗަށް އެހެން އިންސާނެއްދެކެ ލޯބި ވެވިދާނެތޯއެވެ. އެ މަންމައާއި ސިއްރުން ކަމެއްކުރުން ހެޔޮވާނެތޯއެވެ؟

 އެއްވެސް ޝައްކެތް ނެތެވެ. މަންމަދެކެ ވާލޯބީގެ މައްޗަށް އިތުރު އިންސާނެއްދެކެ ލޯބިވާނަމަ ވާންޖެހޭނީ ހަމަ އެންމެ މީހެއްދެކެއެވެ. އެއީ މިވާހަކައިގައި މިއުޅޭ ކަމަނާގެ “ދަރިކަލުން” އެ ލޯބިފުޅު ވެވަޑައިގެންނެވި ގޮތަށްށެވެ. އެއީ މި ލިޔާގޮތެވެ.

 ކޮންމެއަކަސް އެތައް އިރެއްގެ އިންތިޒާރަށްފަހު ދަރިކަލުން ގެއަށް އަތުވެއްޖެއެވެ. އެންމެ ފުރަތަމަވެސް ގޭތެރެއަށް އެޅި ފިޔަވަޅާއިއެކު ފެނުނީ އިންތިޒާރުގައި ހުރި މަންމައެވެ. އެ މަންމަގެ މޫނުފުޅުގައި އެތައް ސުވާލެއް ހުއްޓެވެ. އެމަންމަގެ ލޯފުޅުގައި އެތައް ޝަކުވާއެއް ހުރިކަހަލައެވެ. އެ މަންމަ އިނީ އިންތާޒުގައިކަން ދުލުން ނުބުނިކަމަށްވިޔަސް ޔަޤީންވާހައިވެއެވެ. ކުޑަ ހިނދުކޮޅަކަށްފަހު މަންމާފުޅުގެ އަޑުން ހަމަހިމޭންކަން ފޫއެޅިގެން ދިޔައެވެ.

” ކީއްވެ ލަސްވީ؟” މަންމާފުޅު ސުވާލުކުރިއެވެ.

” އަޅުގަނޑު އެކުވެރިންނާއިއެކު ކުޅެން ހުއްޓާ ނަބިއްޔާ- ޞައްލަﷲޢަލައިހިވަސައްލަމަ- އަޅުގަނޑު ބަލައިފޮނުވައިގެން ގެންދެވީ. ދެން އެކަލޭގެފާނުގެ ކަމެއްގައި އަޅުގަނޑު ތަނަކަށް ފޮނުއްވީ. އެ ކަންތައް ކޮށްލާފައި އަންނަންވެގެން ލަސްވީ.” އަނަސްގެފާނު އެކަލޭގެފާނުގެ ލޮބުވެތި މަންމާފުޅު އުއްމު ސުލައިމުއަށް ޖަވާބު ދެންނެވިއެވެ.

އެވަގުތު އެކަމަނާ އިތުރަށް ސުވާލުކުރެއްވިއެވެ. ” އެއީ ކޮން ކަމެއް އަނެއްކާ؟” ދެން ކަންތައްވީ ކިހިނެއްތޯއެވެ. ދަރިކަލުން މަންމައަށް އެ ކަންތައްތައް ކިޔައިދެއްވިތޯއެވެ.

އެހިނދު އަނަސްގެފާނު މި ވާހަކައިގެ އަނެއްބައި އެކަލޭގެފާނުގެ އެންމެ އިސް ދަރިވަރު ޘާބިތުގެފާނަށް ކިޔައިދެއްވިއެވެ. ވިދާޅުވިއެވެ. ދެން ތިމަންކަލޭގެފާނު މަންމާފުޅަށް ދެންނެވީމެވެ. އެއީ ނަބީކަލޭގެފާނުގެ ސިއްރެކެވެ. އިތުރު އެއްޗެއް ނުދަންނަވަމެވެ. އަޅެ އެހާ ގިނައިރު ބޭރުގައި އުޅެފައި އައިސް އެ ސިއްރު ނުބުނީމައި އަނަސްގެފާނުގެ މަންމާފުޅު ރުޅިދުރުވިތޯއެވެ. ނޫނެކެވެ! އެކަލޭގެފާނުގެ މަންމާފުޅު ލޯބިން ވިދާޅުވިއެވެ. ” ނަބިއްޔާ-ޞައްލަﷲޢަލައިހިވަސައްލަމަ- ސިއްރުކުރަން ޙަދީޘުކުރެއްވި ކަމެއް އެކަކަށްވެސް ފާޅު ނުކުރާތި ދަރިފުޅާ.”

 ދެން އެހިނދު އަނަސްގެފާނު އެކަލޭގެފާނުގެ ދަރިވަރަށް ދެންނެވިއެވެ. ” އޭ ޘާބިތެވެ. އެއީ ނަބީކަލޭގެފާނުގެ ސިއްރެއްނޫންނަމަ މިއަދު ކަލޭގެފާނަށް ތިމަންކަލޭގެފާނު އެ ވާހަކަ ކިޔައިދިނީމުހެއްޔެވެ.”

 ވިސްނާލާށެވެ! އޭރު ނަބީކަލޭގެފާނުވެސް އަދި އަނަސްގެފާނުގެ މަންމާފުޅުވެސް ދުނިޔެއަކު ނެތެވެ. އެކަމަކުވެސް އެދުވަހު އަނަސްގެފާނުގެ މަންމާފުޅު އެ ދެއްވި ތަރުބިއްޔަތު އެކަލޭގެފާނު ބޮޑުވެ މުސްކުޅިފުޅުވިއިރުވެސް ދޫކޮށްނުލައެވެ. މިއީ ރަސޫލާ-ޞައްލަﷲޢަލައިވަސައްލަމަ-ދެކެ ލޯބިވުމާއި އެކަލޭގެފާނުގެ އަމުރުފުޅުތަކަށް ބޯލަބަން ކުޑައިރު ދަސްކޮށްދިނުމުގެ ނަތީޖާއެވެ. މާތްﷲ އަނަސްގެފާނާއި އެކަލޭގެފާނުގެ މައިކަނބަލުންނަށް ހެޔޮ ރަޙްމަތް ލައްވާށިއެވެ. އާމީން