އެއީ އަހަރެމެންގެ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ނިސްބަތްކުރޭވޭ، މިއަދު ދުނިޔެމަތީގައިވާ ހަމަ އެކަނި ޢިމާރާތެވެ. އެއީ މަދީނާގައިވާ މަތިވެރި މިސްކިތްކޮޅެވެ. ނަބީކަލޭގެފާނުގެ އަމިއްލަ ފައިސާގައި ބައްލަވައިގަނެ، އެބިމުގައި ބިނާކުރެއްވި މަސްޖިދުއް ނަބަވީއެވެ. މައްކާގެ ޙަރަމުފުޅުފިޔަވާ ދެން ދުނިޔޭގެ އެހެން މިސްކިތްތަކުގައި ކުރެވޭ އެއްހާސް ނަމާދުގެ ދަރުމައާއި ޘަވާބާއި އެއްވަރުގެ ޘަވާބެއް އެމިސްކިތުގައި އެންމެ ނަމާދެއް ކުރިޔަސް ލިބެއެވެ. އެއީ އެމިސްކިތެއްގައި ދިހަ އަހަރު ނަބީކަލޭގެފާނު އިމާމުވެ ނަމާދުކުރެއްވި މިސްކިތެވެ. އަދި އެމިސްކިތެއްގައި އެކަލޭގެފާނު އިޢުތިކާފަށް އިންނެވި ހަމައެކަނި މިސްކިތެވެ.
ކޮންމެ އަހަރެއްގެ ރަމަޟާންމަހުގެ ފަހުދިހައެއްގައި އެކަލޭގެފާނު ދުނިޔެވީ ހުރިހާ ކަމެއް ދޫކޮށްލައްވާފައި، ނަބަވީ މިސްކިތްކޮޅުގައި ޢިއުތިކާފަން އިންނަވައެވެ. މިހެން އިންނަވާއިރު ޤަޟާޙާޖާ ކުރެއްވުން ކަހަލަ ޟަރޫރީކަމެއްގައި ނޫނީ މިސްކިތްކޮޅުން ނުކުމެވަޑައި ނުގަންނަވައެވެ. އެހެންކަމުން އެމުއްދަތުގައި އަނބި އަނބިކަނބަލުންނަށް އެކަލޭގެފާނާއި ބައްދަލުވެވަޑައި ނުގަންނަވާނެއެވެ. މިކަން ބައެއް އަނބިކަނބަލުންނަށް ފަސޭހަކަމެއްކަމުގައި ނުވެއެވެ. އެހެނީ އެކަނބަލުން އެކަލޭގެފާނު ދެކެ އިންތިހާއަށް ލޯބި ވެވަޑައިގަންނަވައެވެ. އާނ އެކެވެ! އެއީ އަނބިންނަށް އެންމެ ހެޔޮ ފިރިކަލުންނެވެ. އެއީ ގޭތެރޭގެ ކަންތައްތަކުގައި އަނބިކަނބަލުންނަށް އެހީތެރިވެ ވަޑައިގަތުން އެކަލޭގެފާނުގެ ސުންނަތްކަމުގައި ދެއްކެވި ފިރިކަލުންނެވެ. އެއީ ނުވަ އަނބިކަނބަލުންނާއި އެއްފަހަރާއި ކައިވެނި ބައްލަވައިގަނެގެން އުޅުއްވި އިރުވެސް އެއްވެސް ތަފާތުކުރުމެއްނެތި ހަމަހަމަ ކަމާއި އެކު އެހުރިހާ ކަނބަލުންނަށް ލޯބި ދެއްވި އެފަދަ ދެވަނައެއް ނެތް ނަމޫނާ ފިރިކަލުންނެވެ. އެއީ ލޯބިކުރެއްވުމާއި ހިތްހަމަ ޖައްސަވައިދެއްވާ،އަނބިން އަބަދުވެސް އުފާކޮށްދެއްވާނެ ގޮތް ދަސްކޮށްދެއްވި މުދައްރިބެވެ. ދުވަހަކުވެސް އެކަލޭގެފާނުގެ އަތްޕުޅުން އަނބިކަނބަލެއްގެ ގައިގައި އަނިޔާވެރިކަމުގެ ގޮތުން ނުޖައްސަވައެވެ. އެއީ ކޮން ޒަމާނެއްތޯއެވެ. އެއީ އަންހެން ކުދިން ވަޅުލެވެމުން ދިޔަ ޒަމާނެވެ.
ކޮންމެއަކަސް މިހުރިހާ ޞިފަތަކެއްގެވެރި ކައުސާހިބާ ނުފެނި މާގިނަ ދުވަސްވާތީ އެކަލޭގެފާނުގެ އަނބިކަނބަލުންގެ ތެރެއިން ޢަރަބި ޤަބީލާއަކަށް ނިސްބަތްނުވާ ހަމައެކަނި އަނބިކަނބަލުންނަށް ކެތްނުކުރެވުނެވެ. އެކަމަނާ އެންމެ ފަހުން އެއްރޭ އެކަމަނާގެ ގަނޑުވަރުން ނުކުންނަވައިގެން މަސްޖިދުއްނަބަވީއަށް ވަޑައިގަތެވެ. އަދި ޢިއުތިކާފަށް އިންނެވި ފިރިކަލުންގެ އަރިހަށް ޒިޔާރަތްކުރެއްވިއެވެ. އެވަގުތު ލޮބުވެތި ނަބިއްޔާޞައްލަﷲ ޢަލައިހި ވަސައްލަމަ އަނބިކަނބަލުންނަށް ހިނިތުންވުމާއި އެކު މަރުހަބާ ދެންނެވިއެވެ.
ވިސްނާލާށެވެ. ދުނިޔޭގެ ހުރިހާކަމެއް ދޫކުރައްވާ ފަހުދިހައެއްގެ ރޭތަކުން ރެއެއްގައި ﷲއަށް އަޅުކަން ކުރައްވަން އިންނަވަނިކޮށް އަނބިކަނބަލުން ވަޑައިގަތުމުން އެކަމަނާ އެތަނުން ފޮނުވާލާ އަޅުކަން ކުރާއިރު އުނދަގޫކުރަނީ ކީއްވެހޭ ޙަދީޘުނުކުރައްވައެވެ. އެކަމަނާ އެގޮތަށް އެޒިޔާރަތް ކުރެއްވީ އެކަލޭގެފާނު ދެކެ ލޯބިފުޅުވާ ވަރުންކަން ޤަބޫލުފުޅު ކުރައްވާ އަންހެނުންގެ ޠަބީޢަތަށް ރިޔާއަތްކުރައްވާ އެކަމަނާ ހިތްހަމަޖައްސަވައިދެއްވާ އުފާކޮށްލައްވައިދޭން ކުޑައިރުކޮޅަކަށް ދުޢާއާއި ނަމާދާއި ޒިކުރުކުރެއްވުމުން އެއްކިބާވެލެއްވިއެވެ. މިއީ އެކަލޭގެފާނު ގެނެސްދެއްވި މެދުމިނެވެ. ދެދުނިޔޭގެ ކަންތައްތަކަށް ރިޢާޔަތްކުރުމެވެ. އެންމެނަށްވެސް ޙައްޤު މަޤާމު ދެއްވުމެވެ. ހަމަ އެކަނި އަޅުކަމަށް ޚާއްޞަވެގެން ގޮސް ދުނިޔެ އެކީއެކަށް ހަނދުމަފުޅު ނައްތަވާ ވެސް ނުލައްވައެވެ. އަދި ދުނިޔޭގެ ފަހަތުން އެކަނި ދުވަމުން ގޮސް އާޚިރަތް ހަނދުމަފުޅު ނައްތަވާ ލެއްވުމަކީވެސް އެކަލޭގެފާނުގެ ސުންނަތެއްނޫނެވެ.
އަނބިކަނބަލުން ހިތްޕުޅާ ވާވަރަށް އެކަލޭގެފާނުގެ އަރިހުގައި އިންނެވުމަށްފަހު މިސްކިތްކޮޅުން ނުކުންނެވުމަށް ތެދުވެވަޑައިގަތެވެ. ދެންވެސް އަހަރެމެންގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެއްކެވީ ނަމޫނާއެވެ. އެކަމަނާ އެކަނި ދާން ދޫކޮށްނުލައްވާ އެކަލޭގެފާނަށް ޢިއުތިކާފުގައި އިންނަވާއިރު ނުކުމެވޭނެ އެންމެ ދުރަކަށް އަނބިކަމަނާއާއި އެކު ދުރުވިއެވެ. ނަބަވީ މިސްކިތުގެ ދޮރުކޮޅާއި ހަމައަށެވެ. ދެން ދޮރުމަތީގައި އެކަލޭގެފާނު މަޑުކުރެއްވިއެވެ. އަނބިކަނބަލުން މިސްކިތުން ބޭރަށް ފިޔަވަޅުފުޅު އެޅުއްވިއެވެ. އެވަގުތު މިސްކިތާ ދިމާއަށް ހިނގާފައި ދެބޭކަލަކު އެބައާދެއެވެ. އެދެބޭކަލުންނަށް ނަބިއްޔާ ޞައްލަﷲޢަލައިހިވަސައްލަމަ މުޅި ހަށިގަނޑު މޫނާއި އެކު ނިވާކުރައްވާފައިވާ ކަނބަލަކާއި އެކު ހުންނެވިތައް ފެނިވަޑައިގަތުމުން އެބޭކަލުން ހިނގަމުން އައި މިސްރާބު ބަދަލުކޮށްލާފައި ދުރަށް ހިނގައިގަތެވެ.
” ތި ދެ ބޭކަލުން ހުއްޓިވަޑައި ގަންނަވާށެވެ” އެވަގުތު ނަބިއްޔާ ޞައްލަﷲ އަލައިހި ވަޞައްލަމަ އެބޭކަލުންނަށް ޙަދީޘުކުރެއްވިއެވެ. އަދި އިތުރަށް ޙަދީޘުކުރެއްވިއެވެ. ” މިއީ ޞަފިއްޔާ އެވެ”.
އެވަގުތު އެދެޞާހާބީން ތަސްބީހަ ކިޔުއްވިއެވެ. އަދި ދެންނެވިއެވެ.” ކަލޭގެފާނާއި މެދު އަޅުގަނޑުމެން ގޯސްކޮށް ދެކޭނެތޯއެވެ” އެބަހީ ކަލޭގެފާނު ތިހުންނެވީ ހިލޭ އަންހެނަކާއި އެކުކަމަށް ދެކޭނެތޯއެވެ. އާނ އެކެވެ. އެއްވެސް މުސްލިމަކު އަދި ކިއެއްތަ އިންސާފުގެ ނަޒަރުން ބަލާ ކާފަރަކުވެސް އެކަލޭގެފާނުގެ ސިޔަރަތު ކިޔައިފިނަމަ އެކަލޭގެފާނަކީ ބަހާއި ޢަމަލު ދިމާވާ ބޭކަލެއް ކަމާއި މެދުޝައްކެއް ނުކުރާނެއެވެ. އެހެންވީ އިރު މަޙުރަމެއްނެތި ހިލޭ އަންހެނަކާއި ފިރިހެނެއް އެކަހެރިނުވަން ޞަހާބީންނަށް ޙަދީޘުކުރައްވާފައި އެކަލޭގެފާނު އެއަމުރު ފުޅާއި ދިމާ އިދިކޮޅަށް ޢަމަލުނުކުރައްވާނެކަން ކަށަވަރެވެ. އަދި ޚާއްޞަކޮށް މިކަން އެކަލޭގެފާނާއި އެކު އުޅުއްވި ޞަހާބީންނަށް މާބޮޑަށް ޔަޤީންވާނެއެވެ. ސުވާލަކީ ދެން ނަބިއްޔާ ޞައްލަﷲޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ކައިރީގައި ހުންނެވީ އަނބިކަނބަލުން ޞަފިއްޔަތުގެފާނުކަމުގައި އެބޭކަލުންނާއި މުޚާތަބުކޮށް އެޙަދީޘުކުރެއްވީ ކީއްވެތޯއެވެ. އަދި އަމުދުން ރޯދަމަހުގެ އެންމެ މާތް ފަހުދިހައިގެ ރޭތަކުގައެވެ. ރޯދަމަހަކީ ޝައިޠާނުން ކަސްތަޅުއެޅުވި ފާފަތަކާއި ކުށްހީތަކާއި ކަންކަމުން މީހުން ދުރުހެލިވެގެންވާނެ ދުވަސްވަރެއް ނޫންހެއްޔެވެ؟ މިސުވާލުތަކުގެ ޖަވާބު ދެއްވީ ނަބީކަލޭގެފާނެވެ. އެކަލޭގެފާނު އެވަގުތު އެބޭކަލުންނަށް ޙަދީޘުކުރެއްވިއެވެ. “އާދަމުގެ ދަރިންގެ ނާރުތަކުގައި ރޭ ދައުރުކުރާގޮތަށް އެމީހުންގެ ހަށިގަނޑަށް ޝައިޠާނާވަދެ ވަސްވާސްދޭނެއެވެ. އެހެންވެ ތިޔަ ދެބޭކަލުންގެ ހިތްޕުޅަށް ޝައިޠާނާ ގޯސް ވަސްވާހެއް ދީފާނެތީ ތިމަންކަލޭގެފާނު ބިރުފުޅުވެ ވަޑައިގަތީއެވެ.”
ލޮބުވެތި އެކުވެރިންނޭ! މިއީ ހަމަ ޙަޤީޤީ ހާދިޘާއެކެވެ. އެތައް ޢިލްމަކާއި ޢިބްރަތެއް މިކުރު ވާހަކައިންވެސް ޢިލްމުވެރީން ނަންގަވައެވެ. އޭގެތެރޭގައި:
އެކެއް: ޢިއުތިކާފަށް އިންނަމީހާ ގެ ގާތަށް އޭނާގެ އަނބިމީހާ ޒިޔާރަތްކުރުން ހުއްދަކަމެވެ.
ދޭއް: ޢިއުތިކާފަށް އިންނަމީހާ އޭނާގެ އަނބިމީހާއި އެކު އެކަހެރިވުން ހުއްދައެވެ. އެކަމަކު އެޙާލަތުގައި އެއްދާންކުރުން ޙަރާމްވާނެއެވެ.
ތިނެއް: އަންހެނުންނަށް ރޭގަނޑު ހާޖަތެއް އޮވެގެން ގެއިން ބޭރަށް ނުކުމެވިދާނެކަމެވެ.
ހަތަރެއް: ޢިއުތިކާފަށް އިންނަމީހާއަށް މިސްކިތުގެ ދޮރާހަމައަށް މިސްކިތުން ބޭރުނުވާނަމަ ދިއުމަކީ މައްސަލައެއްނޫންކަމެވެ.
ފަހެއް: ޝައިޠާނާ އިންސާނާގެ ހަށިގަނޑަށް ވަންނަކަމަކީ ޙަޤީޤަތެއްކަމެވެ.
ހައެއް: ރޯދަމަހު ކަސްތަޅު އެޅުވެނީ ހުރިހާ ޝައިޠާނުންނޫންކަމެވެ. އެހެނީ ހުރިހާ ޝައިޠާނުން އެޅުވޭނަމަ އެކަލޭގެފާނު އެވަގުތު އެދެބޭކަލުންގެ ހިތްޕުޅަށް ވަސްވާސް ވައްދަފާނެކަމުގެ ބިރުފުޅަށް އެހެން ޙަދީޘުކުރައްވަން ޖެހިވަޑައިނުގަތީހެވެ. އެހެންކަމުން ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި ކޮންމެ އިންސާނަކާއި އެކުވެސް ވާ ޖިންނި (ޤަރީނު) ރޯދަމަހުވެސް ވަސްވާސްދޭނެއެވެ.
އެންމެ ފަހު ކަމަކަށް މިވާހަކައިން މީސްމީހުންނަށް ތިމާއާއި މެދު ޝައްކުކުރުމަށް ޖާގަނުދިނުމުގެ މުހިއްމުކަން ދޭހަވެއެވެ. އެހެންކަމުންއެއްވެސް ހިނދެއްގައި ތިމާއާއި މެދު ޝައްކު އުފެދިދާނެ ގޮތަށް ޢަމަލު ނުކުރުމަށް ނަޞޭޙަތްތެރިވަމެވެ. އެހެނީ މިވާހަކައިގައި އިތުރުއެކަލޭގެފާނާއިއެކު އެހުންނެވީ ކާކުކަން އެބޭކަލުންނަށް އެ ބުނެދެއްވީޝައްކެއް އަދި ވަސްވާހެއް އުފައްދަން ޖާގައެއް ނުދެއްވުމަށެވެ.