މިހާތަނަށް މީހަކަށް ލިބުނު އެންމެ ބޮޑު “ގެއްލުމުގެ” ވާހަކަ

“ހެއްލުމަކީ ގެއްލުމެއް” މިއީ ވަރަށްގިނައިން އަޑުއަހާ ބަހެކެވެ. ބޯދާ މުސްކުޅި ބަހެއްކަމެއް ނޫނީ ހަރު ނަޞޭޙަތުގެ ބަހެއްކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. އެނގޭހާވެސްކަމަކީ ނުބައިނުލަފާ ރައްޓެހިންގެ ބަހަށް ހެއްލުމަކީ ޙަޔާތުގައި ވަރަށް ބޮޑެތި ގެއްލުންތަކާއި ތިމާ ކުރިމަތިލާން ޖެހޭކަމެއްކަމެވެ.

މިގޮތުން ތިރީގައި މި ލިޔާ ވާހަކައަކީ މުޅި އިންސާނީ ތާރީޚުގައި މިހާތަނަށް ހިނގާފައިވާ އެފަދަ އެންމެ ބޮޑު ގެއްލުމުގެ ޙާދިޘާއޭ ބުނެވިދާނެފަދަ ޢިބްރަތުން ފުރިގެންވާ ވާހަކައެކެވެ. އަޑުއައްސަވާ ހިތްވާ ބޭފުޅުން އަޑުއައްސާވާށެވެ. ކިޔާހިތްވާ ބޭކަލުން ކިއުއްވާށެވެ. ލިޔަންބޭނުންފުޅުވާ ކާތިބުން ލިޔުއްވާށެވެ. މިއީ އެހާވެސް ޢިބްރަތްތެރި ވާހަކައެކެވެ. މިކަމުގެ އިތުރުން މިވާހަކަ ޚާއްޞަވާ އަނެއްސަބަބަކީ މިއީ ޤުރްއާނަށްފަހު މިދުނިޔޭގައިވާ އެންމެ ޞައްޙަކަންބޮޑު ފޮތުގައި ދުނިޔެދުށް އެންމެ ތެދުވެރި ޖީލުގައި ހިނގާފައިވާ ވާހަކައެއްކަމަށް ވާތީއެވެ.

މި ޢިބްރަތްތެރި ޙާދިޘާ ހިނގިތާ މިހާރު 1440 އަހަރަށް ވުރެ ގިނަވެދާނެއެވެ. ރަށަކީ މަތިވެރި މައްކާއެވެ. ގެއަކީ އެމައްކާގެ މަތިވެރިކަން ލިބިގެންވާ ގެއެކެވެ. މަރަށް ޙާޟިރުވެ އެއޮތީ މައްކާގެ ބޮޑުންގެތެރެއިންވެސް އެންމެ ޤަދަރުކުރާ މީހާއެވެ. އޭނާގެ ވަށައިގެން އެތިބީ އޭރު މައްކާގައި ނަގާ ކިޔާ އެންމެ ބޮޑެތި މީހުންނެވެ. އަބުލްޙަކަމާއި ޢަބްދުﷲ ބުން އަބީއުމައްޔާ އަދި އަލްމުސްޢަބު ބުން ހަޒުން ފަދަ މީހުންނެވެ.

ކުއްލިއަކަށް މަންޒަރު ބަދަލުވެއްޖެއެވެ. މަރަށް ހާޟިރުވެ އޮތް އަބޫ ޠާލިބުގެ ގާތުގައި އައިސް އެހުއްޓިވަޑައިގެންނެވި ބޭކަލެއްގެ ސަބަބުންނެވެ. އެއީ އަބޫޠާލިބުގެ ހިތުގެ އެއްބައެވެ. އެބޭކަލަކަށްޓަކައި އޭނާގެ ޤައުމާ ދެކޮޅަށް ޝިޢުބޭ ކިޔުނު ކުޑަ އަވަށްގަނޑުގައި ތިން އަހަރު ބަންދުވެގެން އޭނާ ހުއްޓެވެ. އާއެކެވެ! އެއީ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ޢަބުދުﷲ ގެ ދަރިކަލުން މުޙައްމަދު ބުން ޢަބުދިﷲ- ޞައްލަﷲޢަލައިހިވަސައްލަމަ- އެވެ. ﷲ ގެ މަތިވެރި ޚަލީލެވެ. އެއިލާހުގެ އެންމެ ފަހުގެ ރަސޫލެވެ. ނަބީކަން ޚަތިމުކުރެއްވި ކައުސާހިބާއެވެ.

“އޭ ބޮޑުބޭބެއެވެ! ޙައްޤުވެެގެން އަޅުކަންވެވޭ އިލާހަކީ ހަމައެކަނި ﷲކަމަށް ހެކިވާށެވެ. އޭރުން ބޭބެއަށްޓަކައި ﷲގެ ޙަޟްރަތުގައި ތިމަންކަލޭގެފާނު ޝަފާޢަތްތެރިވާނަމެވެ. ހުއްޖަތް ޤާއިމުކުރައްވާނަމެވެ.” ބޮޑުބޭބެ ދެކެލޯބިވާ މުޅި ޢާލަމްތަކަ  ރަޙްމަތެއްކަމުގައި ފޮނުއްވި ނަބިއްޔާ ޙަދީޘްފުޅުކުރެއްވިއެވެ. ކޮންފަދަ މަތިވެރި އިޙްސާންތެރިކަމެއްތޯއެވެ؟ އެކަލޭގެފާނާއި އެއްވެސް ގުޅުމެއްނެތް މީސްތަކުން ﷲގެ ދީނަށް ވައްދަން ރެއާއިދުވާލު ބުރަ އުފުލައްވާއިރު ބަލާބޮޑުކޮށް ހޭހަންކުރި ބޮޑުބޭބެ އެ ދީނަށް ވަންނަތަން ދެކެލައްވަން ކިހާ ބޭނުންފުޅުވާނެތޯއެވެ! ނަމަވެސް އެކަލޭގެފާނުގެ އެމަތިވެރި އެދުންފުޅު އެކީ އެކަށް ފުނޑުފުނޑުވެގެންދިޔައެވެ. ކީއްވެގެންތޯއެވެ؟ އެކަލޭގެފާނުގެ ދީނާމެދު އަބޫޠާލިބު ޝައްކުކުރާތީއެއްނޫނެވެ. އަޚާގެ ދަރިންކަލުންގެ ތެދުވެރިކަމާމެދު ސުވާލު އުފައްދާތީއެއްނޫނެވެ. ހަމަ އެންމެ ސަބަބަކާއި ހުރެއެވެ.

“ކަލޭ އަބުދުލް މުއްޠަލިބުގެ މިއްލަތް ދޫކޮށްލަނީތަ؟” އަބޫޖަހުލު އުފެއްދި މި ސުވާލުގެ ސަބަބުންނެވެ. އެމަޖިލީސްގައި އިނދެފައި އަބުލް ޙަކަމު ބިން ހިޝާމް ނުވަތަ މަޝްހޫރުނަމުންނަމަ އަބޫޖަހުލު ފުންމައިގެން ތެދުވެ އެހެން ބުނެ ނަބިއްޔާ- ޞައްލަﷲއަލައިހިވަސައްލަމަ- އަށް ރައްދު ދިނެވެ. އަނެއްކާވެސް ކައުއިތުރު ނަބިއްޔާ- ޞައްލަﷲ ޢަލައިހިވަސައްލަމަ- އެކަލޭގެފާނުގެ ބޮޑުބޭބެއަށް އިސްލާމުދީނަށް ވަނުމަށް ދަޢުވަތުދެއްވިއެވެ. އެކަލޭގެފާނުގެ ބަސްފުޅު ނުނިމެނީސް އެއްކަލަ އަބޫޖަހުލު އަނެއްކާވެސް “ކަލޭ އަބުދުލް މުއްޠަލިބުގެ މިއްލަތް ދޫކޮށްލަނީތަ؟” ބުނެ އަބޫޠާލިބާއި ސުވާލުކޮށް އޭނާ ހައްލުވާލިއެވެ. މި މަޖިލީހުގައި އެދުވަހު ކާފަރެއްގެ ގޮތުގައި އިންނަވާ ފަހުން އިސްލާމުވެވަޑަގެންނެވި ޞަޙާބީ އަލްމުސައްޔިބު މި ވާހަކަ އެކަލޭގެފާނުގެ ދަރިކަލުން މަޝްހޫރު ތާބިޢީ ބޭކަލެއްކަމުގައިވާ ސަޢީދުއަށް ކިޔާދެއްވަމުން ވިދާޅުވެފައިވެއެވެ. “އަބޫޠާލިބު މަރުވީ ކުފުރުގެ މަތީގައެވެ.”

އާނއެކެވެ. އެދުވަހު އެކުވެރިންގެ ބަހަށް ހެއްލި އަބޫޠާލިބު ޙައްޤު އެނގިހުރެ އެއަށް ފުރަގަސްދިނީއެވެ. އިސްލާމްދީނަށް ނުވަދެ އެދީނުން މޫނު އަނބުރާލީއެވެ. އެކަމަކު އެދުވަހު އެތަނުގައި އިން ޢަބްދުﷲ ބުން އަބީ އުމައްޔާ ފަހުން އިސްލާމުވެވަޑައިގެންނެވި އިރު އަބޫޖަހުލު ދިޔައީ ހަމަ ކާފަރެއްގެ ގޮތުގައި މަރުވެގެންނެވެ.

ވިސްނާބަޔަކަށް މިޙާދިޘާގައި ޢިބްރަތެއް ވާކަން ކަށަވަރެވެ.

އިސްލާމްދީނަކީ ޙައްޤުދީންކަން އެނގޭއިރުވެސް އަބޫޖަހުލާއި ދެންވެސް އެތާ ތިބި އެކުވެރިންގެ ބަސް އަހައިގެން އަބޫ ޠާލިބު ކާބަފައިންގެ ކުފުރުގެ މަތީގައި ފުރާނަ ދޫކޮށްލުމުން އޭނާ ވެފައިވަނީ އަބަދުގެ އަބަދަށް ނަރަކައިގެ އޮންނަންޖެހިފައިވާ ކާފަރަކަށެވެ. އެކަމަކު ދަރިކަލުން ޢަލީގެފާނު އެދީނަށް ވައްދާ އަޚާގެ ދަރިކަލުންނަށް ތަބާވާން ނަޞޭޙަތްތެރިވުމުން ޢަލީގެފާނުވަނީ ސުވަރުގޭގައެވެ. ޅީދަރިކަނބަލުން ފާޠިމަތުގެފާނަކީ ސުވަރުގޭގެ އަންހެނުންގެ ސާހިބާއެވެ. ކާފަ ދެ ދަރިކަލުންކަމަށްވާ އަލްޙަސަން އަދި އަލްޙުސައިން އަކީ ސުވަރުގޭގައި ޒުވާނުންގެ ލީޑަރުންނެވެ. މުޅި ޢާއިލާ އެއްކޮށްހެން ސުވަރުގޭގައެވެ. އެކަމަކު އަބޫ ޠޯލިބު ގިނިކަންޏާ ނަރަކައިގެ ދާއިމީ ޢަޒާބުގައި އޮންނަޖެހުނީ ކީއްވެގެންތޯއެވެ؟

ހެއްލުމަކީ ގެއްލުމަކަށްވާތީއެވެ. މިއަށްވުރެ ބޮޑު ގެއްލުމެއް އާދަމުގެ ދަރިއަކަށް ލިބޭނެތޯއެވެ؟ ވީމާ މިއީ އެކުވެެރިންގެ ބަހަށް ހެއްލުމުން މިހާތަނަށް މީހަކަށް ލިބުނު އެންމެ ބޮޑު ގެއްލުމުގެ ވާހަކައޭ ނުބުނެވޭނެތޯއެވެ؟