އިމާމް ބުޚާރީއާއި މުސްލިމް އެބޭކަލުންގެ ޙަދީޘްފޮތްތަކުގައި، އަނަސް ބިން މާލިކު ރަޟިޔަﷲ ޢަންހުގެ އަރިހުން، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޒަމާނުގައި ބޭރުޤައުމަކަށް ފިލަންދިޔަ މުރުތައްދުވެފަ ހުރި މީހަކަށް ދިމާވި ގޮތުގެ ވާހަކަ ބަޔާންކުރައްވާފައިވެއެވެ.
މިމީހާއަކީ މަދީނާގެ ބަނުއްނައްޖާރު ދަރިކޮޅަށް ނިސްބަތްވާ މީހެއްކަމަށް ބުނެވޭ މީހެކެވެ. މީނާ އިސްލާމްވެގެން މަދީނާގައި ނަބިއްޔާޞައްލަﷲ އަލައިވަސައްލަމްގެ އަރިހުގައި އެތައްދުވަހަކު އުޅުނެވެ. މި މުއްދަތުގައި އޭނާ ސޫރަތުލް ބަޤަރާއާއި އާލަޢިމްރާނު ކިޔަވާ ދަސްކުރިކަމަށްވެއެވެ. އަދި އޭނާއަކީ ލިޔަންކިޔަން ދަންނަ މީހެއްކަމުން އޭނާ ލައްވާ ނަބިއްޔާ -ޞައްލަﷲއަލައިވަސައްލަމަ- ބައެއްފަހަރު ވަޙީލިޔުއްވާ ހެއްދެވިއެވެ.
ދުވަސްތަކެއް ފާއިތުވުމަށްފަހު މިކަލޭގެ މުރުތައްދުވެގެން މަދީނާ ދޫކޮށް ފިލައިގެން ނަޞާރާއިންގެ ގާތަށް އެމީހުންގެ ވިލާތަށް ގޮސްފި އެވެ. ދެން އެތަނުގައި މިކަލޭގެ އަހުރެން ލިޔެދިން އެއްޗެއްނޫނީ މުޙައްމަދުގެ ފާނަކަށް ނޭނގޭނެއޭކިޔައި، ނަބިއްޔާ-ޞައްލަﷲއަލައިވަސައްލަމަ އާއި އިސްލާމްދީނަށް ވަރަށް ފުރައްސާރަކޮށް އުޅުނެވެ. ދެން މާގިނަދުވަހެއްނުވެ މީނާ ކުއްލިއަކަށް މަރުވެއްޖެއެވެ. މަރުވުމުން އެޤައުމުގެ މީހުން މީނާ ވަޅުލައިފި އެވެ. އޭގެ އަނެއްދުވަހު ހެނދުނު މީނާގެ ޤަބުރުކައިރިއަށް ދިޔައިރު އޭނާގެ މަސްގަނޑު އޮތީ ވަޅުން ބޭރުގަ އެވެ. ދެން އެޤައުމުގެ މީހުން ބުނަމުންދިޔައީ، މިއީ މުޙައްމަދުގެފާނާއި އެކަލޭގެފާނުގެ އައްޞަޙާބުން ކުޅަކަމެކޭ، އެއީ އަހަރެމެންގެ އެކުވެރިޔާ އިސްލާމްދީން ދޫކޮށް ފިލައިގެން އައީމައޭ ހެދިގޮތެކޭ’ މިހެންކިޔާ ފުރަތަމަ ދުވަހަށް ވުރެ ފުންކޮށް ވަޅުކޮނެ އެއްކަލަ މުރުދައްދު ކަލޭގެ ޤަބުރު، އަނެއްކާވެސް ވަޅުލައިފި އެވެ. ނަމަވެސް ދެވަނަ ދުވަހު އިރުއެރި އިރު ކުރީދުވަހެކޭ އެއްގޮތަށް އޭނާގެ ޤަބުރުއޮތީ ކަށްވަޅުން ބޭރުވެ އެންމެނަށް ފެންނަހެން ހާމައަށެވެ.މިދުވަހުވެސް މީނާގެ އައުވާނުން، ހަމަ އެއްކަލަހެން ކިޔަން ފަށައިފި އެވެ. މިއީ މުޙައްމަދުގެފާނާއި އެކަލޭގެފާނަށް ތަބާވާމީހުންގެ ކަމަކޭކިޔައި، ކުރިއަށްވުރެ ފުންކޮށް ވަޅުކޮނެ އެއްކަލަ މުރުތައްދުކަލޭގެ ޤަބުރު ވަޅުލައިފި އެވެ. ނަމަވެސް ތިންވަނަ ދުވަހު އެރި އިރާއެކު މިމީހުންތައް ގޮސް ބެލިއިރު ހަމަ ކުރީ ދެދުވަސްފަދައިން އެ މުރުތައްދުކަލޭގެ ޤަބުރު އޮތީ ކަށްވަޅުން ބޭރުގައެވެ. އެހިސާބުން މިއީ އިންސާނުން ކުރާކަމެއްނޫނޭކިޔާފައި އެރަށުގެ މީހުން އޭނާގެ މުޅަ މަސްގަނޑު ދިމާލަކަށް އެއްލާލާފައި އެމީހުންގެ ގެތަކަށް އެބުރިހިނގައްޖެ އެވެ.
އަޚުންނާއި އުޚްތުންނޭވެ! މިއީ ނަބިއްޔާ ޞގެ މައްޗަށް ބުހުތާނު ދޮގުހަދައި، އެކަލޭގެފާނަށް ފުރައްސާރަ ކުރީ މުރުތައްދަކަށް ކަންތައްދިމާވި ގޮތުގެ ވާހަކައެވެ. އޭނާގެ މަރުވެފައިވާ މަސްގަނޑު ވަޅުލުމަށް ބިންގަނޑުވެސް ޤަބޫލެއް ނުވި އެވެ.
އޭ ޖާހިލު އިންސާނާއެވެ. ﷲ ވަނީ ތިބާއަށް މިދުނިޔޭގައި ބޭނުންގޮތަކަށް އުޅުމުގެ އިޚްތިޔާރު ދެއްވާފައެވެ. އިސްލާމްދީނަށާއި އެދީނުގެ މާތްނަބިއްޔާއަށް ފުރައްސާރަކޮށް އުޅޭއިރު ﷲގެ ބާރުނުހިނގާ ބިމަކަށް ހަމަހިލާ ކަލެއަކަށް ނުދެވޭނެ އެވެ. ވަގުތު ޖެހުމުން މަލަކުލް މައުތު ކަލޭގެ ފުރާނަ ހިއްޕަވާނެއެވެ. ދަންނާށެވެ. ﷲތަޢާލާ ގެ ޙިއްޕެވުމަކީ ގަދަފަދަވެގެންވާ ހިއްޕެވުމެކެވެ. ވަގުތު ފާއިތުވުމުގެ ކުރިން ޙައްޤުގެ މަގަށް ރުޖޫޢަވާށެވެ. މިއީ މިދުނިޔޭގައި ކަލެއަށް އިވޭނެ އެންމެ ފަހު ނަސޭހަތަށްވެސް ވެދާނެއެވެ.