މީސްތަކުންގެ ހިތްތަކުގައި މުދަލަށް އޮންނަ ދަހިވެތިކަން އިތުރުވެގެންދިއުމަކީ ޤިޔާމަތުގެ ޢަލާމާތެއްކަމަށާއި ފަހު ޒަމާނުގައި ވިޔަފާރިއާއި ގަނެވިއްކުން އިތުރުވެގެންދާނެކަމަށް އައްޝައިޚް މުޖްތަބާ ޙަމީދު ވިދާޅުވެއްޖެއެވެ.
ތަފާތު ގިނަ ޢިލްމުވެރިން ހިމަނައިގެން ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ފުރުޤާން މިސްކިތުގައި ކޮންމެ ދުވަހަކު ކުރިއަށްގެންދާ ‘އަޝްރާތު’ ޕްރޮގްރާމުގައި މިއަދު ވާހަކަފުޅުދައްކަވަމުން ޝައިޚް މުޖްތަބާ ވިދާޅުވީ ޤިޔާމަތުގެ އަލާމާތްތަކުގެ ތެރޭގައި މުދަލަށް ލޯބިކުރުން އިތުރުވުން ނުވަތަ މުދާގިނަވުން ހިމެނޭ ކަމަށާއި މުދަލަށް ލޯބިކުރުމަކީ ޤިޔާމަތުގެ ކުދި ޢަލާމާތްތަކުގެ ތެރެއިން ޢަލާމާތެއްކަމުގައި ޢިލްމުވެރިން ކަނޑައަޅުއްވާފައިވާ ކަމެއްކަމަށެވެ. އަދި މުދާގިނަވެ ވިޔަފާރިތައް އިތުރުވަމުންދާކަން ފާހަގަކުރައްވަމުން ޝައިހް ވިދާޅުވީ އަންހެނުން ވިޔަފާރީގެ ތެރޭގައި ޢާއްމުވެގެން ދިއުމަކީ ވެސް ޤިޔާމަތުގެ ޢަލާމާތެއްކަމަށެވެ.
“މީގެ އަހަރުތަކެއް ކުރިން އަންހެނުން ވިޔަފާރީގެ އިސް ސަފުގައި ހަރަކާތްތެރިވުމަކީ އެހާ އާންމު ކަމެއް ނޫން. ނަމަވެސް މިއަދު މި ފެންނަނީ މުޅިން ތަފާތު މަންޒަރެއް. އަންހެން ވިޔަފާރިވެރިން މިވަނީ އިތުރުވެފައި. އަޅުގަނޑުމެންގެ ތެރެއިން ކިތައް އަންހެނުންތޯ ފިރިމީހާ ގޭގައި ބަހައްޓާފައި ރާއްޖެއިން ބޭރަށް ވިޔަފާރިތަކުގައި ދަނީ” ޝައިޚް ސުވާލުކުރެއްވިއެވެ.
ޤިޔާމަތުގެ ޢަލާމާތްތަކަށް އަލިއަޅުވާލައްވަމުން ޝައިޚް އިތުރަށް ވިދާޅުވީ ޤަތުލް އާންމުވެގެންދިއުމަކީވެސް ޤިޔާމަތުގެ ޢަލާމާތެއްކަމަށާއި މިކަން މިވަނީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި ވަރަށް ބޮޑަށް އާންމު ވެފައިކަމަށެވެ.
ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ކޮންމެ ރަމަޟާން މަހަކު ފުރުޤާން މިސްކިތުގައި ކޮންމެ ދުވަހެއްގެ ޢަޞްރު ނަމާދަށްފަހު ކުރިއަށް ގެންދާ މި ޕްރޮގްރާމު ކުރިއަށް ގެންދާތާ މިހާރު ހަތަރު އަހަރު ވެއްޖެއެވެ. އެގޮތުން އެންމެ ފުރަތަމަ އަހަރު ކުރިއަށް ގެންގޮސްފައިވަނީ ‘ސިޔަރަތުގެ ހިޔަލުގައި’ ގެ ނަމުގައެވެ. ދެވަނަ އަހަރު ކުރިއަށް ގެންގޮސްފައިވަނީ ‘ރަން ޒަމާން’ ގެ ނަމުގައެވެ. ތިންވަނަ އަހަރު ކުރިއަށް ގެންގޮސްފައިވަނީ ‘ދަލާއިލް’ ގެ ނަމުގައެވެ. މިއަހަރު ކުރިއަށް ގެންދަނީ ‘އަޝްރާތު’ ގެ ނަމުގައެވެ. އަދި މިއަންނަ އަހަރު ކުރިއަށް ގެންދާ ޕްރޮގްރާމުގެ ނަން ރަމަޟަން މަހުގެ އެންމެ ފަހު ދުވަހު އިޢުލާނު ކުރާގޮތަށްވަނީ ހަމަޖެހިފައެވެ.