ފާޙިޝް މަންޒަރުތައް ބްރޯޑްކާސްޓް ކުރި މައްސަލަ ބަލައިދެއްވުމަށް ޖަމްޢިއްޔަތުއްސަލަފުން އެދެފި

މާނައީ: “ހަމަކަށަވަރުން، އީމާންވީ މީހުންގެ ތެރޭގައި ހުތުރުކަންބޮޑު ފާފައިގެ ވާހަކައާއި ، ޢަމަލު ފެތުރިގެންދިއުމަށް ލޯބިކުރާމީހުން (ދަންނާށެވެ!) ދުނިޔެއާއި އާޚިރަތުގައި ވޭންދެނިވި ޢަޒާބު އެމީހުންނަށް ހުއްޓެވެ. ﷲ ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ.” (ސޫރަތުއްނޫރު: 19)

އާއަހަރު ފާހަގަކުރުމަށް ބޭއްވި ޝޯ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ބްރޯޑކާސްޓްކުރުމުގެ ޤަވާޢިދުތަކާއި އަދި އޭގެ ދަށުން ހެދިފައިވާ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް (ސުލޫކީ މިންގަނޑު) އާ ޚިލާފުވެފައިވާތީ އެމައްސަލަ ބަލާ ފިޔަވަޅު އަޅައިދިނުމަށް އެދި ޖަމްޢިއްޔަތުއްސަލަފުން މިއަދު ، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަށާ އަދި މިނިސްޓްރީ އޮފް ހޯމް އެފެއާރޒް އަށް ސިޓީ ފޮނުވައިފިއެވެ. މިސިޓީގައި ބަޔާންކޮށްފައިވާ ގޮތުގައި ، އާ އަހަރު ފާހަގަ ކުރުމަށް ބޭއްވި ޝޯ، ޕަބްލިކް ސަރވިސް މީޑިއާގެ ޓީވީ.އެމް ޗެނަލުން ވަގުތުން ދައްކަމުން ދިޔައިރު، ބްރޯޑްކާސްޓު ކުރުމުގެ ޤާނޫނާއި ބްރޯޑްކާސްޓުކުރުމުގެ ޤަވާޢިދާއި ޚިލާފުވެފައިވާކަން ފާހަގަކޮށްފައިވެއެވެ. އަދި މީގެ އިތުރުން، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ، ޢާއްމު އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނުގައި ބުނާ ޢަމަލުތައް ހިނގާފައިވާކަންވެސް ފާހަގަ ކޮށް އެ ޤާނޫނު ނަމްބަރުތަކާއި ޙަވާލާދީ އަދި އެ ޤާނޫނުގެ ދަށުން އެޝޯގައި ހިންގާފައިވާ ޙަރަކާތްތަކާމެދު ފިޔަވަޅު އަޅައިދިނުމަށް އެދިފައިވެއެވެ.

އާ އަހަރު ފާހަގަ ކުރުމާއި އަދި އާއަހަރު ފާހަގަ ކުރުމުގެ ނަމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގައިދިޔަ މުންކަރާތްތަކަކީ ދީނީ ގޮތުންނާއި ، އިޖްތިމާޢީ ގޮތުން ނޭދެވޭކަމެއްކަމާއި އަދި ދީނީ ޢިލްމުވެރިންނާއި އިސްލާމްދީނަށް ލޯބިކުރާ ފަރާތްތަށް އެކަންކަމަށް އިންކާރުކުރާ ކަމެއްކަން މިފުރުޞަތުގައި އެންމެހާފަރާތްތަކަށް ހަނދުމަކޮށްދެމެވެ.