ފޭސްބުކަށް ބުރުގާ ނާޅާ ހުރި ފޮޓޯލުމުގެކުރިން މިވާހަކަ ކިޔާލާށެވެ.

މިއީ ޢަޖާއިބުން ފުރިގެންވާ ވާހަކައެކެވެ. އުސްތާޛަކު ދަރިވަރަކަށް ކިޔުއްވާދެއްވެވި ވާހަކައެކެވެ. މަދީނާގައި ހިނގައި ގޮސްފައިވާ ޙަޤީޤީ ވާހަކައެކެވެ. އަންހެން ކަނބަލެއްގެވާހަކައެކެވެ. އަދި މިއީ ސީދާ އެވާހަކަ އަޅުގަނޑުމެންނާއި ހަމައަށް އެންމެ ޞައްޙަ މަސްދަރުން އައިސްފައިވާ ޙަޤީޤީ އަޖައިބުކުރުވަނިވި ވާހަކައެކެވެ. ކޮންމެއަކަސް، މިހާރު އަޅުގަނޑު ހިތުން ދަންބެރަށް ވުރެ ތަގުޑި ދިގުވެއްޖެ ކަމަށްފެނެއެވެ. ވީމާ އަސްލު ވާހަކައާއިގެން ކުރިއަށްދާނަމެވެ. އެކަމަކު ދަންނަވަންތޯއެވެ. ބެރުޖެހުމަކީ ދަންވަރުވެސް ދުވާލުވެސް ހުއްދަކަމެއްނޫނެވެ. ދެން ވާހަކައަށް އެނބުރިލާނަމެވެ. 

އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިވަސައްލަމަ އަވަހާރަ ވެވަޑައިގެންނެވުމުގެވެސް ފަހެވެ. ހަތަރު ޚަލީފާއިންގެ ވެސްފަހެވެ. އޭރު އުއްމަތުގައި އެންމެ ނަގާކިޔާ ޢިލްމުވެރިންނަށް ތިއްބެވީ ރަސޫލުޒަމާނުގައި ތުއްޕުޅުކޮށް ތިއްބެވި ޞާހާބީންނެވެ. އޭގެތެރޭގައި ޤުރުއާން ތަފްސީރަށް އެންމެ މޮޅު ޞަހާބީ ޙިބުރުލް އުއްމަތް ޢަބްދުﷲ ބިން އަލް ޢައްބާސް ރަޟިއްޔަﷲ ޢަންހުމާ ހިމެނިވަޑައިގަންނަވައެވެ. އެކަލޭގެފާނުގެ ޢިލްމުވެރިކަމުން އެކަލޭގެފާނު ގެ ދަރިވަރުންވަނީ މުޅި އުއްމަތަށް ބެހިގެންނެވެ. ތާބިޢީ ބޭކަލުންގެ ތެރޭގައި ތިއްބެވި ފުންނާބުއުސް ގިނަ ޢިލްމުވެރިންނަކީ އެކަލޭގެފާނުގެ ދަރިވަރުންނެވެ. އެބޭކަލުންވަނީ  އިބްން ޢައްބާސްގެފާނުގެ ކިބައިން އެތައް ޢިލްމެއް ނަޤުލު ކުރައްވާފައެވެ. ހަމަ އެކަނި ނަޤުލުކުރައްވާފައިވަނީ ތަފްޞީރާއި ފިޤުހެއް ނޫނެވެ. ޢަބްދުﷲގެފާނު ލޮބުވެތި ނަބިއްޔާޞައްލަﷲ ޢަލައިހި ވަސައްލަމައާއިއެކު މަދީނާގައި އެ ހޭދަކުރެއްވި ދެތިން އަހަރު އެރަށުގައި ހިނގާގޮސްފައިވާ އެތައްއެތައް ވާހަކައެކެވެ. ދެތިން އަހަރޭ މިދެންނެވީ ޢަބްދުﷲގެފާނު ބައްޕާފުޅާއި އެކު މަދީނާއަށް ހިޖްރަކުރެއްވީ މައްކާ ފަތަޙަކުރެއްވި އަހަރެވެ. އެއީ ހިޖްރައިން 8ވަނަ އަހަރެވެ. ނަބީކަލޭގެފާނު އަވަހާރަވެ ވަޑައިގެންނެވީ އޭގެ ތިން އަހަރުވަރު ފަހުން ހިޖްރީ ގޮތުން 11ވަނަ އަހަރުއެވެ. އޭރު ޢަބްދުﷲގެފާނުގެ ޢުމުރުފުޅަކީ ތޭރަ އަހަރުކަމުގައި ބުނެވެއެވެ. ކޮންމެ އަކަސް އަނެއްކާވެސް މިއޮތީ ކުރިން ބުނިހެން ވާހަކައިގެ އަމާޒުން ކައްސާލާފައެވެ. ކަނބާފައި ނަމަވެސް ހޭރިޔާ ކުރެވޭތޯބަލާމާބަހީއެވެ.

ކުރިން ދެންނެވިފަދައިން ޢަބްދުﷲ ބިން އަލްޢައްބާސްގެ ދަރިވަރުން ރިވާކުރައްވާފައިވާ ޢިލްމުތަކުގެ ތެރެއިން އެކަލޭގެފާނަށް ރަސޫލުޒަމާނުގައި މަދީނާއިން ފެނިވަޑައިގެން އެތައް ޙާދިޘާތަކެއްވަނީ ޙަދީޘުގެ ގޮތުގައި ރިވާކުރައްވާފައެވެ. އެގޮތުންއެކަލޭގެފާނުގެ ދަރިވަރެއްކަމަށްވާ، މަޝްހޫރު ތާބިޢީ ބޭކަލެއްކަމަށްވާ،  ޢަޠާ ބުން އަބީ ރަބާޙު ރަޙިމަހުއްﷲ އަރިހުން އަލްއިމާމުލް ބުޚާރީ އާއި އަލްއިމާމު މުސްލިމު އެދެބޭކަލުންގެ ފޮތުގައި ރިވާކުރައްވާފައިވާ މިޙަޤީޤީ ތެދު ޙާދިޘާ ހިމެނެއެވެ. މި ލިޔާ ވާހަކަ ކިޔާ އިރު އަބަދުވެސް ސިކުނޑީގެ އެއްކަނުގައި މިކަން ބައިންދާތިއެވެ. ތިޔަ ކިޔުއްވަނީ ކީރިތި ޤުރުއާނަށްފަހު އުޑުދަށުގައިވާ އެންމެ ޞައްޙަ ދެފޮތުގައިވާ ޙަޤީޤީ ވާހަކައެކެވެ. މިއީ ލޯތްބާއި ކެތްތެރިކަން އެކުލެވޭ ވާހަކައެކެވެ. މިއީ އެންމެ ހެޔޮގޮތް އެދިވަޑައިގެންނެވުމާއި/ ހެޔޮމަގު ދެއްކެވުމުގެ ލާމަޞީލު މިސާލެކެވެ. މިއީ އީމާންތެރިކަމާއި ޢިއްފަތްތެރިކަމުގެ އެފަދަ ދެވަނައެއް ނެތް ޙަޤީޤީ ވާހަކައެކެވެ. ދެން ލަސްކުރައްވާނެކަމެއް ނެތެވެ. އަވަހަށް ވާހަކަ ކިޔުންވާށެވެ.

” ޢަޠާ ބިން އަބީ ރަބާހުގެފާނު ވިދާޅުވިއެވެ. އެއްދުވަހަކު ޢަބްދުﷲ ބިން އަލްޢައްބާސްގެފާނު ތިމަންނައަށް ދެންނެވިއެވެ. އޭ ޢަޠާއެވެ! ސުވަރުގެވަންތަ ވެރިއެއް ކަލޭގެފާނަށް ދައްކަވަންތޯއެވެ.” ޔަޤީނެވެ. އަޅުގަނޑުމެންނަށް މިފަދަ ފުރުޞަތެއް ލިބުނަސް ވަގުތުން އާނއެކޭ ބުނާނެއެވެ. އެމީހަކު މަރުވުމުގެ ކުރިން ސުވަރުގެ ލިބޭނެކަމުގެ ޔަޤީންކަންލިބިފައިވާ މީހަކު ހަމަ ލޮލުން ދެކިލަން ބޭނުން ނުވާނީ ކާކުތޯއެވެ؟  ޢަޠާގެފާނު ވަގުތުން އާދޭހޭ ވިދާޅުވިއެވެ. ދެން ޢަބްދުﷲގެފާނު އެހިސާބުގައި ހުރި އަންހެބޭކަނބަލަކަށް އިޝާރާތްކުރައްވާ އެހަރަ ކަޅު އަންހެން ކަމަނާއޭ ދެންނެވިއެވެ. އަދި އިތުރަށް ވިދާޅުވިއެވެ. އެކަމަނާ އަކީ މަގުމަތީގައި ހިގާފައި ދާއިރު ކުއްލިކުއްލިއަށް ހޭނެތިގެން މަގުމައްޗަށްވެއްޓޭ ބޭކަނބަލެކެވެ. އެވެއްޓެނީ ޖިންނި އުދަގުލެއްގެ ސަބަބުން ކަމެއް ނުވަތަ ނާރުތަކުގެ ސަބަބުން އުފެދޭ ކަމަކުންކަމެއް ނޭނގެއެވެ. ކޮންމެއަކަސް ޢަބްދުﷲގެފާނު ވިދާޅުވިއެވެ. އެގޮތަށް އެކަމަނާ ވެއްޓޭތީ އެއްދުވަހަކު އިތުރު ނަބީކަލޭގެފާނު ޞައްލަﷲޢަލައިހި ވަސައްލަމަގެ އަރިހަށް ވަޑައިގަތެވެ. އަދި ދެންނެވި އެވެ. އޭ ﷲގެ ރަސޫލާއެވެ. ތިމަންކަމަނާ ހިނގަހިނގާހުއްޓާ ވެއްޓެއެވެ. އަދި އެކަމުގެ ސަބަބުން ޢައުރަ ކަޝްފުވެސް ވެއެވެ. މިބަލިން ސަލާމަތްކޮށްދެއްވުމަށް އެދި ދުޢާކޮށްދެއްވާށެވެ. ޖަވާބުގައި އިތުރު އެކަލޭގެފާނު ޙަދީޘުކުރެއްވިއެވެ. ” ކަމަނާ ތިކަމަށް ކެތްތެރިވެ ވަޑައިގެންފިނަމަ ވަނީ ސުވަރުގެއެވެ. އަދި ބޭނުންފުޅުނަމަ ތިމަންކަލޭގެފާނު ކަމަނާއަށް ޝިފާދެއްވުމަށް އެދި ދުޢާކޮށްދެއްވާނަމެވެ.”

ކުޑަ ވަގުތުކޮޅަކަށް ވާހަކައިން ބޭރަށް ޖެހިލާނަމަވެ. އަޅެ ތިބާއަށް މިޗޮއިސް ލިބިއްޖެއްޔާ އިޚްތިޔާރުކުރާނީ ކޮން ގޮތެއްތޯއެވެ؟ އެކަންއަމިއްލަ ނަފްސާ ދެމެދު ނިންމަވާފައި ބާއްވާށެވެ. އެކަމަނާ ޚިޔާރުކުރެއްވީ ކޮންގޮތެއްކަން އެނގޭތޯއެވެ. އެކަމަނާ ވަގުތުން ޖަވާބު ދެއްވިއެވެ. “އެހެންވީއިރު ތިމަންކަމަނާ އެކަމަށް (އެބަހީ އެވެއްޓޭ ވެއްޓުމަށް) ކެތްތެރިވާނީއެވެ”. އާނއެކެވެ. މިދުނިޔޭގައި ހޭދަވާ ވަގުތުކޮޅަކީ މަދު ވަގުތުކޮޅެކެވެ. އެއްދުވަހު ހެޔޮކޮށް ހިނގައިފިއްޔާ އަނެއް ދުވަހު އޮންނަނީ ކޮންމެވެސް ކަމެއް ލައިގެންފައެވެ. މިހާރު މިތިބީ ކުޑަކުޑަ ވައިރަހަކާއި ހެދި އެންމެ ގޭ ބަންދުގައެވެ. މިސްކިތްތަކާއި ފުޓުބޯޅަ ދަނޑުތައް ބަންދުކޮށްފިއެވެ. ހޮޓާ ރެސްޓޯރެންޓުތައް ހުރީ އެތެރޭގައި ޚިދުމަތް ނުދޭގޮތަށެވެ. 

މިއަދު މިއޮތީ އެކަމަނާ ގޮތަށް ކެތްތެރިވާން ޖެހިފައެވެ. ކެތްތެރިކަމަކީ ސުވަރުގެއަށް ވާޞިލުކޮށްދޭ ޢަމަލެކެވެ. އެންމެ ބޭފުޅުން ކެތްތެރިވާށެވެ. ދުޢާކޮށް ނަމާދުކުރާށެވެ. ތައުބާވެ އިސްތިޣުފާރުކުރުން ގިނަ ކުރާށެވެ. މިއީ މިވަގުތު އަޅުގަނޑުމެން އަސްލުކުރަންވީ ކަންތައްތަކެވެ. ނަމަވެސް……………..

ނަމަވެސްތޯއެވެ. ފެންނަނީ އެންމެ ދެކެންބޭނުންވާ މަންޒަރެއްނޫނެވެ. ކުށްވެރިކުރުމާއި ކުށްދެއްކުމެވެ. ޝަކުވާކުރުމާއި ވަގުތު ބޭކާރުކުރުމެވެ. ފާޑުފާޑުގެ ޗެލެންޖުތަކުގައެވެ. އަދި ޚާއްޞަކޮށް މިފަދަ ރަމަޟާންމަހެއްގައި ބައެއް ކަނބަލުން ކުރީގެ ފޮޓޯ ފޯސްޓުކުރާށޭ ކިޔާފައި، ތިމާގެ ޢައުރަ ކަޝްފުކޮށް ނަގާފައިހުރި ފޮޓޯއެބަ ފަތުރައެވެ. ޙަޤީގަތުގައި އަންހެނުންނަކީ އެމީހުންގެ ފޮޓޯ އެގޮތަށް ފަތުރަންވާނެ ބައެއްނޫނެވެ. 

މާޢާފުކުރައްވާށެވެ. މިދެއްކުނީ ހުސް އެހެން ވާހަކައެކެވެ. މިވާހަކަތައް ފޮހެލަންވެސް ހިތަށް އެބަ އަރައެވެ. އެކަމަކު ދަންނަވަންތޯއެވެ. ތިމާގެ ބުރުގާނާޅާ ފޮޓޯ ނުވަތަ ޢައުރަ ކަޝްފުވާގޮތަށް ހުންނަ ފޮޓޯ ޕޯސްޓުކުރުމުގެ ކުރިން އަޅުގަނޑުމެން މިކިޔަމުން އަންނަ ވާހަކަ އަޅެ އެއްކޮށް ކިޔާލަބަލާށެވެ. ކޮންމެއަކަސް އެކަމަނާ އިޚްތިޔާރުކުރީ ބަލި ޙާލުގައި މުޅި އުމުރު ހޭދަކޮށްލާށެވެ. އެއީ އޭގެ އަގަކަށް ސުވަރުގެ ލިބޭނެތީއެވެ. އެކަމަށް އެގެރެންޓީ ދެއްވީ ތެދުވެރި ނަބިއްޔެކެވެ. ނަމަވެސް ތިބޭފުޅުންނަށް އެނގޭތޯއެވެ. އަދި އެހިސާބުން ޢަބްދުﷲގެފާނު ކިޔާދެއްވި ވާހަކަ ނުނިމެއެވެ. އެކަލޭގެފާނު ދެން ވިދާޅުވެ ދެއްވީ އަދި މާއާދަޔާ ޚިލާފު ވާހަކައެކެވެ. “ދެން އެކަމަނާ ކުޑައިރުކޮޅަކުން ހުންނަވާފައި ދަންނަވައިފިއެވެ. (ތިން ކަމަނާ އެހެން ވެއްޓޭވަގުތު ތަކުގައި) ޢައުރަ އެބަ ކަޝްފުވެއެވެ. އެކަން އެގޮތަށް ނުވޭތޯ ދުޢާ ކޮށްދެއްވާށެވެ”. ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަނާގެ ޢައުރަ ކަޝްފުނުވޭތޯ ދުޢާކޮށްދެއްވިކަމަށް ޢަބްދުﷲގެފާނު ވިދާޅުވިއެވެ.

އަޅެ ކިހައި ޢަޖައިބުކުރުވަނިވި ކަމެއްތޯއެވެ. ވެއްޓޭބައްޔަށް އުމުރުދުވަހު ކެތްތެރިވުމަށް އެކަމަނާއަކަށް އުދަގޫފުޅެއްނުވިއެވެ. ނަމަވެސް އެކަމަނާގެ އިޚްތިޔާރުން ބޭރުގައި އެކަމަނާގެ ޢައުރަ ކަޝްފުވާކަށްވެސް ކެތްތެރިވެ ވަޑައިނުގެންނެވުނެވެ. އެކަމާއި ނުރުހެވުނެވެ. މިއީ ސުވަރުގެ ވަންތަވެރީންނެވެ. ސުވަރުގެއަށް ނުވަދެދާނެތީ ބުރުގާ އެޅުމަށް ފަހު އަޅުގަނޑުމެން އަމިއްލަ އިޚްތިޔާރުގައި ބުރުގާނާޅާ ޒަމާނުގެ ފޮޓޯ އަދިވެސް ހަމަ ފޭސްބުކަށް ލާނަންތޯއެވެ. އެނުލައި ހަމަ ކެތްނުކޮށްލެވޭނެތޯއެވެ. އަޅެ އަޖުމަބަލައިލަން އެކަހަލަ ފޮޓޯނުލާން އަމިއްލަ ނަފްސާ ޗެލެންޖެއް ކޮށްލަމާތޯއެވެ!