ދީނީ އެކިއެކި މަޢުލޫމާތު ގެނެސްދިނުމަށް މުޅިން އައު ޕްރޮގްރާމެއް

ދީނީ އެކިއެކި މަޢުލޫމާތު ގެނެސްދިނުމަށް އަނެއްކާވެސް މުޅިން އައު ޕްރޮގްރާމެއް ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ފެށުމަށް ހަމަޖައްސައިފިއެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ޔޫޓިއުމް، ފޭސްބުކް، ޓްވިޓާ އަދި ވައިބާ މެދުވެރިކޮށް މީސްތަކުންނަށް އެކިއެކި ދީނީ މަޢުލޫމާތު ފޯރުކޮށްދިނުމަށް ފެށި މިޕްރޮގްރާމަކީ ގާތްގަނޑަކަށް 5 މިނިޓްގެ ކުރު ވީޑިއޯތަކެކެވެ. ‘ފަސްއަލޫ އަހްލައްޛިކްރި’ ގެ ނަމުން ނަންދެވިފައިވާ މި ޕްރޮގްރާމުގައި ތަފާތު އެކިއެކި ޢިލްމުވެރިން ބައިވެރިވެވަޑައިގަންނަވާ ގޮތަށްވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމުގެ ފުރަތަމަ އެޕިސޯޑު މިއަންނަ ހުކުރު ދުވަހު ނެރޭގޮތަށްވަނީ ހަމަޖެހިފައެވެ. ކޮންމެ ހުކުރު ދުވަހެއްގެ ހެނދުނު 10:30 ގައި ގެނެސްދޭ މިސިލްސިލާ ގެ ފުރަތަމަ ޕްރޮގްރާމް ގެނެސްދޭނީ އައްޝައިޚް ޙަސަން މޫސާ ފިކްރީ އެވެ.

“މިއީ ޖަމްޢިއްޔަތުއްސަލަފުގެ ދީނީ އެކިއެކި ޙަރަކާތްތަކުގެތެރެއަށް އަންނަ މުޅިން އައު ޕްރޮގްރާމެއް. މި ޕްރޮގްރާމުގައި ދީނީ ސުވާލުތަކުގެ އިތުރުން އެއިރެއްގައި މީސްތަކުންނަށް އެންމެ ބޭނުންވާ ދީނީ މަޢުލޫމާތުތައް ގެނެސްދެވޭނެ. އަދި އަޅުގަނޑުމެންގެ ތެރޭގައި ފާހަގަ ކުރަމުންދާ ދީނީ އެކިއެކި މުނާސަބަތުތަކާއި، ބިދުޢަވެރި ކަންތައްތަކާއި ގުޅޭ މަޢުލޫމާތުތަކާއި، މުސްލިމުން ފާރަވެރިވާން ޖެހޭ ކަންތައްތަކާ ގުޅޭގޮތުންވެސް އަލިއަޅުވާލާގޮތަށް މިޕްރޮގްރާމް ރާވާފައި މިއޮތީ” ޕްރޮގްރާމުގެ ކޯޑިނޭޓަރު އައްޝައިޚް ޙަސަން މޫސާ ފިކްރީ ވިދާޅުވިއެވެ.

“ފަސްއަލޫ އަހްލައްޒިކްރި” ޕްރޮގްރާމަކީ ޖަމްޢިއްޔަތުއްސަލަފުގެ ޕްރޮގްރާމްތަކުގެ ތެރެއިން، އުފަންދަމުންދާ ކުރު ވީޑިއޯ ސިލްސިލާތަކުގެ ތެެރެއަށް އިތުރުވެގެންދާ މުހިންމު ޕްރޮގްރާމެކެވެ. ދިވެހިރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން މިހާރުވެސް ތަފާތު އެތައް ޕްރޮގްރާމްތަކެއް ދަނީ ގެނެސްދެމުންނެވެ. އޭގެތެރޭގައި ވީޓީވީ އާއި ޖަމްޢިއްޔަތުއްސަލަފާ ގުޅިގެން ކޮންމެ އާދީއްތަ ދުވަހެއްގެ ރޭ10:30 އިން 11:30 އަށް ލައިވްކޮށް ގެނެސްދޭ “ސީދާރާސްތާ” ޕްރޮގްރާމްއާއި ކޮންމެ ބުދަ ދުވަހެއްގެ ރޭ10:30 އިން 11:30 އަށް ލައިވްކޮށް ގެނެސްދޭ “ޢިލްމީޚަޒާނާ” ހިމެނެއެވެ. އަދި ސަންގު ޓީވީއާއި ޖަމްޢިއްޔަތުއްސަލަފާ ގުޅިގެން ކޮންމެ އާދީއްތަ ދުވަހެއްގެ ރޭ 10:00 އިން 11:00 އަށް ލައިވްކޮށް ގެނެސްދޭ “ސަލާމަތުގެ އަައްސޭރި” ހިމެނެއެވެ. އަދި ހަފްތާގެ ތެރޭގައި އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ މިސްކިތު ދަރުސްތަކާއި، ހަފްތާ ބަންދުތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށް ގެންދާ ދަރުސްތައްހިމެނެވެ.