އެއީ މީގެ ތިރީސް އަހަރު ކުރިއެވެ. ހަމަ މިކަހަލަ މެންދުރެއްގެ ވަގުތެކެވެ. ޢައިސާފުޅު އުޅެނީ މަންމަ އާއި އެކު ބަނބުކެޔޮ ތެލުލުމަށް ބަދިގޭގައެވެ.
ކުއްލިއަކަށް ބޭރުން އައިސް ގެއަަށް އެވަނީ ބައްޕައެވެ. އަދި ހަރުކޮށް ހިނގާފައި އައިސް ޢައިސާފުޅުމެން ދެމައިންގާތުގައި ހުއްޓުނެވެ. ” މި ދިމާވީ ރަނގަޅަށް. މި ސިޓީ އިއްވަންޖެހޭ ދެމީހުންނަކީ ތިއީ” ބައްޕަގެ އަތުގައި އޮތް ސިޓީ ދައްކާލަމުން ބުންޏެވެ.
އެސިޓީއަކީ ޢަލިދީދީ ޢައިޝާފުޅާއި ކައިވެނި ކުރަން ބޭނުންވެގެން ބައްޕައަށް އެކަމަށް އެދި ފޮނުވި ސިޓީއެކެވެ. އެޒަމާނުގައި ކުރަނީ ކައިވެއްޏެވެ. ދެން ބަލަނީ އެކުގައި ދިރިއުޅެވޭތޯއެވެ. ނޫޅެވިއްޖެއްޔާ ދެން ކުރަނީ ވަރިތާއެވެ. ކައިވެނީގެ ކުރިން ދަސްކޮށް ދެނެގަނެއެވެ. އޭރު ކައިވެނިކުރަން ބޭނުންވާ އަންހެން ކުއްޖާއާއިބެހޭ ހުރިހާ މަޢުލޫމާތެއް އޭނައަށް އަންގާވެސް ނުލައި ފިރިހެންކުއްޖާ ހޯދާނެއެވެ. އަދި އެއަށްފަހު ވަލީވެރިޔާއަށް ހުށައަޅަނީއެވެ. މިހާރު މިއޮންނަ ގޮތަށް ދެކުދިން ދަސްކުރަނީއޭ ކިޔައިގެން އެމީހެއްގެ ގައިގައި ނެތް ޞިފަތައް ދައްކައިގެން އެތައް ޒަމާނަކު އެއުޅޭނެހާ ގޮތަކަށް ޙަރާމެއް ޙަލާލެއް ނުބަލާ އުޅެފައި އިންނަފަހުން ހޯދުނީ “ސެކަންޑް ހޭންޑް ބުރޭންޑެއްކަން” އެނގުމުން ދެން މިއޮންނަނީ ވަރީގެ ރިކޯޑު ގިނަވެފައެވެ. ކޮންމެއަކަސް އެޒަމާނުގެ އެ ރީތި އާދަ ރަށުގައި އާލާކުރަށް މިހާރުވެސް ޢަލިދީދީ ވަރަށް މަސައްކަތް ކުރެއެވެ.
ކުއްލިއަކަށް ޢައިޝާފުޅު ސިއްސައިގެން ދިޔައީ “ފުޅާއޭ” ކިޔާ މީހަކު އެއްޗެކޭ ބުނި އަޑަށެވެ. އޭރު ޢަލިދީދީ ބޮޑު ދޮރުން އެއްފައި މަގުމައްޗަށް އަޅައިފިއެވެ. އޭނާއަށް މި ހުރެވުނީ މާޒީގައެވެ. ބައްޕަ އެދުވަހު އެ ސިޓީ ކިޔާދިން ތަނުގައެވެ. އަވަސް އަވަހަށް އަތުގައި އޮތް ތަށި ކުރިމަތީގައި ހުރި ފެންބާލިދީ ތެރެއަށް ލިއެވެ.
އޭރު ބޭރަށް ދިޔަ ގޮތަށް ޢަލިދީދީ ދެން ގެއަށް އައީ ޢިޝާ ނަމާދުކޮށްގެނެވެ. އެޒަމާނުގައި ރެއަށް ކައިގެން އިރާކޮޅާ ވަރަށް އަވަހަށް މީހުންނިދާނެއެވެ. ޢަލިދީދީގެ ދެމަފިރިންވެސް ނިދަން އޮށޯވެއްޖެއެވެ. ރޯނުފުރި އެނދުގައި ބުރަކަށި ޖެހުމާއި އެކު ޢަލިދީދީ ގަދަ ނިދީގެ ތެރެއަށް ޣަރަގުވިއިރު ޢައިޝާފުޅުގެ ގާތަށް ނިއްޖެއްނައެވެ. އޭނާގެ ހިތުގައި އަރާފައިބަމުން ދަނީ އެތަށް އިޙްސާސެކެވެ. ފިރިމީހާ އޭނާއަށް ބޭވަފާތެރިނުވާނެކަން އޭނާގެ ހިތަށް ވިސްނއިދޭން އެތައްގޮތަށް އުޅެއުޅެ ކުރިއެރުމެއްނުލިބުނެވެ. އެ ހިތް އޭނާގާތު ބުނަނީ ލޮލަށް އިތުބާރުކުރާށެވެ. ކަންފަތަކީ އެހެން މީހުން ދައްކާ ވާހަކަ އެކަނި ދެނެގަންނަ ގުނަވަނެކެވެ. ޢަލިދީދީ ކިތަންމެވަރަކަށް އެއީ ވާހަކައެކޭ ބުނިކަމަށްވިޔަސް ތިމާގެ ލޮލުން އެ ކަރުދާސްގަނޑުގައި “ދެއަނބިން” މި ޢިބާރާތް ލިޔެފައި އޮތްތަން ދުށްއިރު އެހާއަވަހަށް އެކަން ޤަބޫލު ނުކުރުމަށެވެ. މިފަދަ ފިކުރުތަކެއްގައިވަނިކޮށް ޢައިޝާފުޅު ސިއްސައިގެން ދިޔައީ ވަރަށް ބާރަށް ދެބުޅާ ކޯޅިގަތް އަޑަށެވެ. އޭނާއަށް ބޭއިޚްތިޔާރުގައި ހަޅޭލަވައިގަނެވުނެވެ.
” ކިހިނެއްވީ؟ އެއީ ދެ ބުޅަލެއްނު ތިޔަހާ ބިރެއް ތިޔަ ގަތީ. މުސަޅުކޮށި ތަޅުނުލަނީތަ. ހާސްވެފައި ތިއިނީ؟” ދެލޯ ކަހަމުން ޢަލިދީދީ ތެދުވަމުން ފާރުގައި ލައްގަނެގެން އިން އަންހެނުންނާއި ދިމާއަށް ބުނެލިއެވެ.
“ނޫން” ޢައިސާފުޅު ދިނީ ކުރު ޖަވާބެކެވެ.
” ކޮން ކަމަކަށް ނޫނޭ ތިޔަބުނީ.” ޢަލިދީދީ އަށް ޖެހުނީ އިތުރަށް ސުވާލުކުރާށެވެ. ޢައިސާފުޅު އޮޅުންފިލުވާދިނެވެ.
” ދެން ހިނގާ އެހެންވިއްޔާ ނިދަން. މިހާރު ރަށު އެންމެން ނިދައިފިކަންނޭނގެ”
” ރަށު އެންމެން ނިދިޔަކަސް އަހަރެންނަކަށް މިރެއަކު ނުނިދޭނެ” ޢައިޝާފުޅު ބުންޏެވެ.
” އެއީ ކީއްވެ؟” ހައިރާވެފައި ހުރެ ޢަލިދީދީ އެހިއެވެ.
” ތެދަށްބުނޭ. އެ ގަނޑުގައި ލިޔުނީ ކޯން އެއްޗެއް” ދެ ބުޅަލުގެ ކޯޅުމުން ހިތްވަރު ލިބިގަނެ ފިރިމީހާ އާއި ކޯޅިގެންވެސް ޖަވާބު ހޯދަން ޢައިޝާފުޅު ހުރީ ތައްޔާރަށެވެ.
” އައްދޭ…..” ދިގުކޮށް ދަމާލަމުން ޢަލިދީދީ ބުނެލިއެވެ. އޭނާގެ ނިދިވެސް ފިލައިފިކަަހަލައެވެ. ” އެވާހަކަ ހޯދަން ތިޔައުޅެނީ މާވަރަކުން ކީއްވެ؟”
” ތިޔަކުރީ އިތުރު ސުވާލެއް. އަހަރެންގެ ސުވާލަށް ޖަވާބުދީ ފުރަތަމަ” ވަރަށް ޖޯޝުގައި ޢައިޝާފުޅު ރައްދުދިނެވެ. ” ދެން މި ދަންވަރު އެކަމަކު ކީއްކުރަންތަ އެވާހަކަ ކިޔަނީ. ތިއީ ކުޑަކުއްޖެއްތަ.” ޢަލިދީދީގެ ގާތަށް އައި ހިންޏެވެ.
” ހޭނެކަމެއް ނެތް. އެ ގަނޑުގައި ލިޔުނު އެއްޗެއް ނުކިޔާދީ މިރޭ ނުނިދޭނެ. ތެދަށް ބުނަށްވީ” ޢައިޝާފުޅުގެ އަޑު އިހުންނަށްވުރެން ބާރުވިއެވެ. ދެން ދެމަފިރިން އެކަކު އަނެއްކަކަށް ޒުވާބުދީ ރައްދުދިނުމުގައި އެތައް ވަގުތެއް ފާއިތުވެއްޖެއެވެ. ދޭތެރެދޭތެރެއިން ޢައިޝާފުޅުގެ އަޑު ބާރުވެގެންދެއެވެ. އެންމެ ފަހުން ޢަލިދީދީ އިތުރަށް އަންހެނުން ނުތަޅުވާންވެގެން އެވާހަކަ ކިޔައިދޭން އެއްބަސް ވެއްޖެއެވެ.
ދެމަފިރިން އެތެރެގެއިން ނުކުމެގެން ގޮސް ރޭގަނޑުގެ ދަންވަރު ވަގުތުގައި އެވަނީ ޢަލިދީދީ ފޮތް ކިޔާ ކޮޓަރިއަށެވެ. ހެނދުނު ނެގިގޮތަށް ޢަރަބި ބަހުން ލިޔެފައި އޮތް ފޮތާއި އުރުދޫ ފޮތްވެސް މޭޒުމަތީގައި ހަމަ އޮތެވެ. ދެން ޢަރަބި ފޮތް ހުޅުވާލާފައި އޭގައި އެވާއެއްޗެއް ޢައިޝާފުޅަށް އިވޭވަރަށް ކިޔައިފިއެވެ.
” ބަލަ. އަހަރެންމީ ދަންނަބޭކަލެއްތަ. ޢަރަބިން ލިޔެފައި އޮތް އެއްޗެއް އެނގެން” ހިތްހަމަނުޖެހިފައި ފުޅި ބައްތި ހިފައިގެން ޢަލިދީދީގެ މޫނަށް ބަލަހައްޓައިގެން ހުރެ ޢައިޝާފުޅު ބުންޏެވެ.
” އަހަރެން އޭގެ ތަރުޖަމާ ކިޔައިދިނިއްޔާ ޤަބޫލުކުރާނަންތަ؟” ޢަލިދީދީ ސުވާލެއް އުފެއްދިއެވެ.
” ކީއްވެތަ ޤަބޫލުނުކުރަންވީ. ތީ ފިރިމީހާވިއްޔަ” ޢައިޝާފުޅު ބުންޏެވެ.
” ދެން އެއީ ވާހަކައެކޭ ބުނީ ކީއްވެތަ އެކަން ޤަބޫލުނުކޮށް ނުނިދިގެން މިތަނުގައި މިއޮށް ދަންވަރު މިތިބީ” ޢަލިދީދީ ރައްދުދިނެވެ.
(ނުނިމޭ)