ދެއަނބިންގެ ސަބަބުން ދަސްވި ފިލާވަޅު(ފަހު ބައި)

” އެއީ ” ބުނަށްވީތޯ ޢައިޝާފުޅު ސުވާލު އުފެއްދިއެވެ. ޢަލިދީދީ އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ. ދެން އެއްވެސް ޖެހިލުމެއްނެތި ޢައިޝާފުޅު ބުންޏެވެ.” އެއީ އެ ގަނޑުގއި “ދެ އަނބިން” މިހެއް ލިޔެފައި އޮތީމަ”
ކުއްލިއަކަށް ދަންވަރުގެ ހަމަ ހިމޭންކަން ފޫއަޅުވާލީ ޢަލިދީދީގެ ވަރުގަދަ ހިނިގަނޑެވެ. އޭނާ ބިނދިބިނދިފައި ހެނީއެވެ. ކުއްލިއަކަށް މުޅި ކޮޓަރި އަނދިރިވެއްޖެއެވެ. ޢައިޝާފުޅު ރުޅިގަދަވެގެން ބައްތި ހިފައިގެން ނުކުތީއެވެ. ޢަލިދީދީ އަތް ކާއްތަމުން ނުކުތެވެ. އަދި އެތެރެގެއަށް ވަންއިރު ޢައިޝާފުޅު އެނދުމަތީ ފާރާދިމާލަށް މޫނު ލައިގެން ރޯން އިނެވެ. މިހެން އުޅެން ހަދައިގެން މިރޭ ނިދިކޮޅެއް ނުލިބިދާނެހެން ހީވީމާ ޢަލިދީދީ ރޯން އިން އަަނބިމީހާގެ ގާތުގައި އިށީނެވެ. އަދި މަޑުމަޑުން ” ލޯބިވާ ފުޅާއޭ! އަޑުއަހާށޭ!” ބުނެފިއެވެ.

އެއީ ޢިމާމު މުސްލިމު އެކަލޭގެފާނުގެ ޙަދީޘު ފޮތުގައި ޞަޙާބީންގެ ތެރޭގައި ހިމެނޭ އަބޫ މޫސާ އަލްއަޝަޢަރީ ރަޟިއްޔަﷲ ޢަންހުގެ ދަރިކަލުން އަބޫ ބުރުދަތުގެފާނުގެ ކިބައިން ރިވާކޮށްފައިވާ ވާހަކައެކެވެ. އެވާހަކާގައިވާ ގޮތަކީ އެއްދުވަހަކު އަބޫ ބުރުދަތުގެފާނު އެކަލޭގެފާނުގެ ބައްޕާފުޅު އަބޫ މުސާ ޢައްބާސްގެފާނުގެ ދަރިކަލުން އަލްފަޟްލުގެ ދަރިކަނބަލުންގެ ގޭގައި އިންދާ ޒިޔާރަތްކުރިއެވެ. ދެން ބައްޕަގެ ގާތުގައި އިނދެ އަބޫބުރުދަތުގެފާނު ކިބިއްސެއް އެޅުއްވިއެވެ. އަދި އޭގެ އިރުކޮޅެއްފަހުން އަލްފަޟްލުގެ ދަރިކަނބަލުން ވެސް ކިބިއްސެއް އެޅުއްވިއެވެ. އެކަމާނާ ކިނބިހި އެޅީމާ އަބޫ މޫސަލު އަލްއަޝަޢަރީގެފާނު يَرحَمكِ اللهُ ( ﷲ ކަމަނާއަށް ރަޙްމަތް ލައްވާށި) މިފަދައިން ދުޢާކުރެއްވިއެވެ. މިކަަމާއި އަބޫ ބުރުތަދުގެފާނު ވަރަށް ހިތްޕުޅުގައި ޖެހިވަޑައިގަތެވެ. ވަގުތުން ގެއަށް ގޮސް މަންމާފުޅުގެ ގާތުގައި ކަން ވީގޮތް ކިޔަދީފިއެވެ. ދެން އެދުވަހު އަބޫ މޫސާ އަލްއަޝަޢަރީގެފާނު އެގެއަށް ވަޑައިގެންނެވި އިރު އަނބިކަނބަލުން ހުންނެވީ ވަރަށް ހިތްޕުޅާ ނުވެފައެވެ. އެކަލޭގެފާނު ހަމަ ދޮރުން ވަދެވަޑައިގަތުމާއި އެކު އަނބިކަމަނާ ދަންނަވައިފިއެވެ. ” ތިމަންގެ ދަރިފުޅު ކިނބިހި އެޅީމައި ރަޙްމަތް ލެއްވުމަށް އެދި ދުޢާވެސް ކޮށްނުލިއެވެ. އެކަމަކު އަލް ފަޟްލުގެ ދަރިކަނބަލުން ކިނބިހި އެޅީމައި ދުޢާކޮށްދިނެެވެ.” ދެން އެވަގުތު އަބޫ މޫސަލް އަޝަޢަރީ އަނބިކަނބަލުންނާއި ދަރިކަލުންނަށް ދެންނެވިއެވެ. އެއީ ދަރިފުޅު ކިނބިހި އަޅާފައި ޙަމްދެއް ނުކުރެއެވެ. އެކަމަކު އެކަމަނާ ކިނބިހި އަޅާފައި ޙަމްދު ކުރިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރައްވަނިކޮށް ތިމަންކަލޭގެފާނު އެއްސެވީމެވެ. “މީހަކު ކިނބިހިއަޅާފައި ﷲއަށް ޙަމްދުކުރުމުގެ ގޮތުން “އަލްޙަމްދުލިއްލާހި” މިހެން ކިޔައިފިނަމަ އޭނާއަށް ރަޙްމަތް ލެއްވުން އެދި “ޔަރުޙަމުކަ ﷲ” މިފަދައިން ދުޢާކޮށްދޭށެވެ. އަދި މީހަކު ކިނބިހި އަޅާފައި ޙަމްދުނުކޮށްފިއްޔާ އޭނާއަށް ރަޙްމަތް ލެއްވުން އެދި ދުޢާނުކުރާށެވެ.”
” ދެން ދެއަނބިންގެ ސަބަބުން ދަސްވިފިލާވަޅޭ ކީއްކުރަން ލިޔުނީ. އެއީ އެދަރިކަލުންގެ ސަބަބުން އެނގުނުކަމެއްނު.” ޢަލިދީދީ ވާހަކަ ކިޔާއިދީ ނިމުމާއި އެކު ޢައިޝާފުޅު ސުވާލުކުރިއެވެ. ވާހަކަ ކިޔައިދިން އިރުގައިވެސް ކަނުލައި އަހަން އިނީ ދެއަނބިން މިލަފުޒު ކިޔާތޯ ތޯއްޗެކެވެ. ” އެއީ އަހަރެން ތަޅުވާލަން ލިޔެފައި އޮތް ސުރުޚީއެއް ދޯ” ރީތި ހިނިތުންވުމެއް ދެމުން ޢަލިދީދީކައިރިއަށް ޢައިޝާފުޅު ޖެހިލިއެވެ.
” ނޫން.” ޢަލިދީދީ ޖަވާބު ދިނެވެ. ޢައިޝާފުޅު އިތުރަށް ހައިރާންވިއެވެ. ” އެއީ ހަމަ ވާހަކަގައި ވީގޮތެއްނު، ނުވިސްނުނުތަ؟” އާއެކޭ ބުނުމުގެ ގޮތުން ޢައިޝާފުޅު ބޯޖަހާލިއެވެ. އަދި ކަޅިވެސް ނުޖަހާ ފިރިމީހާގެ މޫނަށް ބަލަހައްޓައިގެން އިނެވެ. ” ސާބަސް. ޢައްބާސްގެފާނުގެ އަލްފަޟްލުގެ ދަރިކަނބަލުން އެއީ އަބޫ މޫސަލް އަޝަޢަރީގެފާނުގެ ދެވަނަ އަނބިކަނބަލުން. އެއީ އަބޫ ބުރައިދަތުގެފާނުގެ ދޮންމަންމާފުޅު. ބަލަ ޞަޙާބީން ވަދެ ތިބޭނެތަ ހިލޭ އަންހެނުންގެ ގެއަށް އެގޮތަށް. އެއީ މިރަށުމީހުން މިއުޅޭހެން މީހުންގެ ގޯތިގެދޮރަށްވަންނަ އިރު އެގޭގައި ފިރިހެނަކު އުޅޭތޯ ނުބަލާ އަންހެނަކު ހުރީ ޢައުރަ ނިވާކޮށްގެންތޯ ނުބަލާ ގޭގެއަށް ވަންނަ ގޮތަށް އެބޭކަލުން ޢަމަލެއް ނުކުރާނެއެއްނު” ޢައިޝާފުޅުގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.
އެހެންވެ ދޯ އަބޫބުރައިދަތުގެފާނުގެ މަންމާފުޅު އެހާ ރުޅިދުރުވީ، ކޮންމެހެން” ދަރިފުޅު ކިނބިހިއެޅީމާ ދުޢާ ނުކޮށްދިނުމަށްވުރެ ހަގު އަނބިކަނބަލުންނަށް ދުޢާކޮށްދިނީމަދޯ” ހެމުން ހެމުން ޢައިޝާފުޅު ބުނެލިއެވެ.
” ތިޒާތުގެ ކަންކަން އެނގޭނީ ޢައިޝާފުޅުމެންނަށް ދޯ؟ އަހަރެންނަށް އެނގޭނީ އެކަހަލަ ނަސީބެއްލިބުނު ދުވަހަކުން، އެދުވަހަކަށް އިންތިޒާރުކޮށްކޮށް ނުރަޖަހައިފި.” ލާނެތްގޮތަކަށް ހެމުން ޢަލިދީދީބުނެލިއެވެ. ދެން ދެމަފިރިން ނިދަން އޮށޯތެވެ. މިހިސާބުން މިޚިޔާލީ ވާހަކަ ނިމުނީއެވެ. މީގެ ފަހުން މީހަކު ކިބިއްސެއް އެޅީމައި “ޔަރުހަމުކަﷲ” ކިޔަންވާނީ އެމީހާ އަލްޙަމްދުލިއްލާހި ކިޔައިފިއްޔާ އެކަނިކަން ހަނދުމަފުޅުގައި ބަހައްޓަވަން ވާނެއެވެ. އެއީ ދެއަނބިންގެ ސަބަބުން ދަސްވި ފިލާވަޅެވެ.