އިސްލާމީ ތާރީޚުގައި ހިނގައި ދިޔަ އެކި ޙާދިޘާތަކުގައި އަޅުގަނޑުމެންނަށް ގިނަގުނަ ފިލާވަޅުތަކާއި ޢިބުރަތްތައް ވެއެވެ. ރަސޫލާ صلى الله عليه وسلم އަވަހާރަވުމަށް ފަހުގައި އުންމަތަށްވަނީ ވަރަށް ގިނަ ޙާދިޘާތައް ކުރިމަތިވެފައެވެ. އަދި ޢިއްޒަތާއި ޝަރަފާއި ނަޞްރުގެ ވަގުތުތަކާއި ނިކަމެތިކަމާއި ބިރުވެރިކަމާއި ނާމާންކަމުގެ އެތައް ވަގުތެއްވެސް ދެކެފައެވެ. އުންމަތަށް ދިމާވެފައިވާ އެންމެ ބޮޑެތި ހިތާމަތައް ކުރިމަތިވުމުގެ މައިގަނޑު އެއް ސަބަބަކީ މުސްލިމުންގެ ތެރޭގައި އިސްލާމްކަން ފާޅުކޮށްގެން އުޅޭ، ޢަޤީދާއާ ފިކުރީ ގޮތުން ކީރިތި ޤުރުއާނާއި ސުންނަތުގެ މަގުން އެއްކިބާވެފައިވާ މީސްތަކުންނެވެ.
މި ލިޔުމުގައި މިވާ ޙާދިޘާއަކީ ހިޖުރައިން 656 ވަނަ އަހަރު ހިނގާފައިވާ ޙާދިޘާއެކެވެ. މިޙާދިޘާ ހިނގާ ދިޔަ ގޮތް އިބްނު ކަޘީރު رحمه الله އެކަލޭގެފާނުގެ ފޮތެއްކަމުގައިވާ البداية والنهاية ގައި ލިޔުއްވާފައިވެއެވެ. ކުރު ގޮތަކަށް މިއަލިއަޅުވާލަނީ އެޙަދިޘާ ހިނގާ ދިޔަ ގޮތަށެވެ.
***************************
އެ އަހަރަކީ 642 ވަނަ އަހަރެވެ. އަލްޚަލީފާ المستعصم بالله އެކަލޭގެފާނުގެ ވަޒީރުކަމަށް مؤيد الدين، أبو طالب محمد بن أحمد بن علي بن محمد العلقمي ހަމަޖެއްސި އަހަރެވެ. އޭނާ ވެގެން ދިޔައީ ބަޣުދާދަށް ހުރި ނިކަމެތިކަމަކަށެވެ. އޭނާގެ ވަޒީރުކަމުގެ ދުވަސްވަރުގައި މުސްތަޢުޞިމަށްވެސް ރައްކާތެރިކަމެއް ނުލިބުނެވެ. އޭނާއަކީ ތެދުވެރި ވަޒީރެއް ނޫނެވެ. އަދި ހެޔޮ ގޮތަކަށް އުޅުނު މީހެއްވެސް ނޫނެވެ. އޭނާއަކީ ޝިޔަޢީ ޢަޤީދާގެ އަހުލުވެރިއެކެވެ. ތަތާރުންގެ ވެރިއެއްކަމުގައިވާ ހޫލާކޫއާއި އޭނާގެ ލަޝްކަރަށް މުސްލިމުންގެ މައްޗަށް އަތްގަދަ ކުރުމަށް މަގު ފަހިކޮށްދިނީ ހަމަ އޭނާއެވެ.
ތަތާރުން ބަޣުދާދަށްވަނީ ހިޖުރައިން 656 ވަނަ އަހަރެވެ. އެތަނަށް ވަދެފައި އެތަނުގެ އަހުލުވެރިންނާއި މުސްލިމުންގެ ޚަލީފާވެސް ޤަތުލުކުރިއެވެ. އަދި އެއާއެކު ޢައްބާސީ ދައުލަތް ނިމި ދިޔައީއެވެ.
އެއަހަރު ފެށުނު އިރު ހޫލާކޫ ޚާނުގެ ޤިޔާދަތުގައި ތަތާރުންގެ ހަނގުރާމަވެރިންވަނީ ބަޣުދާދަށް މިސްރާބު ޖަހާފައެވެ. އަދި މައުޞިލުގެ ވެރިން އެބައިމީހުން މަދަދުތަކާއި ހަދިޔާތައް ތަތާރުންނަށް ފޮނުވަމުން ދިޔައެވެ. އެބައިމީހުންގެ މަޤްޞަދަކަށްވީ ތަތާރުންގެ ކިބައިން އަތުވެދާނެ ނުރައްކަލަކަށް ރައްކާތެރިވެ އެބައިމީހުން ރުއްސުމެވެ.
ތަތާރުން ވަދެ މުޅި ބަޣުދާދު ޙިޞާރުކުރިއެވެ. އަދި ވަށައިގެން ބަރު ހަތިޔާރުތައް އަތުރާލިއެވެ. ޚަލީފާގެ ގަނޑުވަރާ ހަމައަށްވެސް ތަތާރުން ވާސިލުވެ، އެތަނުގެ ހުރިހާ ފަރާތަކުން ދުނި އުކަން ފެށިއެވެ. އަދި ގަނޑުވަރުގެ ކުޑަ ދޮރުން އައި ދުންޏެއް ޚަލީފާގެ އަރިސް މީހަކަށްވެސް އަމާޒުވިއެވެ. އެކަމާ ޚަލީފާ ވަރަށް ކަންބޮޑުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އަމުރުކުރެއްވިއެވެ. އަދި ގަނޑުވަރުގެ ވަށައިގެން ސަލާމަތީ ފިޔަވަޅުތައް އިތުރުކުރިއެވެ.
ހޫލާކޫ ޚާނު އައީ އޭނާގެ މުޅި ލަޝްކަރައިގެންނެވެ. އެލަޝްކަރުގައި 200،000 އެއްހާ ހަނގުރާމަވެރިން ތިއްބެވެ. އެބައިމީހުން ބަޣުދާދަށް ވަނީ އެއަހަރުގެ މުޙައްރަމު މަހުގެ 12ވަނަ ދުވަހުއެވެ. މިޙާދިޘާގައި މުސްލިމުންގެ ޚަލީފާއާއި ލަޝްކަރުތައް ނިކަމެތިވެ ހޫލާކޫ އެހާ ފަސޭހައިން ކުރި ހޯދި ސަބަބުތަކެއް ވެއެވެ.
ހޫލާކޫ ޢިރާޤާ ދިމާއަށް މިސްރާބު ޖެހުމުން، ޚަލީފާގެ ވަޒީރަކަށް ހުރި އިބްނުލް ޢަލްޤަމީ މަކަރުވެރިކަމުގެ ގޮތުން ޚަލީފާއަށް މަޝްވަރާ ދިނީ އޭނާއަށް ހަދިޔާތަކެއް ފޮނުވުމަށެވެ. އެއީ އޭނާ އެޤަޞްދުކޮށްގެން އައިކަމުން އެއްކިބާކުރުމުގެ ބަހަނާގައެވެ. އަދި އެކަމުގައި މަޝްވަރާ ދިނީ ދައްކާލުމަށްޓަކައި ކުޑަ ހަދިޔާއެއް ފޮނުވުމަށެވެ.
ފަހެ އެމަޝްވަރާގެ މަތިން ހޫލާކޫއަށް ޚަލީފާ ފޮނުއްވީ ވަރަށްވެސް ކުޑަ ހަދިޔާއެކެވެ. އޭގެ ސަބަބުން ހޫލާކޫ ޚާނުގެ ރުޅިވެރިކަން އިތުރުވެ އޭނާއަށް ޤަބޫލުކުރެވުނީ އެއީ ކުޑައިމީސްކުރުމުގެ ޢަމަލެއްގެ ގޮތުގައެވެ.
ނަތީޖާއެއްގެ ގޮތުން އޭނާގެ ކާފިރު ފާޖިރު ލަޝްކަރައިގެން ބަޣުދާދަށް އައެވެ. އަދި ބަޣުދާދުގެ ހުޅަނގު ފަރާތާއި އިރުމަތީ ފަރާތުން ދިމާކުރިއެވެ. އޭރު ބަޣުދާދުގައި މުސްލިމުންގެ ލަޝްކަރުގައި ދިހަހާސް ހަނގުރާމަވެރިންވެސް ހަމަ ނުވެއެވެ. އަދި އެބައިމީހުންނަށް މުސާރަ ނުދިނުމުގެ ސަބަބުން އެބައިމީހުންގެ ތެރެއިންވެސް ވަރަށް ގިނަ މީހުން އޭރު އުޅުނީ މިސްކިތްތަކާއި ބާޒާރުތަކުގައި ސަލާން ޖަހާށެވެ. އެ ހުރިހާ ކަމަކީވެސް ޚަލީފާގެ ވަޒީރުކަމުގައި ހުރި އިބްނުލް ޢަލްޤަމީގެ ރޭވުމުން ކޮށްފައިވާ ކަންތައްތަކެވެ. އޭގެ ކުރިން މުސްލިމުންގެ ލަޝްކަރުގައި 100000 ސިފައިން ތިއްބެވެ. އެހެނަސް އިބްނުލް ޢަލްޤަމީގެ ރޭވުމުގެ ދަށުން އޭނާ މަސައްކަތްކުރަމުން ދިޔައީ އެބައިމީހުން މަދުކުރުމަށެވެ. ތަތާރުން އެރި އިރު 10000 ހަނގުރަމާވެރިންވެސް ލަޝްކަރުގައި ހަމަނުވެއެވެ. އަދި ތަތާރުންނަށް އެޚަބަރު ފޯރުކޮށްދިނީވެސް އޭނާއެވެ.
އެހެންކަމުން ތަތާރުންނާ އެންމެ ފުރަތަމަ ބައްދަލުކުރީވެސް އިބްނުލް ޢަލްޤަމީއެވެ. ފަހެ އޭނާގެ ޢާއިލާގެ މީހުންނާއި އެކުވެރިންނާއި ޚާދިމުންނާއި ވާގިވެރިންނާ އެކުގައި ހޫލާކޫ އާ ބައްދަލުކުރިއެވެ. އެއަށްފަހުގައި ޚަލީފާގެ އަރިހަށް އައިސް އެދުނީ ހޫލާކޫގެ ގާތަށް ދިޔުމަށެވެ. އަދި ޚަލީފާގެ ގާތުގައި އޭނާ ބުނީ އެއީ ޞުލްޙަވުމަށްޓަކައި ކަމުގައެވެ. އެހެންކަމުން ޚަލީފާގެ އަރިހުގައި ތިއްބެވި ހަތް ސަތޭކަ ވަރަކަށް ބޭކަލުންނާއެކު ޚަލީފާ ނުކުމުވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ޤާޟީންނާއި ފިޤުހުވެރިންނާއި އަޅުވެރިންނާއި ވެރިންނާއި އަމީރުންނާއި ދައުލަތުގެ ކަމުވޮށިގެންވާ އެތައް ބޭކަލެއް ވެއެވެ.
ހޫލާކޫ ހުރި ހިސާބަށް ޚަލީފާއަށް ދެވުމުން ސަތާރަ ބޭކަލުން ފިޔަވާ އެހެން ހުރިހާ ބޭކަލުން އެތަނަށް ވަނުން މަނާކުރިއެވެ. ފަހެ ޚަލީފާގެ އަރިހުގައި އެ ސަތާރަ ބޭކަލުން ފިޔަވާ އިތުރު މީހަކު ނުވެއެވެ. އެތަނުގައި މުސްލިމުންގެ ޚަލީފާ ނިކަމެތިކޮށްލެވުނެވެ. އަދި އެއަށް ފަހުގައި ޚަލީފާގެ ގަނޑުވަރުގައި ހުރި ޖަވާހިރުތަކާއި ރަނާއި ރިހިފަދަ އަގުހުރި މައުދަނުތައް ގެނައުމަށް ޚަލީފާ އަނބުރާ ފޮނުވާލިއެވެ. އަދި ޚަލީފާގެ ވަށައިގެން ޝިޔަޢީ ރާފިޟީންނާ އަދި އެނޫނަސް މުނާފިޤުކަން ފާޅުކޮށްގެން ތިބި ބަޔަކު ތިއްބެވެ. ޚަލީފާ އަވަހާރަކޮށްލުމަށް ހޫލާކޫއަށް މަޝްވަރާ ދިނީވެސް އެބައިމީހުންނެވެ.
ހޫލާކޫގެ ގާތުގައި އެބައިމީހުން ބުނަމުން ދިޔައީ ޚަލީފާއާ ޞުލްޙަކޮށްފިއްޔާ އަހަރެއް ދެ އަހަރަށް ފަހުން އަނެއްކާވެސް ކުރިން އޮތްގޮތަށް ކަންތައްތައް ބަދަލުވެގެންދާނެ ކަމަށެވެ. އެހެން ބުނެ އެބައިމީހުން ބާރު އަޅަމުން ދިޔައި ޚަލީފާ އަވަހާރަކޮށްލުމަށެވެ. ދެން ފަހެ ހޫލާކޫގެ ގާތަށް ޚަލީފާ އައުމުން، ޚަލީފާ އަވަހާރަކޮށްލިއެވެ. އަދި އަރިހުގައި ތިއްބެވި ޢިލްމުވެރިންނާއި ޤާޟީންނާއި އަމީރުންނާއި ބަޣުދާދުގެ ކަމުވޮށިގެންވާ ގިނަ ބަޔަކުވެސް އަވަހާރަކޮށްލިއެވެ. ދެން އެއަށްފަހުގައި އެބައިމީހުން ރަށު ތެރެއަށް އަރައިގަތެވެ.
އެބައިމީހުންގެ ކަނޑިތައް މުސްލިމުންގެ ތެރޭގައި ސާޅީސް ދުވަސްވަންދެން އުފުލާފައި ހުއްޓެވެ. ބައެއް މީހުންގެ ނަން އިއްވައިގެން އެބައިމީހުންގެ އަނބިދަރިންނާއެކު ސަހަރާތަކަށް ގެންދިޔައެވެ. އަދި އެތަންތަނުގައި ކަންބަޅިތަކެއް ކަތިލެވޭހެން އެބައިމީހުން ކަތިލެވުނެވެ. އަދި އަންހެނުންގެ ތެރެއިން އެބައިމީހުން ބޭނުންވި ބަޔަކު އަސީރުކުރިއެވެ.
ޚަޠީބުންނާއި އިމާމުންނާއި ޤުރުއާން ހިތުދަސް އެތައް ބަޔަކުވެސް އެބައިމީހުން ޤަތުލުކުރިއެވެ. އަދި މިސްކިތްތައް އެއްކޮށް ފަޅުވެގެން ދިޔައެވެ. އަދި އެތައް މަހެއް ވަންދެން ހުކުރުނަމާދާއި ޖަމާޢަތުގެ ނަމާދު ބަޣުދާދުގައި ނުކުރެއެވެ.
ތަތާރުން ދިޔައީ އެބައިމީހުންނަށް އަތުޖެހުނު ކޮންމެ މީހަކު ޤަތުލުކުރަމުންނެވެ. ބޮޑެތި މީހުންނާއި ކުޑަކުދިންނާއި މުސްކުޅިންނާއި ޒުވާނުންނާއި އެތައް ބަޔަކު އެބައިމީހުން ޝަހީދުކޮށްލިއެވެ. ފިލަންވެގެން ވަރަށް ގިނަ މީހުން ވަޅުތަކާއި ފާޚާނާތަކާއި ކުނި އަޅާ ތަންތަނަށް ވަނެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން އެތަންތަނުގައި ފިލައި ތިއްބެވެ. ބައެއް މީހުން އެހެނިހެން ތަންތަނަށް ވަދެ ދޮރު ތަޅުލައިގެންވެސް ފިލައި ތިއްބެވެ. އެހެނަސް އެތަންތަނުގައި ހުޅުޖަހައިގެން ނުވަތަ ދޮރުތައް ހަލާކުކޮށްލައިގެން ތަތާރުން ވަނެވެ. އަދި އެބައިމީހުން ފަހާ ދުވެ އުސްތަންތަނަށް އަރާ އެތަންތަނުގެ މަތިން އެބައިމީހުން ވައްޓާލިއެވެ. އަދި ދިޔަ ދޮވިތަކުން ފައިބާ ލޭގެ ކޯރުތަކުން މަގުތައް ފުރާލިއެވެ.
إنا لله وإنا إليه راجعون.
އަދި މިސްކިތްތަކާއި އެފަދަ ތަންތަނަށް ވަދެވެސް ހަމަލާދިނެވެ. އެބައިމީހުންގެ ކިބައިން އެކަކުވެސް ސަލާމަތް ނުވެއެވެ. ޔަހޫދީންނާއި ނަޞާރާއިން ފިޔަވައެވެ. އަދި ވިޔަފާރިވެރިންގެ ތެރެއިން ޚަލީފާގެ ވަޒީރަށް ގިނަ ފައިސާތަކެއް ދީގެން އަމާންކަން ހޯދި ބަޔަކު ފިޔަވައެވެ.
އޭރު އެންމެ ބައިބޯ ރަށުގެ ގޮތުގައި ފާހަގަކުރެވިފައިވާ ބަޣުދާދު ދެން ވެގެން ދިޔައީ ޚަރާބުވެފައިވާ ރަށަކަށެވެ. މަދު މީހަކު މެނުވީ އެތަނުގައި ދެން ނޫޅެއެވެ. އުޅުނު މަދުމީސްކޮޅުވެސް އުޅުނީ ބަނޑުހައި ކަމާއި ބިރުވެރިކަމާއި ނިކަމެތިކަމުގެ ތެރޭގައެވެ.
ސާޅީސް ދުވަސް ފާއިތުވިއިރު ބަޣުދާދު އޮތީ އެއްކޮށް ސުންނާފަތިވެފައެވެ. މަގުތަކުގައިވަނީ މަރުވެފައިވާ މީހުންގެ ފުނިތަކެވެ. އަދި ވާރޭ ވެހުމުން މުޅި ރަށު ތެރޭގައި ކުނިވަސް ފެތެރުނެވެ. އަދި އެކަމުގެ ސަބަބުން ބޮޑު ވަބާއެއް ފެތުރި އެވަބާގެ އަސަރު ޝާމުކުރައަށްވެސް ފޯރިއެވެ. އަދި އެރަށުގެ އަހުލުވެރިންނަށް އެއްޗެތި އަގުބޮޑުވުމާއި ވަބާއާ އެކުއެކީ ކުރިމަތިލާން ޖެހުނެވެ. ދެން އެއަށްފަހުގައި ބަޣުދާދުގައި އަމާންކަން އޮތްކަމަށް ގޮވާލެވުމުން ބިމުގެ އަޑިންނާއި ސަހަރާތަކުންވެސް މީސްތަކުން ނުކުތެވެ. އެބައިމީހުން ހީވަނީ ކަށްވަޅުން ނުކުތް ބައެއް ހެންނެވެ. އަދި ބައްޕައަށް ދަރި ވަކި ނުކުރެވޭ ވަރަށް އަދި އަޚަކަށް އޭނާގެ އަޚާ ވަކި ނުވާވަރަށް އެބައިމީހުން ތިބީ ސިފަ ބަދަލުވެފައެވެ. އަދި އޭގެ ތެރެއިން ގިނަ މީހުން ބަލިމަޑުކަމުގައި ހަލާކުވެގެން ދިޔައެވެ. އެއަށްފަހުގައި ހޫލާކޫ އެނބުރި އޭނާގެ ރަށަށް ދިޔައެވެ.
ބުނެވޭ ގޮތުން މިޙާދިޘާގައި ތަތާރުން މުސްލިމުންގެ 800000 އެއް ހާ މީހުން ޤަތުލުކުރިއެވެ. އަދި މިއަށްވުރެ ގިނަ މީހުން މަރުވިކަމުގައިވެސް ބައެއް ބޭކަލުން ލަފާކުރައްވައެވެ.
فإنا لله وإنا إليه راجعون، ولا حول ولا قوة إلا بالله العلي العظيم. [1]
[1] ބައްލަވާ: البداية والنهاية لابن كثير (13/234).