ލާދީނީ ނުވަތަ އަލްމާނީ ފިކުރުތައް ފެތުރުމުގެ ޙަރަކާތްތަކެއް ރާއްޖޭގެ ބައެއް ސްކޫލުތަކުގައި ހިންގަމުންދާ ކަމަށާއި އަދި ބައެއް ދަރިވަރުން އެކަމަށް ހެކިދޭކަމަށް އައްޝައިޚް ޙަސަން މޫސާ ފިކްރީ ވިދާޅުވެއްޖެއެވެ.
ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ބުދަ ދުވަހުގެ ރޭ ގެނެސްދިން ‘އޮނަތިރީސް މިނެޓް’ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ޖަމްޢިއްޔަތުއްސަލަފުގެ ނައިބުރައީސް ޙަސަން މޫސާ ފިކްރީ ވިދާޅުވީ މާލޭގެ ބައެއް ‘އިންޓަރނޭޝަނަލް’ ސްކޫލްތަކުގައި ކުދިންނަށް އަލްމާނީ ޢަޤީދާ އުނގަންނައިދޭ ކަމަށާއި އިސްލާމްދީނާއި އެހެން ދީންތަކާ ތަފާތެއްނެތްކަން ކުދިންނަށް އުނގަންނައިދޭކަމަށް ވަރަށް މުޢުތަބަރުކޮށް އެނގިފައިވާކަމަށެވެ. އަދި އެޑިއުކޭޝަން މިނސްޓްރީން މިކަން ވަރަށް ގާތުން ބަލައި އަވަސްފިޔަވަޅެއް އަޅަންޖެހޭކަމަށެވެ.
“ބައެއް ޒުވާނުން އައިސް އެބަހެކިދޭ ޝައިޠާނިޒަމް ނުވަތަ ޝައިޠާނީ ފިކުރު، ގޮތިކް ސްޓައިލް، ޑެތް ސްޓައިލް، މިހެން ގޮސް އިސްލާމް ދީނަށް ފުށުއަރާ އެތައްކަމެއް އެބަ އުނގަންނައިދޭކަމަށް އަދި އެކަންކަން އެމީހުންނަށް ކޮންމެ އަހަރަކު ތަމްރީންދޭކަމަށް” ޝައިޚް ވިދާޅުވިއެވެ.
ޝައިޚް އިތުރަށް ވިދާޅުވިގޮތުގައި އަޅުގަނޑުމެންގެ ދަރިވަރުން އަޅުގަނޑުމެން މިނެރެނީ އެކުދިން ފުރިހަމަ މުސްލިމެއްގެ ގޮތުގައި ހެދުމަށާއި އެ ތަރުބިއްޔަތު ނުދެވޭނަމަ އަޅުގަނޑުމެންގެ ތަޢުލީމީ ނިޒާމް ދާނީ ހުޅަގުގެ ތަޢުލީމީ ނިޒާމް އޮތްގޮތަށްކަމަށާއި އެހެންދާނަމަ އަޅުގަނޑުމެންގެ އަތުން އަޅުގަނޑުމެންގެ ދީން ބީވެގެން ހިންގައިދާނެކަމަށެވެ.
“ލާދީނީ ނުވަތަ އަލްމާނީ ފިކުރުތައް މިގެންދެވެނީ ރާވާފައިވާ ޕްލޭނެއްގެ ދަށުން. މީ އެއްގޮތަކަށްވެސް ނޭނގި ކުރެވޭ ކަންކަމެއް ނޫން. ބަޔަކު ހަމަ ރާވައިގެން ހިންގަމުންދާ ކަންކަން. އެހެންވީމަ އަޅުގަނޑުމެން ސަމާލުވާން އެބަޖެހޭ އަޅުގަނޑުމެންގެ ދަރިންނާއި އަޅުގަނޑުމެންނަށް މިދެވެނީ ކޮން ތަޢުލީމެއްތޯ ކޮން ތަރުބިއްޔަތެއްތޯ. އަޅުގަނޑު ގޮވާލަން އެޑިއުކޭޝަން މިނިސްޓްރީއަށް މިފަދަ ޕްރޮގްރާމްތައް ހިންގަމުންދާ ފަރާތްތަކާމެދުގައި ސަމާލުވެ ފާރަވެރިވެ އެކަންކަން ހުއްޓުވުން” ޝައިޚް ވިދާޅުވިއެވެ.