ލޯތްބަށްޓަކައި ދީންދޫކޮށްލާފައި ކުރި ކައިވެނި

އެއީ އެރަށުގެ އެންމެ މުއްސަދި އެކަކުއެވެ. އެއީ އެތައް ކަދުރު ދަނޑުތަކެއްގެ މިލްކުވެރިއެކެވެ. އެއީ  އެތައް ގެރިބަކަރި ޖަމަލެއްގެޙައްޤުވެރިއެކެވެ. އެއީ އެއީ އެތައް ދީނާރަކާއި ދިރުހަމެއްގެ މުއްސަދިކަންލިބިފައިވާ ފަރާތެކެވެ. އެރަށުގައި އެތައްބަޔަކު ބޯލަނބައި ކިޔަމަންވާ ފަރާތެކެވެ. އެތައް ޒުވާން އަންހެން ކުދިންނެއްގެ ލޯތައް ވަނީ އެފަރާތައްޢަމާޒުވެގެންނެވެ. އެތައް މަޔަކާއި ބަފައެއްވަނީ އެފަރާތް އެމީހުންގެ ދަރީންނާއި ކައިވެނި ކޮށްދޭން ކެތްމަދުވެފައެވެ.އޭނާ ވަނީ ރަށުގެ ބޮޑުންނާއި އަޝްރާފުންގެ ލޯބި ހޯދާފައެވެ. އޭނާގެ ގާތްތިމާގެ މީހުން ވަނީ އޭނާއަށް ނުހަނު ބޮޑަށް ބޭނުންޖެހިފައެވެ. މިފަދަ މަކާނަތަކާއި މަޤާމެއް މުޖުތަމަޢުގައި ލިބިފައިވާ ޙާލުގައިވެސް އެ މުއްސަނދި ސައުދާގަރުގެ ޙަޔާތުގައި އަދިވެސް ވަނީ ފަޅުކަމެވެ. އެކަނިވެރިކަމާއި ހަމަހިމޭންކަމެވެ. އޭނާ ނިދާ އެނދުގައި އެހެން މީހަކު ކައިރީގައި ނުނިދައެވެ. އޭނާ އެނބުރި ގެއަށް އާދޭތޯ އިންތިޒާރުކުރަށް އެހެން މީހަކު ގޭގައި ނީދެއެވެ. ލޯބިން ކައްކާފައި ކާންދޭނެ މީހެއް ނުހުރެއެވެ. ލޯބިން އެބޮލުގައި ފިރުމާނޭއަތެއް ނެތެވެ. ވަށައިގެންވަނީ ލިބިފައިވާ މުއްސަނދިކަމުގެ ބޭނުމުގައި ޘަނާކިޔާ ޚިދުމަތްކުރަށް ތިބިމީހުންނެވެ. ދުނިޔެއަކީ އެކަހަލަ ތަނެކެވެ. މަސްދާނީ ފެން އޮންނަތަނަކަށެވެ. މިއަދު އެއީ އެފެންގަނޑުގެ ފުންމިން ނޭނގޭކަހަލަ ފެންގަނޑެކެވެ. ވީމާ އެފެންގަނޑުގައި ފަތާލާ އެފެންގަނޑުން ކާނާ ހޯދަން އެތައް މަހެއް އިންތިޒާރުކުރަމުން އެބަދެއެވެ. ނަމަވެސް ފެންގަނޑުގެ ހިތަށް އެއްޗެއް އަރާހެން ހަމަ ހިއެއްނުވެއެވެ. އަޅެ މިވެގެން އުޅެނީ ކިހިނެއްބާއެވެ؟ އެރަށުގައި ރީތި ކުދިން ނޫޅެނީބާއެވެ؟ އެރަށުން ގެވެހި ކުދިން ހުސްވީބާއެވެ؟ އެރަށުގައި ޙަޤީޤީ ލޯބި މިކިޔާ އިޙްސާސަށް އެއްވެސް ޖާގައެއް ނެތީތޯއެވެ؟ ހުސް މިކަހަލަ ސުވާލެވެ. ޖަވާބެއް ބޭނުންވާނެ އެތައް ސުވާލުތަކެކެވެ. އަޅެ މި މުއްސަނދި ސައުދާގަރަށް ވެފައިމިވާގޮތެއް ބަލަމާ ބަހީއެވެ.  

އެޒަމާނަކީ އިސްލާމްދީނާއިގެން އެންމެ ފަހުގެ ނަބިއްޔާ ފާޅުވި ދުވަސްވަރެވެ. އިސްލާމްދީނުގެ އެންމެ ކުރީ ކޮޅެވެ. އެދީނުގެ ވާހަކަ މުޅި ޙިޖާޒުކަރައިގައި ވަނީ ފެތުރިފައެވެ. މައްކާ ފަހަނަ އަޅާ އެދީންވަނީ މައްކާއާއި ހަތަރުސަތޭކަ ކިލޯމީޓަރުގެ ދުރުގައި އޮންނަ ކަދުރު ރުއްގިނަ ރަށަކަށްވެސް ފޯރާފައެވެ. ވަށައިގެން ކަޅު ހިލަތަކެއް އެރަށުގެ ހުޅަނގާއި އިރުމަތީފަރާތުގައިވެއެވެ. އެރަށަކީ މައްކާއިން ބޭރުން އެންމެ ފުރަތަމަ އިސްލާމްދީނަށް މީހުން ވަންނަންފެށި ރަށެވެ. ހަލުވިކަމާއި އެކު އެރަށުގައި އިސްލާމްދީން ދަނީ ފެތުރެމުންނެވެ. ޒުވާނުންނާއި މުސްކުޅިން އިސްލާމްދީނަށް އެބަވަދެއެވެ. އަންހެނުންނާއި ކުޑަކުދިންވެސް އެދީން ޤަބޫލުކުރަންފަށައިފިއެވެ. ބައެއް ޤަބީލާތަކާއި އަވަށްތައް ހުރިގޮތަށް އިސްލާމްވެ ނިމިއްޖެއެވެ. އަނެއްކޮޅުން ބައެއް ގޭބިސީތަކުގައި މައިންބަފައިން އިސްލާމްވާއިރު ދަރިން ތިބޭނީ ދިމާއިދިކޮޅަށެވެ. އަދި އަނެއްބައި ގެތަކުން ފެންނަނީ އޭގެ އަނެއްކޮޅެވެ. މުސްކުޅި މައިންބަފައިން ތިބީ ކާބަފައިންގެ ދީން ދުކުރާގޮތަކަށްނޫނެވެ. އަދި އަނެއްބައި ޢައިލާތަކުން ފިރިން އިސްލާމް ވީއިރު އަނބިން ތިބީ ދޫދޭކަށްނޫނެވެ. އަދި އަނބިން އިސްލާމުވެގެން ތިބި އިރު ފިރިންތިބީ ކާފަރުންގެ ގޮތުގައެވެ. މުޅި “ޔަޘްރިބު” ވަނީ މިފަދަ ޙަލާތެއްގައެވެ. މުޖުތަމަޢުގައި ވަނީ ހިސާބަކަށް ނުތަނަވަސްކަން ފެތުރިފައެވެ. އެހެނީ ޚިޔާލުތަފާތުވުމަކީ އޭގެ ނޭދެވޭ އަސަރު ކުރާނެކަމެކެވެ. އަޅުގަނޑުމެންގެ މި ޤައުމުގައިވެސް ސިޔާސީ ޚިޔާލުތަފާތުވުމުގެ ސަބަބުން އުފެދިފައި މިއޮންނަ ބައިބައިވުންތަކުން އެކަންއަޅުގަނޑުމެންނަށް ވިސްނައިގަންނާކަށް އުނދަގުލެއްނުވާނޭކަން ކަށަވަރެވެ. މިއީ އެއްދީނެއްގައި އަޅުގަނޑުމެން ތިބިއިރު ވާވަރެވެ. އަދި ތަފާތު ދީންތަކަކަށް މުޖުތަމަޢުގައި ޖާގަ ދެވިއްޖެއްޔާ ވާނީ ކިހިނެއްތޯއެވެ؟ އެކަމުގެ ކުޑަކުޑަމިސާލެއް ދަންނަވަންތޯއެވެ. ޔަޘްރިބުގެ މުޖުތަމަޢުންނެވެ. އެރަށުގައި އިސްލާމްދީން ފެތުރި މައްކާގައި ތިބި މުސްލިމުން އެރަށަށް ހިޖްރަކޮށް އެންމެ ފަހުން ނަބިއްޔާ ޞައްލަﷲ ޢަލައިވަސައްލަމަ ވަޑައިގެން އެރަށަށް މަދީނާގެ ނަންދެއްވާ މުޅި ރަށުގެ ރަސްމީ ދީނެއްކަމަށް އިސްލާމްދީން ކަނޑައެޅުއްވި ފަހުންވެސް ދީނީ ޚިޔާލުތަފާތުވުމުގެ ސަބަބުން ބައެއް ޢައިލާތައް ރޫޅުނެވެ. މިގޮތުން އެއް ޢާއިލާއެއް ރޫޅުނުކަމީ އަޅުގަނޑުމެންގެ މިވާހަކައަށް ލިބޭ ދިރުމެކެވެ. 

ދެމަފިރިންގެ ދީން ތަފާތުވުމުގެ ސަބަބުން މާލިކު ބުން އައްނަޟަރު ކިޔާ މަދީނާގެ މީހަކު އޭނާގެ އަނބިމީހާއާއި ކުޑަ ކުޑަ ދެފިރިހެންދަރީން އެކަނިމާއެކަނި ދޫކޮށްލާފައި މަދީނާއިން ނުކުމެގެން ޝާމުކަރައަށް ހިނގައްޖެއެވެ. އެކުޑަކުޑަ ޢާއިލާ ރޫޅި ބައިބައިވުމަކީ މިވާހަކަފެށި އިރު އަޅުގަނޑު ބަޔާންކުރި މުއްސަނދި ސައުދާގަރުގެ މުޅި ޙަޔާތް އެފުއްމިފުށަށް ޖެހިގެން ދިޔަ ސަބަބެވެ. މާލިކު ޝާމްކަރައަށް ގޮސް މާގިނަ ދުވަހެއް ނުވެ އޭނާ އެތަނުގައި މަރުވި ޚަބަރު މަދީނާއަށް ލިބިއްޖެއެވެ. ކުޑަކުޑަ ދެކުދިން ޔަތީމުވީއެވެ. ނިކަމެތި އަންހެނަކު ހުވަފަތްވީއެވެ. ސުވާލަކީ މި ކުޑަކުޑަ ދެކުދިންނާއި އެކުދިންގެ މަންމައާއި ވާހަކައިގައި މިއުޅޭ މުއްސަދި ސައުދާގަރާއި އަނެއްކާ ހުރީ ކޮންކަހަލަ ގުޅެއްބާއެވެ؟ އެކުދިން ޔަތީމުވުމުން އެ ސައުދާގަރަށް ކޮން ކަމެއްތޯއެވެ؟ އެކުދިންގެ މަންމަ އާއި އެސައުދާގަރާއި ތިމާގެއީތޯއެވެ؟ ނުވަތަ އެކުދިންގެ ބައްޕަ މަރުވުމުން ސައުދާގަރަށް އިތުރު މުދާތަކެއް ލިބެނީތޯއެވެ؟ ޖަވާބަކީ މިއިން އެއްކަމެއްވެސް ނުވެއެވެ. ނަމަވެސް މިޙާދިޘާވެގެން ދިޔައީ އެސައުދާގަރުގެ މުޅި ޙަޔާތްބަދަލުވެގެން ދިޔާ ޙާދިޘާއަކަށެވެ. އެ މާލިކުގެ މަރު އެއީ އޭނާގެ ޙަޔާތުގެ ނިމުންކަމަށް ވިޔަސް އެއީ މަދީނާގެ މި މުއްސަދި ސައުދާގަރުގެ ޙަޔާތުގެ ފެށުމެވެ. މިއަދު ތިބޭފުޅުން އެސައުދާގަރުގެ ވާހަކަ ކިޔަން ތި ތިއްބެވީ އެމަރުގެ ސަބަބުން ކަމަށް ދެންނެވިދާނެއެވެ. އަޅެ އެސައުދާގަރަށް ދިމާވީ ކޮން ކަމެއްތޯއެވެ؟ (ނުނިމޭ)