ސާދާގަރަށް ދިމާވި ކަންތައްތަކުގެ ވާހަކަ އިހަށް ފަސްކޮށްލާފައި މާލިކާއިއޭނާގެ ޢާއިލާ ފުރަތަމަ ތަޢާރަފު ކޮށްދޭނަމަވެ. މާލިކުގެ އަނބިކަމަނާއަކީ ރުމައިޞާއެވެ. އިސްލާމީ ތާރީޚުގައި މަޝްހޫރު އުއްމު ސުލައިމް ރަޟިޔަﷲ ޢަންހާއެވެ. ދޮށީ ކުއްޖާއަކީ މަތިވެރި ޞަހާބީ އަނަސްރަޟިޔަﷲ ޢަންހެވެ. މާލިކު ދަތުރެއް ކޮށްފައި މަދީނާއަށް އައިރު އޭނާގެ އަންހެނުން ވަނީ އިސްލާމްދީން ޤަބޫލުކުރައްވާފައެވެ. އެކަމާ ވަރަށް ހިތްހަމަ ނުޖެހި ހުއްޓާ މައްސަލަ ގޯސްވީ އަނބިކަނބަލުން ރުމައިޞާ،ދަރިކަލުން އަނަސްއަށް ޝަހާދަތުގެ ދެކަލިމަ ކިޔާދޭތީއެވެ. އެކަމާއި މެދު ދެމަފިރިން ދެބަސްވެ ޒުވާބު ކުރަމުންގޮސް މާލިކު ރުޅިގަދަވެ އެއައި ރުޅީގައި އަނެއްކާވެސް މަދީނާ ދޫކޮށް ދަތުރަކު ނުކުތީއެވެ. އަދި މިދަތުރުގައި އޭނާ ޝާމުކަރައިގައި މަރުވީއެވެ. އޭގެފަހުން ރުމައިޞާ ރަޟިޔަﷲ ޢަންހާ އާއި އެކަމަނާގެ ދެ ދަރިންކަލުން ހޭދަކުރަމުން ދިޔައީ ވަރަށް އެކަނިވެރި ދަތި ދިރިއުޅުމެކެވެ. ނަމަވެސް އިމާންކަމުން ފުރިގެންވާ މަތިވެރި މި ޞަހާބިއްޔާ ކެތްތެރިވެ ވަޑައިގެންނެވިއެވެ. އެންމެ ފަހުން އެކަމަނާއަށް ﷲ އެކެތްތެރިކަމުގެ އިނާމުދެއްވިއެވެ. އެއީ އެއްކަލަ ސާދާގަރު މެދުވެރި ކުރައްވައެވެ. އެއީ ކިހިނެއްތޯއެވެ؟
އެކަން ހިނގައި ދިޔަގޮތުގެ ވާހަކައިގެ ކުރިން މި ސައުދާގަރުގެ ތަޢާރަފެއް ދޭނަމެވެ. އެއީ މަދީނާގެ ޚަޒުރަޖު ވަންހައިގެ ޤަބީލާއެއްކަމަށްވާ ބަނޫ ނައްޖާރުގެ ޢަދީޔު ދަރިކޮޅަށް ނިސްބަތްވާ ޒައިދު ބިން ސަހުލެވެ. އެ ޤަބީލާގެ މުއްސަނދި ވިޔަފާރިވެރިއެކެވެ. ފަހުން އިސްލާމީ ތާރީޚުގައި މަޝްހޫރު އަބޫ ޠަލަޙަތުލް އަންޞާރީ ރަޟިއްޔަﷲ ޢަންހެވެ. މިކަލޭގެފާނަށް މާލިކު އޭނާގެ އަނބިކަމަނާއާއި ދަރިންކޮޅު ދޫކޮށް ދިޔަ ޚަބަރާއި އަދި އޭނާ ޝާމުކަރައިގައި މަރުވެ ދިޔަ ޚަބަރު އިވުނު ފަހުން އެކަމާ ދޭތެރޭގައި ވިސްނެން ފަށައިފިއެވެ. އޭގެ ކުރިން ލިބިފައިވާ މުއްސަދިކަމާއި ތަނަވަސްކަމާއި އެކުވެސް ކައިވެޏެއްވެސް ކޮންފައެއް ނެތެވެ. ނަމަވެސް ކުއްލިއަކަށް މީހަކައި އިނދެ ދަރިން ތިބި ހުވަފަތްއަންހެނަކާއި މެދު ފިކުރުކުރެވެން އެފެށީ ހިތުގައި އުފެދުނު ރަޙުމާއި އޯގާތެރިކަމުން ކަމެއް ނުވަތަ ނޭނގިވެވުނު ކަނު ލޯތްބެއްކަމެއް އަދި އަޅުގަނޑުމެންނަކަށް މިހިސާބުން ނިންމޭކަށްނެތެވެ. އެކަން ނިންމޭނީ މިލިޔާ ބައިވެސް ކިޔާލައިގެންނެވެ.
ކޮންމެއަކަސް ލޯތްބަކީ އެހާ ފަސޭހައިން ޙާޞިލުވާނޭ އެއްޗެއްނޫންކަމާއި އަދި އެލޯބީގެ ސަބަބުން ހިތުގައި އަޅާ ތަދު ލަދަކާހުރެ ނުފިލާނެކަން އަބޫ ޠަލްޙަތުގެފާނު ދެނެގެންފިއެވެ. އެހެންކަމުން ވަރަށް ދުވަހު ވިސްނާފައި އެންމެ ފަހުން ހިތްވަރުކޮށްލާފައި އުއްމު ސުލައިމްގެފާނުގެ ގެއަށް ހިނގައްޖެއެވެ. ގެއަށް ގޮސް ފަސްޖެހުމެއް ނެތި އެކަމާނާގެ ކައިވެއްޏަށް އެދި ހުށައަޅައިފިއެވެ. އެކުވެރިންނޭ! ކުޑަ ކުޑަ ދެދަރިން އެކަނިމާ އެކަނި ބަލަހައްޓަމުން އައި އެކަނިވެރި މައެއްގެ ކައިވެއްޏަށް ހަރުދަނާ ވިޔަފާރިވެރި ޤަދަރުވެރި ރަށުގައި ނަންހިނގާ ބޭކަލަކު އިސްވެ ހުށައެޅީމައި އެކަން ޤަބޫލުނުކުރާނީ ކޮން ކަނބަލެއްތޯއެވެ؟ އަޅުގަނޑުމެންގެ މީޒާނުގައި އެކަން ހަމަ ޔަޤީނުންވެސް ބަރުވާނީ ޤަބޫލުކުރުމާއި ރުހުމުގެ މައްޗަށެވެ. ޚުދު އަބޫޠަލްޙަތުގެފާނުވެސް ވިސްނެވީ އެހެންނެވެ. ނަމަވެސް އުއްމު ސުލައިމުގެފާނުގެ ޖަވާބު އެނގިލައްވާތޯއެވެ؟ އެކަމަނާ ދެއްވީ އަޖައިބުކުރުވަނިވި ޖަވާބެކެވެ. ވިދާޅުވިއެވެ.” އޭ އަބޫ ޠަލްޙަތެވެ! ކަލޭގެފާނު ފަދަ ބޭކަލުން ކައިވެންޏަށް ހުށައެޅީމައި ރައްދުކުރުމަކީ އެއީ އޮންނާނެކަމެއްނޫނެވެ” ކޮބާ ހަމަ އަޅުގަނޑުމެން ވިސްނި ގޮތަކަށްނޫންތޯއެވެ. އާއެކެވެ. އެފަދަ ޤަދަރުވެރި މުދާވެރިއެއް ދޫކޮށްލަންހެޔޮވާނެތޯއެވެ. އަދި އަމުދުން ދަރިންކޮޅާއި އެކު ހުވަފަތްވެފައި އިން ނިކަމެތި ޙާލަތެއްގައެވެ. “އެކަމަކު……….” އުއްމު ސުލައިމުގެފާނު އިތުރަށް ވިދާޅުވިއެވެ. ކޮން އެކަމަކުއެއްބާއެވެ؟ އަނެއްކާ އެކަމަނާ އަށް ކިހިނެއްވީބާއެވެ؟ އެކަމަނާއަށް އަދިވެސް ފިރިކަލުންގެ މަތިން ހަނދާން ނައްތާނުލެވެނީތޯއެވެ؟ ނޫނީ އަބޫޠަލްޙަތުގެފާނުގެ އެހެން އަނބިކަނބަލެއް ނެތްކަން ނޭނގެނީތޯއެވެ؟ ނުވަތަ ދަރިން ތިބީމާ ދޮންބަފައެއް ހޯދައިދޭން ޖެހިލުން ވަނީތޯއެވެ؟ ހުސް ސުވާލެވެ. ދެން އޮތީ އެދެންނެވި “އެކަމަކު”ގެ ފަހަތުގައި ވިދާޅުވި ބަސްފުޅެވެ. އަޑުއަށްސަވާށެވެ. މަޢާފުކުރައްވާ ކިޔުއްވާށެވެ.
” އެކަމަކު ކަލޭގެފާނަކީ ކާފަރެކެވެ. ތިމަންކަމަނާއަކީ މުސްލިމެކެވެ.ކަލޭގެފާނު ކާފަރެއްގެ ގޮތުގައި ހުއްޓާ ތިމަންކަމަނާ ކައިވެނި ބައްލަވައި ނުގަންނަވާނަމެވެ.” ހޫމް، މި އުއްމު ސުލައިމުގެފާނަށް ނޭނގެނީތޯއެވެ. އެއީ ދެން މިޒަމާނުގައި އެވަރުކަމެއް ހެއްޔެވެ؟ މުއްސަނދިކޮށް އުޅެލެވެނިކޮށް ނިމުނީތާއެވެ. އެހެން ނޫނަސް ދީން އެއީ ހިތުގައި އޮންނަ އެއްޗެއްވިއްޔާއެވެ. އެކުވެރިންނޭ! އަސްލު އެގިވަޑައިގަންނަވާތޯއެވެ؟ އަސްލަކީ މިޒަމާނުގައި މުސްލިމު އަންހެނަކު ކާފަރު ފިރިހެނަކާ ނީދެވޭނެއެވެ. އެއީ ޔަހޫދީ އެއް އަދި ނަޞާރާދީނުގެ ފިރިހެނެއްވިޔަސް މެއެވެ. ނަމަވެސް އުއްމު ސުލައިމުގެފާނުގެ ކައިވެންޏަށް އަބޫޠަލަޙަތުގެފާނު އެވަޑައިގެންނެވި ޒަމާނުގައި އެއީ މައްސަލައެއްނޫނެވެ. އޭރު އަދި މިޒަމާނުގައި މިއޮތް ގޮތަށް މުސްލިމު އަންހެނުން ކާފަރު ފިރިހެނުންނާއި ކައިވެނި ކުރުން ޙަރާމެއް ނުކުރައްވައެވެ. އެކަން ޙަރާމުވީ އަދި މާފަހުން ޞުލްޙަލް ހުދައިބިއްޔާގެވެސް ފަހުންނެވެ. މިހިސާބުން ތިބޭފުޅުން ދަންނަވާފާނެއެވެ. ދެން އުއްމު ސުލައިމުގެފާނު އެކައިވެއްޏަށް އިންކާރުކުރެއްވެވީ ކޮންކަމެއް ވެގެންތޯއެވެ؟ އެކަމަނާ މާހަރުކަށިކަމަށް ނަމަ ނަމަ ވިދާޅުނުވާތި އިނގޭއެވެ. އެހެނީ ޞާހާބީންނަށް އެފަދަ ބަހެއް ރައްދުކުރުމަކީ ބޮޑު ފާފައެކެވެ. ކޮންމެއަކަސް އެކަމަނާ އެކައިވެނި ރައްދުކުރެއްވީ ޙުއްދަނުވެގެނެއް ނޫނެވެ. އެއީ އެހެނެއްކަމަކު އަދުގެ މުސްލިމު އަންހެންކަނބަލުންނަށް ނަމޫނާ ދެއްކުމަށެވެ. މިއަދު އަޅުގަނޑުމެން ދޮންމީހުންނާއި ހިތާވެގެން ނަމެއްގައި އެމީހުން އިސްލާމުކުރުވައިގެން ނުވަތަ ބައެއްފަހަރު އެކަންވެސް ނުކޮށް އެބަ ކައިވެނި ކުރެއެވެ. މިއަދު ދީނާއި ޢަޤީދާއަކީ މުހިއްމު އެއްޗެއްނޫނެވެ. ހަމަ އެކަނި އެމީހުންނާއި އަހަރެމެންނާއި ހުރި ފަރަޤަކީ އެމީހުންނަށް ރިހާކުރު ލައިގެން އަނބު މަޖާކާން ނުކެރުމެވެ. އެމީހުންގެ ކާފަރު އަންހެނުންނަށްވެސް ލާންނުކެރޭ ހެނދުން އަހަރެމެން އެބައަޅަމެވެ. އެމީހުންނަށް ބޯންނުކެރޭ ޝަރާބު އަހަރެމެން އެބަ ބޮމެވެ. އެހެންވީމާ ކޮންމެހެން އެއީ މުސްލިމެއްތޯ ކާފަރެއްތޯ އަދި ޤުރުއާނުގައި ބަލަންއަންގަވާފައި އޮތަސް ހަމަ ނުބެލެނީއެވެ. ބެލެނީ ދޮންކަމާއި ޖީބުގައިވާ ޑޮލަރުތަކަށްކަމަށް ދިރާސާކުރާމީހުން ބުނެއެވެ. އަޅުގަނޑެއް ނުބުނަމެވެ. އަޅުގަނޑު މިދަންނަވާ ވާހަކަ މިއޮތީއެވެ.
އޭ މިއަދުގެ މުސްލިމު ޒުވާންކަނބަލުންނޭ! ލޮބުވެތި އުޚުތުންނޭ! އަޅެ ތިޔަބައިމީހުންނަށް އުއްމު ސުލައިމުގެފާނުގެ އެ ވާހަކައިގައި ފިލާވަޅެއްނުވޭތޯއެވެ. އެކަމަނާއަށް ދީނުގެ ގޮތުން ކާފަރަކާއި ކައިވެނި ކުރުން ހުއްދަވެފައި ދެދަރިންނާއި އެކު އެކަނިވެ ހުވަފަތްވެފައި އިންދާ މުއްސަނދި ސައުދާގަރަކު އަމިއްލައަށް ކައިވެނި ކުރަން ހުށައެޅީމާވެސް އެދަންނަވަނީ މިހެނެވެ. “ކަލޭގެފާނު ކާފަރެއްގެ ގޮތުގައި ހުއްޓާ ތިމަންކަމަނާ ކައިވެނި ބައްލަވައި ނުގަންނަވާނަމެވެ. ކަލޭގެފާނު އަޅުކަންކުރާ ބުދުތައް ދޫކޮށް އިސްލާމްދީނަށް ވަންނާށެވެ. އޭރުން އެއީ ތިމަންކަމާނާގެ ކައިވެނީގެ ރަންކަމަށް ކަނޑައަޅައި ކައިވެނިކުރަންތައްޔާރެވެ.” ﷲ އަކުބަރެވެ. ކޮންފަދަ އަޖައިބުކުރުވަނިވި ނިންމުމެއްތޯއެވެ. ކައިވެނި ކޮށްގެން އިސްލާމުކުރަން މަޑެއްނުކުރިއެވެ. އަދި އެގޮތުގައި ކައިވެނި ކުރަން ހުއްދަވެމެ އަދި ކައިވެންޏަކަށް ބޭނުން ޖެހިފައިވާ ޙާލުވެސް އެއިސްކުރީ ނަރަކައިން އިންސާނެއް ސަލާމަތްކޮށް ސުވަރުގެ ވެއްދެވޭތޯ މަސައްކަތްކުރުމެއެވެ. ޞުލުޙަވެރި ދިރިއުޅުމަކީ މިނޫން ދެން ކޮންމެއްތޯއެވެ. އެހެންދީންތަކުގެ މީހުންނަށް އިޙްތިރާމުކުރުމާއި ކަމޭހިތުމަކީ މީނޫންތޯއެވެ. އެއީ ޓިޕްސް ހޯދަން ޕުލާސްޓިކު ހިނިތުންވުމެއް ދިނުމެއްނޫނެވެ. ނުވަތަ އެމީހުންނާއި އެކު ކޯރިއެއް އަޅައިގެން ކަފައިން ތުނބުޅިއެއް ޖަހައިގެން ރަތް ޖުއްބާއެއްލައިގެން މޭރީ ކުރިސްމަސްކިޔުމެއްނޫނެވެ. ނުވަތަ އިޓަލީގެ ރޯމަށް ނިސްބަތްވާތީ ޕާސްތާ ކާހިތުން އެސޮރުގެ ނަން މުޙައްމަދަށް ބަދަލުކޮށްލާ އިސްލާމްވީކަމުގެ ސެޓްފިކެޓެއް ހައްދާގެން އެސޮރާއި ކައިވެނިކޮށްގެން ޕެރިހަށް ހަނީމޫނު ހަދަންދިޔުމެއްނޫނެވެ. އިސްލާމުދީނުގައި މުސްލިމުންނާއި ހަނގުރާމަ ނުކުރާ ޙަރުބީ ކާފަރުންނާއި މެދު އޯގާތެރިވުމަކީ އެމީހުންނަށް މަޑުމައިތިރިކަމާއި އެކު ވިސްނައިދީގެން އެމީހުން އިސްލާމުދީނަށް ލޯބި ޖެއްސުމެވެ. އަސްލު ކާފަރުންގެ ތެރެއިން ޙަރުބީނޫންމީހުން ބަލިވީމަ ޒިޔާރަތްކުރުމާއި، އެމީހުންނަށް ދުނިޔަވީ ކަމެއް ހާޞިލުވުމުން މަރުހަބާ ކިޔުމާއި، ހަދިޔާދިނުމާއި ހިސާބަކަށް ރަޙްމަތެރިކަމެއް ބޭއްވުން ހުއްދަވަނީ މަޤްޞަދަށްޓަކައެވެ. އެއީ ހަމަ އުއްމު ސުލައިމުގެފާނު ކަންތައްކުރެއްވި ގޮތެވެ.
އުއްމު ސުލައިމުގެފާނު ކައިވެންޏަށް އިންކާރުކުރުމުން އަބޫޠަލްޙަތުގެފާނު ކުޑަކޮށް ހިތްޕުޅާނުވެގެން ދެންނެވިއެވެ. “ކަމަނާ ތިޔަ އިންކާރުކުރައްވަނީ އަހަރެންގެ ދީނާއި ހެދިއެއްނޫނެވެ؟” ޚުދު އަޅުގަނޑުމެންނަށް ޤަބޫލުނުކުރެވޭ ގޮތަށް އެކަލޭގެފާނަށްވެސް އެކަން ޤަބޫލުކުރާކަށް ބޭނުންފުޅެއްނުވިއެވެ. އެއީ އެޒަމާނުގައި ކައިވެނި ކުރާއިރު ކޮންމެހެއް ދީނަކަށް ބަލައެއް ނޫޅެއެވެ. އަދި ޚާއްޞަކޮށް އިއްޔެ މައްކާއިން ފާޅުވި އައުދީނަކަށް މީހަކު ނުވަދެގެން ކައިވެނި ނުކުރެވޭ ހިސާބަށް ދާނެ ކަމަކަށް އެކަލޭގެފާނު ޤަބޫލެއްނުކުރެއްވިއެވެ. އެހެންވެ އުއްމު ސުލައިމު އެއީ ދެން އިތުރު ކޮންކަމެއްތޯ ސުވާލުކުރުމުން ދެންނެވިއެވެ. “ތިމަންކަލޭގެފާނަށްވުރެ ރަނާއި ރިހި ގިނަ މީހަކު ޔަޤީނުންވެސް ކަމަނާގެ ކައިވެއްޏަށް ހުށައެޅީއެވެ.” ކޮންމެ ޒަމާނެއްގައިވެސް ދީންވެރިކަމާއި އިސްލާމުދީނުގެ މަތިވެރިކަން ނުވިސްނޭ މުއްސަނދިން ހީކުރަނީ ކޮންމެ މީހަކު އެމީހުންނަށް ތަބާނުވަނީ އެމީހުންނަށް ވުރެ މުއްސަދި އެހެންމީހަކަށް ތަބާވާންވެގެން ކަމަށެވެ. އެކަމަކު އެއީ ކުށް ހީއެކެވެ. މީހަކު ލާރިއަށް ވޯޓުވިއްކިޔަސް އަނެއްމީހާ ލާރިއެއްގައި ނުހިފާ ހަމަ ވޯޓުލައިފާނެއެވެ. އެބީދައިން އުއްމު ސުލައިމުގެފާނު އިތުރަށް އެކަންކަށަވަރު ކޮށްދެންވަމުން ވިދާޅުވިއެވެ. “ކަލޭގެފާނު އިސްލާމްދީން ޤަބޫލުކުރާށެވެ. އެހިސާބުން އެއީ ތިމަންކަމާނާގެ ކައިވެނީގެ ރަނެވެ.” ދެން އޯގާތެރިކަމާއި އެކު އަބޫ ޠަލްޙަތުގެފާނަށް ވިސްނައިދެއްވިއެވެ. “ކަލޭގެފާނު ވިސްނައި ބައްލަވާށެވެ. ތިޔަ އަޅުކަންކުރާ ބުދަކީ ކޮންމެވެސް ޤަބީލާއެއްގައި އުޅޭ ހަބްޝް ކަރައިގެ ވަޑާންކުރާ ކަޅު އަޅުފިރިހެނަކު ހިލައިން ހަދާފައިވާ ބުދެކެވެ. އެބުދު ހެދި ހިލަގަޑުގެ އަނެއްބައި ކޮންމެވެސް މީހަކު އޭނާ ރޮށި ފިހާހިރު އުދުނަކަށް އެބަ ބޭނުންކުރެއެވެ. އަޅެ މިކަހަލަ އިލާހަކަށް އަޅުކަން ކުރަން ކަލޭގެފާނުގެ ޒަމީރު ރުހޭތޯއެވެ.” ކިހާ ބުއްދިވެރި ބަސްކޮޅެއްތޯއެވެ. އިރުގަނޑަކު ވިސްނަވަންހުންނަވާފައި އަބޫޠަލްޙަތުގެފާނު ދެންނެވިއެވެ. “އެހެންވިއްޔާ ތިމަންކަލޭގެފާނު ތިޔަކަމާއި ވިސްނާލަން ފުރުޞަތެއް ދޭށެވެ.”
ކޮންމެއަކަސް އެފުރުޞަތު އެކަމަނާ ދެއްވިއެވެ. އަދި އެވިސްނަވާ ވަރަށް ވިސްނަވާފައި އެކަލޭގެފާނު ދުރުވެ ދެންނެވިއެވެ. “ތިމަންކަލޭގެފާނު އިސްލާމްވާން ކުރައްވަންޖެހެނީ ކީއްތޯއެވެ.” އަޅުގަނޑުމެން މިހަދާ ގޮތަށް ކޮންމެވެސް ޝެއިޚެއް ހޯދަން އުއްމު ސުލައިމުގެފާނު ނުހައްދަވައެވެ. އެހެނީ އެކަމަނާއަށް ލިޕުސްޓިކު ޖައްސައިގެން ފިރިހެންކުދިންނާއި އެކު ޖޫގޯބޮމުން ކޮލެޖުގައި ކިޔެވިފައި ނެތަސް އިސްލާމުދީނުގެ އެންމެ އަސާސީ ޢިލްމުވަނީ ހޯއްދަވާފައެވެ. ދެންނެވިއެވެ. “ކަލޭގެފާނު ޝަހާދަތް ކިޔުއްވާށެވެ. ދެން ޝަހާދަތް ލައިދެއްވިއެވެ.” އަބޫ ޠަލްޙަތުގެފާނު ޝަހާދަތް ވިދާޅުވުމާއި އެކު އެކަމަނާގެ ދަރިކަލުން އަނަސްގެފާނުގެ އަރިހުގައި އެކަމާނާ އާއި އަބޫޠަލްޙަތުގެފާނު ކައިވެނި ކޮށްދެއްވަންއެދިވަޑައިގަތެވެ. ދެން އެކައިވެނި ކުރެވުނެވެ. އެއީ އިސްލާމުދީނުގައި ކުރެވުނު އެންމެ މާތް އެއްކައިވެންޏެވެ. އެހެނީ އެކައިވެނީގެ ރަނަކީ “ދީން ދޫކޮށްލުމެވެ.” ބުދު ދީނެވެ. އަދި އެއަށްފަހު “ދީނަށް ވަނުމެވެ.” އިންސާނާގެ އަސްލު ޙަޤީޤީ ދީނަށެވެ.
މިއީ އަބޫޠަލަޙަތުގެފާނު ލޯތްބަށްޓަކައި ދީންދޫކޮށްލެވި ވާހަކައެވެ. އެއީ ކޮންމެހެން ދޫކޮށްލަން ޖެހޭ ދީނެކެވެ. ހަމަ އެކަނި ޙައްޤު ދީނަކީ އިސްލާމްދީނެވެ.