ސަލަފް ފޯރަމް ދ.ކުޑަހުވަދޫގައި

ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން ކޮންމެ ރަމަޟާން މަހެއްގައި ކުރިއަށް ގެންދާ ސަލަފް ފޯރަމް މިފަހަރު ދ.ކުޑަހުވަދޫގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.
ކުޑަހުވަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ފޯރަމްގައި އަލިއަޅުވާލަން ހަމަޖެހިފައިވާ މައުޟޫއަކީ “ޖިންނި” އެވެ. މިފޯރަމްގައި ވާހަކަފުޅުދައްކަވާނީ އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމާއި އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމެވެ.
މިރަމަޟާންމަހުގެ 24ވާ ހުކުރު ދުވަހުގެ ރޭ 9.30 ގައި ދ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައި އޮންނަ މި ޚާއްޞަ ފޯރަމް ޖަމްޢިއްޔަތުއްސަލަފުގެ ފޭސްބުކް ޕޭޖުން ލައިވްކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ޖަމްޢިއްޔަތުއްސަލަފާއި ދ.އަތޮޅު ކައުންސިލާއި ދ.ކުޑަހުވަދޫ ކައުންސިލާއި އެރަށުގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރާ މަދަނީ ޖަމްޢިއްޔާއެއް ކަމުގައިވާ ޔުނައިޑެޓް އިސްލާމިކް ސޮސައިޓީ އަދި ނިލަންދޫ ޔަންގް ޖެނަރޭޝަން ޖަމްޢިއްޔާ ގުޅިގެން ކުރިއަށްގެންދާ މިފޯރަމުގައި ވީހާވެސް ގިނަ ބޭފުޅުން ބައިވެރިވެ ވަޑައިގަތުމަކީ ފޯރަމް އިންތިޒާމްކުރާ ފަރާތްތަކުގެ ވަރަށް ބޮޑު އެދުމެކެވެ.