ޖަމްޢިއްޔަތުއްސަލަފުގެ “ދަލާއިލް” މިއަންނަ ރަމަޟާން މަހު

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން 1438 ވަނަ އަހަރުގެ ރަމަޟާން މަހު މުޅިން އައު ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

މިއަންނަ ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގެ ޢަޞްރު ނަމާދަށް ފަހު ކުރިއަށް ގެންދިއުމަށް ރާވާފައިވާ މި ދީނީ ސީރީޒް އަށް ކިޔަނީ “ދަލާއިލް” އެވެ. ނަބީބޭކަލުންގެ މުޢުޖިޒާތްތަކުގެ މައްޗަށް އަލިއަޅުވާލައި، ވާހަކަދެއްކުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ގިނަ ޢިލްމުވެރިންތަކެއްގެ ބައިވެރިވުމާއެކުއެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން މިއަންނަ ރަމަޟާން މަހު “ދަލާއިލް” ގެ ނަމުގައި މުޅިން އައު ޕްރޮގްރާމެއް އޮންނާނެކަމަށް ހާމަކޮށްފައިވަނީ ނިމިދިޔަ ރަމަޟާން މަހުގެ އެންމެ ފަހު ދުވަހު ފުރުޤާން މިސްކިތުގައި ބެހި ސަލަފް ގެ ލީފްލެޓެއްގައެވެ. “ރަންޒަމާން” ގެ ހުރިހާ ޕްރޮގްރާމުތަކެއް ނިންމުމަށްފަހު  ރަމަޟާން މަހުގެ 30 ވަނަ ދުވަހު ބޭއްވި ސުވާލާއި ޖަވާބު ސެޝަން ގައި ބެހި ލީފްލެޓް ގައި ރަމަޟާންމަހު ސަލަފްގެ ފަރާތުން ކުރިއަށް ގެންދިޔަ “ރަންޒަމާން” ޕްރޮގްރާމުގައި ބައިވެރިވި އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކޮށްފައިވެއެވެ.

މީލާދީން ހަތް ވަނަ ޤަރުނުގައި ދުނިޔޭގައި އުޅުއްވި މަތިވެރި ޞަޙާބީންގެ ވާހަކަފުޅުތައް ގެނެސްދިން “ރަންޒަމާން” ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެންނެވި ޢިލްމުވެރިންނަކީ އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް، އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް، އައްޝައިޚް ޙަސަން މޫސާ ފިކްރީ، އައްޝައިޚް މުޙައްމަދު ޠައްޔިބު، އައްޝައިޚް މުޙައްމަދު ސިނާން، އައްޝައިޚް ނިމާލް މުޙައްމަދު، އައްޝައިޚް ޢާޞިފް މޫސާ އިބްރާހީމް، އައްޝައިޚް އަޙްމަދު މާޖިދު، އައްޝައިޚް ޢަލީ ޒަޢިދް، އައްޝައިޚް މުޙައްމަދު ޝާފިޢު އަދި އައްޝައިޚް މުޖްތަބާ ޙަމީދު އައްޝައިޚް ޢަޡްމަތު ޖަމީލް، އައްޝައިޚް މުޙައްމަދު ލަޠީފް އަދި އައްޝައިޚް ޢަލީ ނިޝާމްއެވެ.

މިދަރުސްތައް ވެގެންދިޔައީ ދިވެހި އެންމެހައި މުސްލިމުންނަށް ޚާއްޞަކޮށް ޒުވާނުންނަށް އަޚްލާޤީ އަދި ސުލޫކީ ގޮތުން ގިނަގުން ފައިދާތަކަކާއި ޢިބްރަތްތެރި ފިލާވަޅުތަކެއް ލިބިގެންދިޔަ ދަރުސްތަކަކަށެވެ.