ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން


إن الحمد لله نستعينه ونستغفره، ونعوذ بالله من شرور أنفسنا وسيئات أعمالنا، فمن يهده الله فلا مضل له، ومن يضلل فلا هادي له، وأشهد أن لا إله إلا الله، وأشهد أن محمدا عبده ورسوله.

﴿يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ حَقَّ تُقَاتِهِ وَلَا تَمُوتُنَّ إِلَّا وَأَنتُم مُّسْلِمُونَ﴾  [1]

﴿يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمُ الَّذِي خَلَقَكُم مِّن نَّفْسٍ وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالًا كَثِيرًا وَنِسَاءً ۚ وَاتَّقُوا اللَّـهَ الَّذِي تَسَاءَلُونَ بِهِ وَالْأَرْحَامَ ۚ إِنَّ اللَّـهَ كَانَ عَلَيْكُمْ رَقِيبًا﴾  [2]

﴿يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا [٧٠] يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا [٧١]﴾ [3] [4]

أما بعد، فإن خيرَ الحديثِ كتابُ الله، وخيرَ الهدىِ هدىُ محمدٍ، وشرَّ الأمورِ محدثاتُها، وكلَّ بدعةٍ ضلالةٌ. [5]



* ﷲ ސުބުޙާނަހޫ ވަތަޢާލާ، ބައެއް ރަށްތައް އެހެނިހެން ރަށްތަކުގެ މައްޗަށް މާތްކުރެއްވި ފަދައިން، އަދި ބައެއް އިންސާނުން އެހެނިހެން އިންސާނުންގެ މައްޗަށް މާތްކުރެއްވި ފަދައިން، އެއިލާހުވަނީ ބައެއް ދުވަސްތައްވެސް އެހެނިހެން ދުވަސްތަކުގެ މައްޗަށް މާތްކުރައްވާފައެވެ. ފަހެ ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހަކީ ހެޔޮކަމުން ފުރިގެންވާ މޫސުމެކެވެ.

* ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.  

«مَا مِنْ أَيَّامٍ الْعَمَلُ الصَّالِحُ فِيهَا أَحَبُّ إِلَى اللهِ مِنْ هَذِهِ الْأَيَّامِ». [6]

މާނައީ: “މި ދިހަ ދުވަހަށްވުރެ ބޮޑަށް، ﷲގެ ޙަޟްރަތުގައި ހެޔޮ ޢަމަލުތަކަށް ލޮބުވެތިގެންވާ އެހެން ދުވަސްތަކެއް ނުވެއެވެ.”

އެބަހީ: ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހަށްވުރެ ބޮޑަށެވެ.



ރަމަޟާންމަހުގެ ފަހު ދިހައަށްވުރެވެސް، ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަސް މާތްކަން ބޮޑު ހެއްޔެވެ؟


* ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ގެ އަރިހުގައި މި ސުވާލު ދެންނެވުމުން ޖަވާބުގައި ވިދާޅުވިއެވެ.

“ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަސް، ރަމަޟާން މަހުގެ ފަހު ދިހަ ދުވަހަށް ވުރެ މަތިވެރިވެގެންވެއެވެ. އަދި ރަމަޟާންމަހުގެ ފަހު ދިހައިގެ ރޭތައް، ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ ރޭތަކަށްވުރެ މަތިވެރިވެގެންވެއެވެ.” [7]

* ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ގެ ދަރިވަރެއްކަމުގައި އިބްނުލް ޤައްޔިމު رحمه الله ‘ބަދާއިޢުލް ފަވާއިދު’ އޭ ކިޔުނު ފޮތުގައި މިކަމާ ބެހޭގޮތުން ވިދާޅުވިއެވެ.

“ވިސްނުންތެރިއަކު މިކަމާމެދު ވިސްނާލައިފިނަމަ މިޖަވާބަކީ – އެބަހީ: ޝައިޚުލް އިސްލާމް އެދެއްވާފައިވާ ޖަވާބަކީ – ހިތުގައިވާ ސުވާލުތަކަށް ޖަވާބު ލިބޭ އަދި ފުދޭ ޖަވާބެއްކަމުގައި ފެނިގެންދާނެއެވެ. އެހެނީ ޢަމަލުތައް ކުރެވޭ ދުވަސްތަކުގެ ތެރޭގައި ﷲ ތަޢާލާގެ ޙަޟްރަތުގައި އެދުވަސްތައްވަރުގެ ލޮބުވެތިކަން ބޮޑު ދުވަސްތަކެއް ނުވެއެވެ. ފަހެ އެދުވަސްތަކުގައި ޢަރަފާތް ދުވަހާއި ނަޙްރުގެ ދުވަހާ އަދި ތަރްވިޔާގެ ދުވަސްވެއެވެ. – އެއީ ޙައްޖުމަހުގެ 8 ، 9 ، 10 އެކެވެ. – އަދި ރަމަޟާންމަހުގެ ފަހު ދިހަ ރެއާމެދު ދަންނައެވެ. ފަހެ އެހުރިހާ ރެޔަކީވެސް ﷲގެ ރަސޫލާ صلى الله عليه وسلم (އަޅުކަމުގައި) އިޙްޔާކުރެއްވި ރޭތަކެކެވެ. އަދި އެރޭތަކުގެ ތެރޭގައި އެއްހާސް މައްސަރަށްވުރެ ހެޔޮ ރެއެއްވެސް ވެއެވެ. – އެއީ ލައިލަތުލް ޤަދްރިއެވެ. – މިސުވާލުގައި މިނޫން ޖަވާބެއްދެއްވައިފި ބޭކަލަކަށް މިކަމުގައި ޞައްޙަ ދަލީލުތަކެއް ނުގެނެވޭނެއެވެ.” [8]



ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހު ކުރަންވީ ކޮން ޢަމަލުތަކެއް ހެއްޔެވެ؟


ޖުމްލަގޮތެއްގައި ދަންނަވާނަމަ ހުރިހާ ހެޔޮ ޢަމަލުތަކެއްވެސް މިދުވަސްވަރުގައި އިތުރުކުރުން އެދެވިގެންވެއެވެ.

ތާބިޢީ ބޭކަލެއްކަމުގައިވާ ސަޢީދު ބިން ޖުބައިރު رحمه الله ޙައްޖުމަހުގެ ފުރަތަމަ ދިހަދުވަހުގައި ހެޔޮ ޢަމަލުތައް ކުރުމުގައި ގަދައަޅައި މަސައްކަތްކުރެއްވިއެވެ. އެކަލޭގެފާނަށްވީ އެންމެ ބޮޑަށް މަސައްކަތްކުރައްވައެވެ. އަދި އެދިހަ ރޭގައި އަޅުކަންކުރުމުގެ މައްޗަށް އެކަލޭގެފާނު ބާރުއެޅުއްވިއެވެ. އަދި ވިދާޅުވެއެވެ. “ޙައްޖުމަހުގެ ފުރަތަމަ ދިހަރޭގައި ތިޔަބައިމީހުންގެ ބައްތިތައް ނިވާނުލާށެވެ.” [9] މީގެ ތެރެއިން ބައެއް ހެޔޮ ޢަމަލުތަކަށް އެދުވަސްވަރުގައި އިތުރު ސަމާލުކަމެއް ދިނުމަށް ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘް ބަސްފުޅުތަކުގައި އެކަލޭގެފާނުވަނީ ބާރު އަޅުއްވާފައެވެ.


ފުރަތަމައީ: ޛިކުރުކުރުމާއި ޤުރުއާން ކިޔެވުމާއި ތަކުބީރު ކިޔުން އިތުރުކުރުން

ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން ބަޔާންކުރައްވާފައިވާ ޙަދީޘެއްގައި އައިސްފައިވެއެވެ.  

«مَا مِنْ أَيَّامٍ أَعْظَمُ عِنْدَ اللَّهِ، وَلَا أَحَبُّ إِلَيْهِ مِنَ الْعَمَلِ فِيهِنَّ مِنْ هَذِهِ الْأَيَّامِ الْعَشْرِ، فَأَكْثِرُوا فِيهِنَّ مِنَ التَّهْلِيلِ، وَالتَّكْبِيرِ، وَالتَّحْمِيدِ» [10]

މާނައީ: “މި ދިހަ ދުވަހަށްވުރެ ބޮޑަށް، ﷲގެ ޙަޟްރަތުގައި ހެޔޮ ޢަމަލުތައް މަތިވެރިވެގެންވާ އަދި ލޮބުވެތިގެންވާ އެހެން ދުވަސްތަކެއް ނުވެއެވެ. ފަހެ މިދުވަސްތަކުގައި ގިނަގިނައިން ތަހުލީލު ކިޔައި ތަކުބީރު ކިޔައި އަދި ތަޙްމީދު ކިޔާށެވެ.”

التَّهْلِيل ކިޔުމަކީ: لا إله إلا الله ކިޔުމެވެ.

التَّكْبِير ކިޔުމަކީ:  الله أكبرކިޔުމެވެ.

التَّحْمِيد ކިޔުމަކީ:   الحمد لله ކިޔުމެވެ.

އިބްނު ޢުމަރު رضي الله عنهما އާއި އަބޫ ހުރައިރާ رضي الله عنه ޛުލްޙިއްޖާމަހުގެ ފުރަތަމަ ދިހަ ދުވަހުގައި، ބާޒާރު މައްޗަށް ނުކުމެވަޑައިގެން ތަކްބީރު ވިދާޅުވެއެވެ. އަދި މީސްތަކުންވެސް އެދެބޭކަލުން ތަކުބީރު ކިޔާ އަޑު އިވުމުން ތަކުބީރު ކިޔައެވެ. [11]

އަދި ތާބިޢީންގެ ތެރެއިން މައިމޫން ބުން މަހްރާން رحمه الله ވިދާޅުވިއެވެ. “(ޙައްޖުމަހުގެ ފުރަތަމަ) ދިހަ ދުވަހުގައި މީސްތަކުން ތަކުބީރު ކިޔަނިކޮށް ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ. އެބައިމީހުން ތަކުބީރު ކިޔާލެއް ގިނަކަމުން ތިމަންކަލޭގެފާނަށް އެ ސިފަވަނީ ރާޅުބާނި ތަކެއް ގޮތަށެވެ.” [12]


ތަކުބީރު ކިޔާ ގޮތް

އެދުވަސްވަރުގައި ދެގޮތަކަށް ތަކުބީރު ކިޔުން އެދެވިގެންވެއެވެ. އެއީ: މުޠުލަޤު ތަކުބީރާއި މުޤައްޔަދު ތަކުބީރެވެ.

މުޠުލަޤު ތަކުބީރު: އެއީ ޙައްޖަމަހުގެ ހަނދު ފެނުނީއްސުރެ އައްޔާމުއް ތަޝްރީޤުގެ ތިންވަނަ ދުވަހުގެ އިރުއޮއްސިއްޖައުމަށް ދާންދެން ކިޔާ ތަކުބީރެވެ. ގޭގައާއި މަގުމަތީގައްޔާއި މިސްކިތުގައި އަދި އެނޫން ތަންތަނުގައިވެސް އެދުވަސްތަކުގައި ތަކުބީރު ކިޔުން ގިނަކުރުން އެދެވިގެންވެއެވެ.

މުޤައްޔަދު ތަކުބީރު: އެއީ ނަމާދުތަކަށް ފަހުގައި ކިޔާ ތަކުބީރެވެ. މިތަކުބީރު ކިޔާނީ ދެގޮތަކަށެވެ.

– ޙައްޖުވެރިން ފިޔަވާ އެހެނިހެން މީސްތަކުން އެ ތަކުބީރު ކިޔާނީ: ޢަރަފާތު ދުވަހުގެ ފަތިސްނަމާދުން ފަށައިގެންނެވެ. އަދި ނިންމާނީ އައްޔާމުއް ތަޝްރީޤުގެ ތިންދުވަހުގެ ފަހުދުވަހު ޢަޞުރު ނަމާދަށް ފަހު ތަކުބީރު ކިޔުމަށް ފަހުގައެވެ.

– ޙައްޖުވެރިން އެ ތަކުބީރު ކިޔާނީ: ޢީދު ދުވަހުގެ މެންދުރު ނަމާދުން ފަށައިގެންނެވެ. އަދި ނިންމާނީ އައްޔާމުއް ތަޝްރީޤުގެ ތިންދުވަހުގެ ފަހުދުވަހު ޢަޞުރު ނަމާދަށް ފަހު ތަކުބީރު ކިޔުމަށް ފަހުގައެވެ.


ތަކުބީރުގެ ޞީޣާ

ތަކުބީރު ކިޔުމުގައި ޞަޙާބީ ބޭކަލުންގެ ކިބައިން އެކި ޞީޣާތައް ވާރިދުވެފައިވެއެވެ. އެގޮތުން އަންނަނިވި ޞީޣާއަކީ ޢަބްދުﷲ ބުން މަސްޢޫދު رضي الله عنه ގެ އަރިހުން ޞައްޙަ މަގުން ވާރިދުވެފައިވާ ޞީޣާއެކެވެ.

عَنْ أَبِي الْأَحْوَصِ، عَنْ عَبْدِ اللَّهِ – أي: ابن مسعود – “أَنَّهُ كَانَ يُكَبِّرُ أَيَّامَ التَّشْرِيقِ: اللَّهُ أَكْبَرُ، اللَّهُ أَكْبَرُ، لَا إِلَهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ، اللَّهُ أَكْبَرُ، وَلِلَّهِ الْحَمْدُ” [13]

މާނައީ: “އަލްއަޙްވަޞްގެ އަރިހުން ރިވާވެގެންވެއެވެ. އައްޔާމުއް ތަޝްރީޤުގެ ދުވަސްތަކުގައި ޢަބްދުﷲ ބުން މަސްޢޫދު އަންނަނިވި ތަކުބީރުކިޔުއްވައެވެ. اللَّهُ أَكْبَرُ، اللَّهُ أَكْبَرُ، لَا إِلَهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ، اللَّهُ أَكْبَرُ، وَلِلَّهِ الْحَمْدُ “


ދެވަނައީ: އުޟުޙިޔާ ކަތިލުން

އުޟުޙިޔާގެ ތަޢާރުފު

ޢަރަބި ބަހުގައި: أضحية މިލަފުޒު ނެގިފައިވާ މައިގަނޑު ކަލިމައަކީ ضَحْوَة އެވެ. މާނައަކީ އިރު އެރުމަށްފަހު އޮންނަ ދުވާލުގެ ވަގުތެވެ.

ޢަރަބި ބަހުގައި އުޟްޙިޔާއަށް أُضْحِيَّة ، إضْحِيَّة ، ضَحِيَّة އަދި أضْحاة ކިޔައެވެ. ލުޣަވީ ގޮތުން الأُضْحِيَّةُ ކިޔަނީ އަޟްޙާ ޢީދު ދުވަހު ކަތިލާ ކަންބަޅިއަށެވެ. އެއީ ޟުޙާ ވަގުތަށް ނިސްބަތްކޮށްފައެވެ. [14]

ޢިލްމުވެރީންގެ އިސްތިލާހުގައި:أضحية އަކީ ﷲ تعالى އަށް ކުއްތަން ވުމުގެ ގޮތުން ނަޢަމްސޫފީގެ ބާވަތްތައް أيام النحر ގެ ދުވަސްތަކުގައި ޚާއްސަ ޝަރުޠުތަކަކާއެކު ކަތިލުމެވެ. [15]

أيام النحر ގެ ދުވަސްތަކަކީ ޙައްޖުމަހުގެ ދިހަވަނަދުވަހުން ފެށިގެން ތޭރަވަނަ ދުވަހުގެ އިރުއޮއްސުމުގެ ނިޔަލަށެވެ.


އުޟުހިޔާ ކަތިލުން ޝަރުޢުކުރައްވާފައިވާކަމުގެ ދަލީލު

ކީރިތި ޤުރުއާނުން:

﴿فَصَلِّ لِرَبِّكَ وَانْحَرْ﴾ [16]  

“ފަހެ ކަލޭގެފާނުގެ ރައްބަށް ނަމާދުކޮށް ޤުރުބާން ކުރައްވާށެވެ.”

މިއާޔަތުގައި انحر މިކަލިމައިގެ މުރާދަކީ ޤުރުބާންކަތިލުން ކަމަށް ابن عباس – رضي الله عنهما –  ގެ އަރިހުންނާއި އަދި قتادة – رحمه الله – ގެ އަރިހުން حسن ދަރަޖައަށް ދާފަދަ ސަނަދަކުން ابن جرير الطبري – رحمه الله – ރިވާކުރައްވާފައި ވެއެވެ. [17]


رسول الله صلى الله عليه وسلمގެ ސުންނަތުން:

އިމާމުލް ބުޚާރީ ރިވާކުރައްވާފައިވެއެވެ. އަނަސްގެފާނު رضي الله عنه  ވިދާޅުވިއެވެ.

«…وَضَحَّى بِالْمَدِينَةِ كَبْشَيْنِ أَمْلَحَيْنِ أَقْرَنَيْنِ» [18]

މާނައީ: “އަދި ދަޅުފަޅާފައިވާ ދެ أملح ކަންބަޅި ބަކަރި، އެކަލޭގެފާނު މަދީނާގައި ކަތިލެއްވިއެވެ.”

أملح ގެ މާނައަކީ އެއްޗެއްގައި ކަޅުކުލައަށް ވުރެއް ހުދު ކުލަ ގިނަވުމުވެ.


ޢިލްމުވެރިންގެ އިޖުމާއުން:

أضحية ކަތިލުމަކީ ދީނުގައި ޝަރުޢުކުރައްވާފައިވާ ކަމެއް ކަމުގައި ޢިލްމުވެރިންވަނީ އިޖުމާޢު ވެވަޑައިގެންފައިވެއެވެ. [19]


އުޟުޙިޔާއެއްގެ ގޮތުގައި ކަތިލުން ހުއްދަކަމަށް ޢިލްމުވެރިން އިއްތިފާޤުވެވަޑައިގަންނަވާ ބާވަތްތައް

އުޟްޙިޔާގެ ގޮތުގައި ބަކަރިއާއި ކަންބަޅި ބަކަރިއާއި ގެރިއާ އަދި ޖަމަލު ކަތިލެވިދާނެކަމަށް ޖުމްލަގޮތެއްގައި ހުރިހާ މަޛްހަބެއްގެ ޢިލްމުވެރިންވެސް އިއްތިފާގެ ވެވަޑައިގަންނަވައެވެ. [20] [21]

މިކަމާ ބެހޭގޮތުން ޒާދުލް މަޢާދުގައި ހަދުޔާއި އުޟްޙިޔާއާއި އަދި ޢަޤީޤާ ކަތިލުމާއި ބެހޭ فصل ގައި ابن القيم – رحمه الله – ވިދާޅުވެފައިވެއެވެ.

“އަންޢާމު ސޫރަތުގައި ޛިކުރު ކުރައްވާފައިވާ އަށް ވައްތަރުގެ (ނަޢަމްސޫފިއަށް) މިކަން ޚާއްޞަ ވެގެންވެއެވެ. އެކަލޭގެފާނު صلى الله عليه وسلم އަދި އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންގެ އަރިހުން ހަދުޔާއި އުޟްޙިޔާއާ އަދި ޢަޤީޤާ ކަތިލުމުގައި މިނޫން ބާވަތަކުން ކަތިލެއްވިކަން އެނގޭކަށް ނެތެވެ.” [22]

އަންޢާމު ސޫރަތުގައި ޛިކުރު ކުރައްވާފައިވާ އަށް ވައްތަރަކީ ބަކަރިއާއި، ކަންބަޅިއާއި، ގެރިއާއި، އަދި ޖަމަލު، މިއިން ކޮންމެ ބާވަތެއްގެ ފިރިހެން އަދި އަންހެން ވައްތަރެވެ.

މިކަމުގެ ދަލީލަކީ އަންނަނިވި އާޔަތެވެ.

﴿وَلِكُلِّ أُمَّةٍ جَعَلْنَا مَنْسَكاً لِيَذْكُرُوا اسْمَ اللَّهِ عَلَى مَا رَزَقَهُمْ مِنْ بَهِيمَةِ الأَنْعَامِ﴾ [23]

“އަދި ކޮންމެ އުންމަތަކަށްވެސް ޤުރުބާންކުރާނެ ތަނަކާއި ވަގުތެއް ތިމަން އިލާހު ލެއްވީމެވެ. އެއީ އެބައިމީހުންނަށްޓަކައި ނިޢުމަތެއްގެ ގޮތުގައި ނަޢަމުސޫފި ރިޒްޤުކުރެއްވި ކަމަށްޓަކައި އެބައިމީހުން ﷲގެ އިސްމުފުޅު ޛިކުރުކުރުމަށެވެ.”


* އެހެންކަމުން ކުޅަދާނަކަން ލިބިފައިވާމީހާ އުޟްޙިޔާ ކަތިލަންވާނެއެވެ.

* އަދި އުޟްޙިޔާ ކަތިލުމަށް ޤަޞްދުކުރާ މީހާ ޙައްޖުމަސް ފެށުމުން ސަމާލުކަން ދޭން ޖެހޭ ކަންތައްތަކެއް ވެއެވެ. އެއީ ނިޔަފަތި ކެނޑުމާއި ހަށިގަނޑުން ހަމާއި އިސްތަށި ވަކިކުރުމުން ދުރުހެލިވުމެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«إِذَا دَخَلَتِ الْعَشْرُ، وَأَرَادَ أَحَدُكُمْ أَنْ يُضَحِّيَ، فَلَا يَمَسَّ مِنْ شَعَرِهِ وَبَشَرِهِ شَيْئًا» [24]

މާނައީ: “އުޟްޙިޔާ ކަތިލުމަށް އެދޭ މީހާ ދަންނައެވެ. (ޙައްޖުމަހުގެ ފުރަތަމަ) ދިހަ ދުވަސް ފެށުމުން، އޭނާގެ އިސްތަށިތަކާއި ހަމުން އެއްވެސް މިންވަރެއް ވަކި ނުކުރާ ހުށިކަމެވެ.”   

«إِذَا رَأَيْتُمْ هِلَالَ ذِي الْحِجَّةِ، وَأَرَادَ أَحَدُكُمْ أَنْ يُضَحِّيَ، فَلْيُمْسِكْ عَنْ شَعْرِهِ وَأَظْفَارِهِ» [25]

މާނައީ: “އުޟްޙިޔާ ކަތިލުމަށް އެދޭ މީހާ ދަންނައެވެ. ޛުލް ޙިއްޖާމަހުގެ ހަނދު ފެނުމުން، އިސްތަށި ވަކިކުރުމާއި ނިޔަފަތި ކެނޑުމުން ދުރުހެލިވާށެވެ.”

* އަދި އެއް ގެއެއްގައި ދިރިއުޅޭ އެއް ޢާއިލާއަކަށް އެއް އުޟްޙިޔާއިން ފުދޭނެއެވެ. އެފަދައިން ތިރުމިޛީ ރިވާކުރައްވާފައިވާ ޙަސަން ދަރަޖައަށްދާ ޙަދީޘެއްގައި ވެއެވެ.

عَن عُمَارَةُ بْنُ عَبْدِ اللَّهِ قَالَ: سَمِعْتُ عَطَاءَ بْنَ يَسَارٍ يَقُولُ: سَأَلْتُ أَبَا أَيُّوبَ الأَنْصَارِيَّ: كَيْفَ كَانَتِ الضَّحَايَا عَلَى عَهْدِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ؟ فَقَالَ: «كَانَ الرَّجُلُ يُضَحِّي بِالشَّاةِ عَنْهُ وَعَنْ أَهْلِ بَيْتِهِ، فَيَأْكُلُونَ وَيُطْعِمُونَ». [26] 

މާނައީ: “ޢުމާރާ ބުން ޢަބްދުﷲ ވިދާޅުވިއެވެ. ޢަޠާއު ބުން ޔަސާރު ވިދާޅުވަނިކޮށް ތިމަން އަޑުއެހީމެވެ. އަބޫ އައްޔޫބު އަލްއަންޞާރީގެ އަރިހުގައި ތިމަންކަލޭގެފާނު ސުވާލުދެންނެވީމެވެ.

ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ ދުވަސްވަރުގައި އުޟްޙިޔާ ކަތިލާ އުޅުއްވީ ކިހިނެތް ހެއްޔެވެ؟

ޖަވާބުގައި ވިދާޅުވިއެވެ.    ކޮންމެ ބޭކަލަކުވެސް އެބޭކަލަކާއި އެބޭކަލެއްގެ ޢާއިލާގެ ފަރާތުން އެއް ކަންބަޅި އުޟްޙިޔާގެ ގޮތުގައި ކަތިލައްވައެވެ. އަދި އެއިން ބައެއް ކައިފައި އަނެއް ބައި މީހުންނަށް ދީ އުޅުއްވިއެވެ.”


ތިންވަނައީ: ރޯދަހިފުން

މިދުވަސްތަކުގައި ރޯދަ ހިފުމަށް ބަލާލާއިރު، ވަކިން ޚާއްޞަކޮށް ޢަރަފާތު ދުވަހުގައި ރޯދަ ހިފުމަށް ޞައްޙަ ޙަދީޘުން ޘާބިތުވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«صِيَامُ يَوْمِ عَرَفَةَ، أَحْتَسِبُ عَلَى اللهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ، وَالسَّنَةَ الَّتِي بَعْدَهُ» [27]  

މާނައީ: “ޢަރަފާތް ދުވަހު ރޯދަ ހިފުމުގެ ސަބަބުން އިސްވެ ދިޔަ އަހަރުގެ ފާފައާއި ކުރިއަށް އޮތް އަހަރުގެ ފާފަ ފުއްސަވާ ދެއްވާނެކަމަށް ﷲ ތަޢާލާގެ ޙަޟްރަތުން ތިމަންކަލޭގެފާނު އުންމީދުކުރައްވަމެވެ.”

ސަޢީދު ބިން ޖުބައިރު رحمه الله ވިދާޅުވިއެވެ. “ތިޔަބައިމީހުންގެ ޚާދިމުންވެސް ޢަރާފާތު ދުވަހުގެ ރޯދަހިފުމަށްޓަކައި ހާރުކެއުމަށް ހޭލައްވާށެވެ.” [28]

* އެހެންކަމުން ޙައްޖުމަހުގެ 9 ވަނަ ދުވަހު ރޯދަ ހިފުމަކީ ޘާބިތުވެގެންވާ އަދި ސުންނަތްވެގެންވާ ކަމެކެވެ.

* 10 ވަނަ ދުވަހަކީ ޢީދު ދުވަސްކަމުގައިވާތީ އެދުވަހުގައި ރޯދަ ނުހިފާނެއެވެ. އެއީ ޢީދު ދުވަހުގައި ރޯދަ ހިފުން ނަހީކުރައްވާފައިވާތީއެވެ.

* ދެން އޮތީ ޙައްޖު މަހުގެ ފުރަތަމަ 8 ދުވަހު ރޯދަ ހިފުމެވެ. މިކަމުގައި ޢިލްމުވެރިންގެ މެދުގައި ކޮންމެވެސް ވަރެއްގެ ޚިލާފެއް އޮތްކަމުގައި ވިޔަސް، މިކަމުގައި ޞައްޙަ ބަސްފުޅަކީ މި ދުވަސްތަކުގައިވެސް ރޯދަ ހިފުން އެދެވިގެންވުމެވެ.

* މިކަމުގައި ޢިލްމުވެރިން ޚިލާފުވުމަށް މެދުވެރިވެފައިވާ ސަބަބަކީ ޢާއިޝާ رضي الله عنها ވިދާޅުވެފައިވަނީ ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހު ނަބިއްޔާ صلى الله عليه وسلم ރޯދަ ހިއްޕަވަނިކޮށް ތިމަންކަމަނާ ދެކެވަޑައި ނުގަންނަވަމެވެ.

«مَا رَأَيْتُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ صَائِمًا الْعَشْرَ قَطُّ». [29]

މާނައީ: “(ޙައްޖުމަހުގެ ފުރަތަމަ) ދިހައެއްގައި ﷲގެ ރަސޫލާ صلى الله عليه وسلم ރޯދަ ހިއްޕަވަނިކޮށް ތިމަންކަމަނާ ދެކެވަޑައިނުގަންނަވަމެވެ.”

* އެހެނަސް އެ ދުވަސްތަކުގައި ރޯދަހިފުމަށް ބުރަވެވަޑައިގަންނަވާ ޢިލްމުވެރިން އެފަދައިން ބުރަވެވަޑައިގަންނަވާ ސަބަބުތަކެއްވެއެވެ.

1- 9 ވަނަ ދުވަހު ރޯދަ ހިފުމަށް އެކަލޭގެފާނު ބާރު އަޅުއްވާފައިވާކަން ޞަޙީޙު މުސްލިމުގައި ޘާބިވެފައިވުން.

2- އާލާސްކަންފުޅެއްގެ ސަބަބުން ނުވަތަ ދަތުރެއްގެ ސަބަބުން އެކަލޭގެފާނު ރޯދަ ނުހިއްޕެވުން އެކަށީގެންވުން. [30]

3- އެކަމަނާއަށް އެކަން ފެނިވަޑައިނުގަތުމަކުން ނުހިއްޕަވާކަމަށް ދޭހަނުވުން. [31]

4- މީސްތަކުންގެ މައްޗަށް އެކަން ފަރުޟުވެދާނެކަމުގެ ބިރަށް އެކަލޭގެފާނު އެކަން ދޫކޮށްލެއްވުން އެކަށީގެންވުން. [32]

5- އެދުވަސްތަކުގައި ހެޔޮ ޢަމަލުތައް އިތުރުކުރުމަށް އައިސްފައިވާ ޢާންމު ޙަދީޘްތަކުގައި ރޯދަވެސް ހިމެނިގެންވުން. [33]

ދުޢާއަކީ ﷲ ތާޢާލާ އަޅަމެންނަށް އެދުވަސްތަކުގައި ހެޔޮ ޢަމަލު ކުރުމުގެ ތައުފީޤު ދެއްވައި އެކަން ޤަބޫލުކުރެއްވުމެވެ.

وصلى الله وسلم على نبينا محمد وعلى آله وصحبه وسلم.




[1] سورة آل عمران: 102

[2] سورة النساء: 1

[3] سورة الأحزاب: 70 – 71

[4] أخرجه أبو داود في سننه برقم: (2118) والترمذي في جامعه برقم: (1105)  والنسائي في المجتبى برقم: (1404) برقم: (3277) وابن ماجة في سننه برقم: (1892) (انظر: تفحة الأشراف للمزي (7/125) برقم: (9505)). وصححه الترمذي (الجامع للترمذي برقم: (1105)).

[5] أخرجه مسلم في صحيحه، كتاب: الجمعة، باب: تخفيف الصلاة والخطبة برقم: 43 – (867).

[6]  رواه أبو داود في سننه برقم: (2438) وصححه الألباني في صحيح سنن أبي داود برقم: (2107).

[7]  مجموع فتاوى لشيخ الإسلام ابن تيمية (25/287).

[8] بدائع الفوائد لابن القيم (3/162).

[9] لطائف المعارف (ص: 263).

[10] أخرجه أحمد في مسنده برقم: (5446)، وبرقم: (6154) وعبد بن حميد في منتخبه برقم: (807)، وأبو عوانة في مستخرجه برقم: (3024) والطحاوي في شرح مشكل الآثار برقم: (2971)، والطبراني في الدعاء برقم: (871)، كلهم عن ابن عمر رضي الله عنه، وفي المعجم الكبير برقم: (11116) عن ابن عباس رضي الله عنهما وصححه البوصيري في إتحاف الخيرة المهرة برقم: (2465) والمنذري في الترغيب برقم: (1782) والهيثمي في مجمع الزوائد برقم: (5932) وأحمد شاكر في تحقيقه للمسند برقم: (5446).

[11] رواه البخاري معلقا بصيغة الجزم (2/20).

[12] فتح الباري لابن حجر (9/9).

[13] أخرجه ابن أبي شيبة في مصنفه برقم: (5651) وصححه الألباني في الإرواء برقم: (654).

[14] الصحاح للجوهري (2/1750).

[15] أحكام الأطعمة لد.وليد (ص: 138-139).

[16] سورة الكوثر: 2.

[17] التفسير الصحيح لحكمة بشير (4/675).

[18] رواه البخاري برقم: (1712).

[19] المغني لإبن قدامة (11/94).

[20] ބައްލަވާ: فقه الإسلامي وهبة الزحيلى (4/2720).

[21] ބައްލަވާ: موسوعة الفقهية الكويتية (8/163).

[22] زاد المعاد لابن القيم (2/285).

[23] سورة الحج: 34.

[24] صحيح مسلم 39 – (1977).

[25] صحيح مسلم 41 – (1977).

[26] أخرجه الترمذي برقم: (1505) وقال: هذا حديث حسن صحيح، وحسن إسناده الأرنؤوط في تحقيقه لزاد المعاد (2/295).

[27] رواه مسلم برقم: 196 – (1162).

[28] حلية الأولياء لأبي نعيم (4/281) والسير (4/326).

[29] أخرجه أبو داود (2439) وصححه الألباني في السلسلة الصحيحة برقم: (2108).

[30] انظر: شرح صحيح مسلم للنووي (8/72).

[31] المصدر نفسه.

[32] انظر: فتح الباري لابن حجر (2/460).

[33] نيل الأوطار للشوكاني (4/283).