ޝައިޚް ޓިމްހަމްބަލް ގެ ލެކްޗާރ ސަންޓީވީ އިންނާއި މުންނާރު ޓީވީ އިން ލައިވް ކުރާގޮތަށް ހަމަޖެހިއްޖެ

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން އިންތިޒާމު ކޮށްގެން އޮގަސްޓު 3ވަނަ ދުވަހު ބާއްވާ ‘ދަކޯލް2018’ ގެ މައި ދަރުސް ސަން.ޓީވީއިންނާއި މުންނާރު ޓީވީއިން ލައިވް ކުރާގޮތަށް ހަމަޖެހިއްޖެއެވެ.

އިނގިރޭސިވިލާތުގެ މަޝްހޫރު ޢިލްމުވެރިއެއްކަމަށްވާ އައްޝައިޚް މުޙައްމަދު ޓިމް ހަމްބަލް މާލޭގައި ބާއްވާ މައި ދަރުސް އޮންނާނީ އޮގަސްޓު 3 ވަނަ ދުވަހު އިސްލާމީ މަރުކަޒުގެ ބޭރުގައި އޮންނަ މާބުލް ޖެހި ސަރަހައްދުގައެވެ. ދަރުސްގެ މައުޟޫއަކީ ‘ޕީ.ފެކްޓާރ’ އެވެ. މިދަރުސް ވީހާވެސް ގިނަ ބަޔަކަށް ފޯރުކޮށްދިނުމަށްޓަކައި ސަންޓީވީ އާއި މުންނާރު ޓީވީގެ އިތުރުން އިތުރު ޗެނެލްތަކުންވެސް ދެއްކުމަށް މަސައްކަތް ކުރަމުންދާކަމަށް ޖަމްޢިއްޔަތުއްސަލަފުގެ ހިންގާކޮމެޓީގެ މެމްބަރު އަދި ‘ދަކޯލް2018’ ގެ ކޯޑިނޭޓާރ މުޙައްމަދު ސުޖާއު ވިދާޅުވިއެވެ.

“ޓިމްހަމްބަލް މާލޭގައި ބާއްވާ ލެކްޗާރ ސަން.ޓީވީ އިންނާއި މުންނާރު ޓީވީއިން ލައިވް ކުރާގޮތަށް މިހާރުވަނީ ހަމަޖެހިފަ. އަދިވެސް އިތުރު ޗެނެލްތަކުން މިދަރުސް ދެއްކޭތޯ އެބަ މަސައްކަތް ކުރަން. މިދަރުސް ލައިވް ކުރުމުގެ ފުރުސަތު ހަމަ ހުރިހާ ޓީވީތަކަކަށްވެސް އެބައޮތް. އެކަން ވާނީ ޓީވީތަކަށް އަންގާފަ. އެހެންނަމަވެސް އަދި ހަމަޖެހިފައިވަނީ ސަންޓީވީ އާއި މުންނާރު ޓީވީ. އަޅުގަނޑުމެންގެ ބޭނުމަކީ ވީހާވެސް ގިނަ ބަޔަކަށް މި ދަރުސް ފޯރުކޮށްދިނުން.” ސުޖާއު ވިދާޅުވިއެވެ.
ޓިމްހަމްބަލް މާލޭގައި ބާއްވާ ދަރުސްގެ އިތުރުން ރުޤްޔާ ވޯކްޝޮޕްއެއްވެސް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އަންހެން ބޭފުޅުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ މި ވޯކްޝޮޕްއަށް މިހާރުވެސް ވަރަށްގިނަ ބޭފުޅުން އެޕްލައި ކޮށްފައިވާކަމަށާއި އަދިވެސް ބައިވެރިވުމުގެ ފުރުސަތު އޮތްކަމަށް ސުޖާ ވިދާޅުވިއެވެ.

ޝައިޚް ޓިމް ހަމްބަލްގެ އިވެންޓުތައް އޮގަސްޓު މަހުގެ 1 ވަނަ ދުވަހުން ފެށިގެން 5 އާއި ހަމައަށް ކުރިއަށްދާއިރު މާލޭގައި އޮގަސްޓު 3 ވަނަ ދުވަހު ބާއްވާ މައި ދަރުސްގެ އިތުރުން އޮގަސްޓު 2 ވަނަ ދުވަހު އެމް.އެން.ޔޫގެ ދަރުވަރުންނަށް އަމާޒުކޮށް ‘ސަކްސެސް’ ގެ ނަމުގައި ލެކްޗަރއެއް ބޭއްވުމާއި، އޮގަސްޓު 2 އަދި 3 ވަނަ ދުވަހު ރުޤްޔާ ވޯކްޝޮޕް ބޭއްވުމާއި، އޯގަސްޓު 4 ވަނަ ދުވަހު އދ.މަހިބަދޫގައި ކުރިއަށް ގެންދާ އެކިއެކި ހަރަކާތްތައް ހިމެނެއެވެ. އަދި ޒުވާނުންކޮޅެއް ގޮވައިގެން ދަތުރު ދިއުމާއި، ޝައިޚް ޓިމް ހަމްބަލް އާއެކު ހިޖުރަ ކޭމްޕު ބޭއްވުން ހިމެނެއެވެ. ހިޖުރަ ކޭމްޕަކީ ޒުވާނުންނާއެކު ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ހަރަކާތެކެވެ.