ޝަޢުބާން މަސް: ރޯދަމަހަށް ތައްޔާރުވުމުގެ ފުރުޞަޠު

ޝަޢުބާން މަހަކީ އެތައް ގޮތަކުން މާތްވެގެންވާ މައްސަރެކެވެ. އޭގެ ތެރެއިން އެއްކަމަކީ، މީސްތަކުން ޢަމަލުތައް މާތް ﷲ ގެ ޙަޟުރަތަށް އުފުއްލެވޭ މައްސަރެއްކަމުގައި އެ މަސް ވުމެވެ. އަނެއް ކަމަކީ، ކީރިތި ރަސޫލާ صلى الله عليه وسلم އެ މައްސަރުގައި ސުންނަތް ރޯދަހިފުން ގިނަ ކުރައްވާފައިވުމެވެ.
މާތް ﷲ ޙުރުމަތްތެރި ކުރައްވާފައިވާ ހަތަރު މައްސަރު ކަމުގައިވާ، ޛުލް ޤަޢިދާ މަހާއި، ޛުލް ޙިއްޖާ މަހާއި، މުޙައްރަމު މަހަކީ ވިދިވިދިގެން އަންނަ ތިން މަހެވެ. ދެން ހަތަރުވަނަ މަހަކީ ވަކިން އޮންނަ ރަޖަބު މަހެވެ. މި މައްސަރުތަކަކީ އެ މައްސަރުތަކުގައި، ހަނގުރާމަކޮށް، ލޭ އޮހޮރުވައި، އަނިޔާވެރިވެ އުޅުން ނަހީކުރައްވާފައިވާ މައްސަރުތަކެކެވެ. ދެން ރަޖަބު މަހާއި ވިދިގެން އަންނަނީ ޝަޢުބާން މަހެވެ. އެއަށްފަހު ރަމަޟާންމަހެވެ. ރަމަޟާންމަހަކީ ރޯދަ ހިފުމާއި، ކީރިތި ޤުރްއާން ބާވައިލެއްވުމުގެ ސަބަބުން މާތްވެގެންވާ އަޅުކަމުގެ މަތިވެރި މަހެކެވެ. މިހެންވުމުން، ޝަޢުބާން މަހަކީ އެމަހަކާމެދު މީހުން ފަރުވާކުޑަކުރާ މައްސަރެއްކަމުގައިވެފައިވާތީ، އެ މައްސަރުގެ މާތްކަން ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ބަޔާންކޮށްދެއްވާފައެވެ.
ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. “ذَلِكَ شَهْرٌ يَغْفُلُ النَّاسُ عَنْهُ بَيْنَ رَجَبٍ وَرَمَضَانَ، وَهُوَ شَهْرٌ تُرْفَعُ فِيهِ الْأَعْمَالُ إِلَى رَبِّ الْعَالَمِينَ، فَأُحِبُّ أَنْ يُرْفَعَ عَمَلِي وَأَنَا صَائِمٌ” رواه النسائي މާނައީ:”އެ މައްސަރަކީ (އެބަހީ: ޝަޢުބާން މަހަކީ) ރަޖަބުހަމާއި ޝަޢުބާން މަހާ ދެމެދުގައި އޮންނަ، އެމަހާމެދު މީސްތަކުން ޣާފިލުވެފައިވާ މަހެކެވެ. އެ މަހަކީ މީސްތަކުންގެ ޢަމަލުތައް ޢާލަމުތަކުގެ ރައްބުގެ ޙަޟުރަތަށް އުފުއްލެވޭ މައްސަރެވެ. ފަހެ، ތިމަންކަލޭގެފާނު ރޯދައަށް ހުންނަވަނިކޮށް، ތިމަންކަލޭގެފާނުގެ ޢަމަލުތައް އެއިލާހުގެ ޙަޟުރަތަށް އުފުއްލެވުމަށް އެދިލައްވަމެވެ.”
މީސްތަކުންގެ ޢަމަލުތައް 3 ވަގުތެއްގައި މާތް ﷲ ގެ ޙަޟުރަތަށް އުފުއްލެވެއެވެ. އެއީ؛
އެކެއް: ރޭގަނޑުގެ ޢަމަލުތައް ދުވާލު ވުމުގެ ކުރިން، އަދި ދުވާލުގެ ޢަމަލުތައް ރޭގަނޑުވުމުގެ ކުރިން
ދޭއް: ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހެއްގައި
ތިނެއް: ޝަޢުބާން މަހުގައި އެވެ.
ޝަޢުބާން މަސް ދެބައިވާ ރެއަކީވެސް މާތް ވެގެންވާ ރެއެކެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. “إِنَّ اللَّهَ لَيَطَّلِعُ فِي لَيْلَةِ النِّصْفِ مِنْ شَعْبَانَ، فَيَغْفِرُ لِجَمِيعِ خَلْقِهِ، إِلَّا لِمُشْرِكٍ أَوْ مُشَاحِنٍ” راه ابن ماجه މާނައީ: “ޝަޢުބާން މަސް މެދެބައިވާ ރޭގައި، މާތް ﷲ މީސްތަކުންގެ މައްޗަށް ބައްލަވައި ވޮޑިގަންނަވައެވެ. އަދި ޝަރީކު ކުރާ މީހާއާއި، ރުޅިވެރިކަމުގައި ގުޅުން ކަނޑާ މީހާފިޔަވައި، އެއިލާހުގެ ހުރިހާ ޚަލްޤުތަކުންނަށް ފާފަ ފުއްސަވައި ދެއްވައެވެ.”

ޝަޢުބާން މަހުގެ ފަނަރަވަނަ ދުވަހު ހިފާ ޚާއްޞަ ރޯދަ
ޝަޢުބާން މަސް ދެބައިވާ ދުވަހު ހިފަން ޚާއްޞަވެފައިވާ ރޯދައެއް ނުވަތަ އެރޭގައި ކުރާނޭ ޚާއްޞަ ނަމާދެއްވެސް ނޯވެއެވެ. ޝަޢުބާން މަސް ދެބައިވާ ދުވަހު ކުރަން ޚާއްޞަވެފައިވާ އަޅުކަމެއް އޮތްކަމަކަށް ކީރިތި ރަސޫލާ صلى الله عليه وسلم ގެ ސުންނަތުން އެއްވެސް ދަލީލެއް ނެތެވެ.

ޝަޢުބާން މަހު ސުންނަތް ރޯދަ ހިފުން
އެހެން މައްސަރުތަކަށްވުރެ ގިންނައިން، ޝަޢުބާން މަހުގައި ކީރިތި ރަސޫލާ صلى الله عليه وسلم ސުންނަތް ރޯދަ ހިއްޕަވާކަމުގައި ރިވާވެފައިވެއެވެ. عَنْ عَائِشَةَ أُمِّ الْمُؤْمِنِينَ رَضِيَ اللهُ عَنْهَا أَنَّهَا قَالَتْ: ” كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَصُومُ حَتَّى نَقُولَ: لَا يُفْطِرُ، وَيُفْطِرُ حَتَّى نَقُولَ: لَا يَصُومُ، وَمَا رَأَيْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ اسْتَكْمَلَ صِيَامَ شَهْرٍ قَطُّ إِلَّا رَمَضَانَ وَمَا رَأَيْتُهُ فِي شَهْرٍ أَكْثَرَ مِنْهُ صِيَامًا فِي شَعْبَانَ ” رواه مسلم މާނައީ: “ކީރިތި ރަސޫލާ صلى الله عليه وسلم ސުންނަތް ރޯދަ ހިއްޕެވުމުގައި ހުންނަވާ ދުވަސްތައް ގިނަވެގެންގޮސް، އެކަލޭގެފާނު ދެން މުޅީންވެސް ހުންނަވާނީ ރޯދައަށޭ ތިމަންމެނަށް ބުނެވޭހާ ވަންދެން ސުންނަތް ރޯދަ ހިއްޕެވުމުގައި ދެމިހުންނަވައެވެ. އަދި ސުންނަތް ރޯދަ ނުހިއްޕަވާ ގިނަދުވަސްވެގެން ގޮސް، އެކަލޭގެފާނު މިހާރު ދެން ސުންނަތް ރޯދަ ނުހިއްޕަވައޭ ބެނެވޭހާ ވަންދެން ރޯދަ ނުހިއްޕަވާވެސް ހުންނަވައެވެ. އަދި ރަމަޟާންމަސް ނޫން އެހެން މަހެއް އެކުގައި ރޯދަ ހިއްޕެވި ތަނެއް ތިމަންކަމަނާ ދުވަހަކުވެސް ދެކެވަޑައިނުގަންނަވަމެވެ. އަދި އެންމެ ގިނައިން ސުންނަތް ރޯދަ އެކަލޭގެފާނު ހިއްޕަވަނިކޮށް ތިމަންކަމަނާއަށް ފެނިވަޑައިގެންފަވަނީ ޝަޢުބާން މަހުގައެވެ.”
ވީމާ، ޝާޢުބާން މަހު ގިނަގިނައިން ސުންނަތް ރޯދަ ހިފުން ސުންނަތްވެގެންވާކަން މިޙަދީޘްފުޅުން ދޭހަވެއެވެ. ނަމަވެސް ދެން އުފެދޭ ސުވާލަކީ ޝަޢުބާން މަސް ދެބައިވުމަށްފަހު ރޯދަ ހިފުން ހުއްދަވެގެންވޭތޯއެވެ؟

ޝަޢުބާން މަހުގެ ފަހު ފަހަނަރައިގައި ރޯދަ ހިފުން
ޝަޢުބާން މަސް ދެބައިވުމުން ރޯދަ ނުހިފުމަށް ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްވެއެވެ. ބައެއް ޙަދީޘް ޢިލްމުވެރިންގެ އަރިހުގައި އެޙަދީޘް ޞައްޙައެއް ނޫނެވެ. އަދި އެ ޙަދީޘަށްފުޅަށްވުރެ ޞައްޙަކަން ބޮޑު އެހެން ބަސްފުޅެއްގައިވެއެވެ. عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ” لا تَقَدَّمُوا رَمَضَانَ بِصَوْمِ يَوْمٍ وَلا يَوْمَيْنِ إِلا رَجُلٌ كَانَ يَصُومُ صَوْمًا فَلْيَصُمْهُ ” رواه البخاري ومسلم މާނައީ: “ރަމަޟާން މަހުގެ އެއްދުވަސް ނުވަތަ ދެދުވަސް ކުރިން ތިޔަބައިމީހުން ރޯދަ ނުހިފާށެވެ. އެއީ އޭގެ ކުރިން ރޯދައި ހިފާ އުޅުނު މީހަކު ނަމަ ރޯދަ ހިފުން ފިޔަވައެވެ.” އެބަހީ އޭގެ ކުރީގައި މިސާލަކަށް ހޯމަ ބުރާސްފަތީގައި ރޯދަ ހިފާ އުޅުނު މީހަކު ނަމަ، އެދުވަސްތަކުގެ ރޯދަ ހިފުމަށް މިޙަދީޘްފުޅުގައި އެވަނީ ހުއްދަ ދެއްވާފައެވެ.
ޝަޢުބާން މަސް ދެބައިވުމުން ރޯދަ ހިފުމާމެދު ފަހުގެ ދަންނަބޭކަލުންގެ ތެރެއިން، އިބްނު ބާޒް رحمه الله އާއި އަލްއަލްބާނީ رحمه الله ވެސް ވިދާޅުވެފައިވާ ގޮތުގައި، ޝަޢުބާން މަސް ދެއްބައިވުމަށްފަހު، އޭގެ ކުރިން ރޯދަ ނުހިފާ މީހަކު ދެން ރޯދަ ހިފަން ފެށުންވަނީ އެ ޙަދީޘްފުޅުގައި ނަހީ ކުރައްވާފައެވެ. ނަމަވެސް އެމަހުގެ ގިނަ ދުވަސްތަކެއްގައި ރޯދަ ހިފާފައިވާނަމަ އެއީ އެންމެ ސުންނަތާ އެއްގޮސްކަން ބޮޑު ގޮތެވެ.
މި މާތް ދުވަސްތަކުން ބޭނުން ފުރިހަމަ ގޮތުގައި ހިފަން އެދޭ މީހާ، އޭނާގެ ފާފަތަކުން ތައުބާވެ، އޭނާ ހެޔޮ ޢަމަލު ކުރުމަށް ނަފްސު ހާނުވައި، ސުންނަތް ރޯދަ ހިފައި، ރޯދަ ހިފުމަށް ތިމާގެ ނަފްސު ހާނުވައި ހެދުން މުހިންމެވެ. މިފަދަ ހެޔޮ ކަމުން ތިމާގެ ނަފްސު މަޙުރޫމު ވިޔަ ނުދީ ހެޔޮ ކަމުގައި ދެމިހުރުމަށް ހަމަ ކޮންމެ މީހަކުމެ ގަދައަޅާ މަސައްކަތް ކުރަންވާނެއެވެ.