ޟުޙާ ނަމާދު

ﷲއަށްޓަކައި ޘަވާބާއި ދަރުމައަށް އެދި އަޅުކަންކުރާ މީހަކަށް އެކަމުގެ ދޮރުތައް އެކަލާނގެ ވަނީ ހުޅުއްވާލައްވާފައެވެ. މިގޮތުން، ފަރުޟުނަމާދުތަކުގެ އިތުރަށް ކުރެވޭ ސުންނަތް ނަމާދުތަކަކީވެސް ގުނާ ޢަދަދުނުކުރެވޭނެހާ ޘަވާބާއި ދަރުމަ މާތް ﷲ ލައްވަވާފައިވާ ނަމާދުތަކެކެވެ.

މިގޮތުން، މިފަދަ ސުންނަތް ނަމާދުތަކުގެ ތެރެއިން އެއް ނަމާދަކީ ޟުޙާ ނަމާދެވެ. މިގޮތުން ޞަޙީޙު މުސްލިމުގައި ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން އިމާމް މުސްލިމް ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ. (كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُصَلِّي الضُّحَى أَرْبَعًا، وَيَزِيدُ مَا شَاءَ اللَّهُ) (رواه مسلم)  މާނައަކީ:  “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޟުޙާ ނަމާދުގެ ހަތަރު ރަކްޢަތް ކުރައްވާކަމުގައިވެއެވެ. އަދި ﷲ އިރާދަކުރެއްވި މިންވަރަކަށް އިތުރު ކުރައްވައެވެ.”

އަދި އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުއަށް މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަނީ ޟުޙާ ނަމާދުކުރެއްވުމަށް ވަޞިއްޔަތްކުރައްވާފައެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. أَوْصَانِي خَلِيلِي صَلَّى اللهُ عَلَيْهِ وَسَلَّمَ بِثَلَاثٍ: ((بِصِيَامِ ثَلَاثَةِ أَيَّامٍ مِنْ كُلِّ شَهْرٍ، وَرَكْعَتَيِ الضُّحَى، وَأَنْ أُوتِرَ قَبْلَ أَنْ أنام)) (رواه البخاري ومسلم) މާނައީ: “ތިމަންގެ އެކުވެރިޔާ (އެބަހީ: ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ)  ތިމަންނައަށް ތިން ކަމަކަށް ވަޞިއްޔަތް ކުރެއްވިއެވެ. ކޮންމެ މަހެއްގައި ތިން ދުވަހު ރޯދަ ހިފުމަށާއި ޟުޙާ ނަމާދުގެ ދެ ރަކުޢަތް ކުރުމަށާއި، ނިދުމުގެ ކުރިން ވިތުރި ކުރުމަށެވެ.”

ޟުޙާ ނަމާދުކުރާނެ ގޮތަށް ބަލާލާއިރު؛ ޟުޙާ ނަމާދުގެ ވަގުތަކީ އިރުލޮންސިއެއް މިންވަރަށް އެރީއްސުރެ، އިރު މެދު ޖެހިއްޖެއުމަށް ދާންދެނެވެ. އެވަގުތު ފެށޭނީ ގާތްގަނޑަކަށް އިރުއަރާ ވަގުތުން ފެށިގެން ވިއްސަކަށް މިނިޓްފަހުންނެވެ. ފަތިސްނަމާދަށްފަހުގައި ޛިކުރުކުރަން އިންނަމީހާގެ މައްޗަށް އެންމެ މަތިވެރިވެގެންވަނީ މި ވަގުތުޖެހުމުން ޟުޙާނަމާދު ކުރުމެވެ. މިވަގުތުގައި ޟުޙާނަމާދު ކުރާނަމަ އެ ނަމާދަށް އިޝްރާޤު ނަމާދޭ ކިޔައެވެ. އެނޫންމީހުން އިރުގެ ހޫނު ގަދަވެގަންނަ ވަޤުތު އެ ނަމާދު ކުރުމެވެ. އެއީ ގާތްގަނޑަކަށް 9 ޖަހާލާހާއިރުއެވެ. އަދި މި ވަގުތުގައި ޟުޙާނަމާދު ކުރާނަމަ އެ ނަމާދަށް އައްވާބީން ނަމާދޭ ކިޔައެވެ.

ޟުޙާ ނަމާދު ކުރާނީ ދެ ރަކުޢަތުން ދެ ރަކުޢަތުން ސަލާމްދެމުންނެވެ. އެނަމާދުގެ އެންމެ މަދު މިންވަރަކީ ދެ ރަކުޢަތެވެ. ހަތަރެއް، ހައެއް، އަށެއް ނުވަތަ އެއަށްވުރެ ގިނަ ރަކުޢަތްވެސް ކުރެވިދާނެއެވެ. އެންމެ މޮޅުއިތުރު ގޮތަކީ ވީވަރަކުން ޟުޙާނަމާދު ކުރުންމަތީ ދާއިމުވެ ހުރުމެވެ. ބައެއް ދުވަސްދުވަހު ދޫވުމަކީ މައްސަލައެއް ނޫނެވެ.

އެއްވެސް ނަމާދަކަށް ދުލުން ނިޔަތް ކިޔުމަށް އައިސްފައި ނުވާތީ، ޟުޙާ ނަމާދުގައިވެސް ދުލުން ކިޔާނެ ނިޔަތެއް ނުވެއެވެ. ޟުޙާނަމާދު ކުރުމަށް ހިތުން ގަސްތުކުރީމަ ފުދޭނެއެވެ. ޟުޙާ ނަމާދުގައި ކިޔުމަށް ވަކި ޚާއްޞަ ސޫރަތްތަކެއް، އަދި ވަކި ޚާއްޞަ ދުޢާއެއްވެސް ސާބިތުވެގެން އައިސްފައެއް ނުވެއެވެ. ފާތިޙާ ސޫރަތަށްފަހުގައި ބޭނުން ސޫރަތެއް، ނުވަތަ ބޭނުން އާޔަތްތަކެއް ކިޔެވިދާނެއެވެ.

ޟުޙާ ނަމާދުގެ މާތްކަމާބެހޭގޮތުން އައިސްފައިވާ ޙަދީޘެއްގައިވެއެވެ. ((يُصْبِحُ عَلَى كُلِّ سُلَامَى مِنْ أَحَدِكُمْ صَدَقَةٌ ، فَكُلُّ تَسْبِيحَةٍ صَدَقَةٌ، وَكُلُّ تَحْمِيدَةٍ صَدَقَةٌ، وَكُلُّ تَهْلِيلَةٍ صَدَقَةٌ، وَكُلُّ تَكْبِيرَةٍ صَدَقَةٌ وَأَمْرٌ بِالْمَعْرُوفِ صَدَقَةٌ، وَنَهْيٌ عَنْ الْمُنْكَرِ صَدَقَةٌ، وَيُجْزِئُ مِنْ ذَلِكَ رَكْعَتَانِ يَرْكَعُهُمَا مِنْ الضُّحَى)) (رواه مسلم) މާނައަކީ: އިންސާނާގެ ކޮންމެ ހުޅަކަށް ކޮންމެ ދުވަހަކުވެސް ޞަދަގާތެއްވެއެވެ. ކޮންމެ ތަސްބީޙަކީ (ސުބްޙާނަﷲ ކިޔުން) ޞަދަގާތެކެވެ. ކޮންމެ ތަޙްމީދަކީ (އަލްޙަމްދު للهކިޔުން) ޞަދަގާތެކެވެ. ކޮންމެ ތަހްލިލަކީ (لاإله إلاالله ކިޔުން) ޞަދަގާތެކެވެ. ކޮންމެ ތަކްބީރަކީ (الله أكبرކިޔުން)  ޞަދަގާތެކެވެ. ހެޔޮކަންތަކަށް އަމުރު ކުރުމަކީ ޞަދަގާތެކެވެ. ނުބައިކަންތައް ނަހީ ކުރުމަކީ ޞަދަގާތެކެވެ. ޟުޙާ ނަމާދުގެ ދެރަކްޢަތް ކުރުމުން މިހުރިހާ ކަމެއް ފުދިގެން ދެއެވެ.”

ބުނެވޭ ގޮތުގައި އިންސާނާގެ 360 ހުޅު ވެއެވެ. މީގެން ކޮންމެ ހުޅަކަށް ކޮންމެ ދުވަހަކު ޞަދަޤާތްކުރުމަކީ އަޅުގަނޑުމެނަށް ވާނޭކަމެއް ނޫނެވެ. އެހެންކަމުން، ޟުޙާނަމާދުގެ ދެ ރަކުޢަތުގެ ސަބަބުން އެ ހުޅުތައް ދެއްވިކަމަށްޓަކައި ﷲ އަށް ޝުކުރުކުރެވި، އެ ހުރިހާ ޞަދަޤާތެއްގެ ޘަވާބު ލިބިގެން ދެއެވެ.

އަދި ފަތިސްނަމާދު ޖަމާޢަތުގައި ކުރުމަށްފަހު، ނަމާދުކުރާތަނުގައި އިށީނދެއިނދެ ޛިކުރުކުރުމަށްފަހު، އިރު ލޮންސިއެއްގެ މިންވަރަށް އެރުމުން، ޟުޙާނަމާދުގެ 2 ރަކުޢަތްކޮށްފިމީހަކަށް ޙައްޖަކާއި ޢުމްރާއެއްގެ ފުރިހަމަ ޘަވާބު ލިބޭނެކަމަށް ޙަދީޘްގައި ވާރިދުވެގެން އައިސްފައިވެއެވެ. އަންހެން ބޭފުޅުންވެސް ނަމާދުކުރުމަށްފަހު، ބަޔާންދިޔަގޮތަށް ކަންތައް ކޮށްފިނަމަ ޙައްޖަކާއި ޢުމްރާއެއްގެ ފުރިހަމަ ޘަވާބު ލިބޭނެއެވެ.

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! އަޅުގަނޑުމެންނަށް އުފަލާއި ހިތްހަމަޖެހުން ލިބޭނީ މިފަދަ ނަމާދުތަކުގެ ޒަރީޢާއިން އަޅުގަނޑުމެންގެ ވެރިރަސްކަލާނގެ މަތިން ހަނދުމަކޮށް، އެކަލާނގެއަށް ކުއްތަންވި މިންވަރަކުންނެވެ. ﷲގެ ރަޙްމަތުން އަޅުގަނޑުމެންނަށް މިވަނީ ޘަވާބާއި ދަރުމަ ހޯދޭނެ ވަރަށް ގިނަ މަގުތައް ދައްކަވާދެއްވާފައެވެ. އަޅުގަނޑުމެންނަށް އޮތީ މިފަދަ ޘަވާބާއި ދަރުމަތައް ދޫކޮށްލެވުނީތީ ހިތާމަކުރަންޖެހުމުގެ ކުރިން މިކަމަށް ސަމާލުކަން ދިނުމެވެ.

އެއްވެސް ނަމާދަކަށް ދުލުން ކިޔުމަށް ނިޔަތެއް އައިސްފައި ނުވާތީ، ޟުޙާ ނަމާދުގައިވެސް ދުލުން ކިޔާނެ ނިޔަތެއް ނުވެއެވެ. ޟުޙާނަމާދު ކުރުމަށް ހިތުން ގަސްތުކުރީމަ ފުދޭނެއެވެ.