ޢަޤީދާގެ 200 ސުވާލާއި ޖަވާބު (18): ސުވާލު 81 އިން 85 އަށް

ސ81: ކީރިތި ޤުރުއާނުގެ ޙައްޤުގައި މުޅި އުއްމަތަށް ވާޖިބުވެގެންވާ ކަމަކީ ކޮބާ؟

ޖ: އެއީ އެތެރެފުށުންނާއި ބޭރުފުށުން އެފޮތަށް ތަބާވުމާއި، އެފޮތުގައި ހިފެހެއްޓުމާއި، އެފޮތަށް ދޭންޖެހޭ ޙައްޤުތައް ދިނުމުގައި ޤާއިމުވެ ހުރުމެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿وَهَذَا كِتَابٌ أَنْزَلْنَاهُ مُبَارَكٌ فَاتَّبِعُوهُ وَاتَّقُوا﴾ الأنعام: ١٥٥ މާނައީ: “މި ފޮތަކީ (އެބަހީ: ޤުރުއާނަކީ)، ތިމަންއިލާހު ބާވައިލެއްވި ފޮތެކެވެ. ބަރަކާތްތެރި ފޮތެކެވެ. ފަހެ، ތިޔަބައިމީހުން، އެފޮތަށް ތަބާވާށެވެ! އަދި ތިޔަބައިމީހުން ތަޤުވާވެރިވާށެވެ! (އެއީ) ތިޔަބައިމީހުންނަށް ރަޙުމަތް ލެއްވުމަށްޓަކައެވެ.” އަދިވެސް ވަޙީކުރައްވާފައިވެއެވެ. ﴿اتَّبِعُوا مَا أُنْزِلَ إِلَيْكُمْ مِنْ رَبِّكُمْ وَلَا تَتَّبِعُوا مِنْ دُونِهِ أَوْلِيَاءَ﴾ الأعراف: ٣ މާނައީ: “ތިޔަބައިމީހުންގެ ވެރިއިލާހުގެ ޙަޟްރަތުން، ތިޔަބައިމީހުންނަށް ބާވައިލެއްވި ފޮތަށް ތިޔަބައިމީހުން ތަބާވާށެވެ! އަދި އެކަލާނގެ ފިޔަވައި، އެހެން އެހީތެރިންތަކަކަށް ތަބާ ނުވާށެވެ.” އަދިވެސް ވަޙީކުރައްވާފައިވެއެވެ. ﴿وَالَّذِينَ يُمَسِّكُونَ بِالْكِتَابِ وَأَقَامُوا الصَّلَاةَ إِنَّا لَا نُضِيعُ أَجْرَ الْمُصْلِحِينَ﴾ الأعراف: ١٧٠ މާނައީ: “ފޮތުގައި ހިފަހައްޓައި، ނަމާދު ޤާއިމުކޮށް އުޅުނު މީހުން (ދަންނާށެވެ!) ހަމަކަށަވަރުން، އިޞްލާޙުކުރާމީހުންގެ ދަރުމަ، ތިމަންއިލާހު ގެއްލެނި ނުކުރައްވާހުށީމެވެ.”  ކޮންމެ ފޮތަކަށް މި ޙުކުމް ޢާއްމުވެގެންވެއެވެ. މިފަދަ މިކަމާގުޅޭ އެތައް އާޔަތެއް ވެއެވެ. ﷲ ގެ ފޮތާ ބެހޭގޮތުން ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަޞިއްޔަތްކުރައްވާފައިވެއެވެ. ((فَخُذُوا بِكِتَابِ اللَّهِ وَاسْتَمْسِكُوا بِهِ))([1]) މާނައީ: “ފަހެ، ތިޔަބައިމީހުން ﷲގެ ފޮތް ލިބިގަންނާށެވެ. އަދި އެފޮތުގައި ގަދަޔަށް ހިފަހައްޓާވެ. (އެބަހީ: އެފޮތުގައި އަންގަވާދެއްވާފައިވާގޮތަށް ޢަމަލުތައް ބަހައްޓާށެވެ.)” އަދި ޢަލީ ރަޟިޔަﷲ ޢަންހުގެ ކިބައިން މަރުފޫޢުކޮށް ވާރިދުވެފައިވާ ޙަދީޘެއްގައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ((“إِنَّهَا سَتَكُونَ فِتَن” فَقُلْتُ: مَا الْمَخْرَجُ مِنْهَا يَا رَسُولَ اللهِ ؟ قَالَ: “كِتَابُ اللهِ”))([2]) މާނައީ: “ހަމަކަށަވަރުން، ފިތުނަތައް އަންނަހުއްޓެވެ.” ތިމަން ދެންނެވީމެވެ. “އޭ ﷲގެ ރަސޫލާއެވެ! އެ ފިތުނަތަކުން ނުކުމެވޭނެ މަގަކީ ކޮބައިތޯއެވެ؟” އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. “ﷲގެ ފޮތެވެ.”

ސ82: ކީރިތި ޤުރުއާނުގައި ހިފެހެއްޓުމާއި، އެފޮތަށް ދޭންޖެހޭ ޙައްޤުތައް ދިނުމުގައި ޤާއިމުވެ ހުރުމޭ ބުނެވޭ ބަހުގެ މާނައަކީ ކޮބާ؟

ޖ: އޭގެ މާނައަކީ އެފޮތް ހިތުދަސްކޮށް، އެފޮތް ކިޔަވަންޖެހޭ ގޮތަށް ކިޔަވައި، ރޭގަނޑާއި ދުވާލު އެފޮތުގެ މަތީގައި ޤާއިމުވެހުރުމެވެ. އަދި އެފޮތުގެ އާޔަތްތަކާމެދު ވިސްނާ ފިކުރުކުރުމާއި، އެފޮތުގައިވާ ޙަލާލުވެގެންވާ ތަކެއްޗާއި ކަންކަން ޙަލާލުކުރުމާއި، އަދި އެފޮތުގައި ޙަރާމްވެގެންވާ ތަކެއްޗާއި ކަންކަން ޙަރާމްކުރުމެވެ. ހަމައެހެންމެ، އެފޮތުގައިވާ އަމުރުތަކަށް ކިޔަމަންތެރިވުމާއި، އައިސްފައިވާ ވަޢީދުގެ ބަސްތަކަށް ހުޝިޔާރުވެ ހުރުމާއި، އެފޮތުގައިވާ މިސާލުތަކުން ޢިބުރަތް ޙާޞިލުކުރުމެވެ. ހަމައެއާއެކު، އެފޮތުގައިވާ ވާހަކަތަކުން ނަޞޭޙަތް ލިބިގަތުމާއި، އެފޮތުގައި ފާޅުވެގެން މާނައެނގޭ އާޔަތްތަކަށް ޢަމަލުކުރުމާއި، އަދި މާނަނޭނގޭ އާޔަތްތަކަށް ކިޔަމަންތެރިވުމެވެ. އަދި އެފޮތުގައިވާ ޙައްދުގެ ތެރޭގައި އުޅުމާއި، އެފޮތަށް އުނިއިތުރު ގެނައުމުންނާއި އެފޮތަށް ކުރާ ދޮގު ދަޢުވާތަކުން އެފޮތް ރައްކާތެރިކުރުމެވެ. އަދި އެކިގޮތްގޮތުން އެފޮތުގެ މައްޗަށް ނަޞޭޙަތްތެރިވުމާއި، ފާޅުވެ ބަޔާންވެގެންވާ ދަލީލާއެކު އެފޮތުގެ މަގަށް ދަޢުވަތު ދިނުމެވެ.

ސ83: ކީރިތި ޤުރުއާނަކީ ޚަލްޤުކުރެވިގެންވާ އެއްޗެކޭ ބުނެއްޖެމީހެއްގެ ޙުކުމަކީ ކޮބާ؟

ޖ: ކީރިތި ޤުރުއާނުގައިވާ އަކުރުތަކާއި މާނައަކީ ޙަޤީޤަތުގައިވެސް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކަލާމްފުޅެވެ. އެއިލާހުގެ ކަލާމްފުޅަކީ ހަމައެކަނި މާނައާނުލައި އަކުރުތަކެއް އަދި އަކުރުތަކާނުލައި މާނައެއް ނޫނެވެ. އެއިލާހުގެ ކަލާމްފުޅުގައި އަކުރާއި މާނަ މި ދެބައި ހިމެނިގެންވެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އެ އާޔަތްތައް ބަސްފުޅުން ވަޙީކުރައްވައި، އެއިލާހުގެ ނަބިއްޔާއަށް ވަޙީގެގޮތުގައި ބާވާލައްވާފައެވެ. އަދި މުއުމިނުން ޙައްޤުގޮތުގައި އެފޮތަށް އީމާންވާން ޖެހެއެވެ. އެ ކަލިމަފުޅުތައް ހުރީ އަތުން ލިޔެ، ދުލުން ކިޔައި، ހިތްތަކުގައި ރައްކާކުރެވި، ކަންފަތްތަކަށް އިވޭ، ލޮލަށް ފެންނަގޮތަށް ކަމުގައިވީނަމަވެސް އެއީ ހަމަ ރަޙްމާންވަންތަ އިލާހުގެ ކަލާމްފުޅެވެ. އެހެންނަމަވެސް ލިޔެހަދާ އަތްތަކާއި، ލިޔާ ދެއްޔާއި، ޤަލަމާއި، ލިޔަން ބޭނުންކުރާ ގަނޑުތަކަކީ މަޚްލޫޤުތަކެކެވެ. އެހެނެއްކަމަކު އެތަކެތިން ލިޔެފައިވާ އާޔަތްތަކަކީ މަޚްލޫޤެއް ނޫނެވެ.

ހަމައެހެންމެ ދޫތަކާއި، އަޑުތަކަކީ މަޚްލޫޤުތަކެކެވެ. ނަމަވެސް އެތަކެތި ބޭނުންކޮށްގެން ކިޔަވާ އާޔަތްތަކަކީ މަޚްލޫޤެއް ނޫނެވެ. އަދި ހިތްތަކަކީ މަޚްލޫޤެކެވެ. ނަމަވެސް އެހިތުގައި ރައްކާކޮށްފައިވާ އާޔަތްތަކަކީ މަޚްލޫޤެއް ނޫނެވެ. އަދި ކަންފަތްތަކަކީ މަޚްލޫޤެކެވެ. ނަމަވެސް އެކަންފަތްތަކަށް އިވޭ  އާޔަތްތަކަކީ މަޚްލޫޤެއް ނޫނެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿إِنَّهُ لَقُرْآنٌ كَرِيمٌ * فِي كِتَابٍ مَكْنُونٍ﴾ الواقعة: ٧٧ – ٧٨ މާނައީ: “ހަމަކަށަވަރުން، އެއީ މާތްވެގެންވާ ޤުރްއާންކަން ކަށަވަރެވެ. ރައްކާތެރިކުރައްވާފައިވާ ފޮތެއްގައެވެ.” އަދިވެސް ވަޙީކުރައްވާފައިވެއެވެ. ﴿بَلْ هُوَ آيَاتٌ بَيِّنَاتٌ فِي صُدُورِ الَّذِينَ أُوتُوا الْعِلْمَ وَمَا يَجْحَدُ بِآيَاتِنَا إِلَّا الظَّالِمُونَ﴾ العنكبوت: ٤٩ މާނައީ: “އަދި ކިއެއްތަ! އެއީ ޢިލްމު ލިބިގެންވާ މީހުންގެ ހިތްތަކުގައި ބަޔާންވެގެންވާ  އާޔަތްތަކެކެވެ. އަނިޔާވެރިން ނޫނީ، ތިމަންއިލާހުގެ އާޔަތްތަކާ ދެކޮޅެއް ނަހަދާނެއެވެ.” އަދިވެސް ވަޙީކުރައްވާފައިވެއެވެ. ﴿وَاتْلُ مَا أُوحِيَ إِلَيْكَ مِنْ كِتَابِ رَبِّكَ لَا مُبَدِّلَ لِكَلِمَاتِهِ﴾ الكهف: ٢٧ މާނައީ: “ކަލޭގެފާނުގެ ވެރިރަސްކަލާނގެ ފޮތުން، ކަލޭގެފާނަށް ވަޙީކުރެއްވި ތަކެތި ކިޔަވައިވިދާޅުވާށެވެ! އެކަލާނގެ ކަލިމަފުޅުތަކަށް ބަދަލުގެނެވޭނޭ އެކަކުވެސް ނުވެއެވެ.” އަދިވެސް ވަޙީކުރައްވާފައިވެއެވެ. ﴿وَإِنْ أَحَدٌ مِنَ الْمُشْرِكِينَ اسْتَجَارَكَ فَأَجِرْهُ حَتَّى يَسْمَعَ كَلَامَ اللَّهِ﴾ التوبة: ٦ މާނައީ: “އަދި މުޝްރިކުންގެ ތެރެއިން އެއްވެސްމީހަކު، ކަލޭގެފާނުގެ އަރިހުން ރައްކާތެރިކަމަކަށް އެދިއްޖެނަމަ، ފަހެ، އެމީހަކު ﷲގެ ކަލާމްފުޅު އަހައިފުމަށްދާނދެން އެމީހަކަށް ރައްކާތެރިކަން ދެއްވާށެވެ.” އަދި ޢަބްދުﷲ ބުން މަސްޢޫދު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ((أَدِيمُوا النَّظَرَ فِي الْمُصْحَفِ))([3]) މާނައީ: “ތިޔަބައިމީހުން، މުޞްޙަފަށް ބަލުމުގައި ދެމިހުންނާށެވެ. (އެބަހީ؛ އެ ފޮތް ބަލައިގެން ކިޔެވުމާއި، އެފޮތާމެދު ވިސްނާ ފިކުރުކުރުމުގައި ދެމިހުންނާށެވެ.)” މިފަދަ އެތައް ނައްޞުތަކެއް މިބާބުގައި އައިސްފައިވެއެވެ.

ކަންމިހެންހުރުމާއެކު، ކީރިތި ޤުރުއާނަކީ ނުވަތަ އެފޮތުގެ ބަޔަކީ މަޚްލޫޤެކޭ ބުނެއްޖެމީހާ ބޮޑު ކުފުރުން ކުފުރުވެއްޖެއެވެ. އަދި އިސްލާމްދީނުން އެއްކޮށް އެމީހަކު ބޭރުވެއްޖެއެވެ. އެހެނީ، ކީރިތި ޤުރުއާނަކީ ﷲ ގެ ކަލާމްފުޅެވެ. އެ ފޮތް އައިސްފައިވަނީ އެކަލާނގެ ޙަޟްރަތުންނެވެ. އަދި އެ ފޮތް ރުޖޫޢަވާހުށީވެސް އެކަލާނގެ ޙަޟްރަތަށެވެ. އަދި އެއިލާހުގެ ޞިފަފުޅުތަކުގެ ތެރެއިން ބައެއް ޞިފަތަކަކީ މަޚްލޫޤެކޭ ބުނެއްޖެމީހާ މުރުތައްދުވެ ކާފަރުވެއްޖެއެވެ. އެފަދަ މީހެއްގެ މައްޗަށްވަނީ އަލުން އިސްލާމްދީނަށް ރުޖޫޢަވުމެވެ. އެމީހަކު ރުޖޫޢަވެއްޖެނަމަ އެމީހަކަށް ކުށެއްނެތެވެ. ރުޖޫޢަވުމަށް ދެކޮޅުހަދައިފިނަމަ، ކާފަރުވިކަމަށްޓަކައި ޤަތުލުކުރުން ހުއްޓެވެ. އަދި މުސްލިމެއްގެ ހައިސިއްޔަތުން ކުރަންޖެހޭނެ އެއްވެސްކަމެއް އެމީހާގެ މައްޗަށް ކުރާކަށް ނުޖެހޭނެއެވެ.

ސ84: ބަސްވަޙީކުރެއްވެވުމުގެ ޞިފަފުޅަކީ އެއިލާހުގެ ޛާތުފުޅުގެ ނުވަތަ ޢަމަލުފުޅުގެ ޞިފަފުޅެއްތަ؟

ޖ: ބަސްވަޙީކުރެއްވެވުމުގެ ޞިފަފުޅު އެއިލާހުގެ ޛާތުފުޅާ ގުޅިފައިވުމުގެގޮތުންނާއި، އެއިލާހަށް މިޞިފަފުޅުން ޞިފަފުޅު ލިބިވޮޑިގެންފައިވުމުގެ ގޮތަށް ބަލާއިރު، ފަހެ، މިއީ އެއިލާހުގެ ޢިލްމުފުޅާ އެއްފަދައިން އެއިލާހުގެ ޛާތީ ޞިފަފުޅެކެވެ. ހަމައެހެންމެ، ބަސްވަޙީކުރެއްވެވުމަކީ އެއިލާހުގެ ޢިލްމުފުޅުގެ ތެރެއިންވާ ކަމެކެވެ. އަދި އެއިލާހު ބަސްފުޅު ވަޙީކުރައްވަނީ އެއިލާހުގެ ޢިލްމުފުޅުންނެވެ. ބަސްފުޅުތަކުގެ ތެރެއިން އެއިލާހު ބާވާލައްވަންވީ ކޮން ބަސްފުޅެއްކަން އެއިލާހު މޮޅަށް ދެނެވޮޑިގެންވެއެވެ.

އަދި އެއިލާހު އެދިވޮޑިގެންވުމުގެ ގޮތުންނާއި، އެއިލާހުގެ އިރާދަކުރެއްވުމުގެ ގޮތަށް ބަލައިފިކަމުގައިވާނަމަ (ބަސްވަޙީކުރެއްވެވުމުގެ ޞިފަފުޅަކީ) އެއިލާހުގެ ޢަމަލުފުޅުގެ ތެރެއިންވާ ޞިފަފުޅެކެވެ. އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވާފައިވާ ފަދައިންނެވެ. ((إِذَا أَرَادَ اللهُ أَنْ يُوحِيَ بِالأَمْرِ تَكَلَّمَ بِالْوَحْيِ))([4])  މާނައީ: “ﷲ ކަމެއް އަމުރުކުރެއްވުމަށް ވަޙީކުރަން އެދިވޮޑިގެންފި ހިނދަކު، ވަޙީގެ ޒަރީޢާއިން ބަސްވަޙީ ކުރައްވައެވެ.”

އަދި މިސަބަބާހުރެ ބަސްވަޙީކުރެއްވެވުމުގެ ޞިފަފުޅާބެހޭގޮތުން ސަލަފުއްޞާލިހުން (ރަޙިމަހުމުﷲ) ވިދާޅުވެފައިވެއެވެ. ހަމަކަށަވަރުން، އެޞިފަފުޅަކީ (އެއިލާހުގެ) ޛާތީ، ހަމައެއާއެކު ޢަމަލުފުޅުގެ ޞިފަފުޅެކެވެ. ފަހެ، ﷲ ސުބުޙާނަހޫ ވަތަޢާލާ ބަސްވަޙީކުރެއްވެވުމުގެ ޞިފަފުޅު މީގެކުރިން ދުވަހަކުވެސް ނެތިގެން ގޮސްފައެއް ނުވެއެވެ. އަދި އަބަދުގެއަބަދަށް ދުވަހަކުވެސް އެއިލާހުގެ ޛާތުފުޅުން ނެތިގެން ނުދާހުއްޓެވެ. އެއިލާހުގެ ބަސްވަޙީކުރެއްވެވުމާއި، (އެއިލާހުގެ ވަކި ޚާއްޞަ އަޅަކަށް) ބަސްވަޙީކުރެއްވެވުމަކީ އެއިލާހުގެ އެދިވޮޑިގަތުމާއި، އިރާދަފުޅުގެ ދަށުގައިވާ ކަމެކެވެ. ފަހެ، އެއިލާހުގެ އެދިވޮޑިގެންފިހިނދަކު، އެދިވޮޑިގެންފި ވަޤުތަކު، އެދިވޮޑިގެންފި ގޮތަކަށް، އެދިވޮޑިގެންނެވި އެއިލާހުގެ އަޅަކަށް އަޑުއިވޭނެފަދަ ބަސްފުޅަކުން ބަސްވަޙީކުރައްވައެވެ. އަދި އެއިލާހުގެ ބަސްފުޅުވަޙީކުރެއްވެވުމަކީ އޭގެ ވަކި ޙައްދެއްނުވާ، އަދި އޭގެ ވަކި ނިހާޔަތެއްނުވާ ޞިފަފުޅެކެވެ. ﴿قُلْ لَوْ كَانَ الْبَحْرُ مِدَادًا لِكَلِمَاتِ رَبِّي لَنَفِدَ الْبَحْرُ قَبْلَ أَنْ تَنْفَدَ كَلِمَاتُ رَبِّي وَلَوْ جِئْنَا بِمِثْلِهِ مَدَدًا﴾ الكهف: ١٠٩ މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ވެރިއިލާހުގެ ކަލިމަފުޅުތަކަށް ދެލިކަމުގައި ކަނޑުވީނަމަ، ތިމަންކަލޭގެފާނުގެ ވެރިއިލާހު ކަލިމަފުޅުތައް (ލިޔެ) ހުސްވުމުގެކުރިން ކަނޑު ހުސްވެއްޖައީހެވެ. ތިމަންއިލާހު އެފަދަ އެހެންކަނޑެއް އިތުރަށް ގެނެސްދެއްވިނަމަވެހެވެ.” ﴿وَلَوْ أَنَّمَا فِي الْأَرْضِ مِنْ شَجَرَةٍ أَقْلَامٌ وَالْبَحْرُ يَمُدُّهُ مِنْ بَعْدِهِ سَبْعَةُ أَبْحُرٍ مَا نَفِدَتْ كَلِمَاتُ اللَّهِ﴾ لقمان: ٢٧ މާނައީ: “އަދި ހަމަކަށަވަރުން، ބިމުގައިވާހާ ގަސްގަހާގެއްސަކީ، ޤަލަމްތަކެއްކަމުގައި ވެފައި، އަދި ކަނޑު (ދެލިކަމުގައިވެފައި) އޭގެފަހަށް ހަތްކަނޑު އެއާއެކުވިޔަސް، ﷲގެ ކަލިމަފުޅުތައް (އެއިން ލިޔެ) ހުހެއް ނުވާނެތެވެ.” ﴿وَتَمَّتْ كَلِمَتُ رَبِّكَ صِدْقًا وَعَدْلًا لَا مُبَدِّلَ لِكَلِمَاتِهِ وَهُوَ السَّمِيعُ الْعَلِيمُ﴾ الأنعام: ١١٥ މާނައީ: “އަދި ކަލޭގެފާނުގެ ވެރިއިލާހުގެ ކަލިމަފުޅު ތެދުވެރިކަމާއި، ޢަދުލުވެރި ކަމުގައި ފުރިހަމަވެއްޖެއެވެ. އެކަލާނގެ ކަލިމަފުޅުތައް ބަދަލުކުރެވޭނެ އެއްވެސް ފަރާތެއް ނުވެއެވެ. އަދި އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.”

ސ85: ވާޤިފާއިންނަކީ ކޮބާ؟ އަދި އެބައިމީހުންގެ ޙުކުމަކީ ކޮބާ؟

ޖ: ވާޤިފާއިންނަކީ([5]) ކީރިތި ޤުރުއާނާމެދު، އެއީ ﷲ ގެ ކަލާމްފުޅޭވެސް އަދި މަޚްލޫޤެކޭވެސް ނުބުނާ މީހުންނެވެ. އަލްއިމާމް އަޙްމަދު -ރަޙިމަހުﷲ ތަޢާލާ- ވިދާޅުވެފައިވެއެވެ. “އެބައިމީހުންގެ ތެރޭގައި ޢިލްމުވެރިކަން ހުރެއްޖެމީހަކުކަމުގައިވާނަމަ، އެމީހަކީ ޖަހްމީންގެ މީހެކެވެ. އެމީހަކީ މާބޮޑު ޢިލްމުވެރިކަމެއްނެތް، ޖާހިލުކަމެއް ހުރެއްޖެމީހެއްކަމުގައިވާނަމަ، ފަހެ، ޖެހޭނީ އެމީހާގެ މައްޗަށް ބަޔާންކުރުމާއި، ހެއްކާއެކު ޙުއްޖަތް ޤާއިމުކުރާށެވެ. ފަހެ، އެކަމުން އެމީހާ ތައުބާވެ، އެ ޤުރްއާނަކީ ﷲ ތަޢާލާގެ ކަލާމްފުޅުކަމާއި މަޚްލޫޤެއްނޫންކަމުގައި އީމާންވެއްޖެނަމަ މައްސަލަ ނިމުނީއެވެ. އެހެންނޫންކަމުގައިވާނަމަ، އެމީހަކީ ޖަހްމީންނަށްވުރެވެސް ނުބައި މީހެކެވެ.”([6])


([1]) رواه مسلم (فضائل الصحابة / 36) ، وأحمد (4 / 366، 367).

([2]) (ضعيف) ، رواه أحمد (1 / 91) ، والترمذي (2906) ، والدارمي (3334).

([3]) رواه مسلم (فضائل الصحابة / 36) ، وأحمد (4 / 366، 367).

([4]) (إسناده فيه ضعف) ، رواه ابن أبي عاصم في السنة (515) ، والآجري في الشريعة (126).

([5]) ވާޤިފާއިންނަކީ: ކީރިތި ޤުރްއާނާމެދުގައްޔާއި، ފާސިޤުން ނަރަކައަށް ވަންނާނެތޯ ނުވަތަ ނުވަންނާނެތޯފަދަ މައްސަލަތަކާމެދު (ދަލީލުތައް ޤުރްއާނާއި ސުންނަތުގައި އައިސްފައިވާއިރުވެސް) އެއްވެސްކޮޅަކަށް ބުރަނުވެ ތިބޭ ޖަމާޢަތެއްގެ ބައެކެވެ. (منهاج السنة: 5/ 284، 294، 3/462).

([6]) انظر كتاب السنة لعبد الله ابن الإمام أحمد بن حنبل رحمهما الله (1 / 179).