ސ86: ކީރިތި ޤުރުއާން ކިޔަވާއިރު ތިމަންގެ ލަފުޒުތަކަކީ މަޚުލޫޤެއްކަމަށް ބުނެއްޖެ މީހެއްގެ ޙުކުމަކީ ކޮބާ؟
ޖ: ކީރިތި ޤުރުއާން ކިޔަވާއިރު ތިމަންގެ ލަފުޒުތަކަކީ މަޚުލޫޤެކޭ ބުނުމަކީ ނަފީކުރުމުގެގޮތުން ގޮތުންކަމުގައިވީނަމަވެސް ނުވަތަ ސާބިތުކުރުމުގެ ގޮތުންކަމުގައިވީނަމަވެސް ބުނުން ހުއްދަނޫން ޢިބާރާތެކެވެ. އެހެނީ، މިގޮތަށް ބުނުމުގައި ދެ މާނައެއް އެކުލެވެއެވެ. އެއީ؛ ލަފްޒުތައް ކިޔުމުގެ މާނައާއި ކިޔެވޭ ލަފްޒުތަކަށް ނިސްބަތްކުރުމުގެ މާނައެވެ. ލަފްޒުތައް ކިޔާފަރާތަކީ ޤުރްއާން ކިޔަވާ އަޅެކެވެ. ކިޔެވޭ ލަފްޒުތަކަކީ ޤުރްއާނެވެ. އެހެންކަމުން، މި ޢިބާރާތް ދެވަނަ ގޮތަށް ޚަލްޤުކުރެއްވިފައިވާ ލަފްޒުތަކެކެކޭ ބުނެފިނަމަ އެ ދެވެނީ ޖަހުމީންގެ ގޮތަށެވެ. އަދި ފުރަތަމަ މާނަކަމުގައިވާ އަޅާގެ ޢަމަލަށް ނިސްބަތްކޮށް، މަޚްލޫޤެއްނޫނޭ ބުނުމަކީ ޙައްޤުމަގުން އެއްކިބާވެފައިވާ ބިދުޢަވެރި ބުނުމެކެވެ. އެހެންވެ، ސަލަފުއްޞާލިޙުން رحمهم الله تعالى ވިދާޅުވެފައިވެއެވެ. “ކީރިތި ޤުރްއާނުގެ ތިމަންނަގެ ލަފްޒަކީ މަޚްލޫޤެކޭ ބުނެއްޖެމީހަކީ ޖަހްމީއެކެވެ. އަދި ކީރިތި ޤުރްއާނުގެ ތިމަންނަގެ ލަފްޒަކީ މަޚްލޫޤެއް ނޫނޭ ބުނެއްޖެމީހަކީ ބިދުޢަވެރިއެކެވެ.”([1])
ސ87: ރަސޫލުންނަށް އީމާންވުމުގެ ދަލީލަކީ ކޮބާ؟
ޖ: މިކަމާގުޅޭ ވަރަށް ގިނަ ދަލީލުތައް ކީރިތި ޤުރުއާނުގައާއި ސުންނަތުގައި ވާރިދުވެފައިވެއެވެ. މިގޮތުން އޭގެ އެއްދަލީލަކީ: ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿إِنَّ الَّذِينَ يَكْفُرُونَ بِاللَّـهِ وَرُسُلِهِ وَيُرِيدُونَ أَن يُفَرِّقُوا بَيْنَ اللَّـهِ وَرُسُلِهِ وَيَقُولُونَ نُؤْمِنُ بِبَعْضٍ وَنَكْفُرُ بِبَعْضٍ وَيُرِيدُونَ أَن يَتَّخِذُوا بَيْنَ ذَٰلِكَ سَبِيلًا * أُولَـٰئِكَ هُمُ الْكَافِرُونَ حَقًّا وَأَعْتَدْنَا لِلْكَافِرِينَ عَذَابًا مُّهِينًا * وَالَّذِينَ آمَنُوا بِاللَّـهِ وَرُسُلِهِ وَلَمْ يُفَرِّقُوا بَيْنَ أَحَدٍ مِّنْهُمْ أُولَـٰئِكَ سَوْفَ يُؤْتِيهِمْ أُجُورَهُمْ وَكَانَ اللَّـهُ غَفُورًا رَّحِيمًا﴾ النساء: ١٥٠ – ١٥٢ މާނައީ: “ހަމަކަށަވަރުން، ﷲއާއި، އެކަލާނގެ ރަސޫލުންނަށް ކާފިރުވާ މީހުންނާއި، ﷲއާއި އެކަލާނގެ ރަސޫލުންނާ ދެމެދު (އީމާންވުމުގައި) ތަފާތުކުރަން އެދޭމީހުންނާއި، ތިމަންމެން އެބޭކަލުންގެ ތެރެއިން ބައެއްބޭކަލުންނަށް އީމާންވަމޭ އަދި އަނެއްބައި ބޭކަލުންނަށް ކާފަރުވަމޭ ބުނެ، އެދެމެދުން މަގެއް ހިފުމަށް އެދޭމީހުން، (ދަންނާށެވެ!) އެބައިމީހުންނަކީ، ކަނޑައެޅިގެން އެނގޭގޮތުގައި ތިބި ކާފަރުންނެވެ. ކާފަރުންނަށް އިހާނެތި ޢަޛާބު ތިމަންއިލާހު ތައްޔާރުކުރެއްވީމެވެ. އަދި، ﷲއާއި، އެކަލާނގެ ރަސޫލުންނަށް އީމާންވެ، އެ ރަސޫލުންކުރެ އެކަކާމެދުވެސް ތަފާތުނުކޮށް އުޅުނުމީހުން (ދަންނާށެވެ!) އެބައިމީހުންނަށް އެކަލާނގެ އެކަމުގެ އަޖުރު ނިކަންހުރެ ދެއްވާނެއެވެ. ގިނަގިނައިން ފާފަފުއްސަވާ ރަޙީމުވަންތަ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.” އަދި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. ((آمَنْتُ بِاللهِ وَرَسُولِهِ))([2]) މާނައީ: “ﷲއަށާއި، އެއިލާހުގެ ރަސޫލާއަށް ތިމަން އީމާންވައްޖައީމެވެ.”
ސ88: ރަސޫލުންނަށް އީމާންވުމޭ ބުނެވޭ ބަހުގެ މާނައަކީ ކޮބާ؟
ޖ: ރަސޫލުންނަށް އީމާންވުމޭ ބުނެވޭ ބަހުގެ މާނައަކީ، ﷲ ސުބުޙާނަހޫ ވަތަޢާލާ ކޮންމެ އުއްމަތަކަށްވެސް މީސްތަކުންގެ ތެރެއިން ރަސޫލެއް ފޮނުއްވާފައިވާކަމަށް ހިތުގެ އަޑިން ތެދުކޮށް ޤަބޫލުކުރުމެވެ. އެބޭކަލުން ގޮވާލައްވާފައިވަނީ ހަމައެކަނި ﷲއަށް އަޅުކަންކުރުމަށާއި، އެއިލާހު ފިޔަވައި އަޅުކަންވެވޭ އެހެންހުރިހާ ފަރާތްތަކަކަށް ކާފަރުވުމަށެވެ. އެއެންމެހާ ބޭކަލުންނަކީ ތެދުވެރި، ޞާލިޙު، ތެދުވެރިކަމާއެކު ހެޔޮމަގަށް ގޮވާލައްވާ ބޭކަލުންނެވެ. މާތްވެގެންވާ ހެޔޮލަފާ، ޢިއްޒަތް ލިބިގެންވި ބޭކަލުންނެވެ. ހިދާޔަތުގެ މަގަށް ލޯބިކުރާ އަހުލުވެރިންނަށް މަގުދައްކަވާ ބޭކަލުންނެވެ. އަދި އެބޭކަލުންގެ ވެރި އިލާހުގެ ފަރާތުން އައިސްފައިވާ ފާޅުވެގެންވާ ހެކިތަކާއި މުޢުޖިޒާތްތަކުގެ ސަބަބުން އެބަޔަކަށް ގަދަކަން ދެއްވި ބޭކަލުންނެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެންގެވި އެއްވެސް އެންގެވުމެއް ވަންހަނާ ކުރެއްވުމެއް، އަދި އެއެންގެވި އެންގެވުމަކަށް އެއްވެސް ބަދަލެއް، އަދި އެއެންގެވުމަކަށް އެބޭކަލުންގެ އަމިއްލަފުޅަށް އެއްވެސް އަކުރެއްގެ މިންވަރުވެސް އުނިއިތުރުކަމެއްނެތި، އެބޭކަލުންވަނީ އެކަންތައްތައް މީސްތަކުންނަށް ބަޔާންކޮށްދެއްވާފައެވެ. ﴿ فَهَلْ عَلَى الرُّسُلِ إِلَّا الْبَلَاغُ الْمُبِينُ﴾ النحل: ٣٥ މާނައީ: “ފަހެ، ބަޔާންވެގެންވާ އިއްވެވުން މެނުވީ، ރަސޫލުންގެ މައްޗަށް ވޭހެއްޔެވެ؟”
އަދި ހަމަކަށަވަރުން އެއެންމެހާ ބޭކަލުންނަކީ ސީދާވެގެންވާ ޙައްޤުގެ މަގުގައިވި ބޭކަލުންނެވެ. އަދި ހަމަކަށަވަރުން ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އެއިލާހުގެ މިތުރުންކަމުގައި އިބްރާހިމްގެފާނާއި، މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަ ލައްވާފައެވެ. އަދި އެއްވެސް މެދުވެރިއެއްނެތި މޫސާގެފާނަށް ބަސް ވަޙީކުރައްވާފައެވެ. އަދި އިދުރީސްގެފާނު މަތިވެރިވެގެންވާ މަޤާމަކަށް އުފުއްލަވާފައެވެ. އަދި ހަމަކަށަވަރުން ﷲގެ އަޅާ އަދި ރަސޫލާ ޢީސާގެފާނަކީ، އެއިލާހު ކަލިމަފުޅުކަމުގައި މެނުވީ ނުވެއެވެ. އެއިލާހުވަނީ އެކަލިމަފުޅު މަރިޔަމްގެފާނާ ހަމައަށް ފޮނުއްވައި، އެކަމަނާގައި އެކަލިމަފުޅު ލެއްވިއެވެ. އަދި އެއީ އެއިލާހުގެ ޙަޟްރަތުން ލެއްވި ރޫޙުފުޅެކެވެ. އަދި އެބޭކަލުންގެ ތެރެއިން ބައެއް ބޭކަލުން އަނެއްބައި ބޭކަލުންގެ މައްޗަށް މަތިވެރިކުރައްވައި، ދަރަޖަތަކަށް އުފުއްލެވިއެވެ.
ސ89: އެންމެހާ ރަސޫލު ބޭކަލުން އަމުރުކުރެއްވި ކަންތައްތަކާއި ނަހީކުރެއްވި ކަންތައްތައް ވަނީ އެއްގޮތްވެގެން ހެއްޔެވެ؟
ޖ: އެބޭކަލުންގެ ގޮވާލެއްވުމުގައިވާ އަޅުކަމުގެ އަޞްލާއި އޭގެ އަސާސްތައްވަނީ، ފުރަތަމަ ރަސޫލާއިން ފެށިގެން އެންމެ ފަހުގެ ރަސޫލާއާ ހަމައަށް އެއްގޮތްވެގެންނެވެ. އެއީ އެންމެހާ އަޅުކަންތަކެއްގައި ﷲ އެއްކައުވަންތަކުރުމަށެވެ. އާދެ، ތަވްޙީދުގެ މަގަށެވެ. ޢަޤީދާގައާއި، ބުނާބަހުގައާއި، ކުރާ ޢަމަލުތަކުގައި މިއަޞްލަށް ތަބާވުމަށެވެ. އަދި ﷲ ފިޔަވައި އަޅުކަންވެވޭ އެންމެހާ ތަކެއްޗަށް ކާފަރުވުމަށެވެ.
އެހެނެއްކަމަކު އަޅުކަމުގެ ގޮތުންވެވޭ އެހެން ކަންތައްތައް ދަންނައެވެ. އެއިގެ ތެރެއިން ބައެއް ބޭކަލުންގެ މައްޗަށް ފަރުޟުވެފައިނުވާ ނަމާދާއި ރޯދަފަދަ އަޅުކަންތައް އަނެއްބައި ބޭކަލުންގެ މައްޗަށް ފަރުޟުވެދެއެވެ. އަދި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން އިމްތިޙާނެއްގެ ގޮތުގައި، އެއިގެ ތެރެއިން ބައެއް ބޭކަލުންގެ މައްޗަށް ޙަލާލުކަމެއް އަނެއްބައި ބޭކަލުންގެ މައްޗަށް ޙަރާމްވެދެއެވެ. އެއީ ﷲގެ ޙަޟްރަތުންވާ އިމްތިޙާނެއްގެ ގޮތުގައެވެ. ﴿لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلً﴾ الملك: ٢ މާނައީ: “އެކަލާނގެ، ތިޔަބައިމީހުންކުރެ އެންމެ ޢަމަލު ރަނގަޅީ ކާކުތޯ އިމްތިޙާން ކުރެއްވުމަށެވެ.”
ސ90: ދެންމެ ނަންގަނެވުނު އަޅުކަމުގެ އަޞްލާ، އެބޭކަލުން އިއްތިފާޤުވާކަމުގެ ދަލީލަކީ ކޮބާ؟
ޖ: ކީރިތި ޤުރުއާނުގައި މިކަމަށް އައިސްފައިވާ ދަލީލުތައް ދެބަޔަކަށް ބެހެއެވެ. އެއީ: ޖުމްލަގޮތެއްގައި އައިސްފައިވާ ދަލީލުތަކާއި، ތަފްޞީލީކޮށް އައިސްފައިވާ ދަލީލުތަކެވެ. މިގޮތުން ޖުމްލަގޮތެއްގައި އައިސްފައިވާ ދަލީލުތަކުގެ ތެރޭގައި” އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. ﴿وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَسُولًا أَنِ اُعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ﴾ النحل: ٣٦ މާނައީ: “ހަމަކަށަވަރުން، ތިމަންއިލާހު ކޮންމެ އުއްމަތަކަށްމެ ރަސޫލަކު ފޮނުއްވީމެވެ. އެއީ، ﷲއަށް އަޅުކަންކުރުމަށާއި، ޠާޣޫތު (އެބަހީ؛ މާތް ﷲ ފިޔަވައި އަޅުކަންވެވޭ އެންމެހާ ފަރާތްތަކާ) ދުރުހެލިވުމަށް އެންގެވުމަށެވެ.” އަދިވެސް ވަޙީކުރައްވާފައިވެއެވެ. ﴿وَمَا أَرْسَلْنَا مِنْ قَبْلِكَ مِنْ رَسُولٍ إِلَّا نُوحِي إِلَيْهِ أَنَّهُ لَا إِلَهَ إِلَّا أَنَا فَاعْبُدُونِ﴾ الأنبياء: ٢٥ މާނައީ: “ހަމަކަށަވަރުން، ތިމަންއިލާހު މެނުވީ (ޙައްޤުވެގެން އަޅުކަމެއްވެވޭ) އިލާހަކު ނުވާކަމަށް އެބޭކަލަކަށް ވަޙީ ނުކުރައްވާ އެއްވެސް ރަސޫލަކު، ކަލޭގެފާނުގެ ކުރިންވެސް ތިމަންއިލާހު ނުފޮނުއްވަމެވެ. ފަހެ، ތިޔަބައިމީހުން (ހަމައެކަނި) ތިމަންއިލާހަށް އަޅުކަން ކުރާށެވެ.” އަދިވެސް ވަޙީކުރައްވާފައިވެއެވެ. ﴿وَاسْأَلْ مَنْ أَرْسَلْنَا مِنْ قَبْلِكَ مِنْ رُسُلِنَا أَجَعَلْنَا مِنْ دُونِ الرَّحْمَنِ آلِهَةً يُعْبَدُونَ﴾ الزخرف: ٤٥ މާނައީ: “އަދި ތިމަންއިލާހު، ރަސޫލުންގެ ތެރެއިން ކަލޭގެފާނުގެ ކުރިން ތިމަންއިލާހު ފޮނުއްވި ރަސޫލުންކުރެން އައްސަވާށެވެ! (އެބަހީ: އެބޭކަލުންގެ ޝަރީޢަތް ބައްލަވާށެވެ.) ރަޙްމާންވަންތަ އިލާހު މެނުވީ، (ޙައްޤުގޮތުގައި) އަޅުކަންވެވޭ އެހެން އިލާހުންތަކެއް ތިމަންއިލާހު ލެއްވިންހެއްޔެވެ؟” މިފަދަ އާޔަތްތަކެވެ.
ތަފްޞީލީކޮށް އައިސްފައިވާ ދަލީލުތައް ދަންނައެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. ﴿لَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِ فَقَالَ يَا قَوْمِ اعْبُدُوا اللَّـهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُ﴾ الأعراف: ٥٩ މާނައީ: “ހަމަކަށަވަރުން، ތިމަންއިލާހު ނޫޙުގެފާނު، އެކަލޭގެފާނުގެ ޤައުމުގެމީހުންގެ ގާތަށް ރަސޫލުކަމާއިގެން ފޮނުއްވީމެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެމީހުންނޭވެ! ތިޔަބައިމީހުން ﷲއަށް އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި، އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެއެވެ.” އަދިވެސް ވަޙީކުރައްވާފައިވެއެވެ. ﴿وَإِلَىٰ ثَمُودَ أَخَاهُمْ صَالِحًا قَالَ يَا قَوْمِ اعْبُدُوا اللَّـهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُ﴾ هود: ٦١ މާނައީ: “އަދި ތިމަންއިލާހު ޘަމޫދުބާގައިމީހުންގެ ގާތަށް އެބައިމީހުންގެ އަޚް ޞާލިޙުގެފާނު ފޮނުއްވީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހަރެންގެ قومގެމީހުންނޭވެ! ﷲއަށް ތިޔަބައިމީހުން އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި، އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެއެވެ.” އަދިވެސް ވަޙީކުރައްވާފައިވެއެވެ. ﴿وَإِلَىٰ عَادٍ أَخَاهُمْ هُودًا قَالَ يَا قَوْمِ اعْبُدُوا اللَّـهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُ﴾ هود: ٥٠ މާނައީ: “އަދި ތިމަންއިލާހު ޢަދުބާގައިމީހުންގެ ގާތަށް، އެބައިމީހުންގެ އަޚް ހޫދުގެފާނު (ފޮނުއްވީމެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހަރެންގެ ޤައުމުގެމީހުންނޭވެ! ތިޔަބައިމީހުން ﷲއަށް އަޅުކަންކުރާށެވެ. އެކަލާނގެ ފިޔަވައި، އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެއެވެ.” އަދިވެސް ވަޙީކުރައްވާފައިވެއެވެ. ﴿وَإِلَىٰ مَدْيَنَ أَخَاهُمْ شُعَيْبًا قَالَ يَا قَوْمِ اعْبُدُوا اللَّـهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُ﴾ هود: ٨٤ މާނައީ: “އަދި މަދްޔަންގެމީހުންގެ ގާތަށް ތިމަންއިލާހު، އެބައިމީހުންގެ އަޚް ޝުޢައިބުގެފާނު ފޮނުއްވީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހަރެންގެ ޤައުމުގެމީހުންނޭވެ! ތިޔަބައިމީހުން ﷲއަށް އަޅުކަންކުރާށެވެ. އެކަލާނގެ ފިޔަވައި، އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެއެވެ.” އަދިވެސް ވަޙީކުރައްވާފައިވެއެވެ. ﴿وَإِذْ قَالَ إِبْرَاهِيمُ لِأَبِيهِ وَقَوْمِهِ إِنَّنِي بَرَاءٌ مِمَّا تَعْبُدُونَ * إِلَّا الَّذِي فَطَرَنِي﴾ الزخرف: ٢٦ – ٢٧ މާނައީ: “އަދި އިބްރާހީމްގެފާނު، އެކަލޭގެފާނުގެ ބައްޕައަށާއި، އެކަލޭގެފާނުގެ قومގެމީހުންނަށް ވިދާޅުވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން އަޅުކަންކޮށްއުޅޭ ތަކެތިން ތިމަންކަލޭގެފާނު ބަރީއަވެގެންވަމެވެ. އިސްވެދިޔަ މިސާލަކާނުލައި ތިމަން ހެއްދެވި އިލާހަށް މެނުވީއެވެ.” އަދި މޫސާގެފާނު ވިދާޅުވެފައިވެއެވެ. ﴿إِنَّمَا إِلَـٰهُكُمُ اللَّـهُ الَّذِي لَا إِلَـٰهَ إِلَّا هُوَ وَسِعَ كُلَّ شَيْءٍ عِلْمًا﴾ طه: ٩٨ މާނައީ: “ހަމަކަށަވަރުން، ތިޔަބައިމީހުންގެ އިލާހަކީ ﷲއެވެ. އެކަލާނގެއީ، އެކަލާނގެ ފިޔަވައި އެހެން (ޙައްޤުވެގެން އަޅުކަމެއްވެވޭ) އިލާހަކު ނުވާ އިލާހެވެ. އެކަލާނގެ ޢިލްމުފުޅު ހުރިހާ އެއްޗެއްގެ މައްޗަށް ތަނަވަސްވެގެންވެއެވެ.” ﴿وَقَالَ الْمَسِيحُ يَا بَنِي إِسْرَائِيلَ اعْبُدُوا اللَّـهَ رَبِّي وَرَبَّكُمْ إِنَّهُ مَن يُشْرِكْ بِاللَّـهِ فَقَدْ حَرَّمَ اللَّـهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ﴾ المائدة: ٧٢ މާނައީ: “އަދި އަލްމަސީޙް (އެބަހީ: ޢީސާގެފާނު) ވިދާޅުވިއެވެ. އޭ އިސްރާއީލްގެ ދަރިންނޭވެ! އަހުރެންނާ، އަދި ތިޔަބައިމީހުންގެވެސް ވެރިއިލާހު ކަމުގައިވާ ﷲއަށް ތިޔަބައިމީހުން އަޅުކަން ކުރާށެވެ! ހަމަކަށަވަރުން ﷲއަށް ޝަރީކުކުރާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ﷲ، އެމީހާގެ މައްޗަށް ސުވަރުގެ ޙަރާމް ކުރެއްވިއެވެ. އަދި އެމީހަކު އުޅޭނެތަނަކީ ނަރަކައެވެ.” ﴿قُلْ إِنَّمَا أَنَا مُنذِرٌ وَمَا مِنْ إِلَـٰهٍ إِلَّا اللَّـهُ الْوَاحِدُ الْقَهَّارُ﴾ ص: ٦٥ މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު ވާކަންކަށަވަރީ، އިންޛާރުކުރައްވާ ބޭކަލަކު ކަމުގައެވެ. އަދި އެއްކައުވަންތަ، ބާރުވެރިވަންތަ ﷲ މެނުވީ (ޙައްޤުވެގެން އަޅުކަމެއްވެވޭ) އެހެން އިލާހަކު ނުވެއެވެ.” މިފަދަ އާޔަތްތަކެވެ.
([1]) انظر: كتاب السنة لعبد الله بن الإمام أحمد بن حنبل (1 / 164، 165).
([2]) رواه البخاري (1354، 6173) ، ومسلم (الفتن95).