ޢަޤީދާގެ 200 ސުވާލާއި ޖަވާބު (2): ސުވާލު 1 އިން 5 އަށް

ސ1 : އަޅުތަކުންގެ މައްޗަށް އެންމެ ފުރަތަމަ ވާޖިބުވެގެންވަނީ ކޮންކަމެއް ހެއްޔެވެ؟

ޖ : އަޅުތަކުންގެ މައްޗަށް އެންމެ ފުރަތަމަ ވާޖިބުވެގެންވަނީ: ﷲ އެބައިމީހުން ހެއްދެވި ބޭނުން ދެނެގަތުމެވެ. އެއީ އެކަމަކަށްޓަކައި އެބައިމީހުންގެ ކިބައިން މީޘާޤު ހިއްޕަވައި، އެބައިމީހުންގެ ތެރެއަށް އެކަލާނގެ ރަސޫލުން ފޮނުއްވައި، އެބޭކަލުންގެ މައްޗަށް ފޮތް ބާވާލެއްވި ކަމެވެ. އަދި އެކަމަށްޓަކައި ދުނިޔެއާއި އާޚިރަތާއި، ސުވަރުގެއާއި ނަރަކަ ހައްދަވައި، އެކަމަކަށްޓަކައި ކަށަވަރުވެގެންވާ ވަގުތާއި، ބޮޑުވެގެންވާ ކަންތައްގަނޑު (އެބަހީ؛ ޤިޔާމަތް ދުވަސް) ލެއްވި ކަމެވެ. އަދި އެކަމަކަށްޓަކައި މީޒާން ބެހެއްޓި، އަދި ޞުޙުފުތައް (އެބަހީ؛ ޢަމަލުތަކުގެ ފަތްތައް) ވިހުރުވައިލެވިގެންދާ ކަމެވެ. އެ ފަތްތަކުގައި ވާހުށީ އުފާވެރިކަން ނުވަތަ ހިތާމަވެރިކަމެވެ. އަދި އެކަމަށްޓަކައި އަލިކަން ބައިބައިވެގެންދާ ކަމެވެ. ﷲ އެމީހަކަށް އަލިކަމެއް ނުދެއްވައިފި މީހަކަށް އަލިކަމެއް ލިބިގެންނުވެއެވެ.

ސ2 : ﷲ ސުބުހާނަހޫ ވަތަޢާލާ އެކަމަކަށްޓަކައި ޚަލްޤުތައް އުފެއްދެވިކަމަކީ ކޮބައި ހެއްޔެވެ؟

ޖ: ﷲ ސުބުހާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿وَمَا خَلَقْنَا السَّمَاوَاتِ وَالْأَرْضَ وَمَا بَيْنَهُمَا لَاعِبِينَ * مَا خَلَقْنَاهُمَا إِلَّا بِالْحَقِّ وَلَـٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ﴾ الدخان: ٣٨ – ٣٩ މާނައީ : “ތިމަންއިލާހު، އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހައި ތަކެތި، ކުޅިވަރެއްގެ ގޮތުގައި ނަހައްދަވަމެވެ. ޙައްޤުގޮތުގައި މެނުވީ ތިމަންއިލާހު، އެ ދެތަނެއް ނަހައްދަވަމެވެ. އެހެނެއްކަމަކު، އެބައިމީހުންކުރެ ގިނަމީހުންނަކަށް (އެކަމެއް) ނޭނގެއެވެ.” އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿وَمَا خَلَقْنَا السَّمَاءَ وَالْأَرْضَ وَمَا بَيْنَهُمَا بَاطِلًا﴾ ص: ٢٧ މާނައީ: “ތިމަންއިލާހު އުޑާއި، ބިމާއި، އެދެމެދުގައިވާހާ ތަކެތި ބާޠިލުގޮތެއްގައި ނަހައްދަވަމެވެ. އެއީ ކާފިރުވި މީހުން ހީކުރާގޮތެވެ.” އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿وَخَلَقَ اللَّـهُ السَّمَاوَاتِ وَالْأَرْضَ بِالْحَقِّ وَلِتُجْزَىٰ كُلُّ نَفْسٍ بِمَا كَسَبَتْ وَهُمْ لَا يُظْلَمُونَ﴾ الجاثية: ٢٢ މާނައީ: “އަދި ﷲ، އުޑުތަކާއި ބިން ޙައްޤުގޮތުގައި ހެއްދެވިއެވެ. (އެއީ) ކޮންމެ ނަފްސަކަށް، އެ ނަފްސެއް ހޯދައިގަތްކަމެއްގެ ޖަޒާދެއްވުމަށެވެ. އަދި އެބައިމީހުންނަކަށް ބޭއިންސާފެއް ނުކުރައްވާހުށްޓެވެ.”

އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ﴾ الذاريات: ٥٦ މާނައީ: “އަދި ތިމަންއިލާހަށް (ޙައްޤުގޮތުގައި) އަޅުކަންކުރުމަށް މެނުވީ، ތިމަންއިލާހު ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ.” އަދިވެސް މިކަމާގުޅޭ އެހެނިހެން އާޔަތްތައްވެއެވެ.

ސ3 : “العبد” (އަޅު) ގެ މާނައަކީ ކޮބާ؟

ޖ: “العبد” މިލަފުޒުން ބޭނުންވަނީ އަޅުގެ މާނަކަމުގައިވާނަމަ، އެއީ ނިކަމެތިވެ، ކިޔަމަންތެރިވާ ފަރާތެވެ. ފަހެ، މި މާނަގައި އެންމެހާ މަޚްލޫޤުން ޝާމިލުވެއެވެ. މަތީގައިވާ ތަކެއްޗާއި ތިރީގައިވާ ތަކެއްޗާއި، ވިސްނާފިކުރުކުރުމުގެ ބާރުލިބިފައިވާ ތަކެއްޗާއި އެބާރު ލިބިފައިނުވާ ތަކެއްޗާއި، ހިކިތަކެއްޗާއި ދިޔާ ތަކެއްޗާއި، ޙަރަކާތްތެރިވާ ތަކެއްޗާއި ޙަރަކާތްތެރިނުވާ ތަކެއްޗާއި، ފެންނަން ހުރިތަކެއްޗާއި ފެންނަން ނެތްތަކެއްޗާއި، މުއުމިނުންނާއި ކާފިރުންނާއި، ޞާލިޙުންނާއި ފާޖިރުންފަދަ އެންމެހާ މަޚްލޫޤުންނެއް މި ލަފްޒުގައި ޝާމިލުވެގެންވެއެވެ. މިހުރިހާ ތަކެއްޗަކީ މާތް ﷲގެ މަޚްލޫޤުންނެވެ. އެތަކެތި ބަލެހެއްޓެވުންވަނީ އެކަލާނގެއަށެވެ. އެތަކެތި ދައުރުވަނީ އެކަލާނގެއަށް ލިބިވޮޑިގެންވާ ދައުރުކުރެއްވުމުގެ ބާރުފުޅުގެ ދަށުންނެވެ. އެތަކެތި ނިޒާމުކުރެވިފައިވަނީ އެކަލާނގެ ނިޒާމުކުރެއްވި ގޮތަށެވެ. އަދި އެއިގެ ކޮންމެ އެއްޗެއް ތަރުތީބުވެފައިވަނީ ވަކި ގޮތަކަށެވެ. އަދި އެތަކެތި ފަނާވެ ނެތިގެންދިޔުމަށް ވަކި ވަގުތެއް ކަނޑައެޅިފައިވެއެވެ. ކޮންމެ އެއްޗެއް ހިނގަމުން ދަނީ ކަނޑައެޅިފައިވާ އަޖަލަކަށެވެ. ޒައްރެއްގެ މިންވަރުވިޔަސް އެ އަޖަލު ފަހަނައަޅައި ނުދާނެއެވެ. ﴿ذَٰلِكَ تَقْدِيرُ الْعَزِيزِ الْعَلِيمِ﴾ يس: ٣٨ މާނައީ: “އެއީ ޢިއްޒަތްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ މިންވަރުކުރައްވާފައިވާ ގޮތެވެ.” އަދި ޢަދުލުވެރިވަންތަ، ޙަކީމްވަންތަ ރަސްކަލާނގެ ތަދުބީރުކުރައްވާފައިވާ ގޮތެވެ.

“العبد” މިލަފުޒުން ބޭނުންވަނީ އަޅުވެރި، ސާހިބުވަންތަ ފަރާތްދެކެ ލޯބިވާ، ނިކަމެތިމީހާކަމުގައިވާނަމަ، އެކަލާނގެ އަޅުތަކުންކުރެ މުއުމިނު އަޅުތަކުންނަށް މި ލަފްޒު ޚާއްޞަވެގެންވެއެވެ. އެބައިމީހުންނަކީ މާތްކުރައްވާފައިވާ އެކަލާނގެ އަޅުތަކުންނެވެ. އަދި ތަޤުވާވެރިވާ އެކަލާނގެ ވަލިއްޔުންނެވެ. އެބައިމީހުންގެ މައްޗަށް އެއްވެސް ބިރެއްނެތެވެ. އަދި އެބައިމީހުންނަކީ ހިތާމަކުރާނޭ ބަޔަކުކަމުގައިވެސް ނުވާނެއެވެ.

ސ4 : (ﷲ އަށް ޙައްޤުގޮތުގައި ވެވޭ) އަޅުކަމަކީ ކޮބާ؟

ޖ: (ﷲ އަށް ޙައްޤުގޮތުގައި ވެވޭ) އަޅުކަމަކީ ﷲ ލޯބިވެވޮޑިގެންވާ، އަދި އެކަލާނގެ ރުއްސަވާވޮޑިގެންވާ، އަދި އެތެރެއާއި ބޭރުފުށުގެ ބަސްތަކާއި ޢަމަލުތަކަށް ޖާމިޢުގޮތެއްގައި ކިޔޭނަމެކެވެ. ހަމައެހެންމެ އެފަދަ ބަސްތަކާއި ޢަމަލުތަކާ އިދިކޮޅު ބަސްތަކާއި ޢަމަލުތަކުން އެއްކިބާވުމެވެ.

ސ5 : ޢަމަލެއް އަޅުކަމަކަށް ވަނީ ކިހިނެއް؟

ޖ: ޢަމަލެއްގައި ދެ ސިފައެއް ފުރިހަމަވެއްޖެނަމަ (އެޢަމަލެއް އަޅުކަމަކަށް ވާނެ) އެވެ. އެއީ (އެކަލާނގެ ދެކެ) ފުރިހަމަވެގެންވާ ލޯތްބެއްވުމާއިއެކު، (އެކަލާނގެއަށް) ފުރިހަމަޔަށް ކިޔަމަންތެރިވުމެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ﴿وَالَّذِينَ آمَنُوا أَشَدُّ حُبًّا لِّلَّـهِ﴾ البقرة: ١٦٥ މާނައީ: “އަދި އީމާންވި މީހުން ﷲ ދެކެ ވާ ލޯބި މާބޮޑެވެ.” އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿إِنَّ الَّذِينَ هُم مِّنْ خَشْيَةِ رَبِّهِم مُّشْفِقُونَ﴾ المؤمنون: ٥٧ މާނައީ: “ހަމަކަށަވަރުން، އެބައިމީހުންނީ، އެބައިމީހުންގެ ވެރިއިލާހަށް ބިރުވެތިވުމުން އެކަލާނގެ އަޒާބަށް ބިރުވެތިވާ މީހުންނެވެ.” ހަމަމިފަދައިން މި ދެ ސިފަ އެއްކޮށް ބަޔާންކުރައްވާ ވަޙީ ކުރައްވާފައިވެއެވެ. ﴿إِنَّهُمْ كَانُوا يُسَارِعُونَ فِي الْخَيْرَاتِ وَيَدْعُونَنَا رَغَبًا وَرَهَبًا وَكَانُوا لَنَا خَاشِعِينَ﴾ الأنبياء: ٩٠ މާނައީ: “ހަމަކަށަވަރުން އެބޭކަލުން ހެޔޮކަންތައްތަކަށް އަވަސްވެ، އަދި ތިމަން އިލާހަށް އެދުމާއި، ބިރުވެތިކަމާއެކު ދުޢާ ކުރައްވާ ކަމުގައިވިއެވެ. އަދި ތިމަން އިލާހަށް މަޑުމޮޅިވާ ބަޔަކުކަމުގައި އެ ބޭކަލުން ވިއެވެ.”