ޤުރްއާން ޚަތިމުކޮށްފައި ކިޔަން ވަކި ޚާއްސަ ދުޢާއެއް ނެތް: އައްޝައިޚް މުޖްތަބާ ޙަމީދު

ޤުރްއާން ޚަތިމުކޮށްފައި ނުވަތަ އެއްކޮށް ކިޔަވާފައި ކިޔަން ވަކި ޚާއްސަ ދުޢާއެއް ސުންނަތުން ސާބިތުވެފައި ނުވާކަމަށް އައްޝައިޚް މުޖްތަބާ ޙަމީދު ވިދާޅުވެއްޖެއެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ނެރެމުންދާ ‘ސަލަފް.ކިއު.އޭ’ ގެ 523 ވަނަ ސުވާލަށް ޖަވާބުދެއްވަމުން ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރު އައްޝައިޚް މުޖްތަބާ ޙަމީދުވަނީ ޤުރްއާން އެއްކޮށް ކިޔަވާ ނިމުނީމަ ނުވަތަ ޚަތިމުކުރީމަ ކިޔާއުޅޭ ދުޢާ އާއިގުޅޭގޮތުންالشيخ ابن عثيمينرحمه الله ވިދާޅުވެފައިވާ ބަސްފުޅެއް ގެންނަވާފައެވެ. އެބަސްކޮޅުގައިވަނީ “ޤުރްއާން ޚަތިމުކޮށްފައި ކިއުމަށް ވާރިދުވެގެން އައިސްފައިވާ ޚާއްޞަ ދުޢާއެއް ރަސޫލާ – صلى اللهعليه وسلم – އަދި އެކަލޭގެފާނުގެ ޞަޙާބީންގެ އަރިހުންނާއި މަޝްހޫރު އިމާމުންގެ ކިބައިން އައިސްފައެއް ނުވާކަމަށާއި ގިނަ މުޞްޙަފުތަކުގައި ލިޔެފައިވާ ދުޢާއަކީ ޝެއިޚުލްއިސްލާމް ابنتيمية رحمه الله އަށް ނިސްބަތްކުރެވިފައިވާ ދުޢާއެއްކަމަށެވެ.ނަމަވެސް މިކަމުގައި އަޞްލެއް (ދަލީލެއް) ނެތެވެ”.

ޤުރްއާން ޚަތިމުކޮށްފައި ޚާއްސަ ދުޢާއެއް ކިއުމަކީ އަޅުގަނޑުމެންގެތެރެއިން ބައެއް މީހުން ކުރަމުން އަންނަ ކަމަކަށްވިޔަސް، މިއީ އެކަމަށް ސާފު ދަލީލެއް ފެންނަން އޮތް ކަމެއް ނޫނެވެ.