ﷲ އަހަރެމެންނަށްވެސް މިފަދަ ނިމުމެއް ދެއްވާންދޭ! އާމީން

އެއީ މަދީނާއެވެ. ރަސޫލާ ޞައްލަﷲޢަލައިހި ވަސައްލަމަ ޙިޖުރަކުރެއްވިއިރު އެރަށަކީ އެކި ޤަބީލާތަކުގެ މައްޗަށް އިޖްތިމާޢީ ނިޒާމު ބައްޓަންވެފައިވާ މުޖުތަމަޢެކެވެ. އެޒަމާނުގައި އޮންނަނީ ޤަބީލާ ނުވަތަ ވަންހައިގެ ބޮޑުމީހާ ބުނާކޮންމެ ގޮތަކަށް އެހެންމީހުން ކަނުތަޤުލީދުކުރުމެވެ. އެ އެންމެން އެނބުރޭނީ ބޮޑުސޯބު އެނބުރޭގޮތަށެވެ. އަޅުގަނޑުމެންގެ މިޒަމާނުގައި ޕާޓީ މީހާއަށް ވޯޓުލާ އުޞޫލުންނެވެ.

ކޮންމެއަކަސް، އޭގެ ސަބަބުން ބައެއް ޤަބީލާތަކަށް ފައިދާވެސް ވެފައި އެބަހުއްޓެވެ. އެގޮތުން އޭރު މަދީނާގައި އުޅުނު ބަނޫ ޢަބްދުލްއަޝްހަލު ވަންހައަކީ މީގެ މިސާލެކެވެ. މިޤަބީލާގެ ވެރިޔާއަކީ ސަޢުދު ބިން މުޢާޒުގެފާނެވެ. އެކަލޭގެފާނު އިސްލާމްވެ ވަޑައިގަތީ މުޞްޢަބުގެފާނުގެ ގޮވާލެއްވުމަށް،ނަބީކަލޭގެފާނު ޙިޖުރަކުރެއްވުމުގެ ކުރީންނެވެ. އަދި މި ސަޢުދުގެފާނު އިސްލާމްވެވަޑައިގެން އެދުވަހުގެ އިރު އޮއްސުނުއިރު އެ ޤަބީލާގައި އިސްލާމްނުވެހުރީ ހަމަ އެންމެ މީހެކެވެ. ބާކީ ތިބި އެންމެން އިސްލާމްވިއެވެ. އެކަންވެގެންދިޔައީ އެޤަބީލާގެ މީސްތަކުންނަށް ދެދުނިޔޭގެ ބާއްޖަވެރިކަންލިބުނުކަމަކަށެވެ.

ބަނޫ ޢަބްދުލްއަޝްހަލު ވަންހައިން އެހާތަނަށް އިސްލާމްނުވެ ހުރި މީހާއަކީ އުޞައިރިމުއޭކިޔާ ރިބާގެ މުޢާމަލާތްކުރާ ފަރާތެކެވެ. ނަމަކީ ޢަމްރު ބުނު އުޤައިޝްއެވެ. މިކަލޭގެފާނު އިސްލާމްނުވެ ޙިޖުރައިން ތިންވަނަ އަހަރުގެ ޝައްވާލުމަހުގެ ފަނަރަވީ ހޮނިހިރު ދުވަހުގެ ހެނދުނާއި ހަމައަށް ހުއްޓެވެ. ހަމަ އެންމެ ސަބަބަކާއި ހުރެއެވެ. އޭނާ ކުރަމުން އައި ރިބާގެ ލޭންދޭން ދިނުމުގެ ވިޔަފާރީގެ ސަބަބުން ލިބޭ މާލީ ފައިދާތައް އިސްލާމްވެއްޖިއްޔާ ގެއްލޭނެތީއެވެ. މިއީ އަޅުގަނޑުމެންގެ ތެރެއިންވެސް ބައެއް ބޭފުޅުންގެ ކިބައިން އިސްލާމްންނަށް ތިބެވެސް ފެންނަ ނޭއްގާނީ ކަމެކެވެ. މީހަކާއި ކައިވެނި ނުކުރަނީ މިނިވަންކަންގެއްލިދާނެތީއެވެ. ބުރުގާ ނާޅަނީ ރީތިކަން ގެއްލިދާނެތީއެވެ. ޙައްޖަށް ނުދަނީ ޙައްޖުވުމަށް ފަހު ނުބައިކޮށް ނޫޅެވޭނެތީއޭވެސް ބުނެވޭ އަޑުއިވެއެވެ. ބަރާބަރަށް ނަމާދުނުކުރަނީ ޒުވާން ދުވަސްވަރުގެ ކުޅިމަޖާ ގެއްލިދާނެތީއެވެ. ސިގެރޭޓްބުއިން ހުއްޓާނުލަނީ ކަޓު މީހަކަށް ވެދާނެތީއެވެ. ނަތީޖާއަކަށް ވަނީ ބައެއް ފަހަރު ތިމާގެ ހަވާނަފުސުގައި ހުންނަ އަމިއްލަ އެދުމެއްގެ ސަބަބުން ދީނުގައި އައިސްފައިވާ ބައެއް ޙުކުމުތަކަށް އިންކާރު ކުރެވުމެވެ. ފުރާނަ ހުންނަ އެއްޗެހީގެ ޞޫރަ ކުރެހުން ޙަރާމްކަން ސާފުކޮށް އެނގޭއިރުވެސް ތިމާ އާމްދަނީ ހޯދަނީ އެކަން ކޮށްގެންކަމަށްވާތީ އެޙުކުމް ޤަބޫލުނުކުރާމީހުން އުޅެއެވެ. މިއުޒިކަކީ ޙަރާމު އެއްޗެއްކަން އެނގޭއިރުވެސް ތިމާ ކުޅޭހިތްވާ އެއްޗަކަށްވާތީ ބައެއް ޢިލްމުވެރިން ހުއްދަކުރެއޭ ކިޔާ އެކަމުގައި ދެމިތިބެނީ ކިތައް ކިތައް މީހުންތޯއެވެ. ޙަރާމް ކުރެއްވީ ރިބާއޭ، ބެންކް އިންޓަރެސްޓަކީ ރިބާއެއްނޫނޭބުނެ، މީހުންގެ މުދާ ނުޙައްޤު ލޯނުގެ ޒަރިއްޔާއިން ކަނީ ކިތައް މީހުންތޯއެވެ. ތިމާގެ ލޮލަށް ނުފެންނާތީ ޖިންނިއަކީ އުޅޭ އެއްޗެއްނޫންކަމަށް ބުނެ އެކަމާއި ބެހޭ އާޔަތްތަކާއި ޙަދީޘުތައް ޤަބޫލުނުކުރަނީ ކިތައް މީހުންތޯއެވެ؟

ކޮންމެއަކަސް، ވިޔަފާރިއާއި މުދަލުގެ ތެރޭގައި މި އުޞައިރިމު އުޅެމުން އެބަދެއެވެ. ބަދުރުހަނގުރާމަ ނިމިއްޖެއެވެ. މުސްލިމުންގެ ބާރުފެނި މަދީނާގައި އޭރުތިބި ގިނަ މުޝްރިކުން އިސްލާމްވެއްޖެއެވެ. އަދި ބައެއްމީހުން ދެން އެނޫން ގޮތެއްނެތްކަމަށް ބަލާފައި ބޭރުފުށުން އިސްލާމްވެ، އެތެރެއިން ކުފުރު ފޮރުވައިގެން ތިބެއްޖެއެވެ. އެއީ މުނާފިޤުންނެވެ. މި މީހުންނަކީ އަބަދުވެސް މުސްލިމުން ބައިބައިކުރަން ތިބޭ ބައެކެވެ. އެގޮތުން އުޙުދު ހަނގުރާމައިގެ ދުވަހުވެސް މުނާފިޤުންގެ ބަހަށް ހެއްލި، ހަނގުރާމައަށް ނުކުތްއެއްހާސްމީހުންގެ ތެރެއިން ތިންސަތޭކަ މީހުން އެނބުރި މަދީނާގެ ތެރެއަށް ވަނެއެވެ. އުޙުދު ފަރުބަދަ ކައިރިއަށް ހަނގުރާމަ ކުރަން ދިޔައީ އެންމެ ހަތްސަތޭކަ ބޭކަލުންނެވެ. 

މިބޭކަލުން އެތަނުގައި ހަނގުރާމަ ކުރަން ތައްޔާރުވީ ޙިޖުރައިން ތިންވަނަ އަހަރުގެ ޝައްވާލުމަހުގެ ހޮނިހިރު ދުވަހެއްގައެވެ. ބުނެވޭ ގޮތުން އެއީ އެމަހުގެ ފަނަރަވަނަ ދުވަހެވެ. އެއީ ކުޑަޢީދުމަހެވެ. އެދުވަހުގެ ހެނދުނު ޞަޙާބީންގެ ހަނގުރާމައަށް ޞަފުހައްދަވަން ތިއްބާ ދުރުން މީހަކު ހަނގުރާމައިގެ ދަހަނާ އަޅައިގެން ކަނޑިއާއި ހަތިޔާރު ހިފައިންގެ އައިސް މުސްލިމުންގެ ޞަފަށް ވަދެއްޖެއެވެ.

” އޭ ޢަމްރުއޭ ތިބާ އަހަރެމެންނާއި ފެއަށްޖެހި ދުރަށްދާށެވެ” މުސްލިމުންގެ ލަޝްކަރުގެ ތެރެއިން ބޭކަލަކު ދެންމެ އައިސް ޞަފުތައް ތެރެއަށް ވަތްމީހާއާއި މުޚާޠަބުކޮށް ދެންނެވިއެވެ.

ނަމަވެސް އެއްކަލަ އުޞައިރިމު އެއަޑު ފުޅެއް ނޭއްސެވިއެވެ.

ކޮންމެ އަކަސް އުޞައިރިމު އުޙުދު ހަނގުރާމާގައި ބައިވެރިވާން މިމެދުވެރިވީ،އެ ހޮނިހިރު ދުވަހު ފަތިހުގެ ވަގުތުގައި މިކަލޭގެފާނުގެ ޤަބީލާގެ މީހުން އާއްމުކޮށް އެއްވާ މައިޒާނުން އެކަލޭގެފާނުގެ ތިމާގެ މީހުންތައް ނުފެނުމުން،އެމީހުން ދިޔަތަނެއް އޮޅުފިލުވި އިރު އެބޭކަލުންވީ އުޙުދުކައިރިއަށް މައްކާމީހުންނާއި ހަނގުރާމައަށް ނުކުމެފައިކަން އެނގުނު ވަގުތުން ފެށިގެން،އެކަލޭގެފާނުގެ ހިތަށް ﷲ އިސްލާމްކަމުގެ ނޫރު ވައްދަވައި ދެއްވުމެވެ. ދެން އަވަސް އަވަހަށް ހަނގުރާމައިގެ ހަތިޔާރާއިއެކު ގޮސް އުޙުދު ހަނގުރާމާގައި ބައިވެރިވެ ވަރަށް ވަރުގަދައަށް ހަނގުރާމަ ކޮށްފިއެވެ. ހުރިހާ ބޭފުޅުންނަށްވެސް އެނގިލައްވާނޭ ފަދައިން އުޙުދު ހަނގުރާމައަކީ އެ ހަނގުރާމައިގެ ފުރަތަމަ ކޮޅު މުސްލިމުންނަށް ކާމިޔާބީ ލިބި، ފަހުން މުސްލިމުންނަށް ކުރެވުނު ކުށަކުން އެތައް ގެއްލުމެއް ލިބުނު ހަނގުރާމައެކެވެ. އެގޮތުން އެލިބުނު ގެއްލުންތަކުގައި ހަތްދިހަ ބޭކަލުން ޝަހީދުވުން ހިމެނެއެވެ. އަދި އެތަކެއް ބޭކަލުން އެދުވަހު ޒަޚަމުވެވަޑައިގަތެވެ. ބައެއްބޭކަލުން ޒަޚަމުން ފަސޭހަވިއެވެ. އަނެއްބައިބޭކަލުން އެޒަޚަމުގައި ޝަހީދުވިއެވެ. އަހަރެމެންގެ އެކުވެރިޔާ އުޞައިރަމަށް ވީގޮތެއް އެނގިލައްވާތޯއެވެ؟

އުޞައިރިމު ފޯރީގައި ހަނގުރާމަ ކުރައްވަނިކޮށް ކާފިރުންގެ ޙަމާލާއެއްގައި ވަރަށް ބޮޑަށް ޒަޚަމުވެވަޑައިގަތެވެ. އަދި އެޒަޚަމުގެ ސަބަބުން އެކަލޭގެފާނުމައިދާނަށް ވެއްޓިވަޑައިގަތެވެ. ދެން އެކަލޭގެފާނަށް ހޭވެރިކަންވީ، ބޭކަލުންތަކެއްމިއޮތީ އުޞައިރިމޭ ކިޔާފައި އެކަލޭގެފާނު އަތުލަފިކުރަށްވައިގެން ބިންމަތިން ނަންގަވަން އުޅުއްވަނިކޮށެވެ. މިބޭކަލުންނަކީ ހަނގުރާމަ ނިމުމުން ނަބީކަލޭގެފާނުގެ އަމުރުފުޅަށް  ކޮންމެ ޤަބީލާއަކުންވެސް ޤަތުލުވެފައި ތިބިބޭކަލުންނާއި ޒަޚަމުވެފައި ތިބެބޭކަލުން ހޯދަން ފޮނުވި ބޭކަލުންގެ ތެރޭގައި ހިމެނޭ، ބަނޫ ޢަބްދުލްއަޝްހަލު ވަންހައިގެ ބޭކަލުންތަކެކެވެ. އޭރު އެތަނުން ބޭކަލަކު ކައިރީގައި ތިބި އެހެން ބޭކަލުންކައިރީގައި ވިދާޅުވެއެވެ. “ތިމަންބޭކަލުން މި ހަނގުރާމައަށް ނުކުންނެވި އިރު އުޞައިރިމު ހުރީ ކާފަރެއްގެ ގޮތުގައި ތިމަންބޭކަލުން އީމާންވެގެ މިއުޅޭ ބަސްފުޅުތަކަށް އިންކާރުކުރާ ޙާލުގައެވެ”. ދެން އުޞައިރިމު ނަންގަވައި އުފުލާލައްވަމުން އެބޭކަލުން އެއްސެވިއެވެ. ” އޭ ޢަމްރޭ! ތިބާ ތިޔަ ހަނގުރާމަކުރީ ޤަބީލާގެ ދިފާޢުގައިތޯ؟ ނުވަތަ އިސްލާމްދީނުގެ ދިފާޢުގައި އެދީނަށް ލޯބިޖެހިންގެތޯއެވެ؟” އެވަގުތު އުޞައިރިމު ލޯފުޅު ހުޅުވާލައްވައި ދެންނެވިއެވެ. “އަދި ކިއެއް ހެއްޔެވެ. ތިމަންކަލޭގެފާނު މިކަން ކުރެއްވީ އިސްލާމްދީނަށް ޓަކައެވެ. ﷲއާއި ރަސޫލާއަށް އީމާންވުމަށްފަހުއެވެ. ދެން ތިމަންކަލޭގެފާނުގެ ކަނޑި ހިއްޕައިވައިގެން އައިސް ހަނގުރާމަކޮށް މިކުރިމަތިވެފައިވާ ކަންތައް ކުރިމަތިވީއެވެ.” އެކަލޭގެފާނު އެވަރަށް ވިދާޅުވެފައި ދެން މާގިނަ އިރެއް ނުވެ އެބޭކަލުންގެ އަތްޕުޅުތަކުގެ މައްޗަށް ޝަހީދުވެ އަވަހާރަވެ ވަޑައިގެންފިއެވެ. ދެން އެތަނުން ބޭކަލަކު އަވަސް އަވަހަށް ގޮސް އެޚަބަރު ނަބިއްޔާޞައްލަﷲޢަލައިހި ވަސައްލަމައަށް ދެއްވައިފިއެވެ. އެކަލޭގެފާނު ޙަދީޘު ކުރެއްވިއެވެ ” އެކަލޭގެފާނު (އެބަހީ: އުޞައިރިމު) ވަނީ ސުވަރުގެވަންތަވެރީންގެ ތެރެއިންނެވެ”. މިޙާދިޘާ އަޑުއިވިވަޑައިގަތުމުން އަބޫހުރައިރަތުގެފާނު ވިދާޅުވިއެވެ. “އުޞައިރިމަކީ ދުވަހަކުވެސް ސަޖިދައެއް ނުކޮށް ސުވަރުގެ ވަދެވަޑައިގެން ބޭކަލެކެވެ”.

އާއެކެވެ. އެކަލޭގެފާނަށް އިސްލާމްވެ ވަޑައިގަތުމަށް ފަހު ނަމާދެއް ކުރައްވާކަށް ފުރުޞަތެއް ލިބިވަޑައި ނުގަތެވެ. އެހެނީ އެކަލޭގެފާނު އިސްލާމްވެ ވަޑައިގަތީ ޙިޖުރައިން ތިންވަނަ އަހަރުގެ ޝައްވާލު މަހުގެ ފަނަރަވީ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތުއެވެ. އެއީ އިރުއަރާ އެދުވަހުގެ ފަތިސްނަމާދު ވަގުތު ފާއިތުވި ފަހުންނެވެ. އަދި އެދުވަހުގެ މެންދުރު ނަމާދު ވަގުތު ވުމުގެ ކުރިން އެކަލޭގެފާނު ޝާހީދުވެ ވަޑައިގެންފިއެވެ. ﷲއަކްބަރު. ކޮންފަދަ އުފާވެރި ބާއްޖަވެރި ނިމުމެއްތޯއެވެ. އެކުވެރިންނޭ! މިވާހަކައިން މި ލިބޭ ޢިބްރަތަކީ ފުރަތަމަ ހާފުގައި ކިތަމެއް ވަރަކަށް އިދިކޮޅު ޓީމުން ލަނޑުޖަހާފައި އޮތަސް ފަހު ހާފުގައި ހިތްވަރުކޮށްލާފައި ފަހަތުން އަރާ ގިނަ ގޯލުޖަހައިގެން މެޗުން މޮޅުވެވިދާނެކަމެވެ. މިރޯދަމަހު ވޭތުވެދިޔަ ތަން އެއީ ފުރަތަމަ ހާފެވެ. މިއަދުފެށިގެން އޮތީ ފަހުހާފެވެ. ހިތްވަރުކޮށްލާށެވެ. މަލަކަލް މައުތު ކަށިގަނޑު ފުމެލައްވަން ވާއިރަށް ހެޔޮޢަމަލު ގިނަކޮށްލާށެވެ. ނަމާދުތަކަށް ފަރުވާތެރިވެގެންނެވެ. ފިރިމީހާއަށް ކިޔަމަތްތެރިވެގެންނެވެ. އަނބިންނާއި ދަރިންނާއި މައިންބަފައިންނަށް ކަމޭހިތައިގެންނެވެ. ޙަލާލުމަސައްކަތްކޮށްގެނެވެ. ބިޓުން ނުނަގާ، ބަނގުރާ ނުބޮއި “ބިރަކާއިނުލައި ޝަރުޢީ އިމުގައި މަޖާވެސް” ކޮށްގެނެވެ. ﷲ އަޅަމެން އެންމެނަށް އުޞައިރިމު ރަޟިޔައްﷲ ޢަންހަށް ދެއްވި ފަދަ ނިމުމެއްދެއްވާންދެއެވެ. އާމީން