ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ކޮންމެ ރަމަޟާންމަހަކު މާލޭގެ ފުރުޤާން މިސްކިތުގައި ސިލްސިލާކޮށް ކުރިއަށްގެންދާ ޕްރޮގްރާމް މިއަދު ފަށާގޮތަށްވަނީ ހަމަޖެހިފައެވެ.
ރަމަޟާން މަހުގެ ކޮންމެދުވަހެއްގެ އަސުރު ނަމާދަށްފަހު ގާތްގަނޑަކަށް ބައިގަޑިއިރަށް ކުރިއަށްދާ މި ޕްރޮގްރާމުގައި މިއަހަރު އަލިއަޅުވާލަން ގަސްތުކޮށްފައިވަނީ ޤިޔާމަތުގެ ޢަލާމާތްތަކާއި ގުޅޭގޮތުންކަމަށާއި މިފަހަރުގެ މި ޕްރޮގްރާމްވެސް އެހެން އަހަރުތަކެކޭ އެއްފަދައިން ޖަމްޢިއްޔަތުއްސަލަފުގެ މީސްމީޑިއާއިން ލައިވްކުރާގޮތަށް ހަމަޖެހިފައިވާކަމަށް ‘އަޝްރާތު’ ޕްރޮގްރާމް ގެ ކޯޑިނޭޓަރު އަދި ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރު އައްޝައިޚް މުޖްތަބާ ޙަމީދު ވިދާޅުވެފައިވެއެވެ.
“މިފަހަރު ޕްރޮގްރާމުގައި އިންޝާﷲ ވަރަށް ޝައުޤުވެރިވާ ގިނަ ވާހަކަތަކެއް އިވިގެންދާނެ. އޭގެތެރާގައި ދައްޖާލުގެ ވާހަކަ، ޔައުޖޫޖް މައުޖޫޖް ގެ ވާހަކަ، އަދި ޢީސާ ޢަލައިހިއްސަލާމްގެ ވާހަކަފަދަ އަޅުގަނޑުމެންގެ ޢަޤީދާއާއި ގުޅިފައިވާ ޢިބްރަތްތެރި އެތައް ވާހަކަތަކެއް ގެނެސްދެވޭނެ. އަދި ޤިޔާމަތުގެ ކުދި ޢަލާމާތްތަކުގެތެރެއިން 40 އަށްވުރެ ގިނަ ޢަލާމާތްތަކުގެ މައްޗަށް އަލިއަޅުވާލާގޮތަށްވަނީ ހަމަޖެހިފަ” އައްޝައިޚް މުޖްތަބާ ޙަމީދު ވިދާޅުވިއެވެ.
މިއަހަރުގެ ‘އަޝްރާތު’ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގަންނަވާ ޢިލްމުވެރީންނަކީ އައްޝައިޚް މުޙައްމަދު ނަޝީދު އާދަމް، އައްޝައިޚް ޢަބްދުއްސަލާމް ބިން ދާޥޫދު، އައްޝައިޚް ޙަސަން މޫސާ ފިކްރީ، އައްޝައިޚް ޢަލީޒާހިރު ބިން ސަޢީދު ޤާސިމް، އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް، އައްޝައިޚް މުޙައްމަދު ސިނާން، އައްޝައިޚް ނިމާލް މުޙައްމަދު، އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަން، އައްޝައިޚް މުޖްތަބާ ޙަމީދު އެވެ.
މިއަދުގެ ‘އަޝްރާތު’ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވާގޮތަށް ހަމަޖެހިފަވަނީ އައްޝައިޚް މުޙައްމަދު ނަޝީދު އާދަމް އެވެ. މިއަދުގެ މައުޟޫއަކީ ‘ޤިޔާމަތުގެ ޢަލާމާތްތަކުގެ ތަޢާރަފް’ އެވެ.
1436 ވަނަ އަހަރުން ފެށިގެން ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ކޮންމެ ރަމަޟާން މަހަކު ފުރުޤާން މިސްކިތުގައި މި ޕްރޮގްރާމު ކުރިއަށް ގެންގޮސްފައިވެއެވެ. މިއީ މި ޕްރޮގްރާމު ކުރިއަށްގެންދާ ހަތަރު ވަނަ އަހަރެވެ. އެގޮތުން 1436 ވަނަ އަހަރު މި ޕްރޮގްރާމު ކުރިއަށްގެންގޮސްފައިވަނީ ‘ސިޔަރަތުގެ ހިޔަލުގައި’ ގެ ނަމުގައެވެ. 1437 ވަނަ އަހަރު މި ޕްރޮގްރާމު ކުރިއަށްގެންގޮސްފައިވަނީ ‘ރަން ޒަމާން’ ގެ ނަމުގައެވެ. 1438 ވަނަ އަހަރު މި ޕްރޮގްރާމު ކުރިއަށްގެންގޮސްފައިވަނީ ‘ދަލާއިލް’ ގެ ނަމުގައެވެ. މިއަހަރު މި ޕްރޮގްރާމު ކުރިއަށްގެންދަނީ ‘އަޝްރާތު’ ގެ ނަމުގައެވެ.
މިއަހަރުގެ ‘އަޝްރާތު’ ޕްރޮގްރާމު، ޗެނެލް13 އިން ލައިވްކުރާގޮތަށްވަނީ ހަމަޖެހިފައެވެ.