“އޭ ސުވަރުގޭގެ އަހުލުވެރިންނޭވެ! ދެން އޮތީ މަރުވުމެއް ނުވާ ދެމި ތިބުމެވެ.”

ތަމްހީދު:


ރަސޫލާ صلى الله عليه وسلم މިޙަދީޘްގައި ބަޔާންކޮށްދެއްވަނީ ޤިޔާމަތްދުވަހު ސުވަރުގެވަންތަވެރިން ސުވަރުގެއަށް ވެއްދެވުމަށްފަހު އަދި ނަރަކަވަންތަވެރިން ނަރަކައަށް ވެއްދެވުމަށްފަހު، ކަންބަޅިއެއްގެ ސިފައިގައި ‘މަރު’ ގެނެވޭނެ ކަމެވެ. އަދި އެދުވަހުން ‘މަރު’ ޛަބަޙަ ކުރެއްވޭނެ ކަމެވެ. ދެން އެއަށްފަހުގައި ސުވަރުގެވަންތަވެރިން ސުވަރުގޭގައި ދާއިމަށް ދެމި ތިބޭނެއެވެ. އަދި ނަރަކަވަންތަވެރިން ނަރަކައިގައި ދާއިމަށް ދެމި ތިބޭނެއެވެ.



ޙަދީޘްގެ ނައްޞު:


އަބޫ ސަޢީދު އަލްޚުދްރީ رضي الله عنه ވިދާޅުވިއެވެ. ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((يُؤْتَى بِالْمَوْتِ كَهَيْئَةِ كَبْشٍ أَمْلَحَ، فَيُنَادِي مُنَادٍ: يَا أَهْلَ الجَنَّةِ، فَيَشْرَئِبُّونَ وَيَنْظُرُونَ، فَيَقُولُ: هَلْ تَعْرِفُونَ هَذَا؟ فَيَقُولُونَ: نَعَمْ، هَذَا الْمَوْتُ، وَكُلُّهُمْ قَدْ رَآهُ، ثُمَّ يُنَادِي: يَا أَهْلَ النَّارِ، فَيَشْرَئِبُّونَ وَيَنْظُرُونَ، فَيَقُولُ: وهَلْ تَعْرِفُونَ هَذَا؟ فَيَقُولُونَ: نَعَمْ، هَذَا الْمَوْتُ، وَكُلُّهُمْ قَدْ رَآهُ، فَيُذْبَحُ ثُمَّ يَقُولُ: يَا أَهْلَ الجَنَّةِ خُلُودٌ فَلاَ مَوْتَ، وَيَا أَهْلَ النَّارِ خُلُودٌ فَلاَ مَوْتَ، ثُمَّ قَرَأَ: ﴿وَأَنذِرْهُمْ يَوْمَ الْحَسْرَةِ إِذْ قُضِيَ الْأَمْرُ وَهُمْ فِي غَفْلَةٍ﴾ [مريم: ٣٩]، وَهَؤُلاَءِ فِي غَفْلَةٍ أَهْلُ الدُّنْيَا ﴿وَهُمْ لَا يُؤْمِنُونَ﴾ [مريم: ٣٩] ))

މާނައީ: (ޤިޔާމަތް ދުވަހު) ހުދާއި ކަޅާ ދެކުލައިންވާ ކަންބަޅިއެއްގެ ސޫރާގައި މަރު ގެނެވޭނެއެވެ. ދެން ގޮވާލާ ފަރާތެއް ގޮވާލާނެއެވެ. އޭ ސުވަރުގޭގެ އަހުލުވެރިންނޭވެ! އެހިނދު އެގޮވާލާ ފަރާތަކާ ދިމާލަށް އިސްއުފުލާ އެބައިމީހުން ބަލާނެއެވެ. ފަހެ އެފަރާތެއް ސުވާލު ކުރާނެއެވެ. މިއީ ކޮން އެއްޗެއްކަން އެނގޭ ހެއްޔެވެ. އެމީހުން ބުނާނެއެވެ. އާނއެކެވެ. ތިޔައީ މަރެވެ. އެންމެންނަށްވެސް އެވަނީ ފެނިފައެވެ. ދެން ގޮވާލާނެއެވެ. އޭ ނަރަކަވަންތަވެރިންނޭވެ! އެހިނދު އެގޮވާލާ ފަރާތަކާ ދިމާލަށް އިސްއުފުލާ އެބައިމީހުން ބަލާނެއެވެ. ފަހެ އެފަރާތެއް ސުވާލު ކުރާނެއެވެ. މިއީ ކޮން އެއްޗެއްކަން އެނގޭ ހެއްޔެވެ. އެމީހުން ބުނާނެއެވެ. އާނއެކެވެ. ތިޔައީ މަރެވެ. އެންމެންނަށްވެސް އެވަނީ ފެނިފައެވެ. ދެން އެ ޛަބަޙަކުރެވޭނެއެވެ. އަދި އެއަށްފަހުގައި އެފަރާތެއް ބުނާނެއެވެ. އޭ ސުވަރުގޭގެ އަހުލުވެރިންނޭވެ. ދެން އޮތީ މަރުވުމެއް ނުވާ ދެމި ތިބުމެވެ. އޭ ނަރަކައިގެ އަހުލުވެރިންނޭވެ. ދެން އޮތީ މަރުވުމެއް ނުވާ ދެމި ތިބުމެވެ. ދެން އެއަށްފަހު އެކަލޭގެފާނު ކިޔަވާ ވިދާޅުވިއެވެ.

﴿وَأَنذِرْهُمْ يَوْمَ الْحَسْرَةِ إِذْ قُضِيَ الْأَمْرُ وَهُمْ فِي غَفْلَةٍ ﴾ [مريم: ٣٩]

“ހުރިހާކަމެއް ނިޔާކުރައްވާހިނދު (އެއުރެންނަށް އޮތް) ހިތާމައިގެ ދުވަހާމެދު، ކަލޭގެފާނު އެއުރެންނަށް އިންޛާރުކުރައްވާށެވެ! (އެދުވަހާމެދު) އެއުރެންވަނީ ޣާފިލުކަމެއްގެ ތެރޭގައެވެ.”

މިބައިމީހުން – އެބަހީ: ދުނިޔޭގެ އަހުލުވެރިން – ވަނީ ޣާފިލުކަމެއްގެ ތެރޭގައެވެ.

﴿وَهُمْ لَا يُؤْمِنُونَ﴾ [مريم: ٣٩]

“އަދި އެއުރެން އީމާނެއް ނުމެވޭމެއެވެ.”



ޙަދީޘްގެ ތަޚްރީޖު:


އިމާމު ބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުގައި މިޙަދީޘް ރިވާކުރެއްވިއެވެ.

كتاب التفسير، في تفسيره سورة مريم، ورقمه: 4730

އަދި އިމާމު މުސްލިމުވެސް އެކަލޭގެފާނުގެ ޞަޙީޙުގައި މިޙަދީޘް ރިވާކުރެއްވިއެވެ.

كتاب الجنة ، باب النار يدخلها الجبارون، ورقمه: 2849




ޙަދީޘްގެ ބައެއް ލަފްޒުތަކުގެ މާނަ:


ޙަދީޘްގެ ބައެއް ލަފްޒުތަކުގެ މާނަ:

كَبْش أَمْلَح: ޚާލިޞް ހުދުކުލައިގެ ކަންބަޅިއެއް [1] (ގެ ސޫރައިގައި ޤިޔާމަތްދުވަހުން މަރު ގެނެވޭނެއެވެ.)

فَيَشْرَئِبُّونَ: އެގޮވާލާ ފަރާތަކާ ދިމާލަށް އިސްއުފުލާ (އެދުވަހުން މީސްތަކުން ބަލާނެއެވެ.)



ޙަދީޘްގެ ޝަރަޙަ:


ސުވަރުގޭގެ އަހުލުވެރިން ސުވަރުގޭގައި ދާއިމަށް ދެމިތިބޭނެއެވެ. ފަހެ އެބައިމީހުން އެތަނުން ދަތުރުކޮށްފައި އެހެންތާކަށް ނުދާނެއެވެ. އަދި އެތަނުގައި މަރެއްވެސް ނުވާނެއެވެ. އަދި ނަރަކައިގެ އަހުލުވެރިންވެސް ހަމަ އެފަދައެވެ. [2]

މިކަން ކަށަވަރުކޮށްދެއްވުމަށްޓަކައި ކަންބަޅިއެއްގެ ސޫރާގައި ސުވަރުގެއާއި ނަރަކައާއި ދެމެދަށް މަރު ގެނެވޭނެއެވެ. އަދި ގޮވާލާ ފަރާތެއް ގޮވާލާނެއެވެ. އޭ ސުވަރުގޭގެ އަހުލުވެރިންނޭވެ! ދެން އެބައިމީހުން އިސްއުފުލާ އެ ގޮވާލި ފަރާތަށް ބަލާނެއެވެ. އަދި އެފަރާތެއް ގޮވާލާނެއެވެ. އޭ ނަރަކައިގެ އަހުލުވެރިންނޭވެ! ދެން އެބައިމީހުންވެސް އިސްއުފުލާ އެ ގޮވާލި ފަރާތަށް ބަލާނެއެވެ. ދެން މަރަށް އިޝާރާތްކޮށް، އެ ގޮވާލި ފަރާތެއް އެބައިމީހުންނާ ސުވާލުކުރާނެއެވެ. މިއީ ކޮން އެއްޗެއްކަން ތިޔަބައިމީހުންނަށް އެނގޭ ހެއްޔެވެ؟

ފަހެ އެއެންމެވެސް ޖަވާބުގައި ބުނާނީ: އެއީ މަރެވެ. ދެން އެއަށްފަހުގައި އެ ޛަބަޙަކުރެވޭނެއެވެ.

އަދި އެއަށްފަހުގައި އެފަރާތެއް ބުނާނެއެވެ. އޭ ސުވަރުގޭގެ އަހުލުވެރިންނޭވެ. ދެމި ތިބޭށެވެ. ދެން މަރުވުމެއް ނުވެއެވެ. އަދި އޭ ނަރަކައިގެ އަހުލުވެރިންނޭވެ. ދެމި ތިބޭށެވެ. ދެން މަރުވުމެއް ނުވެއެވެ.

އެއަށްފަހުގައި ރަސޫލާ صلى الله عليه وسلم އަންނަނިވި އާޔަތް ކިޔަވާ ވިދާޅުވިއެވެ.

﴿وَأَنذِرْهُمْ يَوْمَ الْحَسْرَةِ إِذْ قُضِيَ الْأَمْرُ وَهُمْ فِي غَفْلَةٍ وَهُمْ لَا يُؤْمِنُونَ ﴾ [مريم: ٣٩]

“ހުރިހާކަމެއް ނިޔާކުރައްވާހިނދު (އެއުރެންނަށް އޮތް) ހިތާމައިގެ ދުވަހާމެދު، ކަލޭގެފާނު އެއުރެންނަށް އިންޛާރުކުރައްވާށެވެ! (އެދުވަހާމެދު) އެއުރެންވަނީ ޣާފިލުކަމެއްގެ ތެރޭގައެވެ. އަދި އެއުރެން އީމާނެއް ނުމެވޭމެއެވެ.”

ދުނިޔެމަތީގައި ޣާފިލުވެ އުޅޭ މީހުންނަށް ހަމަކަށަވަރުންވެސް މިއީ ހިނގާނޭކަމެއްކަން އެނގޭނަމަ އެބައިމީހުން އެޣާފިލުކަމުން ހޭލާނެއެވެ. އަދި ހެޔޮމަގަށް ރުޖޫޢަވާނެއެވެ.

والله المستعان ولا حول ولا قوة إلا بالله.



ޙަދީޘްގައިވާ ބައެއް ޢިބުރަތްތަކާއި ފައިދާތަކާއި ޙުކުމްތައް:


1- ދުނިޔޭގައި މީސްތަކުންގެ ފުރާނަތައް ހިފައި އުޅުނު ‘މަރު’ ގެ ދަރުއު، އާޚިރަތުގައި ހަމަވާނެއެވެ. އެހެންކަމުން ސުވަރުގޭގެ އަހުލުވެރިން ސުވަރުގެއަށް ވަނުމުން އަދި ނަރަކައިގެ އަހުލުވެރިން ނަރަކައަށް ވަނުމުން، ‘މަރު’ ޛަބަޙަކުރެވޭނެއެވެ. އެއަށްފަހު ދާއިމަށް ދެމި ތިބޭނެކަން ދެބައިމީހުންނަށްވެސް ކަށަވަރުވާނެއެވެ.

2- ‘މަރު’ ޛަބަޙަކުރެވުމުން މުއުމިނުންގެ އުފާވެރިކަން އިތުރުވެގެންދާނެއެވެ. އެއީ ދާއިމަށް ނިޢުމަތުގައި ތިބެވޭނެތީއެވެ. އަދި އެކަމުގެ ސަބަބުން ނަރަކަވަންތަވެރިންގެ ހިތާމަވެރިކަމާއި އަބާއްޖަވެރިކަން އިތުރުވާނެއެވެ. އެއީ ދާއިމަށް ނަރަކައިގައި އެބައިމީހުން ތިބެން ޖެހޭނެތީއެވެ. 

3- ސުވަރުގެއާއި ނަރަކައިގެ އަހުލުވެރިން ގިނަކަމާއެކުވެސް (ޤިޔާމަތްދުވަހު) ކަންބަޅިއެއްގެ ސޫރާގައި އެއެންމެންނަށް ‘މަރު’ ދެއްކެވުމުން، ﷲ ތަޢާލާގެ ކުޅަދުންވަންތަކަން ހާމަވެގެންދެއެވެ.

4- މިފަދަ ޙަދީޘްތަކަކީ ނަފްސަށް އަސަރުކުރުވާ އަދި ހިތަށް މަޑުމޮޅިކަން ގެނެސްދޭ ޙަދީޘްތަކެކެވެ. ޢިލްމުވެރިންނާއި ވާޢިޡުން އެބޭފުޅުންގެ ދަރުސްތަކުގައި މިފަދަ ޙަދީޘްތައް ހިމަނުއްވާށެވެ. ފަހަރުގައި ޣާފިލުކަމުގައި ތިބި ބަޔަކަށް މީގެން ފައިދާކޮށްފާނެއެވެ.


_________________________

[1] ގިނަ ޢިލްމުވެރިން ބުރަވެވަޑައިގަންނަވަނީ كَبْش أَمْلَح އަކީ ހުދާއި ކަޅުކުލައާއި ދެކުލައިން ހުންނަ ކަންބަޅިކަމުގައެވެ. އަދި ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އެފަދަ ކަންބަޅީގައި ކަޅަށް ވުރެ ހުދުކަން ގަދަވާނެއެވެ.


[2]  ނަރަކަވަންތަވެރިންކުރެ ތައުޙީދުގެ އަހުލުވެރިން އެތަނުން ނެރެ ސުވަރުގެއަށް ވެއްދެވޭނެއެވެ. ނަރަކައިގައި ދާއިމަށް ދެމިތިބޭނީ މުޝްރިކުންނެވެ.



މަޞްދަރު: قصص الغيب في صحيح الحديث النبوي