ރާއްޖޭގައި ކެސިނޯ އެޅުމަށް ހުއްދަ ދެވިގެން ނުވާނެކަމަށް ޖަމްޢިއްޔަތުއްސަލަފުގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޝައިޚް ޢަބްދުﷲ މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ ރާއްޖޭގައި ކެސިނޯ އެޅުމަށް ހުއްދަ ދިނުމަކީ މާތް ﷲ ޙަރާމް ކުރެއްވިކަމެއް ރާއްޖެއަށް އަލަށް ތަޢާރަފް ކުރުންކަމަށާއި އެއީ މުޅި ދިވެހި ޖީލުގެ ޙައްޤުގައި ހިންގޭ ބޮޑުވެގެންވާ ޖަރީމާއެއްކަމަށެވެ.
“ރާއްޖޭގައި ކެސިނޯ އެޅުމަށް ހުއްދަ ދެވިގެން ނުވާނެ. މާތް ﷲ ޙަރާމް ކުރެއްވިކަމެއް އަލަށް ރާއްޖެއަށް ތަޢާރަފް ކުރުމަކީ މުޅި ދިވެހި ޖީލުގެ ޙައްޤުގައި ހިންގޭ ބޮޑުވެގެންވާ ޖަރީމާއެއް. ފާފައެއް އަލަށް ތަޢާފަރްކޮށްފި މީހަކަށް އެކަމުގައި ދެންފަހުން ބައިވެރިވާ އެންމެންގެ ފާފަވެސް ބޮލުގައި އެޅޭނެ”. ޝައިޚް ޢަބްދުﷲ ގެ ޓްވީޓުގައި ވެއެވެ.
Raajjeygai Casino eh Elhumah Huddha dhewigen nuwāne.Māi Allah Harām kurewwi kameh Alah Rājje ah tha’aaraf kurumakee Mulhi Dhiwehi Jeeluge haqqu gai hingey boduwegenwā JAREEMA eh.faafa eh Alah tha’aaruf koffi meehakah ekamugai Dhen fahun Baiweriwā emmenge Fāfa wes Bolugai Elheyne
— Abdullah bin janaab (@binjanaab) June 29, 2019
ޝައިޚް ޢަބްދުﷲ މިފަދައިން ޓްވީޓުކޮށްފައިވަނީ ރައްޔިތުން މަޖިލީހުގެ މެންބަރު ޢަބްދުﷲ ޖާބިރު، ރާއްޖޭގައި ކެސިނޯ އެޅުމަށްޓަކައި މަޖިލީހަށް ގަރާރެއް ހުށަހަޅާނެކަމަށް ބުނެފައިވަނިކޮށެވެ. ‘އައްޑޫލައިވް’ އަށް ދިން އިންޓަވިއުއެއްގައި ޖާބިރު ބުނެފައިވަނީ ރާއްޖޭގައި ކެސިނޯ އެޅުމުން އާމްދަނީގެ ގޮތުގައި 6 ބިލިއަން ޑޮލަރު މަހެއްގެ މައްޗަށް ލިބިގެންދާނެ ކަމަށެވެ.