ޝިރުކުގެ އަހުލުވެރިންގެ ޙުކުމަށް ރުހުމަކީ ކުފުރެއް: އައްޝައިޚް ޢަބްދުﷲ މުޙައްމަދު

ޝިރުކުގެ އަހުލުވެރިން ޙުކުމްކުރާ ޝަރީޢަތެއްގެ ދަށުން ޙުކުމަށް ރުހުމަކީ ކުފުރެއްކަމަށާއި އެކަމާ އެންމެހާ މުސްލިމުން އިންކާރުކުރުން އީމާންކަން ލާޒިމުކުރާކަމަށް ޖަމްޢިއްޔަތުއްސަލަފުގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ދިވެހި ރައްޔިތުންނާއި އަދި ރާއްޖޭގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މީހުން އިންޑިއާ ސަރުކާރުން އެދޭ ކޮންމެ ހާލަތެއްގައި އިންޑިއާ ސަރުކާރާއި ހަވާލުކޮށް، އިންޑިއާގައި އެމީހުންގެ މައްޗަށް ޝަރީޢަތްކޮށް، ޙުކުމް ކުރުމުގެ ބާރު ލިބޭނެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ އެންމެ ފަހުގެ އިންތިޒާމްތައް ރައްޔިތުންގެ މަޖިލީހުން ހަމަޖައްސަމުން ގެންދާކަމަށް ބައެއް މީޑިއާތަކުގައި ބުނެފައިވާތީ އެކަމަށް ޢިޝާރާތްކޮށް ޝައިޚް ޢަބްދުﷲ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިސްލާމީ ޝަރީޢަތުގެ އަސާސްތަކުގެ މައްޗަށް ރިއާޔަތްކޮށް ޙުކުމް ކުރުމަށް ޤާނޫނު ލާޒިމުކުރާ ޤައުމެއްގެ ރައްޔިތުން ޝިރުކުގެ އަހުލުވެރިން ޙުކުމްކުރާ ޝަރީޢަތެއްގެ ދަށުން ޙުކުމަށް ރުހުމަކީ ކުފުރެއްކަމަށެވެ.
“އިސްލާމީ ޝަރީޢަތުގެ އަސާސްތަކުގެ މައްޗަށް ރިއާޔަތްކޮށް ޙުކުމް ކުރުމަށް ޤާނޫނު ލާޒިމުކުރާ ޤައުމެއްގެ ރައްޔިތުން ޝިރުކުގެ އަހުލުވެރިން ޙުކުމްކުރާ ޝަރީޢަތެއްގެ ދަށުން ޙުކުމަށް ރުހުމަކީ ކުފުރެކެވެ. އެކަމާ އެންމެހާ މުސްލިމުން އިންކާރުކުރުން އީމާންކަން ލާޒިމުކުރެއެވެ.” ޝައިޚް ވިދާޅުވެފައިވެއެވެ.

ޖިނާޢީ މައްސަލަތުގައި އިންޑިއާ އާއި ރާއްޖެއާއި ދެގައުމުން ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުއާހަދާގައި ސޮއިކުރަން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތުގެ ކޮމެޓީން ފާސްކުރުމާއި ގުޅިގެން ރާއްޖޭގެ ގިނަ ޢިލްމުވެރިންތަކެއްގެންދަނީ ނުރުހުން ފާޅުކުރަމުންނެވެ.