ފޭސްއެޕުން ދުރުހެލިވުމަށް އައްޝައިޚް ޙަސަން މޫސާ ފިކްރީ ގޮވާލައްވައިފި

މީހުންގެ ސޫރަ ބަދަލުކޮށް، ސޫރަހެދުމަކީ މާތްވެގެންވާ އިސްލާމް ދީނުގައި ވަރަށް ބޮޑަށް ނަހީކުރައްވާފައިވާ ކަމެއްކަމަށް ޖަމްޢިއްޔަތުއްސަލަފުގެ ނައިބުރައީސް އައްޝައިޚް ޙަސަން މޫސާ ފިކްރީ ވިދާޅުވެއްޖެއެވެ.

މީހުންގެ މޫނު މުސްކުޅިކޮށްލާފަ ކުރަހާލަދޭ “ފޭސްއެޕް” ބޭނުން ކުރުމާއިގުޅޭގޮތުން، ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ނެރެމުންދާ ‘ސަލަފް.ކިއު.އޭ’ ގެ ސުވާލަކަށް ދިން ޖަވާބެއްގައި ޝައިޚް ފިކްރީ ވިދާޅުވެފައިވަނީ ފޭސްއެޕް ފަދަ އެޕްލިކޭޝަންތައް ބޭނުންކޮށްގެން މީހުންނަށް ފުރައްސާރަކޮށް މީހުންގެ ސޫރަ އައިބު ކުރުމަކީ ދީން މަނާ ކުރާކަމެއްކަމަށެވެ. އަދި އެފަދަ އެޕްލިކޭޝަންތައް ބޭނުން ކުރުމާ ދުރުހެލުވުމަށް ނަޞޭޙަތްތެރިވެފައިވެއެވެ.

“މީހުންގެ ސޫރަ ބަދަލުކޮށް، ސޫރަހެދުމަކީ މާތްވެގެންވާ އިސްލާމް ދީނުގައި ވަރަށް ބޮޑަށް ނަހީކުރައްވާފައިވާ ކަމެކެވެ. އަދި އޭގެއިތުރުން ތިފަދަ އެޕްލިކޭޝަންތައް ބޭނުންކޮށްގެން މީހުންނަށް ފުރައްސާރަކޮށް މީހުންގެ ސޫރަ އައިބު ކުރުމަކީ ދީން މަނާ ކުރާކަމެކެވެ. ވީމާ “ފޭސްއެޕް” ފަދަ އެޕްލިކޭޝަންތައް ބޭނުން ކުރުމާ ދުރުހެލިވުމަށް ނަޞޭޙަތްތެރިވަމެވެ”. ޝައިޚް ވިދާޅުވެފައިވެއެވެ.