ޖަމްޢިއްޔަތުއްސަލަފާއި ހިޖްރަ ޖަމްޢިއްޔާ އާއި ގުޅިގެން މިއަހަރުގެ އަޟުޙާ ޢީދުގެ މުނާސަބަތުގައި ކުރިއަށް ގެންދާ ‘އައިނީ ޢީދު ސްމައިލްސް’ ވަރަށް ކާމިޔާބުކަމާއެކީ ކުރިއަށް އެބަދެއެވެ.
ތިން ދުވަހުގެ މުއްދަތަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދާ ޢީދުގެ މި ޙަރަކާތްތައް ފެށިފައިވަނީ އިއްޔެ އެވެ. ނަމަވެސް ވިއްސާރަވުމުގެ ސަބަބުން އިއްޔެގެ ޙަރަކާތްތައް ހުއްޓާލާފައި އޮތުމަށްފަހު މިއަދު މިވަނީ މި ޙަރަކާތް ފެށިފައެވެ.
ކުޑަކުދިންނާއިގުޅޭ ތަފާތު ގިނަ ކުޅިވަރުތައް ހިމަނައިގެން ކުރިއަށްގެންދާ މި ފެސްޓިވަލުގައި ބަންޖީ ޓްރަންޕޮލިން، ފީޑް ދަ ޝާކް، މެގާ ވަޔަރ، ޓާގެޓް ޝޫޓް، ޓަގް އޮފް ވޯ، ހިއުމަން ގައިރޯ، ހެމަރިން ބޯލް، ސްޕްލެޓް އަ ރެޓް، ބޯލް ކޮންޓްރޯލް، ގޯލް ސްކޯރ، ސްލިޕާރ ރޭސް، އޮބްސްޓިކަލް ރޭސް، ސްޕިން ވީލް، ސްޓޭންޑް އަ ބޮޓްލް ހިމެނެއެވެ. އަދި ކުޅިވަރުތަކުގައި ބައިވެރިވެ ސްޓޭޖުގައި އެކި ކުދިންގެ ފަންނުވެރިކަން ހުށައަޅައިދިނުމުގެ އިތުރުން މި ފެސްޓިވަލުގައި ބައިވެރިވާ ކުދިންނަށް ޢީދު ހަދިޔާ ދިނުންވެސް ކުރިއަށް ދެއެވެ.
‘އައިނީ ޢީދު ސްމައިލްސް’ ފެސްޓިވަލުގައި ޖަމްޢިއްޔަތުއްސަލަފާއި ހިޖްރަ ގެ އިތުރުން މޯލްޑިވްސް ޕޮލިސް ސާވިސް، އޯޓިޒަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި ހުޅުމާލޭ ހޮސްޕިޓަލްގެ ފަރާތުންވެސް މި ފެސްޓިވަލުގައި ގިނަ ޙަރަކާތްތަކެއް ކުރިއަށް ގެންދާކަން ފާހަގަކޮށްލަން ޖެހެއެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކް އިން ކޯ ސްޕޮންސާކޮށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ހޯސްޓިން ޕާޓްނަރުގެ ގޮތުގައި ކުރިއަށްގެންދާ ‘އައިނީ ޢީދު ސްމައިލްސް’ ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ގޮތަށްވަނީ ހަމަޖެހިފައެވެ.
އޮގަސްޓް 11 އިން 13 އާއި ހަމައަށް ކުރިއަށްދާ މި ޙަރަކާތުގެ މާދަމާއަކީ އެންމެ ފަހު ދުވަހެވެ.