ޤުރްއާނުގެ ތަޖުވީދު އުނގަންނައިދިނުމަށްޓަކައި ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ޚާއްޞަ ޕްރޮގްރާމެއް ފަށަން ހަމަޖައްސައިފިއެވެ.
ތިލާވަތުލް ޤުރްއާނުގެ ނަމުގައި ކުރިއަށްދާ މި ޕްރޮގްރާމަކީ ޖަމްޢިއްޔަތުއްސަލަފުގެ ޔޫޓިއުބް ޗެނެލްގައި ލައިވްކޮށް ކުރިއަށްދާ ޕްރޮގްރާމެކެވެ. ކޮންމެ ދުވަހަކުވެސް މެންދުރުފަހު 2 އިން 2:30 އަށް ކުރިއަށްދާ މި ޕްރޮގްރާމުގައި ބައިވެރިވެވަޑައިގަންނަވާނީ އަލްޤާރީ މުޙައްމަދު ތައުފީޤު އެވެ.
މި ޕްރޮގްރާމްއާއިގުޅޭގޮތުން ޖަމްޢިއްޔަތުއްސަލަފުގެ އޮޕަރޭޝަން މެނޭޖަރު ޢަލީ ރަމީޒު ވިދާޅުވީ މިއީ ކުޑަކުދިންނަށް އަމާޒުކޮށްގެން ގެނެސްދޭ ޕްރޮގްރާމެއްކަމަށާއި ނަމަވެސް ތަޖުވީދު އުނގެނެމުންގެންދާ އެންމެހައި ފަރާތްތަކަށް މީގެން ވަރަށްބޮޑަށް މަންފާކުރާނެކަމަށެވެ.
“މިދުވަސްވަރު މުޅި ދުނިޔެއަށް ކުރިމަތިވެފައިމިވާ ބަލިމަޑުކަމުގެ ކާރިސާގެ ސަބަބުން ހުރިހާ ކުދިން ތިބެން މިޖެހެނީ ގޭގަ. ކިޔެވުންވެސް މިވަނީ ބަންދުވެފަ. އެހެންކަމުން ވަގުތުގެ ފައިދާ ހެޔޮގޮތުގައި ލިބިގަތުމަށް މިއީ ވަރަށް ރަނގަޅު ޕްރޮގްރާމަކަށްވާނެ އިންޝާﷲ. އަޅުގަނޑުމެންގެ ޔޫޓިއުބް ޗެނެލުން ތަޖުވީދާ ބެހޭ ފިލާވަޅުތަކެއް ކޮންމެދުވަހަކު ގެނެސްދިނުމުން އޭގެ ފައިދާ ޚާއްޞަކޮށް ކުޑަކުދިންނަށް ވަރަށްބޮޑަށް ކުރާނެ. ދެން މި ޕްރޮގްރާމު އަޅުގަނޑުމެން އަމާޒުކޮށްފައިވާނީވެސް ކުޑަކުދިންނަށް. އެހެންނަމަވެސް ތަޖުވީދަށް ޤުރްއާން ކިޔެވުމަށް މަސައްކަތްކުރަމުންދާ އެންމެހައި ފަރާތްތަކަށް މި ޕްރޮގްރާމުން ވަރަށްބޮޑަށް މަންފާއެއް ކުރާނެ އިންޝާﷲ” ޕްރޮގްރާމް ކޯޑިނޭޓަރ އަދި ޖަމްޢިއްޔަތުއްސަލަފުގެ އޮޕަރޭޝަން މެނޭޖަރު ޢަލީ ރަމީޒު ވިދާޅުވިއެވެ.
ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ އާދީއްތަ ދުވަހު އެވެ.
މިވަގުތު ދުނިޔެއަށް ދިމާވެފައިވާ ބަލިމަޑުކަމުގެ ސަބަބުން މުޅި ރާއްޖޭގެ ހުރިހާ ސްކޫލު މަދަރުސާތަކާއި އަދި ހުރިހާ ޤުރްއާން ކްލާސްތަކެއްވެސްވަނީ ބަންދުކޮށްފައެވެ. ވީމާ މި ޕްރޮގްރާމް ގިނަ ފަރާތްތަކަކުން ބައްލަވައި ފައިދާ ލިބިގަތުމަކީ ޖަމްޢިއްޔާގެ ވަރަށް ބޮޑު އެދުމެކެވެ.