އަސްލު މުޣީޘުގެފާނާއި ބަރީރާގެ ކައިވެނި ފުޅަކީ އެދެބޭކަލުން ބޭނުންވެގެން ކުރެވުނު ކައިވެނިފުޅެއް ނޫނެވެ. ކުރިންވެސް ބުނިފަދައިން އެދެބޭކަލުންނަކީ ދެއަޅުންނެވެ. އަޅުންނަކީ އެމީހުންގެ ސާހިބުމީހާގެ މިލްކެކެވެ. އެގޮތުގެމަތީން އެދެބޭކަލުންގެ ސާހިބުން ބޭނުންވެގެން އެދެބޭކަލުން ކައިވެނިކުރުވީއެވެ. ނަމަވެސް ކައިވެނި ކުރެވި އެކައިވެނީގެ މައްޗަށް ދަރީންލިބި މުޣީޘުގެފާނުގެ ހިތްޕުޅުގައި އަނބިކަނބަލުންގެ މައްޗަށް ލޯބިޖެހިފައިވަނިކޮށް ދެން ކުރިމަތިވި ކަމަކުން ދިރިއުޅުން އެކޮޅުކޮޅުން ޖެހުނީއެވެ. އެއީ އެހުރިހާ ޒަމާނެއްވީ އިރުވެސް ބަރީރަތުގެފާނު އެކައިވެންޏާއިމެދު ހިތްޕުޅާނުވުމާއި އެކަމަނާގެ ހިތްޕުޅުގައި އަމިއްލަ ނަފްސުގެ މިނިވަންކަމަށް ދެވިފައިވާ ވަރުގަދަ ޢަޒުމުގެ ސަބަބުންނެވެ. މިހާމަކުރީ އެއްސަބަބެވެ. ދެން އޮތީ މިދެބޭކަލުންގެ ކައިވެނި ނިމުމަކަށް ގެންނަށް ބަރީރަތުގެފާނު ނިންމެވި ނިންމެވުމުގެ ފަހަތުގައިވާ އަޞްލު ސަބަބެވެ.
ހައިރާންވެ ވަޑައިގަންނަވާނެކަން އެނގެއެވެ. ކައިވެނި ނިމުމަކަށް ގެންނަވަން ނިންމެވީބަރީރަތުގެފާނޭ މިދެންނެވީ އޮޅުމަކުން ނެއްނޫނެވެ. އެއީ އެކަން ހަމަ އަޞްލުގައިވެސް ވީގޮތެވެ. ތިޔަ ސުވާލުގެ ޖަވާބު އެބައޮތެވެ. އިސްލާމްދީނުގައި ވަރިކުރާނީ ފިރިމީހާއެވެ. ނަމަވެސް ކައިވެނި ހަމަ އެކަނި ރޫޅާލެވެނީ ވަރިކޮށްގެން ނޫންކަން ދަންނާށެވެ. އަނބިމީހާއަށްވެސް ކައިވެނި ރޫޅާލެވޭނެ ހަމަ ތަކެއް އިސްލާމްދީނުގައި އޮވެއެވެ. އެކަނބަލުންނަށް ނެތީ ވަރިކުރުމުގެ ޙައްޤެވެ. މިކަށް ބަޔާންކޮށްލާފައި އަނެއްކާވެސް ވާހަކައަށް އެނބުރެމާތޯއެވެ.
ކޮންމެއަކަސް ކައިވެނިކުރެވި އެދެބޭކަލުންނަށް ދަރިންލިބިފައި ތިއްބާ ބަރީރަތުގެފާނުގެ ސާހިބުމީހާއާއި ވާހަކަދައްކައިގެން އެކަމަނާ އަބަދުވެސް ދެކެމުން އަންނަ ހުވަފެން ޙާޞިލުކުރެވޭތޯ ކުރަމުން އައި މަސައްކަތް ކާމިޔާބުވެއްޖެއެވެ. އެއީ އަޅުވެތިކަމުން ނުކުމެ އަމިއްލަ ނަފްސާ މުދަލާއި ނިންމާ ނިންމުންތަކުގެ މައްޗަށް މިނިވަންކަމާއި އެކު ބަސްބުނެ ތަޞައްރަފުކުރާ “މިނިވަން އަންހެނެއް” ކަމުގައި ވުމެވެ. އަނެއްކާވެސް ކުޑަ ވާހަކައެއް ދައްކާލަން ޖެހުނީއެވެ. އެއްގޮތަކަށްވެސް މިނިވަން އަންހެނުންނަކީ މިޒަމާނުގައި މިމާނަ ކުރާ މާނައިގައި ވާ މިނިވަން އަންހެނުންނެއް ނޫނެވެ. ބުރުގާ ބޭލުމާއި ބޭނުންހާ ގޮތަކަށް ދިރިއުޅުމެއް ނުމެނޫންމެވެ. އޭގެ މާނައަކީ ޝަރުޢީ މިންގަނޑުގެ ތެރެއިން، ﷲއާއި ރަސޫލާގެ އަމުރުފުޅުތަކަށް ބޯލަބައިގެން ހުރުމެވެ. އަދި އެދެފަރާތުގެ އަމުރުފުޅެއްނެތި ވަކި އެހެން އިންސާނެއްގެ އަޅަކަށްވެގެން އޭނާ ގެންގުޅޭ މުދަލެއްގެ ގޮތުގައި ނުހުރުމެވެ.
ކޮންމެއަކަސް ބަރީރަތުގެފާނު މިނިވަންވީގޮތުގެ ވާހަކައަކީވެސް ޢިބްރަތްތެރި ވާހަކައެކެވެ. އެވާހަކާގެ ޚުލާޞާއަކީ އެކަމަނާގެ ސާހިބާއާއި އެތަށް ގޮތަކުން ވާހަކަދައްކައިގެން އެކަމާނާ މުކާތަބު އަޅަކަށް ހައްދަވައިފިއެވެ. މުކާތަބު އަޅުންނަކީ އެމީހުންގެ ސާހިބުމިހާ ބުނާވަރަކަށް މުދާ ދީފައި މިނިވަންވުމަށް އެއްބަސްވެގެން ތިބޭ އަޅުންނެވެ. މިގޮތުގެ މަތިން ބަރީރަތުގެފާނަށް ލިބުނު ރަނުގެ މިފުރުޞަތު ކާމިޔާބުކުރުމަށް އެހީތެރިކަމަށް އެކަމަނާ އެދިވަޑައިގެންނެވީ އޭރުމަދީނާގެ ވެރިޔާގެ އަނބިކަނބަލުން ޢައިޝާ ރަޟިއްޔަﷲ ޢަންހާގެ އަރިހުންނެވެ. ޢައިޝަތުގެފާނު ބަރީރަތުގެފާނުގެ ސާހިބާ ބޭނުންވާވަރަށް މުދާ ދެއްވާފައި އެކަމާނާ ބައްލަވައިގެން މިނިވަންކުރެއްވިއެވެ. އެވަގުތުކޮޅަކީ ބަރީރަތުގެފާނުގެ ޙަޔާތްޕުޅުގައި މުޅިން އައު ޞަފްޙާއެއް ހުޅުވުނު ވަގުތުކޮޅެވެ. އަދި އެއީ މުޣީޘުގެފާނުގެ ޙަޔާތުން ޞަފްޙާއެއް ވަކިވެގެން ދިޔަ ވަގުތުކޮޅެވެ.
މިނިވަންކަށް ލިބުމާއި އެކު ބަރީރަތުގެފާނު ނިންމެވީ ކައިވެނި ރޫޅާލުމަށެވެ. ކީއްވެގެންތޯއެވެ؟ ދެން އަންނަން ތިބި މީސްތަކުންނަށް ވާ ފިލާވަޅެއްކަމުގައި އެކަން ވުމަށެވެ. ﷲގެ ދީނުގައި އަންހެނުންގެ މަތިވެރި މަޤާމު ހާމަކޮށްދެއްވުމަށެވެ. އިސްލާމުދީނުގައި ދެއަޅުން އަޅުވެތިކަމުގައި ކައިވެނިކޮށްފައި ތިއްބާ އެތަނުން އަނބިމީހާ މިނިވަންވެ ފިރިމީހާ އަޅެއްގެ ގޮތުގައި ހުރެއްޖެނަމަ މިނިވަންވި އަންހެންމީހާއަށް އެކަނބުލޭގެ ނަފްސުގެ މައްޗަށް އަމިއްލައަށް ގޮތް ކަނޑައެޅުމުގެ ބާރު ދެއްވާފައިވާކަން އެންމެހައި ކާފިރުންނާއި މުސްލިމުންނަށްހާމަވީ ބަރީރަތުގެފާނުގެ އެނިންމެވުމުންނެވެ. އަދި އެކަމަށް ނަބިއްޔާ ޞައްލަﷲ ޢަލައިވަސައްލަމައިޤްރާރުވެވަޑައިގަތީމައެވެ.
ކޮންފަދަ އަޖައިބުކުރުވަނިވި ކަމެއްތޯއެވެ. އަންހެންދަރީން ވަޅުލަމުން ދިޔަޒަމާނެއްގައި މިކަން މިހެން ހިނގާނޭކަމަށް ޤަބޫލުނުކުރެވޭ މީހުން މިއަދުވެސް އުޅެއެވެ. ނަމަވެސް އެންމެ ދިހަ އަހަރުން އިސްލާމްދީނުގައި އަންހެނުންނަށް ވަނީ މިއަދު ސަތޭކަ އަހަރުން ކޮންމެ މާރިޗުމަހުން އެއްދުވަސް އަންހެނުންނަށް ޚާއްޞަކޮށްގެން ވެސް ހޯދާނުދެވިވާ ޙައްޤުތައް ހޯދައިދެއްވާފައެވެ. މިކަން މިވާހަކައިގެ ފަހުބައިން ރަނގަޅަށް އޮޅުން ފިލާނެއެވެ. އެބަޔަށް ދާމާތޯއެވެ.
ކޮންމެއަކަށް ބަރީރަތުގެފާނު މިނިވަންވެއްޖެކަމާއި އެކަމަނާ ކައިވެނި ރޫޅާލަން ބޭނުންވާ ވާހަކަ ފިރިކަލުންނަށް ބަޔާންކޮށްދިން ހިސާބުން މުޣީޘުގެފާނުގެ އާދައަކީ އެކަމާނާގެ އެ ނިންމުން ބަދަލުކުރެއްވުމަށް، ކައިވެނި ރޫޅާލުމުގެ ވިސްނުން ދޫކޮށްލުމަށް ވިސްނާދިނުމެވެ. އާދޭސް ދެންނެވުމެވެ. ހިތުގެ ބައިވެރިޔާ ވަކިވާތީއެވެ. ހިތުގައިވާ ލޯބީގެ ޖަޒްބާތުތައް އެންމެ ފަހުން އެކަލޭގެފާނު އެކަމަނާ ފަހަތުން މަގުތައްމަތީ ކީރިތިކޮށް އާދޭސްދަންނަވާ ހިސާބަށްވެސް ގެންދިޔައީއެވެ. އެއީ ހުތުރުކަމެއްނޫނެވެ. އެކަލޭގެފާނު އެލޯބިވަނީ ހުއްދަ ލޯތްބެކެވެ. އޭގައި ފާފައެއްނެތް އިޙްސާސެކެވެ. ބަރީރަތުގެފާނުގެ ކިޔަމަންތެރިކަމާއި، އިޙްތިރާމުކުރުމާއި އަދަބުވެރިކަމުން އުފައްދައިދިން ލޯތްބެކެވެ. އެކަމަނާ ހުރިހާ ދުވަސްވީ އިރުވެސް ފިރިކަލުން ދެކެ ލޯބިނުވާކަން ފިރިކަލުންނަށް އިޙުޞާސްވިޔަކަ ނުދެއްވައެވެ. އެއީ އިސްލާމްދީނުގައި ފިރިންނަށް އޮތް މަޤާމަށްޓަކައެވެ. އީމާންތެރި ހިތްތަކަކީ މިއީނޫންތޯއެވެ.
މުޣީޘުގެފާނަށް ބޭއިޙްތިޔާރުގައި ވެސް އަދި އިޚްތިޔާރުގައިވެސް އެތަށް ކަމެއްކުރެވިއްޖެއެވެ. އެންމެފަހުން އެކަލޭގެފާނު ހަދާނެގޮތެއް ނެތިގެން އެވަޑައިގަތީ އޭރުމަދިނާގައި ދިމާވާ ކޮންމެ ކަހަލަ ކަމެއްގެވެސް ޙައްލު ހޯދުމަށް އެރަށުގެ އަހުލުވެރީން ދާ ދަރުބާރަށެވެ. ސަހަރުގެ ވެރިޔާގެ އަރިހަށެވެ. ރަޙްމަތުގެ ނަބިއްޔާ ޞައްލަﷲޢަލައިހިވަސައްލަމަ މުޣީޘުގެފާނުގެ ވަކީލެއްގެ ގޮތުގައި ބަރީރާތުގެފާނުގެ އަރިހަށް ވަޑައިގަތެވެ. މިއީ މުޅި ވާހަކައިގައިވެސް އަންނަ އެންމެ ވަރުގަދަ ލޯބީގެ ތަންކޮޅެވެ. ފަރުވާތެރިކަމާއި އެކު ކިޔާލާތި އިނގޭއެވެ.
” ކަމަނާގެ ތިނިންމެވުން އަލުން މުރާޖަޢާ ކުރައްވަންވީނޫންތޯއެވެ. އެހެނީ އެކަލޭގެފާނަކީ ކަމަނާގެ ފިރިމީހާއެވެ. އަދި ދަރީންގެ ބަފާކަލުންނެވެ.” ނަބިއްޔާޞައްލަﷲ ޢަލައިވަސައްލަމަ ބަރީރަތުގެފާނަށް ޙަދީޘުކުރެއްވިއެވެ. ދެން ކަންތައް ހިގައިދިޔަ ގޮތަކީ ލޯބީގެ ވަރުގަދަ މިސާލެކެވެ. އަސަރުންފުރިންގެވާ ކަލިމައެކެވެ. އަދުގެ މުސްލިމު ފިރިހެނުންނާއި އަންހެނުން ކޮންމެހެން ކިޔާލަށް ޖެހޭނެ މާނަފުން މެސެޖެކެވެ.
” އޭ ﷲގެ ރަސޫލާ އެވެ! ކަލޭގެފާނު އަޅުގަނޑަށް އެކަމަށް އަމުރުފުޅު ކުރައްވަނީތޯއެވެ؟” ﷲ އަކުބަރު. “އޭ ﷲގެ ރަސޫލާއެވެ! “ތިޔައީ ކަލޭގެފާނުގެ އަމުރުފުޅެއްވިއްޔާ މިބަރީރާގެ ލޮލާއި ބޮލުން ރުހިއްޖައީމެވެ. ހިތާ ދެކޮޅަށްވެސް މުޣީޘުގެ އަންބެއްގެ ގޮތުގައި ހުންނާނަމެވެ. ކިޔަމަތްތެރި އަންބަކަށްވާނަމަވެ. އެއްވެސް ޝަކުވާއެއްނެތެވެ. ކަލޭގެފާނުގެ އަމުރުފުޅުގެ މައްޗަށް އަޅުގަނޑުގެ ހިތުގެ އިޙްސާސުތަކާއި ނުރުހޭހާކަމެއްވެސް ޤުރުބާނީއެވެ.” މިއީ ބަރީރަތުގެފާނު ވިދާޅުނުވިޔަސް އެކަމާނާގެ އެސުވާލުން ދޭހަވާ “ލޯބީގެ މެސެޖެވެ”. އެކަމަނާ ﷲގެ ރަސޫލާ ދެކެ އެވަނީ ކިހާ މަތިވެރި ލޯތްބެއް ހެއްޔެވެ؟ އަޅިގަނޑުމެންނަށް އެލޯބި އެކަލޭގެފާނު ދެކެ ވެވޭތޯއެވެ.
ދެން ރަސޫލުﷲ ޞައްލަﷲޢަލައިވަސައްލަމަ ޢަމުފުޅު ކުރެއްވީ ކިހިނެއްތޯއެވެ. އެކަލޭގެފާނުގެ އެކަމަނާއަށް ހަމަ މުޣީޘުގެފާނާއި އެކު ހިތާދެކޮޅަށް ދިރިއުޅުމަށް އަމުރުކުރެއްވީތޯއެވެ. ފިރިހެންނުން ބޭނުންހާ ގޮތަކަށް މަގުފަހިކޮށްދިނީތޯއެވެ. އަންހެނުންގެ އިޙްސާސުތަކުގައި ކޮޅުފައިން ޖެއްސެވީތޯއެވެ. އަސްތަޣުފިރުއްﷲ. ނަބިއްޔާ ޞައްލަﷲޢަލައިވަސައްލަމައަށް އެކަލޭގެފާނު ބޭނުންފުޅުވެލައްވާގޮތަކަށް އެކަން ޙައްލުކުރެވެން އޮތް ހިނދުވެސް އެކަލޭގެފާނު ޙުކުމްކުރެއްވީ ﷲގެ ޝަރިއްޢަތަށެވެ.
” ތިމަންކަލޭގެފާނު ހަމަ އެކަނި މިވާހަކަ މި ޙަދީޘުކުރެއްވީ ޝަފާޢަތްތެރިވުމުގެ ގޮތުންނެވެ.” އެބަހީ މުޣީޘުގެފާނުގެ އެދެވަޑައިގަތުމުގެ މަތީންނެވެ. މިއީ އަމުރުފުޅެއްނޫނެވެ. އާނއެކެވެ. މިނިވަން އަންހެނެއްގެ ނުރުހުމުގައި އޭނާ ހިތާނުވާ މިހާކާއި ގަދަބަދަވި ކަމުން ކައިވެންޏެއް ނުކުރެވޭނެއެވެ. އެއީ މާރިޗުމަހުގެ އަށްވަނަ ދުވަސް ފާހަގަނުކޮށް ހަތްވަނަ ޤަރުނުގައި އުޅުއްވި މާތް ސާހިބާޞައްލަﷲޢަލައިވަސައްލަމަ އަންހެނުންނަށް ދެއްވާފައިވާ ޙައްޤެކެވެ. އެޙައްޤު އެކަލޭގެފާނު އަންހެނެއްގެ އަތުން ހަމަ ހިލާ އަތުނުލާނެއެވެ. އަދި އެހެން އެކަކަށްވެސް އެކަން ޝަރުޢީގޮތުން އަތުވެސްނުލެވޭނެއެވެ.
” އެހެންވިއްޔާ ތިމަންކަމަނާއަށް (އެކައިވެނީގައި ދެމިހުރުމަށް) އެއްވެސް ޙާއްޖަތެއް،ސަބަބެއްނެތެވެ.” މިއީ ބަރީރަތުގެފާނުގެ އެންމެ ފަހުން ވިދާޅުވި ބަސްފުޅެވެ. އެއަށްފަހު އެދެބޭކަލުންގެ ކައިވެނި ނިމުމަކަށް އައީއެވެ. އަދި އަޅުގަނޑުމެންގެ މިވާހަކަވެސް މިހިސާބުން މި ނިމުނީއެވެ.