ވެރިޔާގެ އަނބިކަނބަލުން ބެއްސެވި ކަދުރުން ސުވަރުގެއަށް

597071467

ﷲތަޢާލާ އެކި ހިސާބުތަކުގައި އެކިޒާތުގެ ގަސްގަހާގެހި ހެދޭގޮތަށް ވަނީ ލައްވާފައެވެ. އެގޮތުން ބައެއް ހިސާބުތަކުގައި ހެދޭ ގަހެއް ނުވަތަ ރުކެއް ދުނިޔޭގެ އަނެއްބައި ހިސާބުތަކުގައި ނުހެދެއެވެ. މިގޮތުން ކަދުރަކީ  އާއްމުކޮށް ހޫނު ގަދަ ހިސާބުތަކުގައި ހެދޭ ބަވާތެކެވެ. އެގޮތުން ޢަރަބި ޖަޒީރާއަކި ކަދުރު ވަރަށް ގިނައިން ހެދޭ ހިސާބެކެވެ. ދާދި މިދާކަށް ދުވަހު އެހިސާބުތަކުން ތެޔޮ ފެންނަށްދެން ގިނަ ޢަރަބީންގެ ދުވަހު ނާސްތާގެ އެންމެ ގާތް އެކުވެރިއަކީ ކަދުރެވެ. ކަދުރަކީ ވަރަށްގިނަ ފައިދާތައް ހިމެނޭ މޭވާއެކެވެ. އަދި އެއީ ގިނަދުވަހަށް ރައްކާކޮށްފައި ބެހެއްޓޭ އެއްޗެއްވެސް މެއެވެ. ކަދުރު ގޮތަށް ކަދުރުއަޅާ ރުކަކީވެސް އާދަޔާ ޚިލާފު އެއްޗެކެވެ. އެރުކުން ފަނެއް ނުވެއްޓޭނެއެވެ. އެރުކުގެ ފަން ގެދޮރު ޢިމާރާތްކުރުމަށް ބޭނުންކުރެވެއެވެ. އެރުކުގެ ލަކުޑިއަކީ ދޮރުޖެހުންފަދަ ކަންކަމަށް ބޭނުންކުރާ އެއްޗެކެވެ. ކުރުކޮށް ފޮނިކޮށް ބުނާނަމަ ކަދުރަކީ “ޖަވާހިރެކެވެ.” އެއީ ޢަރަބިންގެ ދިރިއުޅުމާއި ގުޅިލާމެހިފައިވާ މޭވާއެކެވެ. 

ނަބީކަލޭގެފާނު ހިޖްރަކުރެއްވީ ކަދުރު ގިނަ މަދީނާއަށެވެ. އަދި އެކަލޭގެފާނު ޝަރުޢީ ގޮތުން ކަދުރަށް ބައެއް ޚާއްޞިއްޔަތު ދެއްވިއެވެ. އެގޮތުން ކަދަރަކީ ރޯދަވީއްލުމާއި ހާރުކެއުމަށް އެންމެ ރަނގަޅު ކާނާކަމަށް ހާމަކުރެއްވިއެވެ. މިހެންވެ މުސްލިމުންގެ މެދުގައި ކަދުރަކީ ރަމަޟާންމަހުގެ ޚާއްޞަ ބައިވެރިއެކެވެ. ކަދުރާއި ނުލައި މުސްލިމުންގެ ރޯދަ ފުރިހަމަ ނުވާކަހަލައެވެ. 

އަޅުގަނޑުމެން ދިވެހި މުސްލިމުންނަށްވެސް ކަދުރު ރޯދަމަހު ޚާއްޞަވަނީ އެހެންވެއެވެ. އެއީ އިސްލާމް ދީނުގައި ރޯދަ ވީއްލުމާއި ހާރުކެއުމަށް ބޭނުންކުރަން ބާރުއަޅާފައިވާ މޭވާއަކަށް ވާތީއެވެ. އެހެންކަމުން ރޯދައަށް ކަދުރު ހޯދޭތޯ އަޅުގަނޑުމެން ރޯދަމަސް ފެށުމުގެކުރީން ބާޒާރުކުރާއިރު ކޮންމެހެއްވެސް ބަލަމެވެ. އަދި މުޅި ރޯދަމަހުގައިވެސް ކަދުރު ކަމެވެ. މިހެން ރޯދަމަހު ކަދުރުކާއިރު އަޅުގަނޑުމެންގެ ތެރެއިން އެއްވެސް ބޭފުޅަކަށް ކަދުރުގެ ސަބަބުން ބޭކަނބަލަކު ސުވަރުގެ ވެންނެވި ވާހަކަ އަޑުއިވުންތޯއެވެ. ކަދުރު ބަސްތާއެއް ނުވަތަ ކިލޯއެއްގެ ސަބަބަކުންނޫނެވެ. ހަމަ އެންމެ ކަދުރެއްގެ ސަބަބުންނެވެ. އަދި އެކަދުރަކީ އެކަމަނާ އަމިއްލަ މަސައްކަތުން ހޯދި ކަދުރެއްނޫނެވެ. އެއީ އެރަށުގެ ވެރިޔާގެ އަނބިކަނބަލުން އެކަމަނާއަށް ދެއްވި ކަދުރެކެވެ. އަޖައިބެކެވެ. ކަދުރު ޞަދަޤާތަކަށް ދިން ކަމަނާ އެކަމުން ސުވަރުގެވަނުމުގެ ބަދަލުގައިއެކަދުރުއޮށް އެކަމަނާއަތުން ޞަދަޤާތެއްގެ ގޮތުގައި ޤަބޫލުކުރި ފަރާތް ސުވަރުގެ ވަންނަންވީ ކީއްވެގެން ހެއްޔެވެ؟ އެއީ ވެރިޔާގެ އަނބިކަނބަލުންދެއްވާ ކަދުރުގައި މާ ޚާއްޞަގޮތެއް ހުންނާތީތޯ ހިތްޕުޅަށް އަރާފާނެއެވެ. 

ކޮންމެއަކަސް މި ޙާދިޘާއެއް ހިނގައި ދިޔައީ މީގެ އެތަށް ހާސް އަހަރުކުރިން ކަދުރު ދަނޑުތައް ގިނަ މަދީނާގައެވެ. އޭރު އެރަށުގެ ވެރިއަކަށް ހުންނެވީ އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲޢަލައިހި ވަސައްލަމަ އެވެ. އެކަލޭގެފާނުގެ އަނބިކަނބަލެއް ކަމަށްވާ ޢައިޝާ ރަޟިޔައްﷲ ޢަންހާ ކިޔައިދެއްވާފައިވާ މިލިޔާ އަޖައިބުކުރުވަނިވި ވާހަކަ ކިޔާލާށެވެ.

އެއްދުވަހަކު ނަބީކަލޭގެފާނު ބޭރުގައި އުޅުއްވާފައި ޢައިޝަތުގެފާނުގެ އަރިހަށް އެކަމަނާގެ ގަނޑުވަރުކޮޅަށް ވެދެވަޑައިގަތެވެ. އެހިނދު އެކަމަނާ ވަރަށް ޙައިރާވެގެންވާ ޙާލު އިތުރު އެކަލޭގެފާނަށް ދެންނެވިއެވެ. މިއަދު ތިމަންކަމަނާގެ އަރިހަށް ވަރަށް ނިކަމެތި މިސްކީނު އަންހެންކަނބަލަކާއި އެކަމާނާގެ ޔަތީމު ދެދަރިކަނބަލުން އައެވެ. ދެން އެވަގުތު ތިމަންކަމާނާގެ އަތުގައި އޮތް ތިން އޮށް ކަދުރު އެމީހުންނަށް ދިނީމެވެ. ސުބުޚާނަﷲއެވެ. މުޅި އުއްމަތުގެ ވެރިޔާ އަދި އާދަމުދަރިންގެ ސާޙިބާ، އެންމެ ފަހުގެ ނަބިއްޔާގެ އަނބިއަނބިކަނބަލުންގެ ގަނޑުވަރުތަކުގައިވެސް ކަދުރުނޫން ކާނާއެއް ނުހުންނަނީތޯއެވެ. އާއެކެވެ. މިއަދު އަޅުގަނޑުމެންނަށް ޤައުމުތަކުގައި “ރައްޔިތުންގެ ވެރިކަން” ޤާއިމުކޮށްގެން ރައްޔިތުން ހަނާވެގެން ވެރިންނަށް އެމީހުންގެ ޢައުވާނުންނާއި ޢާއިލާތަކަށް ކާންބޯންދޭ ނިޒާމެއް އޮތަސް ﷲގެ ދީނާއި، އެދީނުގެ ސިޔާސީ ނިޒާމު އެބިމެއްގައި އެންމެ ފުރަތަމަ ޤާއިމުކުރެވުނު މަދީނާގެ އޭރުގެ ވެރިޔާ ނަބީކަލޭގެފާނާއިއެކަލޭގެފާނުގެ އަހުލުވެރިންގެ އާއްމު ކާނާއަކީ ކަދުރެވެ. އަދި ކިއެއްތަ އެބޭކަލުން ނުވަދިހަ ދުވަސްވަންދެން ހަމަ އެކަނި ކަދުރާއި ފެނުން ފުއްދާލައިގެން ތިއްބަވައެވެ. މިއަދު ބަލިމަޑުކަމެއް ފެތުރި ހިސާބަކަށް ދަތިވީމާ ލިބުނު އެއްޗެއް ނުކެވިގެން އުޅޭ އިރު ﷲ އުޑުދަށުގައި ލެއްވި އެންމެ މާތް މަތިވެރި އިންސާނުންގެ ދިރިއުޅުއްވުމުގެ މަތިން ހަނދާންކޮށްލަމާތޯއެވެ.

ކޮންމެ އަކަސް ޢާއިޝަތުގެފާނު ތިން އޮށް ކަދުރު ދެއްވުމުން ދެންވީގޮތްވެސް ބުނެދެއްވިއެވެ. ވިދާޅުވިއެވެ. ތިމަންކަމާނާ ތިން އޮށް ކަދުރު ދެއްވުމުން އެކުދިންގެ މަންމަ ކޮންމެ ކުއްޖަކަށް ކަދުރެއްދިނެވެ. އަދި ބާކީ އިން ކަދުރު އެކަމަނާ ފަރީއްކުޅުވުމަށް އަނގައަށް ލާންއަތްހިތްލާލި ވަގުތު އެކުޑަ ދެކުދިން އެކަދުރާއި ދިމާއަށް ބަލާލިއެވެ. އެވަގުތު ދެން އެހިނގައިދިޔަ ކަންތައް ފެނި ޢައިޝަތުގެފާނު ހައިރާންފުޅުވެވަޑައިގެންކަމާއި މިވާހަކަ ނަބީކަލޭގެފާނަށް ކިޔާދެއްވަން ޖެހުނީ ވެސް އެސަބަބަށްޓަކައި ކަމަށް ދެންނެވިއެވެ. ވިދާޅުވިއެވެ. އެކުޑަކުޑަ ދެދަރިން އެކުދިންގެ މައުޞޫމު ލޮލުން މަންމަ ކެއުމަށް ތައްޔާރުވަމުންދިޔަ ކަދުރު އޮށާއި ދިމާއަށް ބަލާލިއެވެ. އެބެލުމުގައި އެތައް މެސެޖެއްވާނެކަންކަށަވަރެވެ. ހަމަ ވަގުތުން އެމެސެޖު މަންމައަށް ދޭހަވިކަހަލައެވެ. އެ މިސްކީނު ނިކަމެތި މައިކަމަނާ އެކަދުރަށް ބޭނުންޖެހިފައިވާ ޙާލުވެސް އެކަދުރުއޮށް ދެފަޅިއަށް ބައިކޮށްލިއެވެ. ލޮބުވެތި އެކުވެރިންނޭ! ޢައިޝަތުގެފާނު ވިދާޅުވީ ދެފަޅިއަށް އެކަދުރު ފާޅާލިވާހަކައެވެ. ތިންމައިންނަށް ވާވަރަށް ތިންފަޅިއަކަށް ނޫނެވެ. ދެދަރިންނަށް ޓަކައި ދެފަޅިއަށެވެ. އަނެއްކާ އެދުވަހު އެމިސްކީނު މައިކަމަނާ ހުންނާނީ އެއްޗެއްނުކައެވެ. ސުބުޙާނަﷲ. އަޅުގަނޑުމެންނަށް ﷲ ދެއްވާފައިވާ މިތަނަވަސްކަމުގެ ބޮޑުކަމާއެވެ. ދުވަހަކުވެސް ބަނޑުހައި ހޫނުކަންމަތީ ނިދިކުރެއްވިންތޯއެވެ؟

ކޮންމެއަކަސް އެކަދުރު ދެފަޅިކޮށްލާފައި އެދެކުދިންނަށް ދިނެވެ. އަދި ޢައިޝަތުގެފާނުގެ އަތްޕުޅުގައިވެސް އިތުރަށް ދޭނެ އެއްޗެއްނެތްކަންއެނގިވަޑައިގެން އެކަމާނާ ދެދަރިކަނބަލުންނާއި އެކު ދުރުވިއެވެ. މިވާހަކަ ކިޔައިދެއްވުމުން އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲޢަލައިހި ވަސައްލަމަ ޙަދީޘުކުރެއްވި ބަސްފުޅު އެނގިވަޑައިގަންނަވާތޯއެވެ. ޙަދީޘުކުރެއްވިއެވެ. “އެ މައިކަމަނާއަށް އެކަދުރުގެ ސަބަބުން ސުވަރުގެ ވާޖިބު ވެއްޖެއެވެ. ނުވަތަ އެކަދުރު އޮށުގެ ސަބަބުން އެމައިކަމަނާ ނަރަކައިން ނަޖާކުރައްވާ ސަލާމަތްކުރައްވައިފިއެވެ”.

ދަރީންނަށްޓަކައި މައިން ވާ ޤުރުބާނީއަކީ މިއަދު ބިންމަތީގައި އަގުހުރި އެއްޗަކަށް ނުވިޔަސް އުޑުގައި އެއީ ހައުދަހައި ބޮޑުވެގެންވާ ކަމެކެވެ. މާދަމާ ޤިޔާމަތް ދުވަހުން ﷲގެ ޚަޞްރަތުގައި އެކަންމަތިވެރިވެގެންވެއެވެ. ޚާއްޞަކޮށް އަންހެން ދަރީންނަށް ހެޔޮކޮށް ހިތާ ބަލާބޮޑުކުރުމަކީ މަތިވެރިކަން ބޮޑުކަމެކެވެ.