” މުއުމިނުންގެ މައިން” މި ހަ ރޯދައިގައި

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ޝައްވާލު މަހުގެ 6 ރޯދައިގެތެރޭގައި ޚާއްޞަ ދަރުސްތަކެއް ބާއްވަން ހަމަޖައްސައިފިއެވެ.

މިހިނގާ ޝައްވާލުމަހުގެ 2 އިން 7 ވަނަ ދުވަހާއި ހަމައަށް ކުރިއަށްގެންދާ މިސިލްސިލާ ދަރުސްތަކުގައި މިފަހަރު އަލި އަޅުވާލަނީ ރަސޫލާ- ޞައްލަﷲޢަލައިހި ވަސައްލަމަ- ގެ އަނބި އަނބިކަނބަލުންގެ ޙަޔާތްފުޅުގެ މައްޗަށެވެ.

“މިދުވަސްވަރުގެ ގޮތުން މި ދަރުސްތައްވެސް ކުރިއަށްދާނީ އޮންލައިންކޮށް. އިންޝާﷲ. މި ދަރުސްތައް ގެނެސްދެނީ ސަލަފުގެ ފޭސްބުކް ޕޭޖުން. މިފަހަރު މި ސިލްސިލާގައި ދަރުސް ދެއްވަނީ ޝައިޚް އަޙްމަދު ސަމީރު.” ދަރުސްތަކާއި ބެހޭގޮތުން ސަލަފު ސައިޓަށް މަޢުލޫމާތު ދެއްވަމުން ސަލަފުގެ އޮފިސަލަކު ވިދާޅުވިއެވެ.

މި ހަރޯދައިގެ ކޮންމެ ދުވަހެއްގެ ހަވީރު 5:00 ގައި ކުރިއަށްދާ މި ސިލްސިލާގެ ނަމަކީ “މުއުމިނުންގެ މައިން” މިއެވެ. މި ދަރުސްތައް ދެއްވާނީ ސަލަފުގެ ޢިލްމުވެރިންގެ މަޖްލިސްގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމެވެ. މިދަރުސްތަކުގައި އަޅުގަނޑުމެންގެ އެންމެންގެ މައިންކަމަށްވާ ނަބީކަލޭގެފާނުގެ މަތިވެރި އަނބިއަނބިކަނބަލުންނާއިބެހޭ މަޢުލޫމާތު ލިބިގެންދާނެއެވެ. މިއީ ސަލަފްގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް ގެނެސްދޭ ދަރުސްތަކެކެވެ.