ސަލަފުއްޞާލިޙުންގެ މަންހަޖަކީ ވަކި ބައެއްގެ ވާރުތަ މުދާގަނޑެއްނޫން: ޝައިޚް ޢަބްދުއްސަލާމް

ސަލަފުއްޞާލިޙުންގެ މަންހަޖަކީ ވަކި ބައެއްގެ ވާރުތަ މުދާގަނޑެއް ނޫންކަމަށާއި އެގޮތަށް އެބަޔަކަށް ވިސްނިއްޖެއްޔާ އެބަޔަކު އެތިބީ ސާފު މަގުފުރެދުމެއްގައިކަމަށް ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރީންގެ މަޖިލީހުގެ މެމްބަރު އައްޝައިޚް ޢަބްދުއްސަލާމް ބިން ދާޥޫދު ވިދާޅުވެއްޖެއެވެ.

ސަންޓީވީ އިން ހޯމަދުވަހުގެ ރޭ ފޮނުވި ޢިލްމީ ޚަޒާނާ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އައްޝައިޚް ޢަބްދުއްސަލާމް ވިދާޅުވީ މިއުއްމަތުގެ ސަލަފުއްޞާލިޙުން ބަޔާންކޮށްދެއްވާފައިވާ ގޮތަށް އެމަގުގައި މީހަކު ހިފަހައްޓައިގެން ކުރިއަށްދާކަމަށްވަންޏާ އެމީހަކުވާނީ ސަލަފުއްޞާލިޙުންގެ މަންހަޖުގެ މީހަކަށްކަމަށާއި މިކަމުގައި ވަކިމީހެއްގެ ތަޒްކިޔާއެއް ބޭނުމެއްނުވާނެކަމަށެވެ.

“މިއުއްމަތުގެ ސަލަފުއްޞާލިޙުން ބަޔާންކޮށްދެއްވާފައިވާ ގޮތަށް އެމަގުގައި މީހަކު ހިފަހައްޓައިގެން ކުރިއަށްދާކަމަށްވަންޏާ އެމީހަކު ވާނީ ސަލަފުއްޞާލިޙުންގެ މަންހަޖުގެ މީހަކަށް. މިކަމުގައި ބޭނުމެއްނުވާނެ ވަކި މީހެއްގެ ތަޒްކިޔާއެއް. މިއީ ﷲ ގެ ޙައްޤު ދީން. މީކީ ވަކި މީހެއްގެ އަމިއްލަ މުދާގަނޑެއް ނޫން. ވަކިވައްތަރެއްގެ ތާކިހަލެއް އަޅައިގެން ހުންނަ މީހަކު ބުނީމަ މަންހަޖަށް ވަދެވިފަ، އޭނާ ބުނީމަ އެމީހަކު މަންހަޖުން ކެޓުން އެއީކީ އިސްލާމްދީނުގައި އޮންނަ ގޮތެއްނޫން” ޝައިޚް ވިދާޅުވިއެވެ.

ކޮންމެ ހޯމަދުވަހެއްގެ ރޭ ލައިވްކޮށް ގެނެސްދޭ ‘ޢިލްމީ ޚަޒާނާ’ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޝައިޚް އިތުރަށް ވިދާޅުވިގޮތުގައި ބައެއްކުދިން ދީނީކަންތައްތަކަށް ފަރުވާތެރިވެ އެކަމުގައި މަސައްކަތް ކުރަން ފަށާއިރަށް އެކުދިންނާއިދޭތެރޭ ޝައިޠާނާގެ މަސައްކަތް ހުންނާނީ ދީނީ ކަންތައްތައް އޭގެ އަސްލުން ކައްސުވާލައިގެން އެކުދިންގެ ފައި ކައްސުވާލުންކަމަށާއި، ބައެއް ކުދިންނަށް ޝައިޠާނާ ޒީނަތްތެރިކޮށްދެނީ ޙައްޤުގައި ތިބީ އެމީހުން އެކަނިކަމަށެވެ.

“ބައެއްކުދިން ދީނީކަންތައްތަކަށް ފަރުވާތެރިވެ އެކަމުގައި މަސައްކަތް ކުރަން ފަށާއިރަށް އެކުދިންނާއިދޭތެރޭ ޝައިޠާނާގެ މަސައްކަތް ހުންނާނީ ދީނީ ކަންތައްތައް އޭގެ އަސްލުން ކައްސުވާލައިގެން އެކުދިންގެ ފައި ކައްސުވާލުން. ބައެއް ކުދިންނަށް ޝައިޠާނާ ޒީނަތްތެރިކޮށްދެނީ ތިމާމެން އެކަންޏޭ ޙައްޤުގައި މިތިބީ. އެހެން އެންމެން ތިބީ ބާޠިލުގައޭ. މިފަދަ ގޮތަކަށް ދީނަށް ލޯބި ކުރާ ބައެއް ކުދިން މަގުފުރެދިގެންދަނީ. ނަތީޖާއެއްގެ ގޮތުން އިތުރު ޙިޒްބެއް އުފެދިގެން މިދަނީ” ޝައިޚްެގެ ވާހަކަފުޅު ނިންމާލައްވަމުން ވިދާޅުވިއެވެ.