ކަށްވަޅަކީ ހަމަ ކޮންމެ މީހަކުވެސް ދާންޖެހޭނެ ތަނެކެވެ. އެއީ ފަޤީރެއްވިޔަސް މުއްސަންޖެއްވިޔަސްމެއެވެ. ކޮންމެ ދީނެއްގެ ކޮންމެ ޘަޤާފަތެއްގެ ކޮންމެ ޤައުމެއްގެ މީހަކުވެސް މަރުވެދެއެވެ. މަރުވުމަށްފަހު ދެން އިންސާނާއާއި ކުރިމަތިލާނެ ކަންތައްތަކާއިމެދު އަޅުގަނޑުމެން މުސްލިމުން ޤަބޫލުކުރާ ޢަޤީދާއެއްވެއެވެ. އެއީ މަރުވުމަށްފަހު ކަށްވަޅުގައި ސުވާލުތަކަކާއި ކުރިމަތިލާން ޖެހޭނެކަމެވެ. އެއީ ޞާލިޙުހެޔޮލަފާ މީހެއްވިޔަސް އަދި ފާސިޤު ފާޖިރެއްވިޔަސް މިކަމުގައި ތަފާތުވުމެއް ނެތެވެ.
ކަށްވަޅުގައި ކުރެވޭ ސުވާލުތަކަށް ހެޔޮލަފާކޮށް ދުނިޔޭގައި ދިރިއުޅުނު މުސްލިމުއަޅާ ފިސާރި ފަސޭހަކަމާއި އެކު ޖަވާބުދާރީވާނެއެވެ. ދެން އެހާ ހިސާބުން ﷲތަޢާލާގެ ޙަޟްރަތުން ގޮވާލެވޭ ނިދާއެއްގެ އަޑުއިވޭނެއެވެ. “صَدَقَ عَبدِي” ދެންމެ ކަށްވަޅުގައި އެސުވާލުތަކަށް ޖަވާބުދިން ކިޔަމަންތެރި އަޅާ އެ ޖަވާބުދިނީ ރަނގަޅަށްކަމަށާއި އޭނާއަކި ތެދުވެރިއެއްކަމަށް ކާއިނާތުގެ ސިއްރާއިފާޅު ދެނެވޮޑިގެންވާ ހުސްޠާހިރުވަންތަ ﷲ ތަޢާލާ ހެކިވެވޮޑިގަތީއެވެ. ކޮންފަދަ އުފާވެރި ވަގުތުކޮޅެއްތޯއެވެ. ކޮންފަދަ ފަޚުރުވެރި މަޤާމެއްތޯ އެވެ.
ދެން އެކިޔަމަންތެރިއާއަށް އޮތީ އޭނާ ދެންމެ ރަނގަޅު ޖަވާބު ދީ އިމްތިޙާނުން ފާސްވީތީ ﷲތަޢާލާ އޭނާއަށް ކަށްވަޅުގައި ދެއްވާ އިނާމުތައް ލިބިގަތުމުގެ އުފާވެރި ވަގުތުކޮޅެވެ. އޭނާއަށް ﷲތަޢާލާ ހަ އިނާމެއް ދެއްވާނެތެވެ. ބޮޑުވެގެންވާ ނިޢުމަތްތަކެކެވެ. ފުރަތަމަ އެ އަޅާއަށްޓަކައި އޭނާގެ ކަށްވަޅުގައި ސުވަރުގޭގައި ތައްޔާރުކުރެވިފައިވާ ތަންމައްޗެއް ގެނެސް ފަތުރާލެވޭނެއެވެ. ދެވަނަ އިނާމެއްގެ ގޮތުގައި ސުވަރުގޭގައި ވިޔެ ފަހާފައިވާ ރީތި ހެދުމެއް ލެއްވޭނެއެވެ. ތިންވަނަ އިނާމަކަށް އޭނާގެ ކަށްވަޅުން ކުޑަދޮރެއް ހުޅުވޭނެއެވެ. އެދޮރުން ސުވަރުގެ ފެންނާނެއެވެ. އަދި އެތަނުގެ ގަސްތަކުން ޖެހޭ ނަލަނަލަ ވައިރޯޅިތަކާއި ދުވާ ކޮމަކަސްތޫރީގެ މީރުވަސްތައް އެދޮރުން އޭނާގެ ކަށްވަޅުގެތެރެއަށް ވަންނާނެއެވެ. ދެން އެއަށްފަހު ﷲތަޢާލާގެ އަމުރުފުޅަށް އޭނާގެ ކަށްވަޅު މީހެއްގެ ލޮލުގެ ފެނުންގޮސްނިމޭހާ މިންވަރަށް ތަނަވަސްކޮށް ފުޅާވެގެންދާނެއެވެ. މިއީ ހަތަރުވަނަ އިނާމެވެ. މިހާރު އެކިޔަމަންތެރި އަޅާގެ ކަށްވަޅު ކޮޓަރިއަކަށް ބަދަލުވީނޫންތޯއެވެ. މަޑުރީތި ތަންމައްޗަކާއި ރީތިހެދުމަކާއި ނަލަ ވައިރޯޅިވަންނަ ކުޑަދޮރެއް ލެވުނީއެވެ. އަދި ތަނަވަސް ތަނަކަށް އެކަށްވަޅު ބަދަލުވީއެވެ. ދެން އެތަނަށް ބޭނުންވާނީ ކޮންއެއްޗެއްތޯއެވެ. އެކޮޓަރީގައި މަދީ ކޮންއެއްޗެއްބާއެވެ؟ ފަސްވަނަ އިނާމަކަށް ﷲތަޢާލާ އޭނާގެ ކަށްވަޅުގައި އަލިގަދަ ނޫރެއްލައްވާނެތެވެ. ދެން އެއަށްފަހު އެންމެ ފަހު އިނާމަކަށް އޭނާގެ އެކަނިވެރިކަން ފިލުވައިދިނުމަށްޓަކައި ވަރަށް ރީތި ޞޫރައެއްގައި އަލިމޫނެއް ލިބިފައިވާ ރީތިރީތި ފޭރާމެއް ލައިގެން އެންމެ މީރުވަސްދުވާ އަތަރުޖަހައިގެން ހުރި މީހަކު ފޮނުވާނެއެވެ. އެއީ އޭނާގެ ހެޔޮ ޢަމަލުތަކެވެ. އޭނާ ދުނިޔެމަތީގައި ކުޅަ ނަމާދުތަކާއި ހިފިރޯދަތަކެވެ. ނުބޮއި ދޫކޮށްލި ބަނގުރާފުޅިތަކެވެ. ނުހިފި ރިޝްވަތުތަކެވެ. ނުނެގި ރިބާގެ ލޯނުތަކެވެ.
އަޚުންނާއި އުޚްތުންނޭވެ! މި ހަ އިނާމު ލިބިގަތުމަށް ހެޔޮޢަމަލުކުރުން ގިނަކުރާށެވެ. ހެޔޮލަފާ މުސްލިމެއްގެ ގޮތުގައި މަރުވުމަށް ގަދައަޅާ މަސައްކަތް ކުރާށެވެ.
ނޯޓް: މި ރިޕޯޓުގެ ވީޑިއޯ ވާޝަން އިންޝާﷲ ވަރަށް އަވަހަށް ނުކުންނާނެއެވެ.