النبي- صلى الله عليه وسلم – އަށް ތަބާވުން

النبي- صلى الله عليه وسلم – އަށް ތަބާވާން ޖެހެނީ ކީއްވެ؟

ﷲތަޢާލާ އެއިލާހުގެ މަގަށް ގޮވާލެއްވުމަށް ރަސޫލު ބޭކަލުން ފޮނުއްވާ އެބޭކަލުންނަށް ތަބާވުމަށް އަމުރުކުރެއްވުމުން އެބޭކަލުންނަށް ތަބާނުވާ މީހުންނަށް އެއިލާހުގެ ޟްރަތަށް ވާޞިލުވެވޭނެތޯއެވެ؟ ނުވެވޭނެއެވެ.އެއީ ބީރައްޓެހި ރަށަކަށް ގޮސް އެރަށު ކަތީބުގެ ގޭ ދައްކަން މީހެއްގެ ގާތު އެދުމުން ތިމަންނަގެ ފަހަތުން އަންނާށޭ ބުނީމާ އޭނާގެ ފަހަތުން ނުގޮސް ކަތީބުގެ ގެއަށް ނުދެވޭނެ ބީދައިންނެވެ. އެހެންކަމުން އެއިލާހުގެ ރަސޫލާ އަށް ތަބާވުމަކީ އެއީ ﷲއަށް ތަބާވުންކަމުގައި ޞިފަކުރައްވާފައިވަނީ މިސަބަބަށްޓަކައެވެ. ހަމައެކަނި ﷲގެ މަގަށް ތަބާވެ އެއިލާހަށް ކުއްތަންވެވޭނީ އެއިލާހުގެ ރަސޫލާ މުޙައްމަދު – صلى الله عليه وسلم – ތަބާވެގެންނެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

مَّن يُطِعِ الرَّسُولَ فَقَدْ أَطَاعَ اللَّـهَ ۖ މާނައީ: رسول އާއަށް ކިޔަމަންވާ މީހާ، ފަހެ، ހަމަކަށަވަރުން اللَّه އަށް ކިޔަމަންވެއްޖެއެވެ. (ސޫރަތުލް ނިސާ 80)

النبي- صلى الله عليه وسلم – އަށް ތަބާވުމަކީ ކޮބައި ހެއްޔެވެ؟

މިސުވާލަށް ޤުރުއާނާއި ސުންނަތުގެ އަލީގައި ޢިލްމުވެރިން ދެއްވާފައިވާ ޖަވާބަކީ އެއީ ހަތަރުކަމެއްގައި އެކަލޭގެފަނަށް އިޖާބަދިނުމެވެ. އެއީ އެކަލޭގެފާނު ދެއްވި ކޮންމެ ޚަބަރެއް ތެދުކުރުމާއި އަމުރުކުރެއްވި ކޮންމެ ކަމަކަށް ބޯލެބުމާއި ނަހީކުރެއްވިކޮންމެ ކަމަކުން ދުރުހެލިވެ ގަތުމާއި އަދި ﷲއަށް އަޅުކަންކުރުމަށް އެކަލޭގެފާނު ބަޔާންކޮށްދެއްވި ގޮތަށް އެކަން  ކުރުމެވެ.

النبي- صلى الله عليه وسلم – އަށް ތަބާވާނީ ކިހިނެއްހެއްޔެވެ؟

ރަނގަޅު ސުވާލެކެވެ. ކޮން ޝެއިޚަކު ބުނާގޮތަށް ހެއްޔެވެ. މިސުވާލުގެ ޖަވާބަކީ މި ވަޙީ ބަސްފުޅެވެ. ” فَإِنْ آمَنُوا بِمِثْلِ مَا آمَنتُم بِهِ فَقَدِ اهْتَدَوا ۖ “މާނައީ: ފަހެ، ތިޔަބައިމީހުން  ( ޞަޙާބީން)إيمان ވެގެންތިބި ފަދައިން އެއުރެން (މައްކާގެ ކާފިރުން)إيمان ވިނަމަ، އެއުރެންނަށް ތެދުމަގު ލިބުނީސްކަން ކަށަވަރެވެ. (ބަޤަރާ ސޫރަތް 137)

އާއެކެވެ. النبي- صلى الله عليه وسلم – އަށް ތަބާވާނީ އަބޫބަކުރުގެފާނާއި ޢުމަރުގެފާނު ތަބާވީގޮތަށެވެ. ޞަޙާބީން ތަބާވީ ގޮތަށެވެ. އެގޮތަކީ މިއޮތީއެވެ.

ރަސޫލާ صلى الله عليه وسلم ދެއްވާ ޚަބަރު ތެދުކުރެއްވުމުގައި ޞަޙާބީންގެ މިޘާލު:

މިކަމުގައި އަބޫބަކުރުގެފާނު ފުދެއެވެ. ރޭގަނޑު ބައެއްގައި މައްކާއާއި މިހާރުގެ ފިލަސްޠީނުގެ ވެރިރަށް އަޤްޞާއަށް މަތިންދާބޯޓެއް ނެތް ޒަމާނެއްގައި ރަސޫލާ صلى الله عليه وسلم ދަތުރުކުރައްވާ ހަމަ އެރޭ ފަތިސްވުމުގެ ކުރިން އެބުރި މައްކާއަށް އައި ވާހަކަ އެޒަމާނުގެ އިންސާނަކު ޤަބޫލުކުރުމަކީ ދަތިކަމެކެވެ. ނަމަވެސް އަބޫބަކުރުގެފާނު ވީދާޅުވީ ކީކޭތޯއެވެ.{ لئن قال ذلك لقد صدق، } މާނައީ: ނަބިއްޔާ- صلى الله عليه وسلم އެހެން ޙަދީޘްކުރައްވަންޏާ އެއީ ތެދެވެ. (ސިލްސިލަތުއްޞަހީޙަ ،306)

މިއީ އިތުރުއެކަލޭގެފާނު ދެއްވާފައިވާ މާޒީއާއި މުސްތަޤުބަލުގެ ޚަބަރުތަކަށް ތަބާވުމުގައި އަޅުގަނޑުމެން ގެންގުޅެންޖެހޭ މަންހަޖެވެ.

النبي- صلى الله عليه وسلم – ގެ އަމުރުފުޅުތަކަށް ތަބާވުމުގައި ޞަޙާބީންގެ މިޘާލު:

މިފަހަރު އަންހެން ޞަޙާބީ ބޭކަނބަލުންގެ މިޘާލެކެވެ. ބުރުގާ އެޅުއްވުމުގައެވެ. ޢައިޝާގެ ފާނު ރިވާކުރައްވާފައިވެއެވެ. މުހާޖިރިއްޔަ އަންހެންކަނބަލުންނަށް ނޫރުސޫރަތުގެ 31ވަނަ އާޔަތް ބާވާލެއްވުމުން ވަގުތުން ތުރުކުރައްވައިގެން ތިއްބެވި ހެދުމުގެ ފަސްބައިން ފޮތި ނަންގަވާ ބޮލާއި މޫނާއި މޭމަތި ފޮރުއްވިއެވެ. ރޯދަމަހު ބުރުގާއަޅާކަށް ޙައްޖުވެފައި އަޢުރަނިވާކުރަން ފަސްނުކުރެއެވެ. ( ބައްލަވާ ޞަޙީޙުލްބުޚާރީ ، 4880)

النبي- صلى الله عليه وسلم – ގެ ނަހީފުޅުތަކުން ދުރުހެލިވުމުގައި ޞަޙާބީންގެ މިޘާލު:

މިފަހަރު ޒުވާން ޞަޙާބީއެއްގެ ވާހަކައެކެވެ. އަނަސްގެފާނު ވިދާޅުވިއެވެ. ބަނގުރާ  ޙަރާމުކަމުގެ އާޔަތް ބާވާލެއްވުނު ދުވަހު ތިމަން ހުރިހާ އަބޫޠަލަޙަތުގެފާނުގެ ބަގީޗާއެއްގައި ތިއްބެވީ ބައެއް ބޭކަލުން ބޯ ބަނގުރާ ގެނެސްދިނުމުގައެވެ. އަހުރެމެން އެހެންތިއްބާ ބަނގުރާ ޙަރާމްކުރެއްވިކަމުގެ ޚަބަރާއިގެން މީހަކު އައުމާއި އެކު އެބޭކަލުން ބޯން ތިބި ރާތަށިތަކާއި ރައްކާކޮށްފައި ހުރި ރާ ހަންތައް އުކާލެއްވިއެވެ. (ޞަޙީޙުލް ބުޚާރީ ، ކިތާބުލްއަޝްރިބަ، 5260)

އިޤްތިޞާދަށް ގެއްލުންވެދާނެތީ ބަނގުރާ ނުވިއްކާ ނުބޮއި އެބޭކަލުން ފަސްނުޖެހެއެވެ. މިއީ މިފަދަ ކޮންމެ މުންކަރަކާއި މެދު އަޅުގަނޑުމެން ޢަމަލުކުރަންޖެހޭ ގޮތެވެ.

النبي –صلى الله عليه وسلم- ބަޔާންކޮށްދެއްވި ގޮތަށް ﷲއަށް އަޅުކަންކުރުން:

އެއްދުވަހަކު ޞަޙާބީއަކު ނަބިއްޔާ-صلى الله عليه وسلم- ޙަދީޘްކުރެއްވިއެވެ.” لا تسافر المرأة  إلا مع ذي المحرم  …. ”

މާނައީ: “އަންހެނަކު މަޙްރަމަކާއި އެކުނޫނީ ދަތުރު ނުކުރާ ހުއްޓެވެ.”

އެވަގުތު އެތަނުގައިއިންނެވި ޞަޙާބީ ބޭކަލަކު النبي- صلى الله عليه وسلم – އަށް ދެންނެވިއެވެ.”ތިމަންނަގެ ނަން ވަނީ މިވެނި އެވެނި ހަނގުރާމައެއްގައި ނޯޓުކޮށްފައެވެ. އެކަމަކު ތިމަންގެ އަނބިމީހާ ޙައްޖަށް ދާންވެގެން ވަނީ ނުކުމެފައެވެ. ނަބިއްޔާ ޙަދީޘްކުރެއްވިއެވެ. ތިބާ ގޮސް އަނބިކަނބުލޭގެއާއި އެކު ދާށެވެ. ” މިޙާދިޘާއިން ޢިލްމުވެރިން އަންހެނުންނަށް ޙައްޖާއި ޢުމްރާއަށް ދިޔުމަށް މަޙްރަމުން ބޭނުންވާނެކަން އިސްތިދުލާލު ކުރައްވައެވެ. އަޅުކަމެއް އަދާކުރުމުގައި ނަބަވީ އިރުޝާދަށް އެބޭކަލުން ތަބާވާ މިންވަރު މި ޙާދިޘާއިން ދޭހަވެއެވެ.

ވީމާ ޞާޙާބީން ފަދައިން النبي- صلى الله عليه وسلم އަށް ތަބާވެގެން މެނުވީ މިއަދު އަޅުގަނޑުމެން މުސްލިމުންނަށް ފަލާޙެއް ނެތެވެ.